މިއަދު މި ފެށުނު އާ އަހަރަކީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އަންނާނެ މުހިންމު ބޮޑު އަހަރެކެވެ. ވެރިކަމުގެ ބާރުވެރިކަން ފުރޮޅިގެން ދާނެގޮތާމެދު ވިސްނާ ބަހުސްކުރި ކަންކަން، ހަމަޖެހި ނިމިގެންދާގޮތް އެނގިގެންދާނެ އަހަރެވެ. ކުރިމަގުގައި ވާނޭ ގޮތްތައް އެއްވެސް މީހަކަށް އެނގެން ނެތްނަމަވެސް، ނިމުނު އަހަރު ހިނގި ކަންކަމާއި ކުރެހި ތަސްވީރުތަކުން މި ފެށުނު އަހަރުގެ ކަންކަމުގެ ތަސްވީރެއް ކޮންމެ މީހަކަށްވެސް މިހާރު އޮންނާނީ ކުރަހާލެވިފައެވެ.

ވެރިކަންކުރާ މައިޕާޓީގައި ދެ ފެކްޝަން

ކުދި ހިޔާލުތަފާތުވުންތަކުން އެމްޑީޕީގެ ތެރޭގައި އުފެދުނު އަލިފާންކަނީގައި ހުޅުރޯވެ އާހަރާއި ކުރިމަތިލާން ޖެހިފައިމިވަނީ ނިއްވާނުލެވޭވަރަށް ބޮޑުވެފައިވާ އަލިފާންގަނޑަކާއެކުއެވެ. ހަނި ފުރުސަތެއްގައި ކުއްލިގޮތަކަށް ކަނޑައެޅުނު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވެރިކަމަށް ވަޑައިގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރުވެސް މިވަނީ ގިނަ ބައެއްގެ ރުހުން ހޯދާފައެވެ. މަޑުމައިތިރިކަމާއި ހިތްތިރިކަމާއެކު ކޯލިޝަންގެ ވެރިންވެސް ރުއްސައިގެން ހިންގާ ވެރިކަން ވެފައިވަނީ ދެން ހުންނެވި ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ފަލްސަފާ އާއި ނުގުޅޭކަމެއް ކަމަކަށްވާތީ ނަޝީދަށް އުނދަގޫކުރުވާ އަދި ހަޖަމް ކުރަށްވަން ދަތި މަންޒަރަކަށެވެ.

މައި ޕާޓީ ދެބައިވިއިރު އަހަރު ނިމެންދިޔައިރު ފެންނަން އޮތީ ރައީސް ޞާލިޙްގެ ތާއީދު އެމްޑީޕީގައި މާބޮޑަށްވެސް ބޮޑުކޮށް އޮތްތަނެވެ. ނަމަވެސް، ރައީސް ނަޝީދު އާ އަހަރު ފެއްޓެވީ އުންމީދު އާކުރައްވަމުންނެވެ. ބޭއްވެވި ފޯރި ގަދަ އަދި ޖޯޝުގެނުވި ޖަލްސާއާއިއެކު އެމްޑީޕީގެ ގްރާސްރޫޓްގައި ތިބި ބައެއް މެންބަރުން ބަސްބުނަން ފަށައިފިއެވެ. އާ އަހަރު ފެށުނީ ޕްރައިމަރީގެ ކެމްޕޭންގައި ރައީސް ނަޝީދު ބޭއްވެވި އެ ޖަލްސާއިން، އެމްޑީޕީގެ ސިޔާސީ މަޝްރަހުގައި އެމަނިކުފާނުގެ މަގުބޫލުކަން އޮތް މިންވަރު ކޮންމެވެސް ވަރަކަށް ކުރަހަމުންނެވެ. ޒަމާނުއްސުރެ ނަޝީދުގެ ފަލްސަފާ ގަބޫލުކޮށްގެން އެމަނިކުފާނު ވަށައިގެން އެނބުރި އެނބުރި ތިބި ކިތަންމެ ބަޔަކު އެ ބޯދާ ވިސްނުން ދޫކޮށް ރައީސް ޞާލިހުގެ ފަހަތްޕުޅަށް އެރި ނަމަވެސް އަދި ރައީސް ޞާލިޙްގެ ސަޕޯޓަރުން ޕްރައިމަރީގައި އިތުރު މަސައްކަތް ކުރަންޖެހޭނެކަން ހާމަ ކޮށްދެމުންނެވެ.

މި ފެށުނު އަހަރު ވެގެންދާނީ އެމްޑީޕީއަށް އަންނާނެ އެންމެ އުނދަގޫ ދުވަސްތަކަށެވެ. ޕާޓީގެ އިސްލީޑަރާއި ޕާޓީގެރައީސް ޕްރައިމަރީގައި ވާދަ ކުރެއްވުމަކީ ސިޔާސީ ގޮތުން ޕާޓީ ތަސައްރަފު ފުދުންކަމަށް ބަޔަކު މާނަކުރިނަމަވެސް، އެކަން ވެގެންދާނީ ނިއްވާނުލެވިފައި އޮތް ބޮޑު ހުޅުގަނޑު އިތުރަށް ބޮޑުވާނެ ކަމަކަށެވެ.

ކޮންމެ ބޭފުޅަކު ޕްރައިމަރީން ކުރި ހޯއްދެވި ނަމަވެސް އެކަން ހަޖަމްކޮށްގެން ޕާޓީގެ ލީޑަރޝިޕުންނާއި އާންމު މެންބަރުން ކުރިއަށްދާނީ ކިހިނެއްކަން އަންދާޒާކޮށްލަން ދައްޗެވެ. ނަމަވެސް، މިހާތަނަށް ކަން ހިނގާފައިވާގޮތުންނަމަ، ބޮޑު ޖަލްސާގައި ދެ ރައީސުން ބައްދާލާ ހިސާބުން ޕާޓީ އެކަތިގަނޑަކަށް ވެގެންދާތަން ފެނުމަކީ މިހާރު ފެންނަ ބޮޑު މަންޒަރަށް ބަލާއިރު ވުމަށްވުރެ ނުވުން ގާތް ކަމެވެ. ނަމަވެސް، މިހާރު ރޯވެފައިވާ ހުޅުގަނޑު ފެތުރިފައިވާ މިންވަރަށް ބަލާއިރު ހޮވޭ ކެންޑިޑޭޓެއްގެ ސަބަބުން ގެނުވާ ފޫހިކަމުގައި ރިޔާސީ އިންތިހާބުގައި ވޯޓުލާން ނުކުންނަ އެމްޑީޕީ މެންބަރުންގެ އަދަދު ބޮޑުތަނުން މަދުވުމަކީވެސް މަޝްރަހު ދިރާސާ ކުރާ މީހުން ޖަހާ ހިސާބެކެވެ.

އިދިކޮޅު ލީޑަރު ޖަލުގައި، އިދިކޮޅަށް ނިކަމެތި އަހަރެއް

ރާއްޖޭގައި މިހާރު އޮތް އެންމެބޮޑު އިދިކޮޅު ސިޔާސީ ޕާޓީ ޕީޕީއެމްގައި ތިބި ހުރިހާ މެންބަރުންގެ ވެސް ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމެވެ. އެމީހުންގެ ޕްލޭން ބީއެއްވެސް އަދި ނެތެވެ. ނަމަވެސް، އެމަނިކުފާނު އެ އޮންނެވީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަން ޖަލުގައެވެ. ރާއްޖޭގެ ޖުޑިޝަރީގެ އަސްލު ފިނިހަކަ ދުވެއްޔަށް ބަލާއިރު ޝަރުޢީ މަތީ މަރުހަލާތަކުން ދަށުކޯޓުގެ ނަތީޖާ ފުރޮޅާލިޔަސް އެހާހިސާބަށް ވާސިލުވާން އަހަރު، ދެއަހަރު ނުނަގާނެއެކޭ ދަންނަވާކަށް ނުކެރޭނެއެވެ. އެހެންކަމުން ގިނަ މީހުން ނިންމައިގެން ތިބީ މިފަހަރުވެސް ހަމަ "އަދުރޭގެ ހިސާބު" ދިމާވުމަށްވުރެ ނުވުން ގާތް ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ފުރަތަމަ އުފުލި ދައުވާ ސާބިތުވެ ޖަލުގައި އެތައް ދުވަހަކު އޮންނަވާ، ސުޕްރީމް ކޯޓުން ލިބުނު ހަނި އިންސާފާއިއެކު މިނިވަންވެ ފެއްޓެވި އިންޑިއާ އައުޓް ކެމްޕޭން ސަރުކާރުން ހުއްޓުވީ ރައީސްގެ ގަރާރަކުންނެވެ. އެކަން ވެސް އެދެވޭގޮތެއްގައި ކުރިއަށްނުގޮސް އޮއްވާ ދެވަނަ ހުކުމެއް އަތުވެދާނެކަމަށް ފެނިވަޑައިގެން ހިނދު އިދިކޮޅުގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް އެރުވިއެވެ. އަދި މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް ކެމްޕޭންގައި ވަޑައިގެންނެވުމުގެ އަޒުމުގައި ކެމްޕޭން ދަތުރުތައް ފައްޓަވައި ޖޯޝުހުރި ވާހަކަތަކެއް ދެއްކެވިއެވެ.

ނަމަވެސް، ޔާމީނަށް ތާއީދު ބޮޑުވަމުންދާ މަންޒަރު ފެނިވަޑައިގަންނަވަމުން ދަނިކޮށް، އަހަރު ނިންމާލަން ޖެހިވަޑައިގަތީ ލަދުވެތިކަން ބޮޑު ދެ ކުށެއް އިސްތަށިފުޅުގައި އެޅި 11 އަހަރުގެ ޖަލު ހުކުމަކާއެކު ހުރަގޭގައި އޮންނަވައިގެންނެވެ. ހުކުމަކީ "ހަރާމް" ހުކުމެއް ކަމަށްބުނެ އިދިކޮޅުން ދަނީ އެކަން ކުށްވެރިކޮށް މަގުމައްޗަށް އެއްވަމުންނެވެ. ބުނަމުންދަނީ ޕްލޭން ބީ އެއް ނެތްކަމަށެވެ. އިދިކޮޅުން އެފަދައިން ބުނިނަމަވެސް، އެތެރޭގައި ޓިކެޓަށް ދަހިވެތިވެފައިތިބި ބަޔަކު ތިބިކަމުގެ ތުހުމަތު ހުދު ރައީސް ޔާމީން ވެސް ކުރައްވައެވެ. އެހެންކަމުން ޖަލަށް ވަޑައިގަންނަވަމުން، ޕާޓީ ބައިބައި ވާފަދަ ކަންކަން ނުކުރުމަށް ޔާމީން އޮތީ އެދިވަޑައިގެންފައެވެ. ނޫސްވެރިން އެ ސުވާލު ކުރިއަސް އަދުރޭ މައިކު ނުދީ ހިފަހައްޓައިގެން ބުރަސް އަޅައިގެން ހުންނާތީ އެފަދަ އެއްވެސް ސިޔާސީ ބޭފުޅެއްގެ ބަހެއް ނޭނގެއެވެ.

ޔާމީންގެ އެދުމާއިއެއްގޮތަށް ޕާޓީގެ ލީޑަރޝިޕުން އަދި ތިބީ ވަރަށް ބަދަހިކަމާއެކުކަމަށް ފެނެއެވެ. ނަމަވެސް، 11 އަހަރުގެ ޖަލުހުކުމް ބާތިލު ނުކުރާހާ ހިނދަކު ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަ ނުކުރެއްވޭނެކަން އެބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެއެވެ. ކޮންމެގޮތެއްވިޔަސް މި ފެށުނު އަހަރު ވާނީ އިދިކޮޅުން ނެތްކަމަށް ބުނާ ބޮޑު ޕްލޭން ބީ އުފަންވެ އެއަށް ސަބަބުވެރި ވިސްނުމެއްގައި އަމަލުކުރަންޖެހޭނެ އަހަރަށެވެ. އެނގޭކަމަކީ ޕްލޭން ބީއެއް ރައީސް ޔާމީންގެ ހިތްޕުޅުގައި އޮންނާނެކަމެވެ. އެމަނިކުފާނަކީ ވިސްނުންފުޅު މާކުރިއަށް ގެންގުޅުއްވާ ބޭފުޅެކެވެ.

ކުދި ޕާޓީތަކަށް އުންމީދީ އަހަރެއް

މި ފެށުނު އަހަރަކީ ކުދި ސިޔާސީ ޕާޓީތަކުން އެމީހުންގެ ކެންޑިޑޭޓަކު ވެރިކަމަށް ގެންނަން ކުރާ އުންމީދު ހަގީގަތަކަށް ހަދަން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ އަހަރެކެވެ. ހާއްސަކޮށް އިދިކޮޅު ލީޑަރު ޖަލުގައި އޮންނެވުމާއި އެމްޑީޕީ ބައިބައިވެފައި އޮތުމުން އެކަމުން ނެގިދާނެ އެތައް އެޑްވާންޓޭޖުތަކެއް ސައި ހޯޓާތަކުގައި ސިޔާސީ ވާހަކަ ދައްކާ އާންމު ރައްޔިތުންވެސް އެބަ ބުނެދެއެވެ.

ކުދި ޕާޓީތަކުން ކޯލިޝަނަކާއިއެކު ނުކުމެ މަސައްކަތް ކޮށްފިނަމަ ވެރިކަމަށް އާދެވިދާނެ ފޯމިއުލާއެއް އެބަ އޮތްކަމަށް އެވާހަކަދައްކާ އާންމު ރައްޔިތުންވެސް ބުނެއެވެ.

ފާއިތުވިއަހަރު ނިމިގެން ދިޔައީ ކުދި ޕާޓީތަކުން ރިޔާސީ އިންތިހާބުގައި އަރާނެ ކޮޅެއް މުޅިން ސާފުނުވެ އޮވެއެވެ. ނަމަވެސް، މި ފެށުނު އަހަރު ވާނީ ސިޔާސީގޮތުން ކުދި ޕާޓީތައް ވެސް މަޑުން ތިބެވޭނެ އަހަރަކަށް ނުވާނެއެވެ. އަވަސް ގޮތްތަކެއް ނިންމައިގެން ރިޔާސީ އިންތިހާބަށް ތައްޔާރުވާން އެ ޕާޓީތަކަށްވެސް މިއޮތީ ޖެހިފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެ ނިންމުންތައް ނިންމާ، ކުދި ޕާޓީތަކުގެ ތާއީދު ބޮޑު ދެ ޕާޓީއަށް ބެހިގެންދާގޮތް ފެންނާނެއެވެ.

ކޮންމެއަކަސް މި ފެށުނު 2023 ވަނަ އަހަރު ވެގެންދާނީ ރާއްޖޭގެ ސިޔާސީ މައިދާނުގައި "ހެޕެނިންގ" އަހަރަކަށެވެ. މީގެ ކުރިން ނުފެންނަ އެތައް މަންޒަރެއް ފެނިގެންދާނެއެވެ. މިހާތަނަށް ނީވޭ އެކި އަޑުތައް އިވޭނެއެވެ. ރައްޔިތުން ގާތަށްގޮސް ފޮޓޯ ނަގާ ހާލު ބަލާނެއެވެ. ލީކު ކުރަން ރާވާފައި ހުރި އެއްޗެއްވިއްޔާ ލީކުވެސް ކުރާނެއެވެ. ކުރިމަތި މިލީ ސިޔާސީ ބޮޑު ނިންމުން ނިންމާ ސިޔާސީ އާ އަހަރަށެވެ. 'ބޮޑު ދެގެރި ތަޅަންޏާ ކަށްގަލަން ބާރުކުރާނެ" އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން