ގިނަވަގުތު ސްކްރީން ކުރިމަތީގައި ތިބޭ ކުދިންގެ ހެދިބޮޑުވުމަށް އަސަރުކުރޭ!
ގިނަވަގުތު ސްކްރީން ކުރިމަތީގައި ތިބޭ ކުދިންގެ ހެދިބޮޑުވުމަށް އަސަރުކުރޭ!
މިހާރަކައިސް އަޅުގަނޑުމެންގެ ތެރެއިން ގިނަމައިންބަފައިންނަށްވެސް ދަރިފުޅު ރުޅިގަދަވުމުން ދަރިފުޅު ރުއްސުމަށް އެންމެ ފަސޭހައިން ދެވޭ އެއްޗަކީ އަތުގައި އޮންނަ ފޯނެވެ. ނުވަތަ ދަރިފުޅަށް ޚާއްސަކޮށް ގޭގައި އޮންނަ ޓެބްލެޓެވެ. ނުވަތަ ހުޅުވާލެވެނީ ޓީވީއެވެ.

ޕެޕާ ޕިގްއާއި ރައިމްސްތަކާއި ކުޑަކުދިންގެ ޔޫޓިއުބް ޗެނަލްތައް ޖައްސާލައި ދަރިފުޅު އަތަށް ދެވެއެވެ. މިއީ ދަރިފުޅު ރުއްސަން އެންމެ ފަސޭހަގޮތް ކަމުގައި ވީނަމަވެސް ޑޮކްޓަރުން އިރުޝާދު ދެއްވާ ގޮތުގައި މިއީ އެންމެ ރަނގަޅު ހައްލެއް ނޫނެވެ. ސަބަބަކީ ދަރިފުޅު ގިނަވަގުތު ސްކްރީން ކުރިމަތީގައި ހޭދަކުރުމުން ނަފްސާނީ އަދި ޖިސްމާނީ ގޮތުން ހެދިބޮޑުވުމަށް އަސަރު ކުރުމެވެ.

އެހެންކަމުން ދަރިފުޅު ރޮއިލާއިރަށް ޓެބް ދިނުމުގެ ކުރިން އަދި އެއްފަހަރު ވިސްނާލާށެވެ. ކުރީގައި ކުދިންނާއެކު ހޭދަކުރާ ވަގުތުގައި ކުދިންނަށް ކިޔާދޭ ވާހަކައާއި، ލަވަތަކާއި މަދަހަތައް މިހާރު މުޅިންހެން އިއްވައިދެވެނީ ކޮންމެވެސް ގެޖެޓެއް ބޭނުންކޮށްގެންނެވެ. ނަމަވެސް އަމިއްލަޔަށް މިފަދަ ކަންކަން ކުރުމަކީ އަހަރުމެންގެ މައިންބަފައިންގެ ޒަމާނުގައި ކުދިން ލޮއްސުވަން އާއްމުކޮށް ކުރާ ކަންކަމެވެ. މިޒަމާނުގައި ވަޒީފާއަށްދާ މައިން ކުދިން ހަވާލުކޮށްފައިދާ މީހުންވެސް ކުދިންނަށް ކާންދިނުމަށާއި އެކުދިން މަޑުން ބެއިތިއްބުމަށް، އެމީހުންގެ ފޯނުން ކާޓުނެއް އަޅުވާލައި ނުވަތަ ގޭމެއް ކުޅެން ދީފައި ބަހައްޓައެވެ.

އިންޑިއާގެ މުންބައިގެ މަޝްހޫރު ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރެއްކަމުގައިވާ ޑޮކްޓަރު ޕައުލާ ގޯއެލް ވިދާޅުވާ ގޮތުގައި ކުދިންނަށް މާގިނައިން ސްކްރީން ދެއްކުމުގެ އާދައަކީ މިހާރު މުޅި ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް އާއްމުވަމުން އަންނަ އާދައެކެވެ. އެގޮތުން، 5 އަހަރުން ދަށުގެ ކުޑަކުދިން އަތަށްވެސް ޓެބްލެޓާއި ފޯނުފަދަ ތަކެތި ދިނުން މިހާރު ވަރަށް އާއްމެވެ. އަދި ބައެއް ބެލެނިވެރިން، 3 މަހަށްދާ ތުއްތު ކުދިން ލޮއްސުމަށްވެސް އެހައި ތުއްތުއިރު ސްކްރީންއަށް ކުދިން 'އެކްސްޕޯސް' ކުރުވައެވެ. މީގެ ސަބަބުން ކުދީންގެ ވިސްނުމާއި ނަފްސާނީ އަދި ޖިސްމާނީ ގޮތުން ހެދިބޮޑުވުމަށް އަސަރު ކުރާކަމަށް ޑޮކްޓަރ ގޯއެލް ވިދާޅުވެއެވެ.

'ސްކްރީން ޓައިމް' ނުވަތަ ސްކްރިން ކުރިމަތީގައި ހޭދަވާ ވަގުތޭ މާނަކުރަނީ، ޓީވީއާއި ސްމާޓް ފޯނާއި ކޮމްޕިއުޓަރ، ޓެބްލެޓް، ވިޑިއޯ ގޭމްފަދަ ކޮންމެ ގެޖެޓެއްގައި ނަމަވެސް، ސްކްރިންއެއް ކުރިމަތީގައި ހޭދަކުރާ ވަގުތަށެވެ. އަދި ޑިޖިޓަލް މީޑިއާ އާއްމުގޮތެއްގައި މާނަ ކުރަނީ އިންޓަރނެޓާއި ކޮމްޕިއުޓަރ ނެޓްވޯކްތައް މެދުވެރިކޮށް ފަތުރާ އެކިކަހަލަ ވީޑިއޯއާއި އޯޑިއޯތަކާއި ލިޔުންތަކަށެވެ.

ކުޑަކުދީންގެ ހެދިބޮޑުވުމާއި އެކުދީންގެ ވިސްނުމާއި ޤާބިލިއްޔަތު ތަރައްޤީވާ މިންވަރު ދިރާސާ ކުރާ ތަޖުރިބާކާރުން ބުނާގޮތުގައި ޕްރީސްކޫލާއި އެކުދިންގެ އުނގެނުމުގެ ފުރަތަމަ ދުވަސްކޮޅުގައި މާގިނައިން ސްކްރީން ދައްކާނަމަ އެކުދިންގެ ހެދިބޮޑުވުމުގައި ގިނަ މައްސަލަތަކެއް ދިމާވެދާނެއެވެ. މީގެ ތެރޭގައި ވާހަކަ ދެއްކުމުގައި އުނދަގޫތައް ދިމާވުމާއި ބޮޑުވަމުންދާ ވަރަކަށް މިފަދަ ގެޖެޓުތަކަށް ކުއްޖާދެވި ހިފުން ފަދަ ކަންކަން ފާހަގަކުރެވެއެވެ.



އެފަރާތްތަކުން ބުނާގޮތުގައި އުމުރުން 3 އަހަރާއި 5 އަހަރާއި ދެމެދުގެ ކުޑަކުދިން ސްކްރިން ކުރިމަތީގައި ދުވާލަކު 2 ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަކުރެއެވެ. މިކަމުގެ ސަބަބުން ސީދާ އެކުދިންގެ ސިކުނޑީގެ ހެދިބޮޑުވުމަށް އަސަރު ކުރާކަމެއް ދެނެގަނެވިފައި ނެތް ނަމަވެސް، ވަކިކަމެއް ކުރުމަށް ބެހެއްޓުމުން އެކަމަކަށް ދޭންވާ ސަމާލުކަން ނުދިނުން ނުވަތަ 'އެޓެންޝަން ސްޕޭން' ދަށްވުމުގެ މައްސަލަ ދިމާވާކަން ފާހަގަކުރެވިފައިވާކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އަދި ތުއްތު އިރުން ފެށިގެން އަބަދުހެން ސްކްރީން ކުރިމަތީގައި އުޅޭ ކުދިން، ވާހަކަ ދައްކާ އުމުރަށް އަޅައިގަންނައިރު އެކަމުގައި ވަރަށް ގިނަ މައްސަލަތައް ދިމާވާކަމަށްވެސް އެފަދަ ފަރާތްތަކުން ބުނެއެވެ. އަދި އަބަދުހެން ޓީވީ ޖައްސާފައި ނުވަތަ ޓީވީގެ އަޑު އިވޭނެހެން ދަރިފުޅު ގެންގުޅޭނަމަ، އެކުދިން ކަންކަމަށް ދޭންޖެހޭ ސަމާލުކަން ދަށްވުމާއިއެކު ވިސްނުމުގެ ޤާބިލުކަން ތަރައްޤީވުމަށް ނުވަތަ ކޮގްނެޓިވް ޑިވެލޮޕްމަންޓަށް ނޭދެވޭ އަސަރު ކުރެއެވެ. އަދި މީގެ އިތުރުން ކުއްޖާއާއި ބެލެނިވެރިންނާއި އޮންނަންޖެހޭ ގުޅުންވެސް ކުޑަވެގެންދާކަމަށް އެފަރާތްތަކުން ފާހަގަކުރެއެވެ.

ކަންކަންމަށް ދޭންޖެހޭ ސަމާލުކަން ކުޑަވުމުން އެކުދިންގެ ކިޔެވުމާއި، ސްކޫލްގައި ހިންގޭ އިތުރު ހަރަކާތްތަކުގައި ކުއްޖާގެ ބައިވެރިވުމާއި އެކަންކަމުގައި ނެރެވޭ ނަތީޖާއަށް ސީދާގޮތުން އަސަރުކުރެއެވެ. މީގެ އިތުރުން މިފަދަ ކުދިން، ޕްރިންޓް ކުރެވިފައި ހުންނަ ފޮތްތަކުން ބަލައިގެން ކިޔަން އުނދަގޫވާކަމަށްވެސް ފާހަގަވެއެވެ. ނަމަވެސް އެފަދަ އެހެން ފޮތެއް ކޮންމެވެސް ޑިވައިސްއަކުން ދީފިނަމަ، އޭގައި ހުންނަ އެނިމޭޝަންތަކާއި ސައުންޑް އިފެކްޓްސް ތަކުގެ ސަބަބުން އެފަދަ ފޮތްތައް ކިޔުމަށް މިކުދިން މާބޮޑަށް ޝައުގުވެރިވާކަމަށް ޑޮކްޓަރ ގޯއެލް ވިދާޅުވެއެވެ.



އެހެންނަމަވެސް، އެއްވެސް ސްކޫލެއްގައި ކިޔަވާ ހުރިހާ ފޮތްތަކަކީ މިފަދަ ތަކެތި ކަމަށް ނުވެދާނެއެވެ. އެހެންކަމުން މިފަދަ އޯޑިއޯ ވީޑިއޯތައް ނެތުމުން ކުއްޖާ ކިޔެވުމަށް ބޭނުން ނުވުމަކީ އެކަށީގެންވާ ކަމެކެވެ. ވީމާ، ގެޖެޓުތައް ކުދިންނަށް ދިން ކަމުގައި ވީނަމަވެސް، ފޮތްތަކަށް ކުދިން ހާނުވައި އަހުލުވެރި ކުރުވުމަކީ ވަރަށް މުހިންމު ކަމެކެވެ.

މިމައްސަލައާއި ގުޅޭގޮތުން އިންޑިއާ ޓުޑޭ އިން ޝާއިއުކޮށްފައިވާ އާޓިކަލްއެއްގައިވާ ގޮތުން، އުމުރުން އެންމެ 3 އަހަރުގެ ސިދޭޝް ކިޔާ ކުއްޖަކު އެއްވެސް ގޮތަކަށް ވާހަކަނުދައްކައި ހަމައެކަނި ކޮންމެވެސް އަޑުތަކެއްލައްވާތީ ޑޮކްޓަރަށް ދެއްކުމުން ސްކްރީން ޓައިމް ކަނޑާލުމަށްވަނީ ބުނެފައެވެ. އަދި މިހެން ދިމާވީ އެކުއްޖާގެ މައިންބަފައިން ވަޒީފާއަށް ދާއިރު ދަރިފުޅު ބެލުމަށް މީހަކާއި ހަވާލުކޮށްފައި ދިއުމުން ކުއްޖާގެ މައިންބަފައިން އަންނަދެން ކުއްޖާ މަޑުން ބެހެއްޓުމަށް ޓީވީ ކުރިމަތީގައި އަބަދު ބަހައްޓާތީކަމަށްވެސް އެކުއްޖާ ދެއްކި ކުޑކުދިންގެ ޚާއްސަ ޑޮކްޓަރު ބުނެއެވެ.



ހެދިބޮޑުވަމުން އަންނަ ދަރިފުޅަށް މާގިނައިން ސްކްރީން ޓައިމް ދިނުމުން، އެފެންނަ ގިނަ މަންޒަރުތަކާއި އޯޑިއޯ ވީޑިއޯގެ ސަބަބުން އެކުޑަ ސިކުނޑިއަށް އެއްފަހަރާ މާގިނަ މައުލޫމާތުތަކެއް އެއްވެއެވެ. އަދި މިކަމުގެ ސަބަބުން އެކުޑަ ސިކުނޑި ވަރުބަލިކޮށްލައެވެ. އަދި މިއާއެކު ކުއްޖާގެ މެމޮރީ ނުވަތަ ހަނދާންކުރުމުގެ ބާރު ދަށްވެ، ކިޔުމުގެ ހުނަރާއި ހިސާބު ހެދުމުގެ ހުނަރު އަދި ވާހަކަ ދެއްކުމުގައި އުނދަގޫތަކެއް ދިމާވާކަމަށް ޑޮކްޓަރ ގޯއެލް ފާހަގަކުރެއެވެ.

އަދި ހަމައެއާއެކު، މާގިނައިން ކުއްޖާއަށް ސްކްރީން ދެއްކުމުން ސްކްރީންއިން ބޭރުގައި ހިނގާކަންކަން އެކުއްޖާއަށް ނޭނގެއެވެ. އަދި ސްކްރީންގައި އެދައްކާ ޚިޔާލީ ދުނިޔެއާއި އާއްމު ދިރިއުޅުމުގެ ކަންކަން ވަކިކުރަން ކުއްޖާއަށް ނޭނގޭ ހާލަތު އަންނަ ހިސާބަށްވެސް ދާކަމަށް އޭނާ ބުނެއެވެ. އަދި މީގެ އިތުރުން ވަކި ކަހަލަ ސުޕްހީރޯއެއް ފެނުމުން އެމީހަކަށް ވާން އުޅުމާއި އައިޑެންޑީގެ މައްސަލަތައްވެސް ދިމާވާން މެދުވެރިވެއެވެ.

އަދި ހަމައެހެންމެ ކުޑަކުދިންނަކީ އެކުދިންގެ އަމިއްލަ ޚިޔާލީ ދުނެޔޭގައި އުޅުމުގެ އާދަހުންނަ ބައެކެވެ. އެހެންކަމުން މިފަދަ ޅަސިކުނޑިތަކަކަށް މާގިނައިން ޚިޔާލީ ދުނިޔެއެއް ދައްކަން ފެށުމުން އާއްމު ދިރިއުޅުމުގެ ކަންކަމަށް ސަމާލުކަން ނުދޭ ގޮތްވެއެވެ. މިކަމުގެ ސަބަބުން މީހުންނާއި މުއާމަލާތު ކުރުން މަދުވެ، އެކުދިންގެ ކިބައިގައި ކަންކަމާއި ކުރިމަތިލުމުގެ ހުނަރު ނުވަތަ 'އެޑަޕްޓިވް' ސްކިލްސް ދަށްވެއެވެ. އަދި ނިދުމުގެ އާދަތަކަށްވެސް އަންނަ ބަދަލުތަކާއެކު ކުއްޖާގެ ޖިސްމާނީ އަދި ނަފްސާނީގޮތުން ހެދިބޮޑުވުމަށް ނޭދެވޭ އަސަރު ކުރެއެވެ.

އަދި ޕްރީ ޓީން ނުވަތަ ފުރާވަރަށް އަޅައިގަތުމުގެ ކުރީކޮޅުގައި މިފަދަ ކުދިންގެ ފަރާތުން އެކިއެކި ނޭދެވޭ ކަންކަން ފެނިގެން ދެއެވެ. މީގެ ތެރޭގައި ސްކޫލަށް ދިއުމަށް ބޭނުން ނުވުމާއި، އެކަނި ވެރިކަމަށް ލޯބިކުރުމާއި، ރުޅި ދަދަވުމާއި މީހުންނާއި ނުގުޅުންފަދަ ކަންކަން ހިމެނެއެވެ.

މީގެ އިތުރުން މިފަދަ ކުދިން އަބަދުހެން ސްކްރިނެއް ކުރިމަތީގައި ތިބުމުގެ ސަބަބުން ހަރަކާތްތެރިވުން ކުޑަވެ، ބޭރަށް ދާން ބޭނުންނުވެ އަބަދުހެން ގޭތެރޭގައި ހުންނަން ބޭނުންވެއެވެ. އަދި މިފަދަ ކުދިން ގޭގައި ތައްޔާރު ކުރާ ކެއުންތައް ކެއުމުގެ ބަދަލުގައި ބޭނުންވާނީ އޯޑަރުކޮށްގެން ގެނެވޭ، އެކުދިންނަށް ސްކްރީންތަކުން ފެންނަ ފަދަ ކާތަކެތި ކެއުމަށެވެ. މިއީ މިފަދަ އާދަތައް ބަދަލު ނުކޮށްފިނަމަ މުސްތަގުބަލުގައި އެކުދިންގެ ކެއުމުގައި ނުރަނގަޅު އާދަތައް ހަރުލައި ފަލަބަލި ޖެހުމަށް މެދުވެރިވެދާނެ ކަމެކެވެ.

އެހެންކަމުން ޑޮކްޓްރު ގޯއެލް ލަފާދެއްވަނީ މިފަދަ ގެއްލުންތަކުން އަޅުގަނޑުމެންގެ ލޮބުވެތި ދަރިން ރައްކާތެރި ކުރުމަށްޓަކައި ގިނަވެގެން 2 ގަޑިއިރަށްވުރެ އިތުރަށް ކުދިންނަށް ސްކްރީން ނުދެއްކުމަށެވެ. އަދި އުމުރުން 2 އަހަރު ނުވާ ކުދިންނަށް އެއްގޮތަކަށްވެސް ސްކްރީން ނުދެއްކުމަށް އެޑޮކްޓަރު ލަފާދެއްވައެވެ. އަދި އުމުރުން 2 އާއި 5 އަކާއި ދެމެދުގެ ކުދިންނަށް ގަޑިއިރަކަށްވުރެ އިތުރަށް ސްކްރީން ނުދެއްކުމަށްވެސް އިރުޝާދު ދެއްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން