ހުއްޓިފައި ހުރި އައިސް ޕްލާންޓްތައް 24 ގަޑިއިރު ހިންގޭނެ ފަދަ މެކޭނިޒަމަކަށް ގެންނާނެކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ މިފްކޯއިން ހިންގަމުން އައި 14 އައިސްޕްލާންޓެއް ފެނަކަ ކޯޕަރޭޝަނާ ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.


ސައީދު ވިދާޅުވީ، ފެނަކައަށް އިތުބާރުކޮށް މިފަދަ މަސައްކަތެއް ޙަވާލުކުރެއްވީތީ ސަރުކާރަށް ޝުކުރު އަދާކުރައްވާކަމަށެވެ. އަދި މަސްވެރިންނަށް ބޭނުންވާ އައިސް ނުހުއްޓި ފޯރުކޮށްދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއްކުރާނެކަމުގެ ޔަޤީންކަން މަސްވެރިންނަށް އަރުވާކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ފެނަކައިން މަސައްކަތް ކުރަނީ އައިސްޕްލާންޓްތައް އޮޕަރޭޓްކުރާ ތަންތަނުގައި މަސްވެރިންނަށް ކޯލްޑް ސްޓޯރޭޖް ލޮކަރތަކެއް ތައާރަފްކޮށްގެން މަސްވެރިންނަށް މަސް ރައްކާކޮށް ވިއްކޭނެ އިންތިޒާމް ހަމަޖެއްސުމަށްކަމަށެވެ. އަދި އެކަމުގެ ސަބަބުންވެސް މަސްވެރިންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެކަމަށް ސައީދު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މިވަގުތު އަޅުގަނޑުމެންނާއި ހަވާލުކުރި ޕްލާންޓްތަކުގެ ކެޕޭސިޓީ ހުރި ވަރަކުން ނުހުއްޓި އައިސް ލިބޭނެ ހުރިހާ އިންތިޒާމެއް އަޅުގަނޑުމެން ހަމަޖައްސައިދޭނަން. އަޅުގަނޑުމެންގެ ފުރަތަމަ މަރުހަލާގައި މައިގަނޑު ކަމަކީ ހުއްޓިފައި ހުރި ޕްލާންޓްތައް 24 ގަޑިއިރު ހިންގޭނެ ފަދަ މެކޭނިޒަމްއަކަށް ގެނައުން." ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ކުންފުނީގެ މަސައްކަތުގެ ހަރަދުކުޑަކުރުމަށް މިވަގުތައް ހަރުކުރެވެން ހުރި ތަންތަނުގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަވާނޭކަމަށެވެ.



މިފްކޯއިން މިއަދު ވަނީ އެކުންފުނިން ހިންގަމުންދިޔަ 14 އައިސްޕްލާންޓެއް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފައެވެ.

މި ރަސްމިއްޔާތުގައި އައިސް ޕްލާންޓްތައް ފެނަކައާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ އާއި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދެވެ.

މިފްކޯއިން ފެނަކައާ ހަވާލުކޮށްފައިވަނީ ހއ.އިހަވަންދޫ، ނ.ޅޮހި، ރ.އަލިފުށި، ބ.ތުޅާދޫ، ފ.ނިލަންދޫ، ތ.ހިރިލަންދޫ، ގއ.ދާންދޫ، ގއ.ދެއްވަދޫ، ގއ.ގެމަނަފުށި، ގއ.ކިލަމާފުށި، ގދ.ފިޔޯރީ، ގދ.ފަރެސްމާތޮޑާ، އަދި ސ.ހިތަދޫ އައިސް ޕްލާންޓެވެ.

ކިޔުންތެރިންގެ ހިޔާލު