މެކްސިކޯގެ ޕެސިފިކް އައްސޭރިއަށް ހޯމަ ދުވަހު އައި ބިންހެލުމެއްގައި މީހަކު މަރުވެއްޖެއެވެ.

ރާއްޖެގަޑިން ރޭދަންވަރު 7.6 މެގްނިޓިއުޑް ބާރުމިނުގައި އެރި މިބިންހެލުމުގެ ސަބަބުން އެތައް އިމާރާތަކަށް ވަނީ ގެއްލުންލިބިފައެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސަރވޭއިން ހާމަކޮށްފައިވާގޮތުގައި މިބިންހެލުން އަރާފައިވަނީ މެކްސިކޯގެ މިޗޮއިކަން ސްޓޭޓްގެ އަވަށެއްކަމަށްވާ އަކުއިލާގެ އިރުދެކުނުން 37 ކިލޯމީޓަރު (23 މޭލު) ދުރުން، ކޮލިމާ ސިޓީ އަދި މިޗޮއިކަން ސްޓޭޓްގެ ވަށައިގެންވާ ސަރަހައްދުތަކުން 15.1 ކިލޯމީޓަރު (9.4 މޭލު) އަޑިން ކަމަށެވެ.

މިބިންހެމުގައި މިހާތަނަށް އެކަކު މަރުވެފައިވާއިރު، އިތުރު މީހަކަށް އަނިޔާއެއްވެފައި ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެއިތުރުން، ބައެއް އިމާރާތްތައް ބިމާ ހަމަވެފައިވާއިރު، އާންމުގެތަކާއި، ހޮޓާ ގެސްޓްހައުސްފަދަ މީހުން ދިރިއުޅޭ އިމާރާތްތަކަށް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ.

މެކްސިކޯގެ ނޭޝަނަލް ސިވިލް ޑިފެންސް އެޖެންސީ އަދި އެމެރިކާގެ ސުނާމީ އިންޒާރުދޭ މަރުކަޒުން ވަނީ މިބިންހެލުމުގެ ސަބަބުން މެކްސިކޯގެ އައްސޭރިފަށަށް ނުރައްކާތެރި ސުނާމީއެއް އަރާފާނެކަމަށް ލަފާކޮށް ސަމާލުވުމަށް އިންޒާރުދީފައެވެ.

މެކްސިކޯއަށް މީގެ ކުރިންވެސް މިހާ ބާރުގަދަ ދެބިންހެލުމެއް އަރާފައިވެއެވެ. އެގޮތުން 1985 ވަނަ އަހަރު 8.0 މެގްނިޓިއުޑް ބާރުމިނުގައި އެރި ބިންހެލުމުގައި 9500 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، 2017 ވަނަ އަހަރު 7.1 މެގްނިޓިއުޑް ބާރުމިނުގައި އެރި ބިންހެލުމުގައި 360 އަށްވުރެއް ގިނަ މީހުން މަރުވެފައިވެއެވެ. ތާރީހަށް ބަލާއިރު، މިތިން ބިންހެލުން އަރާފައިވަނީ ތިންއަހަރެއްގެ މަތިން އެއް ތާރީހެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން