މިދުވަސް ވަރަކީ އަނެއްކާވެސް ކުރީގެ މަޝްހޫރު ލަވަކިއުންތެރިއާ އަލީ ރަމީޒާއި ބެހޭގޮތުން ސޯޝަލް މީޑިއާގައި އެކި ގޮތްގޮތަށް ތަފާތު ވާހަލަތައް ދެކެވެމުންދާ ދުވަސް ވަރެކެވެ. މި ކަމެއް ހިލިގަތީ ކޮންމެވެސް ލަވަކިއުންތެރިއަކު ލަވަކިއުމުގެ ރޮނގުން އަލީ ރަމީޒާއި ވާދަ ކިޔާލީމާޔޯލައެވެ. އަލީ ރަމީޒަކީ މިހާރު އެކިޔާ ލަވަކިޔުމާއި މުޅިން ދުރުވެ އެކަން ހަނދާންވެސް ނައްތާލާފައިވާ މީހެކެވެ. އިރެއްގައި އޭނާ ލަވަ ކިޔެވެ. ލަވަ ކީއިރު އޭނާ ވަރަށް ވެސް މަޝްހޫރެވެ.

އެކަމަކު އެއީ އޭނާގެ މާޒީއެވެ. މިހާރު އެއީ އޭރުގެ އަލީ ރަމީޒެއް ނޫނެވެ. އޭނާ މިހާރު އެދުވަސް ހަނދާން ކުރާކަށްވެސް ބޭނުމެއް ނުވެއެވެ. އެހެންވީމާ ލަވަކިއުމުގެ ރޮނގުން މީހަކު އަލީ ރަމީޒާ ވާދަ ކިއުމަކީ ނުވަތަ ވާދަ ކުރަން އުޅުމަކީ މިހާރު މި ދުނިޔޭގައި ނުވެސް ނެތް ޚިޔާލީ މީހަކާއި ވާދަކިޔުން ކަހަލަ ކަމެކެވެ. ތެދެކެވެ. އަލީ ރަމީޒު ލަވަކިއުމާއި މުޅިން ދުރުވެ އެކަމުގެ މަތީން ހަނދާން ނައްތާލިއަސް އޭނާ ކިޔާފައިވާ ލަވަތަކުގެ އަޑު އަދި މި ޖީލުގައި ނީވި އަޑުކެނޑި ހިނގައިދާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

މި ކޮލަމްގައި މިފަހަރު މި ހިއްސާ ކޮށްލަނީ ރާއްޖޭގެ ވަރަށް މަޝްހޫރު ނޫސްވެރިއެއް އަދި ޕްރެެޒެންޓަރެއް ކަމަށްވާ އަބްދުﷲ ޖަދުވާނު އަލީ ރަމީޒާއި ބެހޭގޮތުން އޭނާގެ ފޭސްބުކް ޕޭޖުގެ ޕޯސްޓެއްގައި ލިޔުއްވާފައިވާ ކުރު އެހެނަސް، މިދުވަސްވަރާއި ވަރަށް ގުޅޭ ވަރަށް ފުރިހަމަ ލިއުއްވުމެކެވެ. މިލިއުން މިހިއްސާކޮށްލަނީ އޭނާގެ އިޒުނައާއި އެކީގައެވެ.

=========================================

-ޢަބްދުﷲ ޖަދުއާން-

އަޅުގަނޑުގެ ޢުމުރުން ވަރަށް ކުޑައިރެވެ. ސްކައުޓެއްގެ ޙައިއްސިޔަތުން މާލޭގެ ސްކޫލެއްގައި އޮތް ކާނިވަލެއްގައި ފޯރިމަރަން ޖެހުނެވެ. ކުރަންޖެހޭ ކަމަކީ ކާނިވަލަށް އަންނަ މީހުންނަށް މަގުދައްކައިދިނުމާއި، ޓިކެޓު ނަގައިގެން ވަދެވޭ ސަރަޙައްދުތަކަށް ޓިކެޓުނެތި މީހުން ވަދޭތޯ ބެލުމެވެ. އެރޭ ގާތްގަނޑަކަށް 7:30 އެހައިކަންހާއިރެވެ. އާދަޔާ ޚިލާފަށް ކާނިވަލަށް މީހުން ވަންނަންފެށިއެވެ. ވިއްކަން ކަނޑައެޅި ޓިކެޓު ވިކި ހުސްވެ ދޮރާށިބޭރުގައި އެތައްބަޔަކު ކިއުޖެހުނެވެ. އަލުން ޓިކެޓު ހަދައިގެން ގެނެސް ވިއްކަންފެށުމުންވެސްވީ މިވަރެވެ. ޖާގަ ފުރި ދޮރާށި ބަންދުކުރިއިރުވެސް މީހުންގަނޑު ބޭރުގައި އޮތެވެ.

މިވީ ކީއްކަން އެނގޭތޯއެވެ؟ މަޝްހޫރު ލަވަކިއުންތެރިޔާ ޢަލީ ރަމީޒުގެ ޝޯވއެއް އެރޭ 21:00ގައި އެތަނުގައި އޮތީއެވެ. ޝޯވް ފެށުމާއެކު މީހުންގަނޑު ހީވީ އެހެންފަދަ ކަމެއް ހެންނެވެ. ފާރުމަތީގަޔާއި ފުރާޅު މަތީގަޔާއި މީސްމީހުންގެ ކޮނޑަށް އަރައިވެސް ޝޯބަލަން މީހުން ތިއްބެވެ. ދިވެހި ފަންނާނެއްގެ ޝޯވްއެއް ބަލަން ދިވެހިންގެބަޔަކު އެހެން އުޅުނުތަނެއް އޭގެކުރިންވެސް އަދި އޭގެފަހުންވެސް އަޅުގަނޑު ނުދެކެވެ.

އޭގެ ދުވަސްތަކެއްފަހުން ޢަލީރަމީޒް ލަވަކިއުން ހުއްޓާލިއެވެ. އެކަމާބެހޭގޮތުން ރާއްޖޭގެ ބައެއް ފަންނާނުން ނޫހަށް ދިން އިންޓަވިއުތަކުގައިވެއެވެ. ޢަލީ ރަމީޒް ކަމެއްގައި ގޮތެއް ނިންމައިފިނަމަ އެގޮތެއްގެ މަތީގައި ސާބިތުވެ ހުންނާނެއެވެ. އެއީ ޔަޤީންކަމެކެވެ. ދެން އޭނާ އެނބުރި ލަވަކިޔާތަނެއް ފެންނާހެނެއް ހިޔެއްނުވެއެވެ. އޭގެ ފަހުން ވިއްސަކަށްއަހަރުވީއެވެ. އެހަޤީގަތް އޮތީ އެހެންނެވެ.

ޢަލީ ރަމީޒް ލަވަކީ ދުވަސްވަރު އޭނާ މަޖައްލާއަކަށް ދިން އިންޓަވިއުއެއް ކިޔާލީމެވެ. އޭނާއާ ސުވާލުކޮށްފައިވެއެވެ. ޢަލީ ރަމީޒްގެ ދަރިފުޅު ލަވަކިޔުމާއިގެން ކުރިއަށް ދިއުމާމެދު ދެކެނީ ކިހިނެއްހެއްޔެވެ؟ ޢަލީ ރަމީޒް ބުނެފައިވެއެވެ. ދަރިފުޅު ލަވަކިޔާކަށް ބޭނުމެއްނޫނެވެ. ބޭނުންވަނީ ދަރިފުޅު މޮޅު ޤާރީއަކަށް ހަދާށެވެ.

ކީއްވެގެންތޯ ސުވާލުކުރުން ބުންޏެވެ. އަހަންނަށް ލިބުނުފަދަ މަޝްހޫރުކަމަކާއި، ކުރިއެރުމެއް ލަވަކިއުމުގެ ދާއިރާއިން ދަރިފުޅަށް ލިބިދާނެކަމަށް ޤަބޫލެއް ނުކުރެވެއެވެ. އޭރު ޢަލީ ރަމީޒަކީ ރާއްޖޭގެ މިފަންނުގެ ރަސްގެފާނެވެ.

އެބުނީ ވަރަށްބޮޑު ތެދެކެވެ. މިހާތަނަށް ރާއްޖޭގައި އެފަދަ މަޝްހޫރުކަމަކާއި ކުރިއެރުމެއް އަދި ޢާއްމުންގެ ތަރުޙީބު ލަވަކިޔައިގެން ލިބުނު ފަންނާނެއް ހުރިކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަމެވެ. އަދި މިހާތަނަކަށްވެސް ނެތެވެ.

ކޮންމެއަކަސް ޢަލީރަމީޒަކީ މިހާރު ލަވަކިއުންތެރިއެއްނޫނެވެ. އޭނާއަކީ އިސްލާމްދީނަށްޓަކައި މަސައްކަތްކުރާ އެދީން ކުރިއެރުވުމަށް ގަދައަޅައި މަސައްކަތްކުރާ ވަރުގަދަ ފަހުލަވާނެކެވެ. ދިވެހިރައްޔިތުން ދީނީގޮތުން ހޭލުންތެރިކުރުވައި ދީނީ ޝިޢާރު އުފުލުމަށް އެކުރާ މަސައްކަތަކީ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ މާތް މަސައްކަތެއްކަމަށް އަޅުގަނޑު ދެކެމެވެ.

ވީމާ މިހާރު އަލީ ރަމީޒްގެ ޝަޚުޞު ކަތިލައި، އޭނާއަށް ކުޑައިމީސްބަސް ރައްދުކުރުމަކީ ޤަބޫލުކުރެވޭނެ ކަމެއްނޫނެވެ. އެކަމާ އަޅުގަނޑު ދެކޮޅެވެ. މާތްﷲ ޢަލީ ރަމީޒަށް ސާބިތުކަން ދެއްވައި މަސައްކަތުގައި ބަރަކާތް ލައްވާށިއެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ޖަދޭ

02-Jun-2020

ޖަދުވާން ބުނެފިނަމަ އެދެން ނިމުނީތޯ. ޖަދުވާން ދެން މާ އަލީރަމީޒް ވެގެން އުޅެނީ. އަލީ ރަމީޒްގެ ކަންކަން ހުންނަަނީ ވަރަށް ދެއްކުންތެރިގޮތަކަށް.އެއީ ދީނީ ގޮތެއްނޫން. ކުޑަމިނުން ކޮއްކޮ ބުރުގާ އަޅުވާނުލެވުނު. ދެން ބަޔަކށް ދޭނެ ނަސޭހަތެއް ނޯންނާނެ.


14

ސަލީމް

02-Jun-2020

ރަމީޒަކީ މާތްމީހެއް.އަޚްލާޤު ރަގަޅު ދީން ވެރިއެއް.އޭނާއަށް ހެޔޮ ރަޙްމަތް ލައްވާށި.އާމީން.


34

ދިވެހިމީހާ

01-Jun-2020

ޢޭނާލަވަކިޔާލެއް ރީތިވުމާއިމެދު ދެބަހެއް ނެތެވެ. ޢެކަމަކު ކަންދެއްކުމުގެ އިންތިހާއެވެ. ލަވަކިއުން ހުއްޓާލާފައި އަލްބަމްތައް ކަނޑުފައްތައި އެކަން މީޑިއާ ވެދުވެރިކޮށް އިއްލާންކުރިއެވެ. ދީނީގޮތުން ކުރިކަމެއްނަމަ އިޝްތިހާރުކުރާކަށް ނުޖެހުނީސް އެވެ. ދޮންޏެއް ކުއްޔަށްހިފައިގެންގޮސް ކަނޑުނުފައްތައި ހަލާކުކޮށްފައި ގޭގައިހުރި ޑަސްބިނަށްލީނަމަވެސް އެކަންނިމޭނެއެވެ. ޢޭގެބަދަލުގައި ބޭނުންވީ އިޝްތިހާރުވާށެވެ. ތިމަންނައަށް ލިބުނު މަޝްހޫރުކަން ދަރިފުޅަށް ނުލިބޭނެއޭ ބުނުމުން އޭނާގެ އީމާންކަން ހުރިހިސާބު އެގެއެވެ. ދަރިފުޅު ލަވަނުކިޔައި ގުރުއާން ކިޔަވަން ބޭނުންވަނީ ދީނީގޮތުން ނޫންކަންއެގެއެވެ. ޢެއީ އޭނާއަށްލިބުނު މަޝްހޫރުކަން ދަރިފުޅަށް ނުލިބިދާނެކަން ޢޭނާއަށް އެގޭތީޔޯ. ޢެކަން އޭނާއަށް އެގުނުގޮތެއް ދެނެވޮޑިގެންވާނީ އެކަލާގެ.


22

ފަހުދު

31-May-2020

ޥަރަށް ބޮޑު ތެދެއް.މިހާރު އޭނަޔާ ދިމާކޮށްގެން އެއުޅެނީ ކާކު?އެއީ ލަވަ ކިޔާ މީހެއްތަ.އޭނަ 80 އަހަރުވަންދެން ނުނިދާ މަސައްކަތް ކުރިޔަސް އަލީ ރަމީޒާ އަރާ ހަމަ ނުކުރެވޭނެ.


21

މުހައްމަދު

31-May-2020

ވަރަށް ބޮޑު ތެދެއް


3

މީހާ

31-May-2020

އަބްދުﷲ ޖަދުވާން އެން ނޫން "އަޙުމަދު ޖަދުޢާން"


13

ޓއ

30-May-2020

އެއީ ތެދެއް. ރަށްރަށަށް އަލީރަމީޒު ސޯދޭންދިއައިރު މުޅިބަނދަރުމަތި އޭނާ ރިސީވުކުރަން ފުރާލާ.



ޓްރެންޑިން