ދެވަނަ ޑިވިޒަން ފުޓްބޯޅަ މުބާރާތުގައި މާދަމާ ޓާފް ދަނޑުގައި ނިއުރޭޑިއަންޓް ކުޅޭ މެޗު ބެލުމަށް ވެސް ނިއުގެ ސަޕޯޓަރުން ދަނޑުވަށާ އެތުރިލާނެކަމާމެދު ޝައްކު ނުކުރާކަމަށް އެ ޓީމްގެ މެނޭޖަރު ޢަލީ އިބްރާހީމް (ކައްޕި) ބުނެފިއެވެ.

މާދަމާ މަހިބަދޫއާއި ދެކޮޅަށް ނިއު ކުޅޭ މެޗާއި ގުޅޭގޮތުން "ރަސް އޮންލައިން" އަށް މައުލޫމާތު ދެމުން ޢަލީ އިބްރާހިމް ބުނީ، މާދަމާގެ މެޗަށް ވެސް ނިއުރޭޑިއަންޓް ނުކުންނާނީ އެ ޓީމްގެ ސަޕޯޓަރުން ހިތްހަމަޖައްސައިދިނުމަށް ކަމަށެވެ. އަދި އެ ގޮތުގައި ނުކުމެ ޓީމަށް ކާމިޔާބު ހޯދޭނެކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ، ރާއްޖޭގެ ފުޓްބޯޅައިގެ އަޑު ކެނޑިފައި އޮތުމަށްފަހު ގަލޮޅު ދަނޑުގައި މި މުބާރާތުގައި ވިކްޓްރީއާއި ދެކޮޅަށް ކުޅުނު މެޗުގައި ނިއުގެ ސަޕޯޓަރުން ދަނޑަށް ވަދެ ދެއްކި ފޯރިއާއި ޖޯޝުގެ ސަބަބުން ފުޓްބޯޅައިގެ ފޯރި އަލުން އާލާވާން ފަށައިފިކަމަށެވެ. އަދި އެ ދުވަހު ޓީމްގެ ސަޕޯޓަރުން ދެއްކި މަންޒަރު މާދަމާ ޓާފް 1، ދަނޑު ކައިރިން ވެސް ފެނިގެން ދާނެކަމާމެދު ޝައްކު ނުކުރާކަމަށް އޭނާ ބުންޏެވެ.

3 އަހަރުގެ މެދުކެނޑުމަކަށްފަހު ނިއުރޭޑިއަންޓް އަލުން ދަނޑުމަތިން ފެނިފައިވާއިރު، މިހާރު ކުޅެމުންދާ މުބާރާތުގައި ނިއު ހިމެނެނީ މުބާރާތުގެ އެންމެ ވާދަވެރި ގުރޫޕްގައެވެ. ނަމަވެސް، ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ނިއު އޮތީ ގުރޫޕްގެ އެއްވަނައިގައެވެ. އަދި މާދަމާގެ މެޗުން މޮޅުވެވިއްޖެނަމަ އެޓީމަށް ސެމީ ފައިނަލް ކަށަވަރުވާނެއެވެ.

މިހާތަނަށް ކުޅުނު މެޗްތަކުގައި ދައްކާފައިވާ މޮޅު ކުޅުމުންނާއި، ފުޓްބޯޅައަށް ގެނުވި ފޯރީގެ ސަބަބުން ނިއުރޭޑިއަންޓުގެ އެނބުރިއައުން ގިނަބަޔަކު ފާހަގަ ކުރނީ ރާއްޖޭގެ ފުޓްބޯޅައަށް އައު ދިރުން ގެނުވި ކަމެއްގެ ގޮތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން