ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް އައްޝައިހް ހަލީފާ ބިން ޒާއިދު އަލް ނަހްޔާން އަވަހާރާވުމުގެ ހިތާމާގައި ރާއްޖޭގައިވެސް ގައުމީ ދިދަ ތިން ދުވަހަށް ބައިދަނޑިއަށް ތިރިކުރަން ސަރުކާރުން ނިންމައިފި އެވެ.

މިއަދު އަވަހާރަވި ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ރައިސް ޝައިހް ހަލީފާއަކީ ރާއްޖެއާ ގާތް ގުޅުމެއް ބޭއްވި ބޭފުޅެކެވެ. އެމަނިކުފާނު އަވަހާރަވުމާއި ގުޅިގެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމިއިރު މިއަދުން ފެށިގެން 40 ދުވަހަށް ޔޫއޭއީގެ ދިދަ ވެސް ބައިދަނޑިއަށް ތިރިކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތިން ދުވަހުގެ މުއްދަތަށް އެ ގައުމުގެ ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ފަރާތްތަކުން ހިންގާ އޮފީސްތައް ވެސް ބަންދުކުރުމަށް ވަނީ ނިންމާފައެވެ.

ޝައިޚް ޚަލީފާ ބިން ޒައިދް އަލް ނަޙްޔާން އަވަހާރަވުމާއި ގުޅިގެން ރައީސް ޞާލިޙް މިއަދުވަނީ ތައުޒިޔާގެ މެސެޖެއް ފޮނުއްވާފައެވެ.

ރައީސް ސާލިހުގެ މެސެޖުގައި ވަނީ ޔޫއޭއީގެ ރައީސް އަވަހާރަވުމާއި ގުޅިގެން ހިތާމަ ފާޅުކުރައްވާކަމަށް ވިދާޅުވެފައެވެ. ރައީސް ޞާލިޙް ވިދާޅުވީ ޝައިހް ހަލީފާއަކީ ދުރުވިސްނިވަޑައިގަންނަވާ، ހަރުދަނާ ލީޑަރެއް ކަމަށެވެ. އަދި އެމަނިކުފާނަކީ ރާއްޖެއާ ގާތް ގުޅުމެއް ބޭއްވި ބޭފުޅެއްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ޝެއިޚް ޚަލީފާ ބިން ޒައިދް އަވަހާރަވެފައިވަނީ މިއަދުގެ ވަގުތެއްގައިކަން ޔޫއޭއީގެ މިނިސްޓްރީ އޮފް ޕްރެޒިޑެންޝަލް އެފެއާޒުން ވަނީ ޔަގީންކަން ދީފައެވެ. އެމަނިކުފާނު އަވަހާރަވިއިރު، އުމުރުފުޅުން 73 އަހަރު ވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އެމަނިކުފާނު އަވަހާރަވީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހުގައެވެ.

ޝެއިޚް ޚަލީފާ ބިން ޒައިދް އަލް ނަޙްޔާނަކީ ޔޫއޭއީގެ ފުރަތަމަ ރައީސް، ޝެއިޚް ޒައިދް ބިން އަލް ސުލްތާން އަލް ނަޙްޔާންގެ ދޮށީ ދަރިކަލުންނެވެ. ބައްޕާފުޅު އަވަހާރަވުމާއިއެކު ޝެއިޚް ޚަލީފާ ޔޫއޭއީގެ ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގެންފައިވަނީ 2004 ވަނަ އަހަރުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން