ބިން ހެލުމުގައި ވެއްޓުނު އިމާރާތެއް ކައިރީގައި ކުޑަކުއްޖަކު
ބިން ހެލުމުގައި ވެއްޓުނު އިމާރާތެއް ކައިރީގައި ކުޑަކުއްޖަކު
ތުރުކީއާއި ސީރިއާގެ ބައެއް ސަރަހައްދަކަށް ހޯމަދުވަހު ހެނދުނު އައި ބާރުގަދަ ބިން ހެލުމުގައި މަރުވި މީހުންގެ އަދަދު 2700 އަށް އަރާފައިވާކަމަށް ކަމާއިބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

ބޯޑަރު ހިއްސާކުރާ ދެ ގައުމުކަމަށްވާ ތުރުކީއާއި ސީރިއާގެ ބައެއް ސަރަހައްދުތަކަށް އައި ބިން ހެލުމުގެ ބާރުމިނުގައި 7.8 މެގްނިޓިއުޑް ހުރިއިރު، 1999 ވަނަ އަހަރު އެ ގައުމަށް އައި ބިން ހެލުމަށްފަހު އެންމެ ގިނަ ބަޔަކު މަރުވި ބިން ހެލުމެވެ. 1999 ވަނަ އަހަރު ތުރުކީއަށް އައި ބިން ހެލުމެއްގައި 17,000 މީހުން މަރުވެފައިވެއެވެ.

ހަބަރުތައް ބުނާގޮތުން ބިން ހެލުމުގެ ސަަބަބުން ތުރުކީން 1651 މީހަކު މަރުވެ، 11,119 މީހަކަށް އަނިޔާވެފައެވެ.



11 އަހަރުވީ ދާހިލީ ހަނގުރާމައެެއް ކުރިއަށްދާ ސީރިއާގެ ސަރުކާރު ކޮންޓްރޯލް އޮންނަ ހިސާބުތަކާއި ހަނގުރާމަވެރިންގެ ކޮންޓްރޯލް އޮންނަ ހިސާބުތަކަށްވެސް ބިން ހެލުމުގެ އަސަރުކޮށްފައިވެއެވެ. އަދި ސީރިއާއިން 1073 މީހަކު މަރުވިކަމަށް ހަބަރުތައް ބުނެއެވެ.

މޫސުން ގޯސްވުމާއި އެހެނިހެން ދަތިތައް ކުރިމަތިވުމުގެ ސަބަބުން މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފައިކަމަށް ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.

ތުރުކީގެ ސަރުކާރުން ވަނީ ރައްޔިތުންނަށް އެހީތެރިވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް ހާމަކޮށްފައެވެ. އަދި 45 ގައުމަކުން އެހީ ފޯރުކޮށްދޭން ހުށަހަޅާފައިވާކަމަށްވެސް ތުރުކީން ބުނެއެވެ.

ތުރުކީއަށް އެހީވުމަށް މިހާރުވެސް އަވައްޓެރި ބައެއް ގައުމުތަކުން ދަނީ އެހީތެރިންވެސް އެގައުމަށް ފޮނުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން