ދިވެހި ޕާސްޕޯޓް އަނެއްކާވެސް މިވަނީ މިސަރަހައްދުގެ އެންމެ ބާރުގަދަ ޕާސްޕޯޓްގެ ލަގަބު ހޯދާފައެވެ. ރާއްޖެ ހިމެނޭ ދެކުނު އޭޝިޔާ ސަރަހައްދުގައި ބޭނުންކުރާ އެންމެ ބާރުގަދަ ޕާސްޕޯޓްގެ ލަގަބް ދިވެހިރާއްޖެއިން ދިފާއުކުރަމުންދާތާ ދުވަސްކޮޅެއްވެއްޖެއެވެ. މި ލިސްޓުގައި ޕާސްޕޯޓެއްގެ ބާރުގަދަކަން ކަނޑައަޅަނީ އެ ޕާސްޕޯޓަކާއެކު ދުރާލާ ވީޒާ ނުނަގާ ދަތުރުކުރެވޭ ގައުމުތަކުގެ އަދަދުންނެވެ.

ލިސްޓުގައިވާ ގޮތުން ރާއްޖޭގެ ޕާސްޕޯޓުގައި 88 ގައުމަކަށް ދުރާލާ ވީޒާ ނުނަގާ ދަތުރުކުރެއެވެ. މިއީ ހަމަގައިމުވެސް ރާއްޖެއާއި އެ 88 ގައުމާއެކު އޮތް ގުޅުން ވަރަށް ރަނގަޅަށް ދައްކުވައިދޭ އަލިގަދަ ހެއްކެއްގެ އިތުރުން ހާރިޖީ ސިޔާސަތުގެ ކާމިޔާބުކަން ރަމްޒުކޮށްދޭ ކަމެވެ.

ރާއްޖެއިން މިއަދު ބައިނަލްއަގުވާމީ މައިދާނުގައި ބޮޑެތި ކާމިޔާބީތަކެއްް ހާސިލުކުރަމުންދާއިރު ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ޒައާމަތާއެކު ރާއްޖޭގެ ހާރިޖީ ސިޔާސަތަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެންނަވާފައެވެ. ވަކިވެގަނެގެން އުޅުމުގެ ބަދަލުގައި ހުރިހާ ގައުމުތަކާއިވެސް ގުޅިގެން މަސައްކަތްކުރުމަށް ހާރިޖީ ސިޔާސަތު ބައްޓަންކުރެއްވިއެވެ. އަދި އެ ސިޔާސަތު ތަންފީޒުކުރުމުގެ އެންމެ މަތީ ޒިންމާ ނުވަތަ ރާއްޖޭގެ ހާރިޖީ ވަޒީރުކަމުގެ މަސްއޫލިއްޔަތު ރައީސް ސާލިހު ހަވާލުކުރެއްވީ ރާއްޖޭގައި ހުންނެވި އެންމެ ތަޖުރިބާކާރު ޑިޕްލޮމެޓްކަމަށް ގިނަބަޔަކު ގަބޫލުކުރާ އަބްދުﷲ ޝާހިދާއެވެ.

ޝާހިދާ ހަވާލުކުރެއްވި ހާރިޖީ ސިޔާސަތު ހަރުދަނާ ކުރެއްވުމުގެ ޒިންމާ އަދާކުރެއްވުމުގައި އެމަނިކުފާނު ހޯއްދަވަމުންދާ ކުރިއެރުންތައް ރާއްޖޭގެ ޕާސްޕޯޓަށް މިއަދު ލިބިފައިވާ ޝަރަފުން އެކަނިވެސް ދައްކައިދެއެވެ. ދިވެހި ޕާސްޕޯޓަށް ލިބިފައިވާ ޝަރަފުގެ އިތުރުންވެސް ސަރުކާރުގެ ކާމިޔާބު ހާރިޖީ ސިޔާސަތުގެ ސަބަބުން އެތައް ކަންތައްތަކެއް ރާއްޖެއަށް މިއަދު ފަހިވަމުން އެބަދެއެވެ.

ހާއްސަކޮށް ކޯވިޑްގެ ހާލަތުގައި ރާއްޖެއަށް ދިމާވި އެންމެ ދަތި އުނދަގޫ ދުވަސްވަރު ބޭރުގެ ގައުމުތަކުން ރާއްޖެއަށް އެކި ގޮތްގޮތުން ފޯރުކޮށްދިން އެހީތަކަކީ ހާރިޖީ ސިޔާސަތުގެ ކާމިޔާބުކަމުގެ ސަބަބުން އުފެދިފައިވާ ގުޅުންތަކުގެ ތެރެއިން ރާއްޖެއަށް ލިބުނު އެހީތަކެއްކަމާއިމެދު ޝައްކެއް ނެތެވެ.

މާސްކާއި ބޭހާއި ވެންޓިލޭޓަރާއި ވެކްސިންވެސް ރާއްޖެއަށް ވަނީ ހިލޭ އެކި ގައުމުތަކުން ފޯރުކޮށްދީފައެވެ. މިނިސްޓަރ ޝާހިދުގެ ބުރަ މަސައްކަތްޕުޅާއެކު ކޯވިޑްގެ ތެރެއިން ހާސިލުކުރެވުނު ކާމިޔާބީތަކާއި ގުޅިގެން ގިނަ ބަޔަކު މިނިސްޓަރ ޝާހިދު ސިފަކުރައްވަނީ މި ސަރުކާރުން ނޭވާލުމަށް ބޭނުންވާ "އޮކްސިޖަން"ގެ ގޮތުގައެވެ. މިނިސްޓަރ ޝާހިދު ސަރުކާރާއެކު ނެތްނަމަ ހާރިޖީ ދާއިރާއިން މި ހޯދަމުންދާ ކުރިއެރުންތައް ފެންނާނެކަމާމެދު ގިނަ ބަޔަކު ޝައްކު އުފައްދައެވެ.

ހާރިޖީ ދާއިރާއިން ހޯދަމުންދާ ކުރިއެރުންތަކުގެ ނަތީޖާ ހަމައެކަނި ފެންނަނީ ރާއްޖެއަކުންނެވެ. ބައިނަލްއަޤްވާމީ މައިދާނުގައިވެސް ރާއްޖެއިން މިއަދު ދަނީ ފަހުރުވެރިވާންޖެހޭފަދަ ކާމިޔާބީތަކެއްް ހޯދަމުންނެވެ. އދގެ 76 ވަނަ އާއްމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމާވެސް ހަވާލުވެވަޑައިގެން ހުންނެވީ މި ކުޑަކުޑަ ޖަޒީރާ ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދެވެ. ގައުމު ކިތަންމެ ކުޑަނަމަވެސް، ބައިނަލްއަގުވާމީ މައިދާނުގައި އެހެން ގައުމުތަކާއި ވާދަކުރާއިރު އެންމެ ތަންފުކެއްވެސް ފަހަތަށް ނުޖެހި ފަހުރުވެރިކަމާއެކު ކުރިއަށްދާނެކަމުގެ ޔަގީންކަން މިނިސްޓަރ ޝާހިދު އެވަނީ ދައްކުވައިދެއްވާފައެވެ.

މިނިސްޓަރ ޝާހިދު ދެކެވަޑައިގަންނާ ގޮތުގައި ދުނިޔޭގެ އެތައް ޤައުމަކުން ވޯޓު ދީގެން ރާއްޖެއަށް އދ.ގެ މަތީ މަޤާމެއްގެ ޝަރަފް ލިބުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތާއި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ހިކުމަތްތެރި ވިސްނުންފުޅު ދުނިޔެ ބަލައިގަނެފައިވާކަމުގެ ހެއްކެއް ކަމުގައެވެ. އަދި އެ މަގާމު ލިބިވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގެން ބައިނަލްއަޤްވާމީ މުޖުތަމަޢާއި އަލުން ގުޅުންބަދަހިކުރައްވައި، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އިތުބާރު އަލުން ހޯއްދަވައި، ކުރެއްވި ގިނަގުނަ މަސައްކަތްތަކުގެ ސަބަބުންކަމަށް ޝާހިދު ދެކެވަޑައިގަންނަވައެވެ.

ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ކާމިޔާބު ދަތުރާއެކު ރާއްޖެއިން ކާމިޔާބީތަކެއްް ހޯދަމުންދަނީ ވަރަށް ހަރުދަނާ އުސޫލެއްގެ ދަށުންނެވެ. އެގޮތުން ދިވެހި ސަރުކާރުން މިއަދު ޤައުމުތަކާއެކު ޚާރިޖީ ގުޅުން ހަރުދަނާކުރަނީ ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ފުރިހަމައަށް ރައްކާތެރިކުރުމާއެކު އެ ގުޅުންތަކުގެ ސަބަބުން، ރައްޔިތުންނަށް ފައިދާއާއި ލާބަ ލިބޭނެކަން ކަށަވަރު ކޮށްގެނެވެ. އަދި ކުރިމަގުގައިވެސް ހާރިޖީ ސިޔާސަތު ދަމަހައްޓާނީ އެގޮތުގައިކަމަށްވެސް ސަރުކާރުން ޔަގީންކޮށްދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން