21 މާރިޗު 2020 - 13:1
9 ވަނަ އެޕިސޯޑް

==========

[ތަންކޮޅެއްފަހުން...މިހާރު މިއޮތީ ނިކަން ވަރުބަލިވެފައި....] އިޔާދު ބުރަކަށި ތެދުކޮށްލާ، އެނދުކޮޅުގައި ހުރި ފަންކާ ރެގިއުލޭޓަރު އަނބުރާލިއެވެ. އޭނާއަށް މާބޮޑަށް ހޫނުވާހެން ހީވަނީއެވެ. އެއީ މާބޮޑަށް ހާސްވުމުގެ ސަބަބުން ވާގޮތެއްކަން ރަނގަޅަށް އެނގުނަސް، ފިރިމީހާއާ މިވަގުތު ސުވާލު ކުރާކަށް ގީތާ ބޭނުމެއް ނޫނެވެ.

[އިޔާއަށް ވަރަށް މީރު އެއްޗެއްވެސް ހުންނާނެ ތައްޔާރުކޮށްފައި.] ގީތާ ބުންޏެވެ. އިޔާދު ފިކުރުތަކާ ދުރުކުރުމުގެ ޤަޞްދުގައެވެ.

[ކާހިތެއް ނުވެސްވޭ މިރެޔަކު....އެކަމަކު ދެން ހިނގާދޯ.....] އިޔާދު ތެދުވެއްޖެއެވެ. ހިނިތުންވެލަމުން ގީތާ ކާގެޔާ ދިމާއަށް ހިނގައިގަތީ، މަޤްޞަދު ޙާޞިލްވުމުން އުފާވެފައި ހުރެއެވެ.

[ވާހް! ޕާޓީއަކަށް ތައްޔާރުކޮށްފަތަ؟] އިޔާދު ޙައިރާންވިއެވެ. ކާމޭޒުމަތިވަނީ ކުރިން ދުވަހަކުވެސް އޭނާ ނުދެކޭ ފާޑުފާޑުގެ ކާއެއްޗެތިތަކުން މުއްސަނދިވެފައެވެ.

[މީ ހަމަ ގީތުގެ އެކަނި މަސައްކަތް!؟] އިޔާދު އިށީންނަމުން ބުންޏެވެ.

[އާނ، މަންމަމެން ނިދިވެސް ފަހުން، މި އެއްޗެތި ތައްޔާރުކުރީ...އިޔާއަށް ހީވަނީތަ، ކެއްކުމަކީ އަހަރެމެނަށް މާބޮޑު ކަމެއް ނޫނޭ.] ގީތާ ފަޚްރުވެރިވެލިއެވެ. އިޔާދު ކާން ފެށިއެވެ.

[އާދަޔާ ޚިލާފަށް ރަހަތައްވެސް ތަފާތުވާނެ.] ތެދެކެވެ. ރަހަތައްވެސް ތަފާތެވެ. މީގެކުރިން ދުވަހަކުވެސް އެ ރަހަދޭ ކެއުމެއް އިޔާދެއް ނުކައެވެ. އެހެންކަމުން، އެރޭ އިޔާދަށް ކެވުނުވަރެއްވެސް ނޭނގެއެވެ. ކައި ނިމުނުއިރު އޭނާ ހުރީ ލޮޑުވެ ބަރުހެލިވެފައެވެ.

[ހުރިހާ ވައްތަރެއްގެ ރިހަތައްވެސް ވަރަށް ރަނގަޅު...ވަރަށް މީރު.] ކައި ނިމިގެން ކާގެއިން ނުކުންނަމުން އިޔާދު ބުންޏެވެ. ގީތާ ހީލިއެވެ.

[އިޔާ...އަހަރެން އަންނަންދެން ސިޓިންގރޫމްގައި މަޑުކޮށްލައްޗޭ. އެކަނި މިތާ ހުންނާކަށް ނުކެރޭނެ.] ގީތާ އިޔާދު ހުއްޓުވިއެވެ. އިޔާދު އިރުކޮޅެއް ވަންދެން ދޮރުމަތީގައި މަޑުކޮށްގެން ހުރުމަށްފަހު ގޮސް ބޮޑު ކޮޓަރީ ސޯފާގައި ދެފައި ދަމާލާފައި އޮށޯވެއްޖެއެވެ. ގީތާ ތަށިތައް ނަގަން ފެށިއެވެ. ހިތްހަމަޖެހިފައި ހުރެއެވެ.

ތަށިތައް ދޮވެ ނިމި، ބަދިގެ ސާފުކުރުމަށްފަހު، ގީތާ އައިސް ބޮޑު ކޮޓަރިއަށް ވަންއިރު، އިޔާދަށް އޮތީ ސޯފާގައި ނިދިފައެވެ. އެ މަންޒަރު ފެނުމުން، ގީތާގެ ތުންފަތުގައި ކުޅެލީ، ލުއި އެހެނަސް ތަފާތު މާނައެއް ދޭހަވާ ހިނިތުންވުމެކެވެ. އޭނާ އިޔާދަށް ގޮވުމުގެ ބަދަލުގައި ސިޓިންގރޫމްގެ ހޮޅިބުރި ފުރަތަމަ ނިއްވާލައި، ނިދާބޮކި ދިއްލީއެވެ. ދެންވެސް އޭނާ އިޔާދަށް ގޮވާކަށް ނޫޅެއެވެ. އޭނާ އައިސް އިޔާދު އޮށޯވެ އޮތް ސޯފާގެ މަގަތުގައި އިށީނެވެ.

[އިޔާ...އިޔާ....] ގީތާ އިޔާދުގެ ކަންފަތާ ދިމާއަށް ގުދުވެ ވައި އަޑުން ގޮވާލިއެވެ. ނަމަވެސް، އިޔާދަށް ހިލަންވީހެނެއް ހިއެއްނުވެއެވެ.

[އިޔާދު....އިޔާ.....] ގީތާގެ ރާގު ބަދަލުވެއްޖެއެވެ. ހީވެއެވެ. ގީތާ ކޮންމެވެސް ކަމަކަށް ދަޢުވަތު ދެނީއެވެ. އިޔާދު ނިދީގައި އޮވެ ފުރޮޅިލިއެވެ. އޭރު އިޔާދު އޮތީ ވަރަށް ބޮޑަށް ދާހިއްލާފައެވެ. ގީތާ އިޔާދު ލައިގެން އޮތް ގަމީހުގެ ގޮށްތައް ނައްޓުވަން ފަށައިފިއެވެ. ހުރިހާ ގޮށްތައް ނައްޓުވައި، ގަމީސް ހަށިގަނޑުން ވަކިކޮށްލުމަށްފަހު، ގީތާ އިޔާދުގެ ތަނަވަސް މޭމަތީގައި ބޯއަޅާލިއެވެ. މިހާރު ގީތާގެ އިޙްސާސްތައް ވަނީ މުޅިން ބަދަލުވެފައެވެ. އޭނާއަށް ވަނީ މަސްތުކަން ވެރިވެފައެވެ.

[އިޔާ....] ގީތާ އިޔާދުގެ ކަންފަތަށް ފުމެލިއެވެ. ހަމައެޔާއެކުހެން، އިޔާދަށް ހޭލެވުނެވެ. އިޔާދަށް ބަލައިލެވުނީ، މަސްތީ އަސަރު ފާޅުވަމުންދިޔަ ގީތާގެ މޫނަށެވެ. ވަގުތުން އޭނާއަށް ގީތާގެ އިޝާރާތް ވިސްނިއްޖެއެވެ.

އިޔާދު މަޑުމަޑުން ގީތާގެ އަތުގައި ހިފައި ގާތަށް ދަމާލިއެވެ. ގީތާ އިޔާދުގެ މޭގެތެރެއަށް ރަނގަޅަށް ބޮނޑިވެލިއެވެ. އިޔާދުގެ ދެއަތް މަޑުމަޑުން ގީތާ ވަށާލި ވަގުތާއެކު، ދުނިޔެ މައްޗަށް ވިއްސާރައިގެ އަސަރު ވެރިވެގަތެވެ. އިސާހިތު ބޯކޮށް ވާރޭވެހެން ފަށައިފިއެވެ. ހީވާކަހަލައެވެ. އިޔާދަށް ވެފައިވަނީ ހިތްގައިމު މިއުޒިކަކަށެވެ. މިހާރު އެމީހުން އެ ޙަރަކާތްތެރިވަނީ، އެ ހިތްގައިމު މިއުޒިކަށެވެ. އެ މިއުޒިކުން އެމީހުން ހިތް އުފާކުރަނީއެވެ. ވިއްސާރައިގެ ތެތް ފިނިކަން ވެރިވެފައިވާ ހަށިގަނޑަށް އަނެކާގެ ހޫނު ފޯރުކޮށްދެނީއެވެ.

އިރުކޮޅެއްގެ ޙަރަކާތްތަކަކަށްފަހު، އެ މިއުޒިކީ ޙަރަކާތް އިޔާދު ހުއްޓާލީ، ވިއްސާރަ ހުއްޓާލީމައެއް ނޫނެވެ. އޭނާ ވަރުބަލިވީއެވެ. ލޮޑުވީއެވެ.

[ކޮން ތަނެއްގައި މިތިބެވުނީ؟ ހިނގާ ކޮޓަރިއަށް.] އިޔާދު ފުން ނޭވާއެއްލުމަށްފަހު، ސޯފާއިން ތެދުވެ ހިންދެމިލިއެވެ. ގީތާ ހިނިތުންވެލިއެވެ. އޭރު ގީތާވެސް ވަނީ ކޮންމެވެސް ވަރަކަށް ވަރުބަލިވެފައެވެ.

[މިހުރިހާއިރުވެސް އިޔާއަކަށް ނޭނގުނުދޯ އޮވެވުނު ތަނެއްވެސް.] ގީތާ އިޔާދުގެ އަތުގައި ހިފެހެއްޓިއެވެ.

[ހިނގާ އަވަހަށް ނިދަން...މިކަހަލަ ވިއްސާރަ ރެއެއްގައި ނިކަން ފަސޭހައިން ނިދާލެވޭނެ. ވާރޭގެ އަޑު ހީވާނީ މަޑު މިއުޒިކެއްހެން.] އިޔާދު ހިނގައިގެންފިއެވެ.

[އަހަރެން އަންނާނަން ފެން ޖަގު ހިފައިގެން. އިޔާ ދޭ ކޮޓަރިއަށް.] ގީތާ ހިނގައިގަތީ، ކާގެޔާ ދިމާއަށެވެ. އިޔާދު ގޮސް ކޮޓަރި ހުޅުވާލިއެވެ. ހަމައެއާއެކު، އޭނާގެ ދެލޯ ބޮޑުވެއްޖެއެވެ. ޙައިރާންކަމާއެކު އަނގަ ތަންމިނަށް ހުޅުވުނެވެ. ހިތަށް ބިރުވެރިކަން ވެރިވެ، ފަހަތަށް ޖެހިލެވުނެވެ. އޭނާއަށް އަވަސް އަވަހަށް ފަސްއެނބުރި ބަލައިލެވުނެވެ. އޭރު ގީތާ ގޮސް ކާގެޔަށް ވަންނަނީއެވެ. އަނެއްކާވެސް އޭނާ ކޮޓަރިތެރެއަށް ނަޒަރު ހުއްޓާލުމަށްފަހު، އެތެރެއަށް ފިޔަވަޅެއްވަރު އެޅިއެވެ. އިންތިހާއަށް ބިރުގެންފައި ހުރެމެއެވެ. އާއެކެވެ. އޭނާ ބިރުނުގަންނަންވީ ސަބަބެއް ނެތެވެ. ދެންމެ ކާގެޔަށް ފެން ޖަގު ބަލައިދިޔަ ގީތާ އެއޮތީ ގަދައަށް ނިދާފައެވެ. ހެދުންވެސް ވަނީ ނިދާ ހެދުމަށް ބަދަލުވެފައެވެ.

[ގީތާ....ގީތާ....] އެތެރެއަށް ވަންނަމުން ވައިއަޑުން އޭނާއަށް ގީތާއަށް ގޮވާލެވުނެވެ. ނަމަވެސް، ގީތާއަށް ޚަބަރެއްވީހެނެއް ހިއެއްނުވެއެވެ. އޭނާ އޮތީ ގަދަ ނިދީގައެވެ. އިޔާދު އެތެރެއަށް ވަދެގެން އެނދާ ދިމާއަށް ހިނގައިގެންފިއެވެ. އޭރު ނާމާން ސިގްނަލެއްގެ ގޮތުގައި އޭނާގެ ސިކުނޑީގައި މަލަކާގެ ހަނދާންތައް އެނބުރެން ފަށައިފިއެވެ.

[ގީތު...ގީތު....] އިޔާދު އެނދުގެ މަގަތުގައި އިށީނދެ، ގީތާގެ ކޮނޑުގައި ކޮއްޓާލިއެވެ. ގީތާ ނިދީގައި އޮވެ ހޫނއެއް ލައްވާލިއެވެ.

[ގީތު ހޭލަބަލަ....މިރޭ ކީއްވެތަ، އަހަރެން އައުމުގެ ކުރިން ނިދީ....] އިޔާދު ހިތްހަމަނުޖެހިފައި ހުރެ، ގީތާގެ ގައިގައި ތަންކޮޅެއް ބާރަށް ކޮއްޓާލިއެވެ.

[އުނ، ނުއޮށޯންނަން ވަރަށް ހިތްވަރު ކުރިން. އެކަމަކު...ނިދި ބުރާންތި އަރައިގެން ވެއްޓުނީ.....ފަހުން ތެދުވާނެ ހިތްވަރެއް ނުލިބުނު.] ގީތާ ދެލޯ އުނގުޅަމުން ތެދުވިއެވެ.

[ހިނގާ ކާން...ނިދި އައިވަރުން، މާ ރަނގަޅު އެއްޗެއްވެސް ތައްޔާރެއް ނުކުރެވުނު.] ގީތާ އުޅުނީ ކާގެޔަށް ދިޔުމަށްޓަކައި ހިނގައިގަންނާށެވެ.

[ނޫނޭ...އަހަރެން ކައިފިން...ތަށިތައްވެސް ނަގާފައި، ބަދިގެވެސް ހުންނާނީ ސާފުކޮށްފައި. ގީތު އޮށޯވޭ. އަލަށް ބަނޑު ބޮޑުވެގެން އުޅޭއިރު، އެހާ ބުރަކޮށް މަސައްކަތް ކުރާކަށް ނުވާނެ.] އިޔާދު ގީތާގެ އަތުގައި ހިފަހައްޓާލިއެވެ.

[މިގެއަކު ކުރާނެ މާބޮޑު މަސައްކަތެއް ނޯވެއެއްނު.] ގީތާ އިޔާދުގެ މޭގެތެރެއަށް ބޮނޑިވެލިއެވެ. އިޔާދު ނުހަނު ލޯތްބާއެކު، ގީތާގެ ހަށިގަނޑުގައި ބައްދައިގަތެވެ.

[ގީތު.....] ދާދި ދެންމެއަކު ދިމާވި ކަންތައް ގީތާއަށް ކިޔައިދިނުމަށްޓަކައި އޭނާގެ ދޫ ޙަރަކާތްކުރަން އުޅުނެވެ. ނަމަވެސް، އެވަގުތު އެއީ ރަނގަޅު ގޮތެއް ނޫންކަން އޭނާގެ ޟަމީރު އޭނާއަށް ވިސްނައިދިނެވެ. އިޔާދުގެ އެ ގޮވާލުމުން، ގީތާއަށް ވިސްނުނީ، މުޅިން ތަފާތު މާނައެކެވެ. އޭރު ޙަޤީޤަތުގައިވެސް ވަނީ އަނބިފިރިކަމުގެ އުފާތަކަކަށް ނިކަން ބޭނުންވެފައި ކަމުން، އޭނާ އެކަމަށް ދަޢުވަތުދޭ ފަދަ ނަޒަރަކުން އިޔާދަށް ބަލައިލިއެވެ.

ގީތާގެ އެ ނަޒަރުން މާނަ ދޭހަވި ކަމުގައިވިޔަސް، އިޔާދު އެކަމަކަށް ސަމާލުކަމެއް ނުދެއެވެ. އޭނާ ގީތާ އެނދުގައި ބޭއްވިއެވެ. އެއަށްފަހު، ހެދުން ބަދަލުކޮށްގެން އޭނާ އެނދުގެ އެއްފަރާތެއްގައި އޮށޯވެއްޖެއެވެ.

[އިޔާ....ދެން ނިދަނީތަ މިރޭ!] މަސްތީ ރާގެއްގައި ވައިއަޑުން ގީތާ އެހިއެވެ. އިޔާދު ބޮލުގެ އިޝާރާތުން އާއެކޭ ބުނެފައި، އަނެއް ފަރާތަށް އެނބުރިއްޖެއެވެ.

[އަޅެ...އިޔާ...] އެއްފަހަރަށްވުރެން އަނެއްފަހަރު ގީތާގެ އަޑާއި ރާގު އައީ ބަދަލުވަމުންނެވެ. ނަމަވެސް، އިޔާދު އެ އަޑަކަށް ސަމާލުކަމެއް ނުދެއެވެ. ހިތަށްވީ ތުރާލުން ތުން އޫކޮށްލުމަށްފަހު، ގީތާ އަނެއް ފަރާތަށް އެނބުރި ބާލީހުގައި ބައްދާލިއެވެ.

އެރޭ އަމިއްލަ އެއްވެސް ދިފާޢީ ބާރެއް ނެތުމުގެ ސަބަބުން އިޔާދު އޮތީ ފިކުރު ބޮޑުވެފައެވެ. އޭނާގެ ހިތަށް އަރަމުން ދިޔައެވެ. މަލަކާ ފުރަތަމަ ރޭވެސް ވަޢުދާ ޚިލާފުވީއެވެ. ޙަޤީޤަތުގައި މަލަކާ އެ އަރައިގަންނަނީ ގީތާގެ އުފާތަކަށެވެ. އިޔާދުގެ ފުށުން ގީތާއަށް ލިބެންޖެހޭ ހިތްހަމަޖެހުމުގެ ލައްޒަތު، ބާރުގެ ބޭނުންކޮށްގެން މަލަކާ އެ ލިބިގަންނަނީއެވެ. މަލަކާގެ އާދޭހުގެ އަޑު ނޭހުނުނަމައޭވެސް މިހާރު ހިތަށްއަރައެވެ.

ހެނދުނުވީއިރު އެރޭގެ ކަންތައްތަކެއް ގީތާގެ ސިކުނޑިއަކު ނެތެވެ. އޭނާ އެކަމާ ދޭތެރޭ މާބޮޑަށް ވިސްނިހެނެއްވެސް ހިއެއްނުވެއެވެ.

[ސޮރީ...ވެރީ ސޮރީ...] ހެނދުނުގެ ނާސްތާއަށް ފަށައިގަންނަމުން އިޔާދު އަނބިމީހާގެ ކިބައިން މަޢާފަށް އެދުނެވެ.

[އެކަމަކާ އަހަންނެއް ނުވިސްނަން...އެއީ ދެން އެހާވަރު ކަމެއްތަ؟] އިޔާދަށް ސައިތަށި ގިރައިދެމުން ގީތާ ބުންޏެވެ.

[ވަރަށްބޮޑު ކަމެއް އެއީ. ޙަޤީޤަތުގައި އަނބިމީހާގެ އެފަދަ އުފާތަކަށް މަރުޙަބާ ކިޔުމަކީ ފިރިމީހާގެ ވާޖިބެއް. އެހެންމެ ފިރިމީހާގެވެސް އެފަދަ އުފާތަކަށް އަނބިމީހާ ޖެހޭނެ މަރުޙަބާ ކިޔަން. ރޭގައި ކަންތައް ކުރެވުނު ގޮތުން، އަހަރެން ވަރަށް ދެރަވަން.] އިޔާދު ނާސްތާކުރަން ފެށިއެވެ.

[އެއީ ދެން އެވަރު ކަމެއްތަ؟ އަހަރެން ލަދުގަނޭ، ތިޒާތުގެ ވާހަކަ ނުދައްކާ އިޔާ....] ޙަޤީޤަތުގައިވެސް ގީތާ ލަދުގަތެވެ. މީގެކުރިން އެފަދަ ކަމެއް ދިމާވެފައި ނުވާތީއާއެކު، މިފަހަރު އެހެންވީމައެވެ.

[ގީތު ސައިބޮއިފިންތަ؟] ގީތާ ލަދުގެންފިކަން އެނގުމުން އިޔާދު މަޥްޟޫޢު ބަދަލުކޮށްލިއެވެ.

[އުނހު.....އަދި ނުބޮން. އަހަރެން ސައިބޯނީ މަންމަމެން އައީމަ.] ގީތާ ބުންޏެވެ.

[ކޮބާ މަންމަމެން ކޮންތާކަށް ދިޔައީ؟] އިޔާދު އެއްސެވެ.

[ދެމަންމައިން އެކުގައި ނުކުތީ. ހީވަނީ އަތިރިޔަށްހެން. ދެން މާލަހެއްނުވެ އަތުވެދާނެ. އިޔާ ރަނގަޅަށް ސައިބޮއޭ.] ގީތާ ބުންޏެވެ.

[މަންމަގެ ހުން ރަނގަޅުވީތަ؟] ޑޮކްޓަރު އެންމެފަހުން ދިން ބޭހެއްވެސް މަންމަ ނުކައިދޯ؟ އަނެއްކާ މަންމަ ހަދާ ނުހަދާ އެއްޗެއް ގީތު ބަލަންތަ؟] މައިދައިތަ (ޝަޒާދާ)ގެ ބައްޔާ ދޭތެރޭ އިޔާދަށް ކުއްލިއަކަށް ވިސްނައިލެވުނެވެ. މިހާރު ޝަޒާދާ ހުމެއް އައިސްގެން އުޅޭތާ ދެތިން ދުވަސްވަރު ވެދާނެއެވެ. ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމުން ބުނެފައިވަނީ، އެއީ އާދައިގެ ހުމެއް ކަމަށެވެ. އެހެންވެ ޝަޒާދާވެސް ބޭހާ ދޭތެރޭ މާބޮޑު ފަރުވާލެއް ނުބަހައްޓައެވެ.

[ދަރިފުޅުމެން ބުންޏެއް ކަމަކު، ހުން ވައްތަރުވާއިރަށް ބޭސް ކާންވޭތަ؟ މަންމައަކަށް ތި ބޭސްތަކެއް ނުކެވޭނެ.] ޝަޒާދާ ވާހަކަ ދެއްކީ ގީތާއާއި އިޔާދާއެވެ.

[މަންމާ...ތިހެން ބައްޔާ ދޭތެރޭ ފަރުވާކުޑަކުރާކަށް ނުވާނެ...] މަންމައަށް އިޔާދު ވިސްނައިދިނެވެ.

[ޑޮކްޓަރަށް ދައްކައިގެން ޑޮކްޓަރުން އެ ދޭ ބޭހަކަށް މަންމަ އިތުބާރެއް ނުކުރަން. މިހެން އަންނަ އާދައިގެ ހުމެއް، ޕެނެޑޯލް ގުޅައަކުންވެސް ރަނގަޅުވެދާނެ.] ޝަޒާދާ ބުންޏެވެ. އެއީ އޭނާގެ އާދައެވެ. ދުވަހަކުވެސް ޑޮކްޓަރުންދޭ ބޭސް ޤަވާއިދުން ކެއުމަކީ އޭނާ ކޮށްއުޅޭ ކަމެއް ނޫނެވެ.

[އާދޭ ސައިބޯން...މަންމަމެން ސައިބުއީތަ؟] ގީތާ ބުންޏެވެ.

[ނޫނޭ...މަންމަމެނެއް އަދި ސަޔެއް ނުބޮން. އެކަމަކު މަންމަމެން ސައިބޯނީ ތަންކޮޅެއް ފަހުން ދޯ ޝާރިޔާ.] ޝަޒާދާ ޝާރިޔާއަށް ދޯއެއްލިއެވެ. ޝާރިޔާ ނިތްއަރުވާލިއެވެ.

ޙުކުމް ތަންފީޒު ކުރުމަށްފަހު، މިނިވަންވެގެން ޝަޒާދާގެ ފިރިމީހާ ޒާހިރު މާލެއައީ ވީހާވެސް އަވަހަކަށް އައްޑުއަށް ގޮސް ޝަޒާދާގެ ކިބައިން މަޢާފަށް އެދޭނަމޭ ހިތައެވެ. އޭނާ އުންމީދުވެސް ކުރެއެވެ. ޝަޒާދާއާއި ގީތާ އޭނާއަށް މަޢާފް ކުރާނެއެވެ. ނަމަވެސް، އޭނާ ލަދުގަނެއެވެ. ރަށުގެ ރައްޔިތުންނާއި (އަވަށްޓެރިންނާ) އޭނާ ކުރިމަތިލާނީ ކޮން މޫނަކާ އެކުގައި ހެއްޔެވެ؟ އެއީ މިހާރު އޭނާގެ ހިތަށް އަރާ ފައިބަމުންދާ ވާހަކަތަކެވެ. އޭނާ ޤަބޫލު ކުރެއެވެ. އޭނާއަކީ ވަރަށްބޮޑު ކުށްވެރިއެކެވެ. ނަމަވެސް، މިއަދު އޭނާވަނީ އެކަށް ތައުބާވެފައެވެ. މިހާރު އޭނާ ބޭނުންވަނީ ދުނިޔޭގެ އިތުބާރާއި ރުހުން ހޯދާށެވެ.

އައްޑުއަށް ދާން ފުރުމުގެ ކުރިން، ޝަޒާދާއަށް ގުޅައި، މަޢާފަށް އެދުމަށްވެސް ޒާހިރުގެ ހިތަށްއެރިއެވެ. ނަމަވެސް، އޭނާއަކަށް އެ ހިތްވަރެއް ނުލިބުނެވެ.

އެދުވަސްވަރަކީ އައްޑުއަށް މަތިންދާބޯޓުގެ ޚިދްމަތް ހުއްޓިފައި އޮތް ދުވަސްވަރަކަށްވުމުން، އޭނާ ރަށަށް ދާން ފުރީ ކަނޑު ބޯޓަކުންނެވެ.

[ސޮރީ.....] ފެންވަރަން ހުރި އިޔާދު ސިއްސައިގެން ދިޔައީ، މަލަކާގެ އަޑުންނެވެ. އިޔާދު ވަށައިގެން އެނބުރެން ފެށިއެވެ. ނަމަވެސް މަލަކާއެއް ފެންނާކަށް ނެތެވެ.

[ކާކު.....!؟] މަލަކާކަން އެނގުނަސް، އިޔާދު މިހާރު ނިކަން ބިރުގަނެއެވެ. ނަމަވެސް، މަލަކާގެ އިތުރު އަޑެއް ނީވުނެވެ. އެހެންކަމުން، އޭނާ އިރުކޮޅަކު ހިމޭނުން ހުރުމަށްފަހު، ފެން ހިއްކަން ފެށިއެވެ. އެޔާއެކު ޕަސްލާފައި މާގަނޑުން ފެން އަންނަން ފެށިއެވެ. އިޔާދު އިސްކުރުގައި ހިފެހެއްޓިއެވެ. ނަމަވެސް ފެން ބަންދެއް ނުވިއެވެ. އިސްކުރުން ޕްރެޝަރުގައި ފެން އަންނަމުން ދިޔައެވެ.

އިރުކޮޅެއް ވަންދެން ފެން އިސްކުރާ ދިމާއަށް ބަލަން ހުރެފައި، އިޔާދު ފާޚާނާއިން ނުކުތީ ބިރުން ވިރިވިރި ހުރެއެވެ.

ނަމަވެސް، ފާޚާނާތެރެއިން ދިމާވި ބިރުވެރި ކަންތައްގަނޑުގެ ވާހަކައެއް އޭނާ ގީތާއަކަށް ކިޔައެއް ނުދެއެވެ. ގީތާއަށް ކިޔައިދީފިއްޔާ، ގީތާ ފާޚާނާއަކަށްވެސް ނުވަންނާނެއެވެ. އެ މަލަކާއަކާހުރެ މިހާރުވެސް ގީތާ ހުންނަނީ ބިރުން ހަލާކުވާވަރުވެފައެވެ.

އާދައިގެ މަތިން މިގޮތަށް ދުވަސްތައް ފާއިތުވަމުންދެއެވެ. ފާއިތުވެދާ އެއްވެސް ރެއެއްގައި އިޔާދުގެ ފަރާތުން ގީތާއަކަށް ލޯތްބެއް ނުލިބެއެވެ. އެއަށްވުރެން ކުރިން ކޮންމެ ރެއަކުވެސް މަލަކާ އިޔާދު އޭނާގެ ދަލުގައި ޖައްސައިގެން، އޭނާގެ އުފާތައް ޙާޞިލް ކުރެއެވެ. އިޔާދަށް ގީތާއަށް ލޯބި ނުދެވުމުގެ އެންމެބޮޑު އަޞްލަކީ އެއީއެވެ.

[މިހާރަކަށް އައިސް އިޔާދު މުޅިން އަހަރެން އެއްލާލައިފި. އަހަރެން މުޅިން އެކަނިވެރިވެއްޖެ.] ހެނދުނު ނާސްތާކުރަން އިނދެފައި ގީތާ ޝަކުވާ ކުރިއެވެ.

[ތިބުނީ ކޮންގޮތަކުން އެކަނިވެރިވި ވާހަކަތަ؟] ގީތާ ބުނި އެއްޗެއް އިޔާދަށް ނުވިސްނުނެވެ.

[މިހާރު އިޔާދު އެއްވެސް ވަރަކަށް އަހަންނަކަށް އަޅައެއްނުލާ. ބައެއްފަހަރު ހީވާކަހަލަ، މިހާރު އަހަންނަކީ ހަމައެކަނި ނަމެއްގައި އުޅޭ މީހެކޭ.] ގީތާ ފެންކަޅިވިއެވެ.

[މާބަނޑު ދުވަސްވަރަށް ވިސްނައިގެން އުޅެންވާނީ. އާ ކުއްޖަކަށް ބަލިވެ އިންނައިރު، މާގިނައިން ކައިރިވާކަށް ނުވެސްވާނެ.] މޮޅު ޖަވާބެއް އިޔާދު ރާވާލިއެވެ.

[ތިކަން އަހަންނަށްވެސް ވިސްނޭ. ވިސްނޭތީތާ، މިހުރިހާ ދުވަސްވީއިރުވެސް ޗުއްޕުވެސް ނުބުނެ މިހުރީ. އެކަމަކު މިއަދު މިހެން މިބުނީ، އެއްވެސް ވަރަކަށް މިހާރު އަހަންނާ ދޭތެރޭ ނުވިސްނާކަން އަހަންނަށް އެނގޭތީ.] ގީތާ ބުންޏެވެ. އޭރު ގީތާގެ ދެލޯވަނީ ފެންކަޅިވެފައެވެ. އިސާހިތު އޭނާގެ ދެލޯ ކަރުނައިން ތެމިއްޖެއެވެ.

[ގީތު ނުރޮއޭ...އަހަރެން އަހަރެންގެ ކުށް ޤަބޫލުކުރަން. ގީތު ބުނާހެން މިހާރަކަށް އައިސް އަހަރެންގެ ފަރާތުން ގީތާއަށް އެއްވެސް އުފަލެއް ނުލިބޭ.] އިޔާދު ގީތާގެ ދެލޯ ފޮހެދެމުން ބުންޏެވެ.

[އެކަމަކު ދެން އެހެންވިޔަކަ ނުދޭނަން. އަހަރެން ގީތުއަށް އަނބިފިރިކަމުގެ އުފާތައް ދޭނަން.] އިޔާދު ގީތާ ގެނެސް، އޭނާގެ މެޔާލާ ބޮނޑިކޮށްލިއެވެ. އޭރު ގީތާ ރޮނީއެވެ. ނަމަވެސް، އޭނާއަށް ގީތާއަށް އަޅާނުލެވެނީ، މަލަކާގެ ތުރާތަކުގެ ސަބަބުން ކަމެއް، ގީތާއަށް ހާމަކުރާކަށް އޭނާ ބޭނުމެއް ނޫނެވެ.

މަލަކާގެ ކިބައިން ސަލާމަތްވެ، ގީތާއާއެކު ވަގުތު ހޭދަކުރުމަށް އެދުވަހު އިޔާދު ޢަޒުމް ކަނޑައެޅިއެވެ.

ނަމަވެސް އެރޭވެސް އޭނާއަކަށް ބާރެއް ލިބޭގޮތެއް ނުވިއެވެ. ވަގުތު ޖެހުނުއިރު، މަލަކާ އިޔާދުގެ ކިބައިން އުފާވެރިކަން ލިބިގަތުމުގެ ސަބަބުން އިޚްތިޔާރުން ބޭރުގައި އިޔާދަށް ޖެހުނީ ގީތާގެ އެދުމުގައި ކޮޅުފައިން ޖަހާށެވެ.

އެހެންކަމުން، ވެގެން އުޅޭގޮތް ނޭނގޭތީ، ގީތާގެ ލޮލުން ހިނދުކޮޅަކަށްވެސް ކަރުނަ ހިކޭކަމަކަށް ނުވެއެވެ. އެހެންކަމުން، އިޔާދަށް މަޖުބޫރުވީ ލަދުކަނޑާލާފައި ރެކިބޭބެގެ ގާތަށް ދިޔުމަށެވެ. އޭނާ ފުރަތަމަ ގުޅީ ނަޒްމީއަށެވެ. އެކަނި އެގެޔަށް ދާން ޖެހިލުންވާތީއެވެ. މާގިނައިރުތަކެއްނުވެ ނަޒްމީ އަތުވެއްޖެއެވެ.

[ހިނގާ އެއްކަލަ ތަވީދު ބަލައި ދަމާ....] ނަޒްމީ އައިސް ވަނުމާއެކު، އިޔާދު ބުންޏެވެ. ނަމަވެސް، މަލަކާ އޮޅުވާލައިގެން ކޮންމެ ރެޔަކު އޭނާއާ ގުޅުން ބާއްވާ ވާހަކަ، އެއްވެސް މީހަކަށް ކިޔައިދޭކަށް އޭނާ ބޭނުމެއް ނުވެއެވެ.

[އަވަހަށް ހިނގާ....ކީއްވެތަ، އެ ތަވީދު ނުހޯދާ މާލަސްކޮށްލީ....އެ ތަވީދު ބަލާ އަންނަން ބުނެފައި އޮންނަތާ މިހާރު ކޮން ދުވަހެއް.] ނަޒްމީ ބުންޏެވެ. އިޔާދާއި ނަޒްމީއާ ދެމީހުން އެކީގައި ހިނގައިގެންފިއެވެ.

[އޭތީގެ މާބޮޑު އުނދަގުލެއް ނުވާތީ އަޅާނުލެވި ހުރީ.] އިޔާދު ހެދީ ދޮގެވެ. އޭރު އެދެމީހުން ސައިކަލަށްއަރާ ނައްޓާލަނީއެވެ. ސައިކަލް ދުއްވަމުން ދިޔައިރުވެސް އިޔާދު އިނީ ނިކަން ބިރުންނެވެ. ކޮންމެފަދަ ދިމާޔަކުންވެސް މަލަކާ ކުރިމަތިލާފާނެޔޭ ހިތަށްއަރާވަރުންނެވެ. އެހެން ނަމަވެސް، ރެކިބޭބެ ގެޔަށް ދެވުނުއިރުވެސް، ނަޞީބު ރަނގަޅުކަމުން މަލަކާގެ މޭރުމެއް ނުވިއެވެ.

[ހާދަ ދުވަހެއް ކޮށްފައި. ތަވީދު ނިންމާފައި އޮންނަތާ މިހާރު ކޮން ދުވަހެއް....އަވަހަށް އާދޭ ތަވީދު އަޅަން.] އިޔާދުމެން ވަނުމާއެކު، ރެކިބޭބެ ދަނެގަތެވެ. އިޔާދާއި ނަޒްމީ ރެކިބޭބެގެ ކޮޓަރިއަށް ވަދެއްޖެއެވެ.

[މިހާރުވެސް އެ ޖިންނީގެ އުނދަގޫތަކާ ކުރިމަތިވޭތަ؟] އިޔާދުގެ އުނަގަނޑުގައި ތަވީދު އަޅުވައިދިނުމަށްފަހު، ރެކިބޭބެ އެއްސެވެ.

[އުނހު...ނުވޭ....] އިޔާދު ހިތްހަމަޖެހުމުގެ ނޭވާއެއްލަމުން ދޮގު ހެދިއެވެ.

އެރެޔަށްފަހު، ދެން ފާއިތުވެދާން ފެށީ އިޔާދާއި ގީތާގެ ޙަޔާތަށް އައި އުފާވެރި ދުވަސްތަކެކެވެ. އިޔާދުގެ ފަރާތުން ގީތާއަށް ބޭނުންވާ ލޯބި، އޭގެ އެންމެ ފުރިހަމަގޮތުގައި ގީތާއަށް އައީ ލިބެމުންނެވެ. އެހެންކަމުން، ގީތާ މިހާރު ހުންނަނީ އިންތިހާއަށް އުފާވެފައެވެ. ޙަޤީޤަތުގައި މިދުވަސްވަރަކީ ގީތާއަށް ފިރިމީހާގެ ލޯބި އެންމެ ބޭނުންވާ ދުވަސްވަރެވެ.

ކޮންމެ ދެމަފިރިއެއްގެ ދިރިއުޅުމަށްވެސް ލޯތްބާއި އޯގާތެރިކަމަކީ އެންމެ މުހިންމު ފަރުވާއެވެ. އެ ފަރުވާއާނުލައި، ރަނގަޅު ގޮތުގައި ދިރިއުޅުން ބާއްޖަވެރި ކުރުމަކީ ވާނޭ ކަމެއް ނޫނެވެ.

އެކަކު އަނެކަކަށް އޯގާތެރިކަމާއި އަޅާލުން ނުލިބޭނަމަ، ޝަކުވާތައް ފެންމަތިވެ، ދެމަފިރިންގެ ދޭތެރޭ މައްސަލަތައް އުފެދި، ވަރިފަށަށް އެރުމަކީ ޢާންމު ދިރިއުޅުމުގައި ރާއްޖޭގައި ވަރަށް ޢާންމު ކަމެކެވެ.

ދުވަސްތަކަކަށްފަހު އިޔާދާއި ގީތާގެ ދިރިއުޅުމުގެ ތެރެއަށް މަލަކާ ފާޅުވީ، ގީތާގެ ބަނޑަށް ދުވަސްފުރި ވިހަން ކައިރިވެފައި ވަނިކޮށެވެ. ނަމަވެސް، މިފަހަރު ކުރީގެ މަލަކާއެއް ނޫނެވެ. މުޅިން ތަފާތެވެ. އޭތި (ޖިންނި) މިފަހަރު އައީ އިތުރު ބައިވެރިޔަކާ އެކުގައެވެ. އޭނާ (މަލަކާ) އަށް އިޔާދާ ކައިރިނުވެވޭތީ، އޭނާ ހަތިޔާރެއް ކަމަށް ބަލާނީ، އެ ބައިވެރިޔާ ކަމަށް ބެލެވެއެވެ.

[ބައްޕާ...ބައްޕާ....] ރޭގަނޑުގެ ކެއުމަށް އިންޞާފް ކުރަންއިން އިޔާދަށް ބިރާއި ސިހުން ލިބުނީ، ކުޑަ ފިރިހެން ކުއްޖެއްގެ އަޑުންނެވެ. އޭރު ގީތާވީ ފާޚާނާއަކަށް ގޮސްކަމުން، ކާގޭގައި އިނީ އޭނާ އެކަންޏެވެ.

[ކާކު...ކާކު....؟] އިޔާދު ކެއުން ހުއްޓާލާފައި، ވަށައިގެން ހޯދަން ފެށިއެވެ.

[ބައްޕާ...އަހަރެން....ބައްޕަގެ ދޮށީ ދަރިފުޅު.] މިފަހަރު ވަރުގަދަ އައްޔަކާއެކު، އަޑު އައި ދިމާލުން ކުޑަކުޑަ ކުއްޖަކު ފާޅުވެއްޖެއެވެ. އެކުއްޖާ ހުރީ އިޔާދާ ދިމާއަށް ބަލަހައްޓައިގެނެވެ.

[ކޮން ދަރިއެއް؟ އަހަރެންގެ ދަރިއަކު ނުހުންނާނެ، ހަމަ މިހާރު މިތަނުން ނުކުމޭ...މިހާރު މީ ދެން ކިހާ ބޮޑު ކަމެއް.] އިޔާދު ހަޅޭއްލަވައިގަތެވެ. އެ ކުޑަކުއްޖާ އިޔާދާ ގާތަށް އަންނަން ފެށިއެވެ. އިޔާދު ތެދުވެ ފަހަތަށް ޖެހެން ފެށިއެވެ.

[ބައްޕާ....އަހަރެންމީ ބައްޕަގެ ދަރިފުޅޭ...އާނ މަލަކާއާއި ތި ބައްޕަގެ ދަރިފުޅު. އަހަރެން މިއައީ މަންމަ ފޮނުވައިގެން. މަންމަ ބުނީ، މިގޭގައި ކޮއްކޮއަށް އުޅެވޭނެޔޭ.] އެ ކުޑަކުއްޖާ އައިގޮތަށް އައިސް އިޔާދުގެ އިނގިލިކުރީގައި ހިފެހެއްޓިއެވެ. ބިރުގެންފައި ހުރި އިޔާދު އަތް ފޮޅުވާލިއެވެ. އެޔާއެކު އެކުއްޖާ ބުރައިގެން ގޮސް ކަނަކަށް ގުޅަޔަކަށް ޖެހުނެވެ.

[އައްދިޔޯއި....] އެކުއްޖާ ދެލޯ އަނގުރުކޮޅެއްހެން ހަދާލުމަށްފަހު، އިޔާދާ ދިމާއަށް ލޯ އަޅާލިއެވެ. މިހާރު އެކުއްޖާ ހުރިގޮތް ފެނިފައި، ކޮންމެފަދަ މީހަކުވެސް ބިރުގަންނާނެއެވެ. އެކުއްޖާގެ އަނގައިންވެސް ދުންތަކެއް އަރަމުންދެއެވެ.

[ބައްޕާ އަހަރެން އުޅޭނީ މިގޭގައި. އަހަންނަކީ ބައްޕަގެ ދޮށީ ދަރިފުޅު. އަހަންނަށް ބައްޕައެއްގެ ލޯބިވެސް ބޭނުން.] އެ ކުޑަކުއްޖާ އިޔާދާ ދިމާއަށް އަންނަން ފެށިއެވެ. އިޔާދުގެ ސިކުނޑި ސުމަކަށް ދިޔަކަހަލައެވެ. ހަދާނެގޮތް ހުސްވެފައި، ހުއްޓުން އަރާފައި، އޭނާއަށް ހުރެވުނީ، އެ ދަރިފުޅާ ދިމާއަށް ބަލަހައްޓައިގެންނެވެ.

[ކަލޭގެ މަންމަ ގާތު ބުނޭ، އަހަންނަކަށް ނުބެލެހެއްޓޭނޭ....އަހަންނަށް އުނދަގޫ ނުކޮށް މިރަށުން ފައިބައިގެން ދާންއުޅޭށޭ.] އިޔާދު ބުންޏެވެ.

އެކުއްޖާ ރޮމުން ގޮސް އެތަނުން ނުކުމެއްޖެއެވެ. އިޔާދުގެ ހާސްކަން އިތުރުވެއްޖެއެވެ.

[އަނެއްކާ މިޖެހުނީ އަނެއް ކަންތަކާ. ކޮން ބަހަނާއެއް ދައްކާފަތަ، އަހަރެން އެކުއްޖަކު މިގެއަށް ގެންނާނީ.] އިޔާދަށް ހިތާހިތާ ކިޔުނެވެ. އޭނާއަށް ޔަޤީންވެއެވެ. އޭނާ އެކުއްޖާ ބަލަހައްޓަން އެއްބަސްނުވިޔަސް، މަލަކާ އޭނާގެ ބޮލަށް އެކުއްޖާ ޖަހާނެއެވެ. އެކުއްޖާ އެގޭގައި ގެންގުޅުމަށް ބާރުއަޅައި، ބިރުވެސް ދައްކާނެއެވެ. ވީމާ، މިއަދު އެކަންތަކާ ވަރަށް ފުންކޮށް ވިސްނަން އޭނާއަށް މަޖުބޫރެވެ.

[އިޔާ ހާދަ ހާސްވެފައި...] ކާން އިން އިޔާދު ސިހުނީ، ގީތާ އައިސް އެތަނަށް ވަނުމުންނެވެ.

[އޭނ...ހާސްވެއްޖެތަ؟] އިޔާދު ތެޅިގަތެވެ.

[އާނ، ތަށްޓަށް އަތްލައިގެން ގަނޑުވެފައި އިންނަތާ ކޮންއިރެއް މިހާރު.] ގީތާ އައިސް އިޔާދާ ޖެހިގެން ހުރި ގޮނޑީގައި އިށީނދެއްޖެއެވެ.

[ކާން އިންދާ ކުއްލިއަކަށް ކާހިތްކެނޑުނީމަ އިނދެވުނީ. ގީތު ކައިފިންތަ؟ ނުކަންޏާ އާދޭ ކާން.] އިޔާދު ބުންޏެވެ.

[އަހަރެންވެސް މިއުޅެނީ ކާން ފަށަން.] ގީތާ ތަށްޓަށް ބަތް ސަމުސަލެއް އަޅަމުން ވާހަކަ ދެއްކިއެވެ. އިޔާދު އަތް ދޮވެގެން އެތަނުން ނުކުމެއްޖެއެވެ. އިޔާދު ގޮސް ވަނީ ކޮޓަރިއަށެވެ. ދެވަނަފަހަރަށް އެ ކުޑަ ކުއްޖާ އައިސް އިޔާދުގެ ކުރިމައްޗަށް ހުއްޓުނީ އެވަގުތެވެ.

[އަނެއްކާވެސް ކީއްކުރަން ތިއައީ. ހަމަ މިހާރު މިކޮޓަރިން ނުކުމޭ.] އިޔާދު ހަޅޭއްލަވައިގަތެވެ. އެކުއްޖާ މަޢުޞޫމް ގޮތަކަށް އިޔާދުގެ މޫނަށް ބަލަހައްޓައިގެން އިނެވެ.

[ބައްޕާ...މިފަހަރުވެސް އަހަރެން ދިޔައީމަ، މަންމަ ބުނީ މަންމައަކަށް އަހަންނެއް ނުބެލެހެއްޓޭނެޔޯ.] ބައްޕަ ގާތު ބުނާށޯ، އަހަރެން ހުންނާނީ މިގޭގައި ބައްޕަގެ ޙިމާޔަތުގަޔޯ.] އެކުއްޖާ ފެންކަޅިވެއްޖެއެވެ.

[މަންމައަކަށް ނޭނގޭނެ. ބުނޭ ތިކަމެއް ނުވާނެޔޭ....] އިޔާދުގެ އަޑު ކުރިއަށް ވުރެންވެސް ބާރުވިއެވެ.

[ނޫން ބައްޕާ....ޒަބީލް އުޅެން ބޭނުންވަނީ މިގޭގައި، ގީތާ މަންމަޔާއެކު.] ޒަބީލް އިޔާދާ ގާތަށް ޖެހެން ފަށައިފިއެވެ. އިޔާދު ވިސްނަން ފެށިއެވެ. އެވަރު ކުއްޖަކު އޭނާ އެގެޔަށް ގެންނާނެ ގޮތަކާ ދޭތެރޭގައިވެސް ވިސްނުނެވެ.

[އާނ...އިހަށްދޭ...މިގެޔަށް އަންނަންވީމަ އަހަރެން ބުނާނަން.] އިޔާދު ޒަބީލްގެ ހިތްހަމަޖައްސާލަދިނެވެ. ލިބުނު އުފަލާއެކު، ޒަބީލް ދުވަމުން ފުމެމުން ގޮސް އެތަނުން ނުކުމެއްޖެއެވެ.

މިރޭ ނިދަން އޮށޯވެ، ޒަބީލް އެގެޔަށް ގެނައުމާ ދޭތެރޭ އިޔާދު ގީތާއާ މަޝްވަރާ ކުރާނެއެވެ. ގީތާ ޤަބޫލުވާނޭ ގޮތަށެވެ. އެހެންކަމުން، އިޔާދުހުރީ ގީތާ އައިސް ކޮޓަރިއަށް ނުވަދެގެނެވެ.

[ގީތު...އަހަރެންގެ ރައްޓެހި ހުވަދުއަތޮޅު މީހެއްގެ ދަރިޔަކު، ދުވަސްކޮޅަކަށް މިގޭގައި ބަހައްޓައިދޭން ވެއްޖެޔޯ. ރޭގައި ގުޅާފައި، އެކުއްޖާގެ ބައްޕަ ބުނެފި. އަހަންނަށް އާއެކޭވެސް ބުނެވިއްޖެ.] އިޔާދު ބުންޏެވެ. ދޮގު ހަދަމުންނެވެ.

[މައްސަލައެއް ނެތް...އެއީ ކީއްކުރަންށޯ.] ގީތާ ބުންޏެވެ.

[އެކުއްޖާގެ މަންމައާއި ބައްޕަ ދެމަސް ދުވަސް ވަންދެން އިންޑިޔާގައި މަޑުކޮށްލަން ޖެހޭތީޔޯ. ފަހަރެއްގައި އެއަށްވުރެންވެސް ދުވަސް ވެދާނެޔޯ.] އިޔާދު އަނެއްކާވެސް ދޮގު އިތުރުކުރިއެވެ.

[ބުނޭ ފޮނުވާށޭ. އިޔާދުގެ ރައްޓެއްސެއްގެ ދަރިޔަކު ވެއްޖެއްޔާ، އަހަރެން ޢުމުރު ދުވަހަށްވެސް ބަލަހައްޓައިދީފާނަން.] ގީތާ ބުންޏެވެ. އިޔާދަށް ހަމަޖެހުން ލިބުނެވެ.

[މާދަމާ ހީވަނީ އެމީހުން އެކުއްޖާ ފޮނުވާނެހެން.] އިޔާދު ބުންޏެވެ.

[ވަރަށް ކުޑަ ކުއްޖެއްތަ؟] ގީތާ އެއްސެވެ.

[އަދި ދެއަހަރުވަރު ވާނީ.] ޢުމުރާ ބަލާފައި، އެކުއްޖާ ބޮޑުކަމުން، އިޔާދު ބުނީ ޢުމުރު މަތިކޮށްފައެވެ. ޙަޤީޤަތުގައި އަދި އެކުއްޖާގެ ޢުމުރުން އަހަރެއްވެސް ނުވެއެވެ. ވާނީ ހަތަރުވަރަކަށް މަހެވެ.

[އެވަރު ކުއްޖަކު މައިތިރި ކުރެވޭނެބާ؟] ގީތާއަށް ހިތާހިތާ ކިޔާލެވުނެވެ.

[އާނ، އެކަމުގައި މައްސަލައެއް ދިމައެއް ނުވާނެ. އެކުއްޖާއަށް ވަރިހަމަވާނެޔޯ، ދުވަހަކު މަންމައާއި ބައްޕަޔަކު ނެތަސް.] ކުއްޖާއާބެހޭ ފުރިހަމަ މަޢުލޫމާތު ގީތާއަށް އިޔާދު ދެމުންދިޔައީ، އަނބިމީހާގެ ގާތު ދޮގު ހެދުމުގެ ޤަޞްދުގައެއް ނޫނެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. ނިދިން ހޭލައިގެން އެންމެ ފުރަތަމަވެސް އިޔާދު ދިޔައީ އަތިރިއަށެވެ. އެކުއްޖާ، އާދެ! ޒަބީލް އައިތޯ ބެލުމުގެ ބޭނުމުގަޔޭ ކިޔާފައެވެ.

[އަންނާނަން، އެ ދޯނި އައިތޯ އަތިރިއަށް އެރިލާފަ. ހަމަގައިމުވެސް މިއަދު އެސޮރު އަންނާނެ.] އިޔާދު ގެއިން ނުކުންނަމުން ބުންޏެވެ. ގީތާ ވަނީ ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމަށްޓަކައި ބަދިގެއަށެވެ. އޭރު ބަދިގޭގައި ޝާރިޔާއާއި ޝަޒާދާ ރޮށިފިހަން އުޅެއެވެ. އެކަކު ރޮށި ދަމާއިރު، އަނެކަކު ފިހެނީއެވެ.

[އަނހަ....ކީއްކުރަން ދަރިފުޅު ބަދިގެއަށްވަނީ. ދަރިފުޅު ދޭ އަރާމުކުރަން...މާބަނޑު ދުވަސްވަރު، މާބުރަކޮށް އުޅޭކަށްނުވާނެ. ކުއްޖާ ބޮޑެއް ނުވާނެ.] ޝާރިޔާ ބުންޏެވެ.

[އެއީ ފިސާރި ތެދެއް ދަރިފުޅާ....] ޝާރިޔާއަށް ތާއީދުކޮށްފައި ޝަޒާދާވެސް ބުންޏެވެ.

[މަންމަމެން ދައްކާ ވާހަކަދޯ. މިގޭގައި މާބުރަ މަސައްކަތެއް ނުވެސް އޮވެއެއްނު.] ގީތާ ހީގަންނަމުން ބަދިގެއަށް ވަނެވެ.

މާގިނައިރުތަކެއްނުވެ، ޒަބީލް އަތުގައި ހިފައިގެން އައިސް އިޔާދު ގެޔަށް ވަނެވެ. ޒަބީލް ފެނުމާއެކު، ގީތާ ގޮސް ޒަބީލް އުރާލީ ނުހަނު ލޯތްބާ އެކުގައެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން