ހަމަނުޖެހުންތަކެއްގެ ތެރޭގައި އޮތް ސްރީލަންކާގެ ބޮޑުވަޒީރުކަމުގެ މަޤާމަށް އެޤައުމުގެ ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހ އައްޔަންކޮށްފިއެވެ.

ސްރީލަންކާގެ ޔުނައިޓެޑް ނެޝަނަލް ޕާޓީ، ޔޫއެންޕީގެ ލީޑަރު އަދި ޤާނޫނޫ ހަދާ މަޖިލީހުގެ މެމްބަރު، ރަނިލް ވިކްރަމަސިންހަ ބޮޑުވަޒީރުކަމުގެ މަޤާމުގެ ހުވާކުރައްވާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި، ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ކުރިފުޅުމަތީގައެވެ.


ރަނިލް ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވާފައިވާއިރު، އޭނާ ބޮޑުވަޒީރުކަމުގެ މަޤާމަށް ގެންނަން މަޖިލީހުގެ އަޤްލަބިއްޔަތު އޮތް ރާޖަޕަކްސަގެ އެސްއެލްޕީޕީންވެސް ވަނީ ތާއީދުކޮށްފައެވެ.

ރަނިލް ވަނީ ސްރީލަންކާގެ ބޮޑުވަޒީރުކަމުގެ މަޤާމު މީގެކުރިން 5 ފަހަރެއްގެ މަތިން އަދާކޮށްފައެވެ. އެއީ 1993 އިން 1994އަށް، 2001 އިން 2004އަށް، 2015 ވަނަ އަހަރު ސަތޭކައެއްހާ ދުވަހު މަޤާމު އަދާކުރެއްވުމަށްފަހު، 2015 އިން 2018އަށް، އަދި 2018 އިން 2019އަށެވެ.

2020 ވަނަ އަހަރު އޭނާއަށް ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލާންޖެހުނުއިރު، އެ ފަހަރު އޭނާ ޤާނޫނު ހަދާ މަޖިލީހަށްވެސް އިންތިހާބުވެފައެއް ނުވެއެވެ. ނަމަވެސް 2021 ވަނަ އަހަރު ބޭއްވި އިންތިހާބު ކާމިޔާބުކޮށް އަނެއްކާވެސް އޭނާ ވަނީ ޤާނޫނު ހަދާ މަޖިލީހުން ޖާގަ ހޯއްދަވާފައެވެ.

ސްރީލަންކާގެ ބޮޑުވަޒީރުކަމުގެ މަޤާމުގައި އެންމެ ފަހުން ހުންނެވި މަހިންދަ ރާޖަޕަކްސަ މަޤާމުން އިސްތިއުފާދެއްވީ މިދިޔަ ހޯމަދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު