ދިވެހި ރުފިޔާގެ ނިޝާނާއެކު ޗާޕްކޮށްފައިވާ 50 ރުފިޔާގެ އައު ނޫޓު އަންނަ މަހުން ފެށިގެން ބޭނުންކުރަން ނިންމާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފި އެވެ.

އެމްއެމްއޭއިން ބުނީ، 50 ރުފިޔާގެ އައުނޫޓު ބޭނުން ކުރަން ފަށާނީ އަންނަ ޑިސެންބަރުމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށެވެ. ހަމައެއާއެކު އަލަށް ޗާޕުކޮށްގެން ނެރޭ 50 ރުފިޔާގެ ނޫޓާއެކު މިހާރު ދައުރުވަމުންދާ 50 ރުފިޔާގެ ނޫޓުވެސް ދައުރުވަމުންދާނެ ކަމަށް އެމްއެމްއޭއިން މަޢުލޫމާތުދެއެވެ.


އައު 50 ރުފިޔާގެ ނޫޓުގެ ދެފުށުގައި، ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވެއެވެ. މިގޮތަށް ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނީ ހިމަނާފައިވާނީ ނޫޓުގެ މޫނުމަތީގެ ވައާތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ މޫނު މަތީ އަގާއެކުއެވެ.

މި ނޫޓުގައި ސޮއިކުރަށްވާފައިވަނީ އެމްއެމްއޭގެ ގަވަނަރު އަލީ ހާޝިމެވެ. މި ނޫޓުގައިވާ ތާރީޙަކީ 8 ސެޕްޓެމްބަރ 2022، 12 ސަފަރު 1444 އެވެ.

ދިވެހި ރުފިޔާގައި ބޭނުންކުރާނެ ނިޝާނެއް އެމްއެމްއޭއިން ކަނޑައަޅާފައިވަނީ މިދިޔަ ޖުލައިމަހުގެތެރޭގައެވެ.

ރާއްޖޭގައި މިހާރު ބޭނުންކުރާ ފައިސާގެ ނޫޓުތަކަކީ 2016 ވަނަ އަހަރު ތައާރަފްކޮށްފައިވާ ނޫޓު ސީރީޒެކެވެ.

ކިޔުންތެރިންގެ ހިޔާލު