ޑިޖިޓަލް ދާއިރާގައި ހަރަކާތްތެރިވާ ގިނަ ޕްލެޓްފޯމްތަކުގެ މަޢުލޫމާތާއި މިފަދަ ކަންކަމަށް ރައްޔިތުން ހޭލުންތެރި ކުރުވުމަށް އެޗް.ޑީ.ސީގެ ސްމާޓްކޮމް ބްރޭންޑްގެ ފަރާތުން ބާއްވާ ސްމާޓްކޮމް ފެއާ 2022 ގައި ރާއްޖޭގެ ގިނަ ބްރޭންޑްތަކެއް ބައިވެރިވާނެކަމަށް އެޗް.ޑީ.ސީން ހާމަކޮށްފިއެވެ.

މީގެތެރޭގައި އެޗް.ޑީ.ސީގެ ސްމާޓްކޮމް ބްރޭންޑުގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް، މީރާ، ދިރާގު، އުރީދޫ، ޕެންޝަން އޮފީސް، އާސަންދަ ކުންފުނި، އަމާނާ ތަކަފުލް، މީޑިއާނެޓް، މޯލްޑިވްސް ޕޯސްޓް ލިމިޓެޑް، އާރު.އޯ.އެލް، ފަދަ ފަރާތްތައް ހިމެނެއެވެ. އަދި އާއްމުކޮށް މީހުން ބޭނުންކުރާ އެޕްތައް ކަމަށްވާ ފަހިޕޭ، ފަސޭހަ ރީޗާރޖް، އަދި ޖޮބްސިކަލް ފަދަ ދިވެހިންގެ މެދުގައި މަޝްހޫރުކަން ހޯދައިފައިވާ ދިވެހި މޯބައިލް އެޕްލިކޭޝަންތައް ވެސް މި ފެއާރ ގައި ބައިވެރިވެއެވެ.


މީގެ އިތުރުންވެސް ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް، ފޯކަސް އިންފޮކޮމް، ފުޑީސް ޕްރައިވެޓް ލިމިޓެޑް، ވުމަން އިން ޓެކް، ކްރޮސް ރޯޑްސް މޯލްޑިވްސް، ޓެކް ނިއުސް، އީވިޓީ ޕީ.އޯ.އެސް ޕްރައިވެޓް ލިމިޓެޑް، މޯސްޑިވްސް ބިޒްނަސް ސްކޫލް، ރެޑްބޮކްސް، ޔުނިކްސް ސްޕޯޓިންގ،އަދި ލިންކް ސާވް ފަދަ ކުންފުނިތަކުން ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށްވެސް އެޗް.ޑީ.ސީން ބުނެއެވެ.

ހުޅުމާލެއަކީ ދިވެހިރާއްޖޭގެ އެއްމެ ފުރަތަމަ ސްމާޓް ސިޓީއަށް ހެދުމަށްޓަކައި އެޗް.ޑީ.ސީގެ ސްމާޓްކޮމް ބްރޭންޑުން ދަނީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރއެއް ގާއިމުކޮށް، ތަފާތު ސްމާޓް ސިޓީ ސޮލިއުޝަންތައް ތަޢާރަފު ކުރަމުންނެވެ. ހަމަ މިއާއެކު، ރައްޔިތުން ތަފާތު ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކޮށްގެން އެކިއެކި ޚިދުމަތްތައް ހޯދުމަށް އަހުލުވެރި ކުރުވުމަކީވެސް އެ ކޯޕަރޭޝަނުން ބޭނުންވާ ފަދަ ޑިޖިޓަލް ކުރިމަގަކަށް ވާސިިލުވުމަށް މުހިއްމު ކަމެކެވެ.

ކޮންމެ އަހަރަކުވެސް ބޭއްވުމަށް ހަމަޖެހިފައިވާ މި ފެއާ ވެގެންދާނީ ޒަމާނީ ޓެކްނޮލޮޖީއަށް މީހުން އަހުލުވެރި ކުރުވާ ޑިޖިޓަލް ސޭފްޓީގެ ކަންކަމާ މެދު މީހުން ހޭލުންތެރި ކުރުވުމަށް މުޖުތަމައު ގުޅިގެން ކުރެވޭ މުހިއްމު މަސައްކަތަކަށެވެ.  

މީގެ އިތުރުން، މި ފެއާއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ވަރަށް ހާއްސަ  އިނާމުތަކާއެކު ލަކީ ޑްރޯއެއްގައި ބައިވެރި ވުމުގެ ފުރުސަތު އޮންނާނެއެވެ. މި ލަކީ ޑްރޯގެ ތަފާތު އިނާމުތަކުގެ ތެރޭގައި ސްމާޓް ވޮޗެއް، 300ޖީބީގެ އިންޓަނެޓާއެކު ލިބޭ އެއާ ފައިބަރ ރައުޓަރެއް، އަދި 1000 ރުފިޔާގެ އަގު ހުރި ވައުޗަރ ތައް ހިމެނެއެވެ. މި ފެއާ އޮންނާނީ 19 ނޮވެމްބަރ 2022 ވާ ހޮނިހިރު ދުވަހު ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށް ހިޔާ ޕާކް ސަރަހައްދުގައެވެ.

އެޗް.ޑީ.ސީން ބުނީ، ސްމާޓްކޮމް ފެއާ ވެގެންދާނީ މުޖުތަމައުގެ ހުރިހާ ފަދުންނަށްވެސް ވަރަށް ޝައުގުވެރި އަދި އެހާމެ ބޭނުންތެރި މައުލޫމާތުތައް ލިބިގެންދާނެ މުހިއްމު ހަރަކާތަކަށްކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު