ޞާދިރު ޢަލީދީދީ   17 މާރިޗު 2023 - 11:27
އެދޭމީހުންނަށް ދެއްވާނެ
އެދޭމީހުންނަށް ދެއްވާނެ
ބައެއްމީހުން ސުވަރުގޭގެ ނަންގަނެއެވެ. ނަމަވެސް މަޝްޣޫލުވެގެންއުޅެނީ ނަރަކަވަންތަވެރި ޢަމަލުތަކުގައެވެ. އޭގެ މާނައަކީ ޙަޤީޤަތުގައި އެބައިމީހުން މާތް ﷲ ގެ ޙަޟުރަތުން ސުވަރުގެއަކަށް ނޭދެއެވެ. އެބައިމީހުން ޙަޤީޤަތުގައިމެ ސުވަރުގެ އެދޭނަމަ ނަރަކަވަންތަވެރީން ހިނގާމަގުން ހިނގަމުންދިޔުމަކީ އެކަށީގެންވާ ކަމެއްނޫނެވެ.

އަޅުގަނޑުމެން ހިތުގެއަޑީން މާތް ﷲ ގެ ޙަޟުރަތުން ސުވަރުގެއަށް އެދުމުން އެކަލާނގެ އަޅުގަނޑުމެންނަށް ނަރަކަ ދެއްވުމަކީ އެކަށީގެންވާ ކަމެއްނޫނެވެ. އަޅުގަނޑުމެން އެކަލާނގެ ޙަޟުރަތުން އެކަލާނގެ ކިބަފުޅަށް ބިރުވެތިވާ ހިތަކަށް އެދުމުން އަޅުގަނޑުމެންނަށް އަސަރުކުރުމެއްނެތް ހަރުކަށި ހިތެއް ދެއްވުމަކީ އެކަށީގެންވާ ކަމެއްނޫނެވެ. އަޅުގަނޑުމެން އެކަލާނގެ ޙަޟުރަތުން އެކަލާނގެ ހަނދުމަކުރާ ބަޔަކަށްވާން އެދުމުން އެކަލާނގެ އަޅުގަނޑުމެން ޣާފިލުކަމުގެތެރެއަށް ވެއްދުމަކީ އެކަށީގެންވާ ކަމެއްނޫނެވެ. އަޅުގަނޑުމެން އެކަލާނގެ ޙަޟުރަތުން އާޚިރަތަށްޓަކައި ދިރިއުޅޭ ބަޔަކަށްވާން އެދުމުން އެކަލާނގެ އަޅުގަނޑުމެން ދުނިޔޭގެ ލޯބީގައި ހައްޔަރުކުރެއްވުމަކީ އެކަށީގެންވާ ކަމެއްނޫނެވެ. އަޅުގަނޑުމެން އެކަލާނގެ ޙަޟުރަތުން ތަޤްވާވެރިކަމާއި ދީންވެރިކަމަށް އެދުމުން އެކަލާނގެ އަޅުގަނޑުމެން ތަޤްވާވެރިކަމެއްނެތް ބައެއްގެގޮތުގައި ބައިތިއްބެވުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. އަޅުގަނޑުމެން އެކަލާނގެ ޙަޟުރަތުން ޙައްޤަށް ލޯބިކުރާ ބަޔަކަށްވާން އެދުމުން އެކަލާނގެ އަޅުގަނޑުމެން ޝަޚްޞިއްޔަތަށް އަޅުކަންކުރުމުގައި ހައްޔަރުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ.

އަޅުގަނޑުމެން އެދޭ ދީންވެރިކަމާއި ތަޤުވާވެރިކަން އަޅުގަނޑުމެންގެ ކިބައިގައި ނެތްކަމުގައިވާނަމަ، އޭގެސަބަބަކީ އަޅުގަނޑުމެންނަށް ހިތުގެއަޑީން އެކަމަށް ނޭދެވުމެވެ. އެކަމަށްއެދި ފަރުވާތެރިކަމާއެކު މަސައްކަތް ނުކުރުމެވެ. ޝައްކެއްނެތެވެ. އަޅުގަނޑުމެންނަށް ނުލިބެނީ ޙަޤީޤަތުގައި އަޅުގަނޑުމެން ނޭދޭތީއެވެ.

ކާއިނާތުގެވެރި ރަސްކަނލާގެ ކޮންމެ ހެނދުނަކާއި ހަވީރަކު ސުވާލުކުރައްވައެވެ. ތިމަންރަސްކަލާނގެ ޙަޟުރަތުން އެދޭމީހުންނަކީ ކޮބައިހެއްޔެވެ؟ ތިމަންރަސްކަލާނގެ އެބައިމީހުންނަށް ދެއްވާހުށީމެވެ. އެހެންވީއިރު ލިބިގަންނަންހުރިމީހާ އަމިއްލައަށް ފުރަގަސްދީ މޫނުއަނބުރައިލުމުން ދެއްވާފަރާތުގެ ކުށަކީ ކޮބައިތޯއެވެ؟

********

* މިލިޔުމަކީ ޢަބްދު ﷲ ފާރޫޤު ޙަސަން ލިޔުއްވާފައިވާ ޢިލްމީ ފޮތެއްކަމުގައިވާ "ސީދާވެގެންވާ ތެދުމަގު" ގައިވާ ލިޔުމާއި އެއްގޮތަށް ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން