ރޭޕާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާގެ ތެރެއިން
ރޭޕާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާގެ ތެރެއިން
ރޭޕްކުރުމާ ދެކޮޅަށް މިއަދު މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފައިވަނީ ދެ މީހުން ކަމަށް ފުލުހުންގެ އިދާރާ އިން ބުނެފިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގެ ފަޅުގައި އޮތް ސަފާރީ އެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި ކަމަށް ބުނާ ހާދިސާ އާ ގުޅިގެން، ރޭޕް އާ ދެކޮޅަށް އަޑު އުފުލާ އިންސާފު ހޯދުމަށް މިއަދު ކުރިއަށް ގެންދިޔަ މި މުޒާހަރާގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެފައިވެއެވެ. މި މުޒާހަރާގައި އެ މީހުން ވަނީ ޖިންސީ ގޯނާގެ މައްސަލަތައް ނުފޫޒެއް ނެތި ބެލުމަށް ގޮވާލާފައެވެ. އަދި އެފަދަ މައްސަލަތަކުގައި އިންސާފު ގާއިމްކޮށް ދިނުމަށް ގޮވާލާ އަޑުއުފުލާފައިވެއެވެ.

ފުލުހުން ބުނީ މިއަދުގެ މުޒާހަރާގެ ތެރެއިން ހައްޔަރު ކޮށްފައިވަނީ ދެ މީހުން ކަމަށެވެ. އެ މީހުން ހައްޔަރު ކޮށްފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ހަމަނުޖެހުން ހިންގާ، ފުލުހުންގެ ގަޔަށް އަތްލާ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެއެވެ. ޖެންޑާ މިނިސްޓްރީ ކައިރީގައި އަޑުއުފުލުމަށްފަހު މުޒާހަރާގެ ބައިވެރިން ވަނީ ބޮޑުތަކުރުފާނު މަގުގައިވެސް މުޒާހަރާ ކޮށްފައެވެ.

ނަމަވެސް ބޭރު މަގަށް މުޒާހަރާގެ ބައިވެރިން ދިއުމާއެކު ފުލުހުން ވަނީ އެ މީހުންނަށް ހުރަސް އަޅާފައެވެ. މުޒާހަރާގެ ބައިވެރިން ތިބީ އެ މީހުންގެ ޝުޢޫރު ފާޅުކުރުމުގެ ގޮތުން އެކި ކަހަލަ ބެނާތައް ހިފައިގެންނެވެ. އެތަނުގައި ތިބުމަށް ފަހު އެ މީހުން ބޮޑުތަކުރުފާނު މަގާ ދިމާއަށް ހިނގަމުން ދަނިކޮށް ފުލުހުން ވަނީ ހުރަސް އަޅާފައެވެ. ނަމަވެސް ފުލުހުންގެ ލައިން ފޫއަޅުވާލާފައި މުޒާހަރާގެ ބައިވެރިން ކުރިޔަށް ދިޔަ މަންޒަރު ވަނީ ފެނިފައެވެ. އޭގެ ކުރިން ފުލުހުން އެއްވެސް ވަރަކަށް މުޒާހަރާގެ ބައިވެރިންނަށް ހުރަސް އަޅާފައި ނުވާކަން ފާހަގަކޮށްލެވެއެވެ. ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ޕެޕާސްޕްރޭ ޖަހާ ބާރުގެ ބޭނުންވެސް ކޮށްފައެވެ.

ސަފާރީ ރޭޕް ކޭސްގައި ހިމެނޭ މީހުން ދޫކޮށްލުމާއި ގުޅިގެން ސަރުކާރަށާއި، ފުލުހުންނަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ފުލުހުން ބުނީ ހައްޔަރު ކުރި މީހުން ދޫކޮށްލީ އެމީހުން ބަންދުގައި ބައިތިއްބާނެ ވަރުގެ ހެއްކެއް ނެތުމުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން