ކޯވިޑް-19ގެ ބަލިމަޑުކަމާއެކު މުޅި ދުނިޔެ ހުއްޓުމަކަށް އައިސް ގިނަ ގައުމުތައް އަދިވެސް އެތިބީ އެހުއްޓުނު ގޮތަށް ގުޑާ ނުލެވިފައެވެ. ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކުން ވެސް އެތިބީ އެހުއްޓުނު ގޮތަށް ގައުމު ތަޅުލައިގެންނެވެ. ހުރުހާ ދޮރޯށިތަކެއް ބަންދުކޮށްގެންނެވެ. ވިޔަފާރިތައް ހުއްޓައިލައިގެންނެވެ. ކޮވިޑުގެ އާލަމީ ނުރައްކާތެރި ވަބާ އާއެކު ދުނިޔޭގެ އެންމެ ބާރުގަދަ ބޮޑެތި މުއްސަނދި ގައުމުތަކުން ފެށިގެން އެންމެ ކުދި ގައުމުތަކުގެ އިޤްތިޞާދު ފުޑުފުޑުވެގެންދިޔައިރު ނިސްބަތުން އެންމެ ބޮޑު ގެއްލުމެއް ލިބޭނެ އެއް ގައުމަކީ މި ކުޑަކުޑަ ދިވެހި ރާއްޖެއަށް ކަމަށް ދުނިޔޭގެ މާލީ އިދާރާތަކުން ވެސް ބުންޏެވެ. އެމީހުންގެ އެ އިންޒާރާއެކު ގިނަ ބަޔަކަށް ގަބޫލުވެސް ކުރެވުނީ މި ބަލިމަޑުކަމުގައި ދިވެހި އިޤުތިޞާދީ އަޑި އަޅާލާ ގޮތަށް އަލުން ކޮޅަށް ޖަހާން އަހަރުތަކެއް ވާނެ ކަމަށެވެ.

މީގެ އެންމެ ބޮޑު އެއް ސަބަބަކީ ރާއްޖޭގެ ނާޒުކު އިޤުތިޞާދެވެ. ރާއްޖޭގެ އިޤުތިޞާދު ހަމައެކަނި ބަރޯސާވެފައި އޮތީ ފަތުރުވެރިކަމަށް ވާތީއެވެ. މިދެންނެވިހެން ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާވެފައިވާ އޮތް ރާއްޖޭގެ ބޯޑަރުތައް ކޯވިޑާއެކު ބަންދުކުރުމުން ދައުލަތަށް އާމްދަނީ ލިބޭނެ މަގު ބަންދުވެ މިއިން ޒަމާނަކު ކުރިމަތިނުވާ ވަރުގެ އިޤްގްތިޞާދީ ހީނަރުކަމަކާ ދިވެހިރާއްޖެ ކުރިމަތިލާންޖެހުނެވެ. ގިނަ ވިޔަފާރިތަކާއި ގިނަ ބައެއްގެ ދިރިއުޅުން ބަރޯސާވެފައި އޮތް ފަތުރުވެރިކަން ހުއްޓުމަކީ ރާއްޖޭގެ ރިހޭފައިމައްޗަށް ފޮއި ވެއްޓުން ކަހަލަ ކަމެކެވެ. އެހެންކަމުން މުޅި ދުނިޔޭގައި ކޯވިޑުގެ ބަލިމަޑުކަން ފެތުރެން ފެށުމާއެކު، ރާއްޖޭގެ މައިދޮރާށި ނުވަތަ ބޯޑަރު ބަންދުކުރުމާއެކު ރާއްޖޭގެ ރިޒޯޓުތަކާއި ގެސްޓްހައުސްތައްވެސް ފަޅުވެގެންދިޔައީވެެ. ރާއްޖޭގެ އާބާދީގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ރާއްޖޭގެ ޒުވާން އާބާދީގެ ގިނަ ބަޔަކު މަސައްކަތްކުރާ ފަތުރުވެރިކަމުގެ ދާއިރާ ހުއްޓުމާއެކު އެ ޒުވާން އާބާދީގެ ވަޒީފާތައް ގެއްލި ގިނަ ބަޔަކު މަގުމަތި ވީއެވެ. މިއީ މިއަދު އަޅުގަނޑުމެން ދައްކަން ބޭނުން ނުވިޔަސް އަދި އަޑުއަހައި ގަބޫލުކުރަން ބޭނުން ނުވިނަމަވެސް ހަގީގަތަކީ އެއީއެވެ.


ރާއްޖޭގައި ހިންގާ ވިޔަފާރިތައް ހީނަރުވެ އެތަށް ބައެއްގެ ވަޒީފާ ގެއްލި އެތައް ބަޔަކަށް އާމްދަނީ ލިބޭނެ މަގު ބަންދުވެ ގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހުނެވެ. ކުރިއަށް ނުގެންދެވިގެން އެތަކެއް ވިޔަފާރިތަކެއް ހުއްޓާލާ ހިސާބަށް ދިޔައެެވެ. ގިނަ ބަޔަކު އެކަން އެގޮތަށް ކުރަން ތައްޔާރުވެސް ވިއެވެ. ނަމަވެސް ކަންކަން ވެގެންދިޔައީ ގިނަ ބަޔަކު ހީކުރި ގޮތާ ވަރަށް ވެސް ތަފާތުކޮށެވެ. ސަރުކާރަށް އާމްދަނީ ލިބޭނެ މަގު ބަންދުވެ އިގްތިސާދު އަޑިއަޅާލި ނަމަވެސް، ހާސްކަން މަތީގައި ދެއަތް އުރާލައިގެން ތިބުމުގެ ބަދަލުގައި ސަރުކާރުން ވިޔަފާރިތަކަށް ދިނީ ފޮނި އުއްމީދެވެ. ކޮވިޑުގެ އެ ދަތި އުނދަގޫ ހާލަތުގައި ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖަހައި ވިޔަފާރިތަކަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ސަރުކާރުން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ ކުރިއަށްދާނެ މަގު ދެއްކިއެެވެ. ވިޔަފާރިތައް ކޮޅަށް ޖެހުމަށް ލޯނު އެހީއާއި ހިލޭ އެހީއާއި އެ ނޫންވެސް އެކި ގޮތްގޮތުން ފައިސާ ހޯދައިގެން ސަރުކާރުން ވިޔަފާރިތަކަށް މިލިއަނުން ދިން މާލީ އެހީތަކާއެކު ވިޔަފާރިތަކުގެ އުއްމީދު އާވެ ހިންދެމިލާނެ މަގު ފަހިވެގެން ދިޔައެވެ.

ރާއްޖޭގެ އިޤުތުޞާދުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ފަތުރުވެރިކަމުގެ ވިޔަފާރި އަކީ ދައުލަތަށް އާމްދަނި ލިބޭ މައިގަނޑު ވިޔަފާރި ކަމަށް ވިޔަސް އެ ވިޔަފާރިތައް ދެމެހެއްޓުމަށްޓަކައި ބޮޑެތި ލުއިތަކެއް ދިނީއެވެ. އެ ވިޔަފާރިތަކުން ދައުލަތަށް ދައްކަންޖެހޭ ލޯނާއި ފީއާއި ކުލިތަކަށް ލުއިދިނީ އެކަންޏެއް ނޫނެވެ. ބޭންކަށް ދައްކަން ޖެހޭ ބޮޑެތި ލޯނުތައް ދެއްކުމުގައި ވެސް ލުއިތައް ހޯދައިދޭން ސަރުކާރުން އެތައް މަސައްކަތެއްކޮށް އެފަދަ ލޯނުތައް ދެއްކުމުގައި ވެސް ބޮޑެތި ލުއިތަކެއް ހޯދައިދިނެވެ. ދައުލަތަށް ލިބެމުންދިޔަ އާމްދަނީ ހުއްޓިފައިވާ މިހާލަތުގައި ވެސް ސަރުކާރުން ދިން ބޮޑެތި ލުއިތަކާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ވެސް ހިންދެމިލެވޭނެ ފުރުސަތު ލިބިގެން ދިޔައެވެ. އަދި އަލުން ބޯޑަރު ހުޅުވާލައި ފަތުރުވެރިކަން ފަށައިގަނެ ހަމަޖެހިލެވެންދެން ސަރުކާރުން އެ ވިޔަފާރިތަކަށް ލުއިތައް ދިނުމުގެ ނަތީޖާއަކީ ގިނަ ބަޔަކު އަންދާޒާކުރި ވަރަށް ވުރެ އަވަހަށް ފަތުރުވެރިކަމުގެ ވިޔަފާރިއަށް ދިރުން ލިބުމެވެ.

ނަތީޖާ އެއްގެ ގޮތުން ބޮޑެތި ވިޔަފާރިތަކާއި ކުދި ވިޔަފާރިތަކަށް ލިބުނު ގެއްލުންތަކުން މަޑުމަޑުން އަރައިގަނެވި، ކުރީގައި އޮތް އާންމު ހާލަތަށް ރުޖޫޢަވުމުގެ ކޮޅުމަތި މިހާރު މިވަނީ ފެންނަން ފަށާފައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު ވިދާޅުވި ފަދައިން އުންމީދުގެ ހުޅުކޮޅެއް، ލޮލުކޮޅުން މިހާރު އެބަ ފެނެއެެވެ. ކޮވިޑް-19 އާއި ގުޅިގެން އިކޮންމިކް ޕެކޭޖް ތަކުގެ ތެރެއިން 2 ބިލިއަނަށްވުރެ ގިނަ ރުފިޔާގެއެހީ އެކި ފަރާތްތަކަށް ވަނީ ދީފައެވެ. އޭގެތެރޭގައި އިންކަމް ސަޕޯޓް އެލަވަންސް ދިނުމަށާއި، ފެނާ ކަރަންޓަށް ދިން ޑިސްކައުންޓް ހިމެނެއެވެ. ވަޒީފާ ގެއްލި ވަޒީފާއަށް އަސަރު ކުރި ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމަށް 421 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ސަރުކާރުގެ އެހީއާއެކު ވިޔަފާރިތަކަށް ދިރުން އައިސް އައު ވިޔަފާރިތައް އުފެދި އިގްތިސާދަށް ދިރުން ގެނެސްދީފިއެެވެ. މާތް ﷲ ގެ ހެއު ރަހުމަތްފުޅާއެކު ރާއްޖޭގެ އިގްތިސާދު ކުރީގެ އޮތް ހާލަތަށް ރުޖޫޢަ ވަމުންދާއިރު، ކޮވިޑުގެ އާލަމީ ބަލިމަޑުކަމާއެކު ގިނަ ގައުމުތަކުގެ ރައްޔިތުން އަދިވެސް ތިބީ ވަރަށް ހާލުގައެވެ. އެގައުމުތަކުގެ ގިނަ ރައްޔިތުން ބަނޑު ފުރާނަ މުއްތި ކުރެވޭނެ ގޮތެއްވެސް ނެތިފައެވެ. ފެނާއި ކަރަންޓް ބިލް ދެއްކޭނެ ގޮތެއް ނެތި ރައްޔިތުން ތިބީ މަގުމަތިވެ ހާލުގައި ޖެހިފައެވެ. ފަގީރުން އިތުރަށް ފަގީރުވެ ނާށިގަނޑު ހިފައިގެން ނުކުމެ ސަލާންޖަހަނީއެވެ. މިއީ ގައުމުތަކުން މިއަދު ފެންނަ ހިތްދަތި މަންޒަރެވެ. ރާއްޖެ ފަދަ ގައުމުތަކާއި ރާއްޖޭގެ އެންމެ އަވަށްޓެރި ގައުމުތައް އަދިވެސް އެތިބީ މިދެންނެވި ހާލަތުގައެވެ.

އެހެން ނަމަވެސް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ރާއްޖޭގެ ވިޔަފާރިތައް ހިގައިގަނެ އިގްތިސާދު އެންމެ އަަވަހަށް ހުޅުވިގެން ހިނގައިގެން ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިގެންދިއުމަކީ ފަޚުރުވެރިވުން ހައްގު ބޮޑު ކާމިޔާބީއެކެެވެ. މިއީ މުޅި ދުނިޔެއިން ބަލައިގެން ލާމަސީލު ނަމޫނާއެކެެވެ. މިއީ ސަރުކާރުން ކުރި އިހުލާސްތެރި މަސައްކަތް ތަކެއްގެ ނަތީޖާއެވެ. ކޯވިޑުން އަރައިގަތުމުގައި ރާއްޖެއަށް އެންމެ ބޮޑު އަދި އަވަސް ކާމިޔާބީތަކެއް ލިބުނީ އާބާދީގެ ގިނަ ބަޔަކަށް ވެކްސިން ދީގެންނެވެ. ހަމަ އެބީދައިން ކޯވިޑްގެ ސަބަބުން އަޑިއަޅާލި ވިޔަފާރިތައް އަލުން ކޮޅަށް ޖެހީ އިޤުތިޞާދަށް ދިރުން ގެންނަން ދިން ވަރުގަދަ މާލީ ވެކްސިންގެ ސަބަބުންކަން މިއީ ގަބޫލުކުރަން ޖެހޭ ހަގީގަތެވެ.

ކަމެއް ގޯސްކޮށް ހިނގައި ދިއުމަކީ ރަނގަޅަށް ކުރެވިފައި ހުރި ކަންކަން ވެސް ގޯހޭ ނުވަތަ ނުރަނގަޅޭ ބުނާން ޖެހޭނެ ކަމެއް ނޫނެވެ. ހަގީގަތަކީ ކޯވިޑާއެކު އިޤުތުިޞާދު އެންމެ އަވަހަށް ރުޖޫޢަވެ އެންމެ ހަލުއި ދުވެއްޔެއްގައި އިޤުތުޞާދު ކުރިއަށް އަރައިގެން ދިޔަ މަދު ގައުމުތަކުގެ ތެރޭގައި ދިވެހި ރާއްޖެ ހިމެނޭ ކަމެވެ. އަދި މިއީ މިސަރުކާރުގެ ވޭތުވެ ދިޔަ އަހަރާއި އަދި ފާއިތުވި ތިން އަހަރުގެ ވެސް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ގުނަން ޖެހޭނެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު