ސަރުކާރުގެ ސްކޫލެއްގެ މަތީ ގްރޭޑް ތަކަށް ކިޔަވައިދޭ ބިދޭސީ ޓީޗަރަކަށް ޓިއުޝަން ދީގެން މަހަކު އާމްދަނީގެ ގޮތުގައި 90 ހާސް ރުފިޔާއަށްވުރެ ގިނައިން ލިބޭ ކަމަށް ބުނުމުން ތިޔައިގެ ތެރެއިން ގިނަ ބެލެނިވެރިން މިހާރަކު ހައިރާނެއް ނުވާނެއެވެ. އެއީ ތިޔަ ބޭފުޅުން ނަކަށް އާކަމަކަށް ވެސް ނުވާނެއެވެ. އަދި އާ ވާހަކައަކަށް ވެސް އެވާހަކަ ނުވާނެއެވެ.

ކޮންމެ ބެލެނިވެރިއަކު ވެސް ބޭނުން ވަނީ އޭނާގެ ދަރިފުޅު މޮޅު ކުއްޖަކަށް ހަދާށެވެ. މަތީ ސާނަވީގައި މޮޅު ނަތީޖާތަކެއް ހޯދުމަށްފަހު ޖީސީ އޯލެވެލްއާއި އޭލެވަލް އިމްތިހާނުން އެކިޔާ ދުނިޔޭގެ ފެންވަރުގެ ވަނައެއް ހޯދާށެވެ. މިހާހިސާބަށް ދިއުމަށްޓަކާ އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ކުއްޖާގެ ތަޢުލީމީ ބިންގާ ވަރުގަދަކޮށް އަހަރުން އަހަރަށް ލިބޭ ނަތީޖާ ރަނގަޅު ކުރުމެވެ. މިކަން ކުރާން މިހާރު އޮތް ހަމައެކަނި މަގަކަށް ވަނީ ތަޢުލީމީ ހަޔާތް ފެށީއްސުރެ ނިމެންދެން ކުއްޖާއަށް ޓިއުޝަން ދިނުމެވެ. މިއީ ކިހިނެއް ކޮން ގޮތަކަށް ހިނގާ ކަމެއްކަން ނޭނގޭ ހަމައެކަކުވެސް މި ރާއްޖެއަކު ނުހުންނާނެއެވެ. ވަކިން ޚާއްޞަކޮށް ސަރުކާރުގެ ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރަށްވާ ހުރިހާ ބޮޑުންނަށް މިކަން ހިނގާ ގޮތާއި ވާނުވާ އެނގެއެވެ.


މިއަހަރުގެ ޖީސީ އޯލެވެލް އިމްތިހާނުގައި ދަރިއަކު ބައިވެރިކޮށް ރަނގަޅު ނަތީޖާއެއް ހޯދުމަށް ކުރަން ޖެހުނު ބުރަ މަސައްކަތާއި ކުރި ހޭދައިގެ ވާހަކަ ކިޔައިދިން އަޅުގަނޑުގެ ރަހުމަތްތެރިއަކު ބުނީ އޭނާގެ އަބަދުގެ އަޒުމަކަށް ވެފައި އޮތީ ދަރިފުޅު މޮޅަށް ކިޔަވައިގެން މޮޅަށް ފާސްވެ ޖީސީ އޯލެވެލް އިމްތިހާނުންވެސް ފާހަގަ ކޮށްލެވޭ ނަތީޖާއެއް ހޯދައި ދިނުމަށް މަސައްކަތް ކުރުމެވެ. އެ އަޒުމާއި އުއްމީދުގައި އޭނާ މަސައްކަތް ފެށީ މަތީ ސާނަވީއާއި ހަމައިންނެވެ. މިކަމަށް ކުރެވުނު މަސައްކަތުން އޭނާއަށް އެނގުނު އެކައްޗަކީ ސްކޫލްގެ ޓީޗަރެއްގެ ކައިރިން ޓިއުޝަން ނަގާ ކުދިން ކްލާހުގައި މޮޅު ކުދިންގެ ގޮތުގައި ފާހަގަ ވަމުންދާ ތަނެވެ. ކްލާހުގައި މުދައްރިސު ކިޔަވައިދޭއިރު އެކުދިން މާބޮޑު ސަމާލުކަމެއް ނުދިން ނަމަވެސް ޓެސްޓްގައި އެކުދިން ހޯދާ ނަތީޖާތައް މާ ބޮޑަށް ރަނގަޅީއެވެ. އެހެންވީމާ އޭނާއަށް ވެސް ޖެހުނީ ކުއްޖާ އޯލެވެލް އިމްތިހާނުގައި ހަދަން ބޭނުންވާ ހުރިހާ މާއްދާ ތަކަކުން ޓިއުޝަން ނަގައި ދިނުމެވެ. އެއީ އެކަން ހިނގާ ގޮތްކަން އޭނާއަށް ވެސް ގަބޫލުކުރެވުނީއެވެ.

މަޖީދިއްޔާ ސްކޫލަށް ދަރިފުޅު ގެންގޮސް ގެނައުމުގެ އިތުރުން ޓިއުޝަން ދޭނެ ރަނގަޅު ޓީޗަރުން ހޯދުމާއި ޓިއުޝަން ކްލާސް ތަކަށް ދަރިފުޅު އުފުލުމަކީ އޭނާގެ ކޮންމެ ދުވަހެއްގެ މަސައްކަތު ތާވަލުގެ ބައެއް ކަމުގައި އެހާހިސާބުން ހަމަޖެހި ނިމުނީއެވެ. ރަހުމަތްތެރިޔާ ބުނި ގޮތުގައި ދަރިފުޅު އެކަނި ޓިއުޝަން ނަގާނަމަ މާއްދާއަކަށް ހަފުތާއަކު ދޭއް ނުވަތަ ތިން ދުވަހަކު ޖުމްލަ ތިން ގަޑިއިރަށް ނުވަ ހާހާއި ބާރަ ހާހާއި ދެމެދުގެ އަދަދަކަށް ހޭދަ ކުރަން ޖެހެއެވެ. ދެތިން ކުދިން ބައިވެރިވެގެން ނަގާނަމަ އެ ވަރު ހުރިހާ ކުދިންގެ މައްޗަށް ބަހާލައިގެން ދައްކާން ވެސް ގިނަ ޓީޗަރުން އެއްބަސް ވެއެވެ. ގެއަށް އައިސް ކިޔަވައި ދިނަސް ޓީޗަރުގެ ގެއަށް ގޮސްގެން ކްލާސް ނެގިއަސް އަގު ނަގަނީ އެކަހަލަ ގޮތަކަށް ކަމަށް އޭނާ ބުންޏެވެ. އެހެންވީމާ މި އަދަދުތަކުން ހިސާބު ޖަހާލުމުން އޯލެވެލް އިމްތިހާނަށް ކުއްޖާ ތައްޔާރު ކުރުމަށް ބެލެނިވެރިން ކުރަން ޖެހޭ ބޮޑު ހޭދަ ކޮންމެވެސް ވަރަކަށް އިހުސާސް ކޮށްލެވޭނެ އެވެ.

ސަރުކާރު ސްކޫލެއްގައި ކިޔަވައިދޭ ބިދޭސީ ޓީޗަރަކު ބުނި ގޮތުގައި ޓިއުޝަން ދީގެން އޭނާއަށް މަހަކު 90 ހާހަށްވުރެ ގިނަ ރުފިޔާ ލިބެއެވެ. ސްކޫލްގައި އުޅޭ ގަޑިތައް ފިޔަވައި ރޭގަނޑު ނިދާން ވަންދެން އޭނާ ކޮންމެ ދުވަހަކު ހޭދަކުރަނީ ޓިއުޝަން ނަގައި ދިނުމުގައި ކަމަށް ބުނާއިރު އޭނާއަށް އެއަދަދު މަހަކު ލިބުމަކީ ހައިރާންވާން ޖެހޭ ވަރުގެ ކަމެއް ނޫނެވެ. މިފަދަ ގިނަ ޓީޗަރުން މާލޭގެ ސްކޫލް ތަކުގައި ގިނަ ދުވަސް ތަކެއް ވަންދެން މަސައްކަތް ކުރަނީ އެމަސައްކަތުން ރަނގަޅު އާމްދަނީއެއް ލިބޭތީއެވެ. އެމީހުންނަށް ޓިއުޝަން ދީގެން ލިބޭ އާމްދަނީއާއި އަޅާ ބަލާއިރު ސަރުކާރުން ދޭ މުސާރައަކީ ހަމަ ކަނަމަދެއްގެ މިންވަރެވެ.

ނަމެއްގައި މަނާކޮށްފައި އޮންނަ ކަމަކަށް ވިޔަސް އެކަން ބަލާނެ ނުވަތަ ބަލަހައްޓާނެ އުސޫލެއް، ގޮތެއް، ނިޒާމެއް ނެތުމުން ކުއްޖާއަށް ކްލާހުގައި މާއްދާ ކިޔަވައިދޭ ޓީޗަރުވެސް އެމާއްދާއިން އެކްލާސް ކުދިންނަށް ޓިއުޝަން ދެނީއެވެ. އެހެންވީމާ ނުކުންނަ ނަތީޖާ އަދި މާ ނުބައެވެ. ޓީޗަރު ޓިއުޝަން ގަޑި ބަރާބަރަށް ނުނަގައި ދިނަސް އަދި ޓިއުޝަން ނަގައިގެން އޮޅުންފިލާ އެއްޗެއް ނެތަސް ބެލެނެވިޔާއަށް ވެސް ކުއްޖާއަށް ވެސް ޝަކުވާކޮށް މައްސަލަޖައްސައި އެހެން މީހަކު ހޯދުން ވެސް އޮންނަނީ ބޮޑު ބޮލުގަ ރިހުމަކަށް ވެފައެވެ.

"އަހަރެންގެ ދަރިފުޅު ފުރަތަމަ ޓިއުޝަން ނެގީ ކްލާހުގައި ހިސާބު ކިޔަވައިދޭ ޓީޗަރުގެ ކައިރިން. އޭނާ ކަޑަވީމަ އަހަރެން އެހެން މީހަކަށް ބަދަލުކޮށްލީ. މިކަން މިގޮތަށް ހިނގީމާ ކްލާހުގައި ކިޔަވައިދޭ ޓީޗަރު ދަރިފުޅާ ދިމާއަށް ބުނަނީ ކަލޭ ކިތަންމެ ވަރަށް ކިޔެވިޔަސް ހިސާބަކުން ފާހެއް ނުވާނެޔޭ. ދަރިފުޅު ހިސާބުން ޖީސީ ހެދި އަދި އޭނާ ފާސްވެސް ވި. އަހަރެން އެ ޓީޗަރަށް ގުޅާފަ ބުނިން، ކަލޭ ބުނީމެއް ނޫންހޭ ދަރިފުޅު ހިސާބުން ފާހެއް ނުވާނެއޭ. އެކަމަކު އެއޮތީ އޭނާ ފާސްވެފައޭ. އަސްލު މަތީ ގްރޭޑް ތަކަށް ދިއުމުން ކުދިންނަށް ކިޔަވައި ދިނުމަކީ މިއީ ވަރަށް ބޮލުގަ ރިހުން އޮންނަ ކަމެއް." ސަރުކާރު ސްކޫލް ތަކުގައި އުޅޭ ގިނަ ކުދިން ޓިއުޝަން ނަގަން ޖެހޭ އުސޫލެއް ތަޢުމީމީ ނިޒާމުގެ ބޭރުން ހިނގަމުންދާކަން ފާހަގަކޮށް އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ރަހުމަތްތެރިޔާ ބުންޏެވެ.

ރަހުމަތްތެރިޔާ އެބުނި ފަދައިން މިއީ ރަސްމީ ތަޢުލީމީ ނިޒާމުން ބޭރުން ހިނގާ ރަސްމީ ކަމެކެވެ. ކޮންމެ މީހަކަށް ފެންނަނީ މަތީ ސާނަވީ އިމްތިހާނު ތަކުން ދަރިވަރުން މަތީ ވަނަތައް ހޯދައިގެން ސްޓޭޖް މަތިން އެވޯޑް ހޯދާ މަންޒަރެވެ. ކުއްޖާ އެ ހިސާބަށް ގެންދަން ކުރަން ޖެހޭ ޚަރަދުގެ ވާހަކައެއް ނުދައްކައެވެ.

ސަރުކާރުން ކިޔަވައިދެނީ މުޅިން ހިލެއެވެ. ސަރުކާރުގެ ރަސްމީ ތަޢުލީމީ ނިޒާމަކަށް ބެލެނިވެރިން ކުރަން ޖެހޭ އެއްވެސް ހޭދައެއް ނެތެވެ. އެކަމަކު އިންޓަރނޭޝަނަލް ސްކޫލަކަށް ކުއްޖާ ފޮނުވަން ކުރަން ޖެހޭ ހޭދައަށްވުރެ ކުއްޖާއަށް ޓިއުޝަން ދޭން ކުރަން ޖެހޭ ހޭދަ މި ނިޒާމުގައި މާ ބޮޑެވެ.

މިއީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ވެރިންނަށާއި ސްކޫލްތަކުގެ ވެރިންނަށް ވެސް ނޭނގި ހިނގާ ކަމެއް ނޫނެވެ. އަދި މިއީ އިއްޔެއަކު މިއަދަކު ހިނގަންފެށި ކަމެއް ވެސް ނޫނެވެ. މިއީ މިހާރު ރަސްމީ ތަޢުލީމީ ނިޒާމުގައި ލިޔެފައި ނެތަސް އެ ނިޒާމާއި އެކުއެކީގައި ހިނގަމުންދާ ކަމެކެވެ. އެހެންވީމާ ސްކޫލްތަކުން ވެސް މިހާރު ގަބޫލުކުރަނީ މިއީ ބެލެނިވެރީން އުފުލަން ޖެހޭ ބުރައެއް ކަމަށެވެ. ޓީޗަރުންނަށް ވެސް މިހާރު ގަބޫލުކުރެވެނީ އޭނާ ކިޔަވައިދޭ ކްލާހުގައި ތިބޭ ހުރިހާ ކުދިންނަކީވެސް މޮޅު ކުދިން ކަމަށް ވާން ޖެހޭނެ ކަމަށެވެ. ހުރިހާ ކުދިންނަށް ވެސް އޭނާ ކިޔަވައިދޭ އެއްޗެއް ނުވަތަ ބުނެދޭ އެއްޗެއް އެއްވަރަކަށް ފަހުމްވާން ޖެހޭނެ ކަމަށެވެ. ތިރީސް ސާޅީސް ކުދިން ކްލާހުގައި ތިބޭތީ ވަކިވަކި ކުދީންނަށް ސަމާލުކަން ދީގެން މަސައްކަތް ކުރުމަކީ އޭނާ ކުރަން ޖެހޭނެ ކަމެއް ނޫން ކަމަށެވެ.

ކްލާހަށް އައިސް ހުރިހާ ކުދިން ތިބެންޖެހޭނީ ރީތިކޮށް ބަސް އަހައިގެން އަނގައިން ނުބުނެ އިށީދެގެން ކަމަށް އޭނާއަށް ގަބޫލުކުރެވެނީއެވެ. އޭނާ ފިލާވަޅު ބުނެދޭވަގުތު ކްލާހުގައި ތިބޭ 35 ކުދިންނަށް ވެސް ހަމަ އެއްވަރަކަށް އެފިލާވަޅު ފަހުމްވާން ޖެހޭނެ ކަމަށް އޭނާއަށް ގަބޫލުކުރެވެނީއެވެ. އެހެންވީމާ ހިމޭނުން މަޑުން ނީނދެވޭ ކުއްޖާއާއި ފިލާވަޅު ހަދަމުން ދާއިރު ހޫނ ހޫނ އަޅުވާލާ ކުއްޖާއާއި ފިލާވަޅު ހިތުދަސް ކުރުމާއި ދޭހަވުމުގައި ކޮށިކުދިންނާއި ޓީޗަރު އެއްޗެކޭ ބުނުމުން ކުޑަކޮށް ރުންކުރުވާ ކުއްޖާއާއި ޓީޗަރުގެ ބަސް ޓީޗަރު ބޭނުންވާ ގޮތަށް ނާހާ ކުއްޖާ ވަނީ ކޮންމެވެސް ނުކުޅެދުންތެރި ކަމެއް ހުންނަ ކުއްޖަކަށެވެ. ދެން އެކުއްޖާ ވާނީ މިހާރު މިކިޔާ ކަހަލަ ކޮންމެވެސް އުނިކަމެއް ހުންނަ ކުއްޖަކަށެވެ. ޓީޗަރާއި އަދި ކްލާހުގެ ބައެއް ކުދިން އެކުއްޖާއާއިމެދު ދެކޭގޮތް އެގޮތަށް ބަދަލުވެ ކުޑައިމީސްކޮށް ބަސްބުނާން ފެށުމުން ކުއްޖާއަށް ވެސް ވިސްނެނީ އެމީހުން އެދެކޭ ގޮތަށެވެ.

އެހެންވީމާ ވަކިވަކި ކުދީންނަށް އަޅާލުން ދީގެން އެކުދިންނަށް ފިލާވަޅު ބުނެދިނުމަށް އެކުރާ މަސައްކަތަކީ މިހާރު ޓީޗަރުންނަށް ކުރާން ޖެހޭ މަސައްކަތެއް ނޫނެވެ. އެމަސައްކަތަކީ މިހާރު ބެލެނިވެރީން ކުރަންޖެހޭ ކަމެކެވެ. ކުއްޖާއަށް ފިލާވަޅު ފަހުމްކޮށްދިނުމާއި ދަސްކޮށްދިނުމާއި އިތުރަށް ބުނެދީ އިތުރަށް އެހީތެރިކަން ދިނުމަކީ މިހާރު ބެލެވެރީން ކުރަންޖެހޭ ކަމެއްގެ ގޮތުގައިވެ ނިމުނީއެވެ. އެހެންވީމާ އެކަމާއި ކުރިމަތިލައި އެކަން ހާސިލުކުރާން ބެލެނިވެރީންނަށް އޮތް ހަމައެކަނި މަގަކީ ޓިއުޝަންގެ މަގު އިހުތިޔާރު ކުރުމެވެ. ކުއްޖާ ކްލާހުގައި ކިޔަވާ ހުރިހާ މާއްދާއަކުން ޓިއުޝަން ދޭނެ ޓީޗަރުން ހޯދައިގެން ޓިއުޝަން ދިނުމެވެ. އެހާހިސާބުން ރާއްޖޭގެ ތަޢުލީމީ ނިޒާމަކީ ބަޔަކަށް ބޮޑު ވިޔަފާރިއަކަށްވެ ނިމުނީއެވެ.

މިއީ މިހެން ލިޔެލާ ލިއުމަކުން އިސްލާހުވާނެ ކަމެއް ނޫންކަން ވެސް އެނގެއެވެ. ނަމަވެސް މިއީ އިސްލާހުވާން ޖެހޭ ނުވަތަ އިސްލާހު ކުރަންޖެހޭ ކަމަކަށްވާތީ އެވާހަކަ ތަކުރާރުކޮށްލެވުނީއެވެ. ހަމަގައިމުވެސް މިކަން މިނޫން ގޮތަކަށް ބަދަލު ކުރާން ތައުލީމީ ދާއިރާއިން ވަރަށް މުހިންމު ވިސްނުން ތަކެއް ވިސްނައި، ގިނަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ. އަދި މިކަން އިސްލާހު ކުރުމުގައި ނުވަތަ މިނިޒާމަށް ބަދަލު ގެނައުމުގައި ބެލެނިވެރިންގެ ވިސްނުން ވެސް ބަދަލުކުރާން ޖެހެއެވެ.

މޮޅު ތަޢުލީމެއް ދިނުމަކީ ނުވަތަ ކުއްޖާ މޮޅުވުމަކީ ހަމައެކަނި ޓެސްޓުގެ ނަތީޖާ ނޫންކަން ގަބޫލުކުރަން ޖެހެއެވެ. ޓެސްޓްގެ ނަތީޖާ ކިތަންމެ މޮޅަސް އެކުއްޖާއަކީ އުނގަންނައިދިން އެއްޗެއްގެ ބޭނުންކޮށް އަމަލީ މައިދާނުގައި މޮޅު ކާމިޔާބު ކުއްޖަކަށް ވެގެން ނޫނީ އިމްތިހާނުގެ ނަތީޖާއަކުން ކުރާނެ ކަމެއް ނެތްކަން ބަލައިގަންނަން ޖެހެއެވެ. މީގެއިތުރުން އޯލެވެލާއި އޭލެވެލް އިމްތިހާނުގެ ނަތީޖާއަށް ބަލައިގެން ވަޒީފާ ދިނުމާއި އެހެނިހެން ފުރުސަތުތައް ދިނުމުގެ ވިސްނުމާއި އުސޫލަށް ވެސް ބަދަލު ގެނަސްގެން ނޫނީ ބެލެނިވެރިންގެ ވިސްނުން ބަދަލު ނުކުރެވޭނެކަން ވެސް ކަމާބެހޭ ފަރާތްތަކުން އެބަ ގަބޫލުކުރަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު


1

ދަރިވަރު.

19-Sep-2022

ދަރިވަރުންގެ ޒިންމާ ކުޑަކުރުމުގެ ނަތީއްޖާ