އަންގާރަ ދުވަހު އޮތް ޔޯގާ ހަރަކާތާއި ދެކޮޅަށް ހިންގި ހަމަނުޖެހުމާއި ގުޅިގެން، ޝެއިހް ފަޒްލޫނާއި ޝެއިހް އާދަމް ނިޝާންގެ ދަރުސް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ހިފަހައްޓައިފިއެވެ.

އެ މިނިސްޓްރީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ނިޝާނާއި ފަޒްލޫނަށް ދޫކޮށްފައިވާ ހުއްދަ ހިފަހައްޓާފައި ވަނީ ގަލޮޅު ދަނޑުގައި އިއްޔެ އޮތް ޔޯގާގެ ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ ހަމަނުޖެހުން ހިންގި އެއްވުމަށް ހިތްވަރު ދީފައިވާތީއާއި އެ ދެ ފަރާތުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގާކަން މިނިސްޓްރީއަށް ފުލުހުންގެ އިދާރާއިން އަންގާފައިވާތީ ކަމަށެވެ. ނަމަވެސް އެ ހުއްދަ ހިފެހެއްޓި މުއްދަތެއް މިނިސްޓްރީން ބުނެފައެއް ނުވެއެވެ.

މިނިސްޓްރީގެ ބަޔާނުގައި ބުނީ، އިސްލާމު ދީނުގެ ނަމުގައި މަދުބަޔަކު ހިންގާ ނޭއްގާނީ އަމަލުތަކުގެ ނާޖާއިޒު ފައިދާ ނަގާ، އިސްލާމް ދީނަށާއި ދީނީ އިލްމުވެރިންނަށް ނިސްބަތްކޮށް ބަދުބަސް ބުނުމާއި، މަދު ބަޔަކު ހިންގާ ހަރުކަށި އަމަލުތައް ދީނީ އިލްމަށް ނިސްބަތްވާ އެންމެންގެ ބޮލުގައި އެޅުވުމަށް މަސައްކަތް ކުރަމުންދާދިއުން މިނިސްޓްރީން ކުށްވެރި ކުރާކަމަށެވެ. އަދި މުޖުތަމައުގައި އިލްމުވެރިންނަށް ދެވިފައިވާ ގަދަރާއި ހައިބަތު ކުޑަކުރުމަކީ ހަރުކަށިކަމަށް ހުޅުވާލެވޭ ދޮރެއް ކަމަށާ އެހެންކަމުން އެކަންކަމުން އާންމު ރައްޔިތުން ދުރުވެ ތިބުމަށް އެދޭކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

އިއްޔެގެ ހަމަނުޖެހުމާއި ގުޅިގެން ނިޝާނާއި ފަޒްލޫން ހައްޔަރުކޮށްފައިވަނީ މިރޭގެ ވަގުތެއްގައެވެ. އަދި ޕީޕީއެމްގެ ހަރަކާތު ކޮމިޓީގައި އިސްކޮށް އުޅޭ މުޙައްމަދު އިސްމާއިލް ވެސް މިރޭވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން އިއްޔެވެސް މި މައްސަލާގައި 6 މީހަކު ފުލުހުންވަނީ ހައްޔަރުކޮށްފައެވެ.

އިއްޔެ ފާހަގަކުރި މި އަހަރުގެ ބައިނަލްއަގްވާމީ ޔޯގާ ދުވަހާ ގުޅިގެން ގަލޮޅު ދަނޑުގައި ޔޯގާ ހެދުން ކުރިއަށް ގެންދަނިކޮށް ބަޔަކު އެތަނަށް ގަދަކަމުން ވަދެގަނެ، އެތަނުގައި ހުރި ދިވެހި އަދި އިންޑިއާގެ ގައުމީ ދިދަތަކަށާއި، މީހުންގެ ތަކެއްޗަށް ގެއްލުންދީ މީހުންނަށް ވަނީ ހަމަލާ ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން