ގައުމީ ޝިޕިންގ ކުންފުނި، މޯލްޑިސް ސްޓޭޓް ޝިޕިންގެ ފުރަތަމަ ބޯޓުގެ ދަތުރުތައް ފަށައިފިއެވެ.

އެމްއެސްއެސްގެ ފުރަތަމަ އަމިއްލަ, މި ބޯޓުގައި އެއްފަހަރާ 450 ކޮންޓެއިނަރ އުފުލޭނެ ކަމަށް އެމްއެސްއެސްއިން ވަނީ މީގެ ކުރިން ބުނެފައެވެ.



މި ބޯޓުގެ މައިގަނޑު ދަތުރުތައް ރޭވިފައި އޮތީ ރާއްޖެއާއި ލަންކާއާ ދެމެދުއެވެ. މިވަގުތު ބޯޓުގެ ފުރަތަމަ ދަތުރަށް މުދާ ބަރުކުރުމަށް އޮތީ ލަންކާ ބަނދަރުގައެވެ. މިއީ އެމްއެސްއެސްގެ އަމިއްލަ ބޯޓަކުން މި ދަތުރު ކުރާ ފުރަތަމަ ފަހަރަށްވުމުން މިއީ ފަޚުރުވެރި ވަގުތެއް ކަމަށް އެކުންފުނިން ބުނެއެވެ.



އެމްއެސްއެސްއިން އަމިއްލަ ބޯޓެއް ގެނައުމަށް ނިންމީ އެކުންފުނިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގުހެޔޮކޮށް، ފަސޭހަކަމާއެކު މުދާ އެތެރެ ކުރެވޭނެ އިންތިޒާމު ފަހިކުރުމަށެވެ. އެކުންފުނިން މިހާރު ރާއްޖެއަށް މުދާ އެތެރެކޮށް ބޭނުންކުރަމުން އަންނަނީ ޗާޓަރ ބޯޓެއްގައި ކަމަށް އެމްއެސްއެސްއިން މީގެ ކުރިން ވަނީ ބުނެފައެވެ.

އެމްއެސްއެސްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސަޢީދު ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިއީ އެމްއެސްއެސްގެ އަމިއްލަ ބޯޓުގެ ފުރަތަމަ ދަތުރަށްވުމުން މިކަން ލަންކާގެ ބަނދަރުން ވަރަށް ބޮޑަށް ފާހަގަކޮށްފައިވާ ކަަމަށެވެ. އެގޮތުން މިކަމާއި ގުޅިގެން ހަނދާނީ ފިލާއެއްވެސް ވަނީ ދީފައެވެ. މިއީ އެކުންފުނީގެ ތާރީޚުގެވެސް އެންމެ މުހިންމު ދަތުރުކަމަށް އެކުންފުނިން ބުނެއެވެ.



އެމްއެސްއެސްގެ ފްލީޓުގައި މުދާ އުފުލާ ކޮންޓެއިނަރ ބޯޓުގެ އިތުރުން ޖެނެރަލް ކާގޯ އުފުލުމަށްވެސް ބޯޓްތައް އަންނަނީ ބޭނުންކުރަމުންނެވެ. އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، މި ބޯޓްތައް ބޭނުންކުރަމުން އަންނަނީ ބަސްތާތަކުގައި ހުންނަ މުދާ އުފުލުމަށްކަމަށާއި މި ބޯޓްތައް މިހާރު ދަތުރުކުރަމުން އަންނަނީ އިންޑިއާގެ ޓުޓިކޮރިނުން ސީދާ އައްޑޫ ސިޓީއަށް މުދާ ގެންދިޔުމަށެވެ.

އެމްއެސްއެސްއަކީ ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ގެނެވޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން