ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާ ފޯމްތަކުގައި ފިންގަރޕްރިންޓް ޖަހާފައި ހުރިނަމަވެސް، އެ ފިންގަރޕްރިންޓްތައް ވެރިފައި ކުރެވޭނެ ގޮތެއް ހަމަޖެހިފައި ނޯންނަކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީއަށް އީސީގެ އިސް ފަރާތްތައް ހާޒިރުކޮށް މިއަދުވަނީ ޕާޓީތަކުން ހުށައަޅާ ވަގުފޯމްތަކުގެ މައްސަލައާއި ގުޅޭގޮތުން ސުވާލު ކޮށްފައެވެ. އެ ބައްދަލުވުމުގައި ކޮމެޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، ޕާޓީތަކަށް މެންބަރުން ވެއްދުމަށް ފުރަންޖެހޭ ފޯމްގައި ފިންގަރޕްރިންޓް ޖަހާގޮތަށް އޮތްނަމަވެސް، އެ ފިންގަރޕްރިންޓްތައް ވެރިފައި ކުރެވެން އީސީގައި ނުހުންނަކަމަށެވެ. އެހެންކަމުން ފިންގަރޕްރިންޓް ޖަހާފައިވަނީ ރަނގަޅު މީހާކަން، ފިންގަރޕްރިންޓް މެދުވެރިކޮށް، ޔަގީން ކުރެވޭނެ ގޮތެއް ނޯންނަކަމަށް އޭނާ ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ފިންގަރޕްރިންޓް ދެނެގަނެވޭނެ ނިޒާމެއް އަދި މެޝިންވެސް ރާއްޖޭގައި އަދި ނެތްކަމަށެވެ. ނަމަވެސް، ފިންގަރޕްރިންޓްގެ ގޮތުގައި "ކުލަގަނޑެއް" ގޮތަށް ފިންގަރޕްރިންޓް ޖަހާފައި އޮތުމަކުން ފޯމް ބަލައި ނުގަންނާނެކަމަށާއި، ފޯމް ޕްރޮސެސްކުރުމުގައި، ފިންގަރޕްރިންޓްގައި ހުންނަންވާނެ އެންމެ މައިގަނޑު މިންގަނޑުތައްކަމަށް ފުލުހުންގެ އިދާރާއިން ބުނެފައިވާ ކަންކަން ފުރިހަމަވޭތޯ ބަލާކަމަށެވެ.

ޕާޓީތަކަށް މީހުން ވެއްދުމުގައި އޮޅުވާލައިގެން އެކަން ކުރާ މައްސަލާގައި ކޮމެޓީގެ މެންބަރުން މިއަދު ވަނީ ގިނަ ކަންބޮޑުވުންތަކެއް ފާޅު ކުރައްވާފައެވެ. ރައްދުގައި، އީސީގެ ތެރެއިން ފޯމް ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާ ގޮތުގެ ތަފުސީލު އީސީން ކޮމެޓީގައި ދެއްވިއެވެ. އެގޮތުން، ޕާޓީއަކުން ފޯމެއް ގެނައުމުން އެ ފޯމްގައި އޮންނަ މީހާ، ވަކި ޕާޓީއަކަށް ވައްދައިގެން މައްސަލަ ނުޖައްސައި އަދި އޭނާ އުނިވާ ޕާޓީންނާއި ވައްދާ ޕާޓީންވެސް އެކަމުގެ ޝަކުވާ ނުކުރާހާ ހިނދަކު އެ މީހާގެ ފޯމަކީ ވަގު ފޯމެއްކަން ޔަގީންކުރަން ދަތިވާކަމަށާއި އެކަންކަން ހައްލު ކުރެވޭނީ ސިޔާސީ ޕާޓީތަކުން ވެސް ފުރިހަމައަށް އެއްބާރުލުން ދީގެންކަމަށް އީސީން ވަނީ ބުނެފައެވެ. އަދި އެހެން ޕާޓީއެއްގައި ހުންނަ މީހަކު ޕާޓީ ބަދަލުވުމުން އޭނާ ކުރިން ހުރި ޕާޓީއަށާއި އަލަށް ވައްދާ ޕާޓީއަށް ވެސް އީސީން އެކަން އަންގަމުން ގެންދާ ކަމަށް ފުވާދު ވިދާޅުވިއެވެ. ޕާޓީތަކަށް އެކަން އެންގި ނަމަވެސް ޕާޓީތަކުން އެކަންކަމަށް މާބޮޑު ސަމާލުކަމެއް ނުދޭކަން ފާހަގަވެފައިވާ ކަމަށް ފުވާދު ވިދާޅުވިއެވެ.

ކޮމެޓީގައި ވާހަކަ ދައްކަވަމުން، ފުއާދު ވިދާޅުވީ ވަގު ފޯމްގެ ގިނަ މައްސަލަތަކެއް އެ ކޮމިޝަނަށް މިހާރުވެސް ހުށަހަޅަމުން ދާކަމަށެވެ. އަދި ފާއިތުވި 6 މަސް ދުވަހުގެ ތެރޭގައި ހަމައެކަނި އެމްޑީޕީއަށް 7،000 މެމްބަރުން ވަގު ފޯމުގައި ވައްދާފައިވާކަމުގެ މައްސަލަ ހުށަހަޅާފައި އެބައޮތްކަމަށް ފުއާދު ވިދާޅުވިއެވެ. ހަމަ މިގޮތަށް އެހެނިހެން ޕާޓީތަކުންވެސް އެތައް ފޯމެއް ހުށަހަޅަމުންދާކަމަށް ފުއާދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން