މެޖިސްޓްރޭޓް ޢަލީ ޝަރީފް
މެޖިސްޓްރޭޓް ޢަލީ ޝަރީފް
ދިއެފްއެމްގެ ކުރީގެ ސީއީއޯ އަދި މީޑިޔާ ކައުންސިލްގެ ކުރީގެ މެމްބަރު މަސްއޫދު ހިލްމީއަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގެ ހުކުމްގައި ފާޅުކަންބޮޑުކޮށް ގޯސްހަދައި ގާޒީއަކަށް ބަހައްޓަން ނުވާފަދަ އަމަލެއް ހިންގަވާފައިވާ ކަމަށް ބުނެ މެޖިސްޓްރޭޓް ޢަލީ ޝަރީފްގެ މައްސަލައެއް އަމިއްލަ ފަރާތަކުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފިއެވެ.

މަސްހޫރު ގާނޫނީ ވަކީލް އަދި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހްސިނުގެ އެޑަވަކަސީ ޗެމްބަރގެ ފަރާތުން ޖޭއެސްސީއަށް ހުށަހެޅި މި މައްސަލާގައި ބުނެފައިވަނީ އެހުކުމް ކުރި ލ. އަތޮޅުގެ އިސް މެޖިސްޓްރޭޓް އަދި ޖޭއެސްސީގެ މެމްބަރުކަން ވެސް ކުރައްވާ ޢަލީ ޝަރީފް ފަނޑިޔާރެއްގެ މަގާމުގައި ބަހައްޓަން އެކަށީގެން ނުވާފަދަ އަމަލެއް ކުރަށްވާފައިވާ ކަމަށެވެ.

ދައުލަތުން ހުށަހެޅި މައި ހެކިތައް ބޭރުކޮށް ކުރި އެހުކުމާއި ގުޅިގެން މެޖިސްޓްރޭޓް ޢަލީ ޝަރީފާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައި ވަނީ ސަރީއަތުގެ ކުރީ މަރުހަލާގައި މަސްއޫދު ހިލްމީއާއި ފާތިމަތު އާސިޔާގެ ހެކިބަސް ބަލައިގަނެވޭނެ ކަމަށް ހުކުމްކޮށް، ފަހުމަރުހަލާގައި އެނިންމުން ބަދަލުކޮށްފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށެވެ.

އަލީ ޝަރީފާއި ދެކޮޅަށް ހުށަހަޅާފައިވާ މި މައްސަލާގައި އިތުރަށް ބުނެފައި ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާއި މެދު ނިންމި ގޮތް މައްސަލާގައި ހިމެނޭ އެއްވެސް ފަރާތަކުން އިސްތިއުނާފް ކޮށްފައިނުވާއިރު، އެމަރުހަލާގެ ކޯޓަކަށް އެހުކުމް ބަދަލު ނުކުރެވޭނެ ކަމަށެވެ.

މެޖިސްޓްރޭޓް ޢަލީ ޝަރީފް ހުކުމް ކުރުމުގައި ހެކިބަސް ބަލައިނުގަތުމާއި ގުޅޭ ގޮތުން ޝަރީއަތުން ފާހަގަކޮށްފައިވާ ދެ ހާލަތަކީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާއި މެދު ގޮތް ނިންމި އިރުވެސް ވުޖޫދުގައި އޮތް ހާލަތެއް ކަމަށާއި އަދި ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާއި މެދު ގޮތް ނިންމި އިރު، އެ ދެފަރާތުގެ ހެކިބަސް ބަލައިގަތުމަށް ނިންމާފައި ވަނީ އެހާލަތަށް ރިއާޔަތްކުރުމަށް ފަހުގައިކަން އެނގޭ ކަމަށެވެ.

ދައުލަތުން މިމައްސަލާގައި ގިނަ ހެކިތަކެއް ހުށަހަޅާފައި ވީނަމަވެސް މެޖިސްޓްރޭޓް ޢަލީ ޝަރީފް ހުކުމްކުރިއިރު މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ހުރިހާ ހެއްކެއް ކަހަލަ ގޮތަށް ވަނީ ބޭރުކޮށްފައެވެ. މިމައްސަލާގައި ދައުލަތުން ވަނީ ވީޑިއޯ އާއި ވީޑިއޯ އެނަލިސިސް ރިޕޯޓާއި ފޮރިންސިކް ރިޕޯޓްގެ އިތުރުން މަންޒަރުދުއް މީހުންގެ ހެކި ބަހާއި މަސްއޫދަށް ފަރުވާދިން ޑޮކްޓަރުގެ ހެކިބަސް ވެސް ހުށަހަޅާފައެވެ. އެހެންނަމަވެސް ހުކުމް ކުރުމުގައި މިއިން އެއްވެސް ހެއްކަކަށް ރިއާޔަތް ކުރައްވާފައެއް ނުވެއެވެ.

މިމައްސަލާގައި ދައުލަތުން ދައުވާކުރާ ޝަމީމަކީ 2020 އަހަރު ލ. އަތޮޅުގައި އޮންނަ މަސްއޫދުގެ ކާރުގައި ރޯކޮށްލި މައްސަލާގައި ވެސް ފުލުހުން ތަހްގީގް ހިންގަމުންދާ ފަރާތެވެ. މައުލޫމާތު ލިބޭ ގޮތުގައި އަދި ވެސް މިމައްސަލައިގެ ތަހްގީގް ވެސް ފުލުހުން ނިންމާފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން