ކީރިތި ވަންތަ މާތް ރަސްކަލާނގެ އަޅަމެންނަށް ފަރުޟު ކުރައްވާފައިވާ ކޮންމެ ކަމަކީ ވެސް އެކަމެއްގައި ހިކުމަތުން ފުރިގެންވާ އަދި ދެދުނިޔޭގައި ވެސް އޭގެ ފައިދާއާއި މަންފާ އެކުލެވޭ ކަމެއް ކަމާމެދު ކުޑަވެސް ޝައްކެތް އަދި ވަސްވާހެއްވެސް ނެތެވެ. ހަމަކަށަވަރުން ރޯދަ އަކީ ވެސް މީގެ ލާމަސީލު މިސާލެކެވެ.


މިއަދު މިދުނިޔޭގައި ހަތް ބިލިއަނަށް ވުރެ ގިނަ އިންސާނުން ދިރިއުޅެމުން އެބަދެއެވެ. މީގެ ތެރެއިން އުމުރުން 110 އަހަރުން މަތީގެ މީހުންގެ ގޮތުގައި މުޅި ދުނިޔޭގައި ތިބި ކަމަށް ލަފާ ކުރެވެނީ އެންމެ 500 މީހުންނެވެ. މި 500 އެއްހާ މީހުންގެ ތެރެއިން ކޮންމެ މީހަކު ވެސް އެމީހުންގެ އާންމު ދިރިއުޅުމުގައި ކޮށް އުޅޭ އެއްކަމެއް އޮވެއެވެ. އެއީ، ގަވައިދުން ރޯދަ ހިފުމެވެ. އެހެން ގޮތަކަށް ދަންނަވަނީނަމަ ދުވާލުގެ ގިނަ ވަގުތު ނުކައި ތިބުމެވެ.

މީގެ ސާފު މިސާލެއް ދަންނަވަން ތޯ އެވެ؟ އެމެރިކާގެ އަވަށެއް ކަމުގައިވާ މޮންޓާނާގައި ދިރިއުޅުނު ވޯލްޓާ ބުރޫނިން އަކީ އޭނާގެ ދިރިއުޅުމުގެ ބޮޑުބައެއް ދުޅަހެޔޮ ސިއްހަތެއްގައި ހޭދަކޮށް 114 އަހަރު ދުނިޔޭގައި އުޅުނު މީހެކެވެ. އޭނާގެ ކެއުމުގެ ވައްޓަފާޅި އަށް ދިރާސާގެ ނަޒަރަކުން ބަލާއިރު އޭނާ އަކީ މަދުން ކައިބޮއި އުޅުނު މީހެއްކަން ފާހަގަ ކުރެވެއެވެ. މިގޮތުން، އޭނާ ކައި އުޅުނީ ކޮންމެ ދުވަހަކު އެންމެ ދެ ފަހަރުއެވެ. އަދި ކޮންމެ ދުވަހެއްގެ 16 ގަޑިއިރު އޭނާ ހޭދަކުރީ އެއްވެސް އެއްޗެއް ނުކައި ހައިހޫނު ކަންމަތީގައި އެވެ.

ހަމަ ޔަގީނުން ވެސް ރޯދަ ހިފުމަކީ އޭގައި ގިނަގުނަ ފައިދާތަކެއް އެކުލެވޭ ކަމެއްކަން ކަށަވަރެވެ. އެއީ ސިއްހީ ނަޒަރަކުން ބެލިކަމުގައި ވިއަސް މެއެވެ. މިކަމަށް ހެކިދޭ ސައިންސުގެ ތަފާތު ގިނަ ދިރާސާތައް ވެސް އެބަހުއްޓެވެ. ކެއުމުގައި ވަކި މިންގަނޑެއް ބަހައްޓައިގެން ގަވައިދުން ރޯދަހިފުމަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށް މީހާ ބަލިތަކުން ދުރުވެ ހުރުމަށް އެޅޭނެ ފިޔަވަޅު ތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިޔަވަޅެކެވެ. ގިނަ ދިރާސާތަކުން ދައްކާގޮތުގައި ގަވައިދުން ރޯދަ ހިފުމަކީ އޭގެ ސަބަބުން ހަށިގަނޑުގެ ކޮލެސްޓްރޯލްގެ މިންވަރާއި ލޭގެ ޕްރެޝަރު އަދި ހަކުރުގެ މިންގަނޑުތައް އެންމެ އެދެވޭ ވަރުގައި ހިފެހެއްޓުމަށް ބާރުއަޅާދޭ ކަމެކެވެ. ހަމަ އެހެންމެ، ގަވައިދުން ރޯދަހިފުމަކީ އިންސާނާ އަށް ކުރިމަތިވާ ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުން ވެސް މީހާ ދުރުކޮށްދިނުމަށް ބާރު އަޅާ ކަމެކެވެ. އިންސާނުންގެ އިތުރުން ޖަރާސީމާއި ބައެއް ދިރޭ ސޫފާސޫފި ބޭނުންކޮށްގެން ކުރެވުނު އެތަކެއް ތަހުލީލުތަކުން ވެސް މިހަގީގަތް ވަރަށް ފުރިހަމައަށް ހާމަވެއެވެ.

އެކަމަކު، ރޯދައިގެ ސިއްހީ ފައިދާ އެންމެ އެދެވޭ ގޮތަށް ހާސިލުކުރުމަށް ކެއިންބުއިމުގެ ވައްޓަފާޅި ބަހައްޓަން ޖެހޭ މުހިއްމު އުސޫލެއް ފާހަގަ ކޮށްލާނަމެވެ. އެއީ، ކެއިންބުއިމުގައި، ރޯދައަށް ހުންނަ ދުވަހެކޭ އަދި އެހެން ދުވަހެކޭ ތަފާތު ނުކުރުމެވެ. މިސާލަކަށް، ރޯދަމަހު އަޅުގަނޑުމެން ބައެއް މީހުން ގެންގުޅޭ ނުރަނގަޅު އާދައެއް އޮވެއެވެ. އެއީ، ރޯދަމަހު ރޯދަ ވީއްލާ ގަޑީގައި އަދި ރޭގަނޑުގެ އެހެން ގަޑިތަކުގައި ވެސް އާދަޔާ ހިލާފަށް ގިނައިން ކެއުމެވެ. މީގެ ސަބަބުން ރޯދަމަސް ނިމޭއިރު ބައެއް މީހުންގެ ހަށިގަނޑުގެ ބަރުދަން އިތުރު ވެސް ވެއެވެ. އަދި ރޯދަމަހު މިގޮތަށް ހަށިގަނޑަށް ނުކަތާވަރަށް ގިނައިން ކެއުމާ ބުއިމުން އޭގެ ސަބަބުން ހަށިގަނޑަށް ނުހަނު ގެއްލުން ވެސް ވެއެވެ. ނަތީޖާއަކަށް ވެގެންދަނީ ހަކުރުބަލި ފަދަ ދާއިމީ ފަރުއާއެއް ނެތް ބަލިތަކަށް މަގުފަހި ވެސް ވުމެވެ.

ދެދުނިޔޭގެ ލާބައާއި މަންފާ ހޯދުމުގެ އަދި ރަނގަޅު ސިއްހަތެއްގައި އަމިއްލަ ހަޔާތް ވޭތި ކުރުމުގެ ނިޔަތުގައި އަޅުގަނޑަކީ ވެސް ގަވައިދުން ރޯދަ ހިފާ މީހެކެވެ. މިގޮތުން، ރޯދަމަހުގެ ބޭރުންވެސް ހަފްތާއަކު ދެދުވަހު ވަރު ރޯދައަށް ހުންނަމެވެ. އެކަމަކު، ކެއުމުގެ މިންގަނޑު އަބަދުވެސް އެއްވަރެއްގައި ހިފަހައްޓައި ރޯދައަށް ހުންނަ ދުވަހެކޭ ނުވަތަ އެނޫން ދުވަހެކޭ ތަފާތެއް ނުކުރަމެވެ.

ކިޔުންތެރިންގެ ހިޔާލު