މަރިޔަމް ލަމްޙާ ރަޝީދު   24 އޭޕްރީލު 2023 - 15:34
ކާރަށް އެރުމުން ބޯއަނބުރައި ހޮޑުލަވާ މީހުން ވަރަށް ގިނަ
ކާރަށް އެރުމުން ބޯއަނބުރައި ހޮޑުލަވާ މީހުން ވަރަށް ގިނަ
ޓެކްސީގައި ނުވަތަ އަމިއްލަ ކާރުގައިވެސް ދަތުރުކޮށްލުމަކީ ބޭނުންވާ ތަންތަނަށް ދާން އެންމެ ފަސޭހަގޮތެވެ. އެހެންނަމަވެސް، ބައެއް މީހުންނަށް ކާރުގައި ދަތުރު ކުރުމަކީ އެއީ އެހައި ފަސޭހަ ކަމަކަށް ނުވެއެވެ. އެމީހުން ކާރަށް އެރުމުން ހޮޑުލަވައި ބޯއަނބުރާގޮތްވެއެވެ. އާއްމުގޮތެއްގައި އިނގިރޭސި ބަހުގައި މިއަށް ކިޔަނީ 'ކާރ ސިކް'ވުމެވެ.

މިގޮތަށް ދިމާވަނީ ތިމާއަށް އެކަނި ކަމުގައި ހީނުކުރާށެވެ. ދިރާސާތަކުން ދައްކާގޮތުގައި މިގޮތަށް ދިމާވާ މީހުން މަދެއް ނޫނެވެ. އެހެންކަމުން، މިހެން ދިމާވާ ސަބަބާއި މިހެން މެދުވެރިވުމުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަން ދެނެގަތުމަކީ ކުރެވިދާނެކަމެކެވެ.

ކާރަށް އެރުމުން ބޯއަނބުރައި ހޮޑުލަވަން މެދުވެރިވާ ސަބަބުތައް:

'ކާރ ސިކްނަސް' ދިމާވާން މެދުވެރިވަނީ ކާރުދުއްވާއިރު ފެންނަ މަންޒަރުތަކުން ސިކުނޑިއަށް ދެނެގަނެވޭ ގޮތާއި، ކަންފަތުގައި ހުންނަ 'މޯޝަން ސެންސަރ' ނުވަތަ ބެލެންސް ކުރުމާއި ހަރަކާތްތައް ކުރުމުން ދެނެގަނެވޭ ބައިން ސިކުނޑިއަށް ދޭ މައުލޫމާތު ފުށުއެރުމުންނެވެ.

ކާރުގައި އިށީންދެ އިނދެ ފޮތް ކިޔަން ހުރުމާއި ސްކްރީން ބެލުމާއި ނުވަތަ ކުޑަދޮރުން ބޭރު ފެނުމުން ކާރު ދުއްވާކަން އިހުސާސްވެ ފެނިގެން ދެއެވެ. އެހެންނަމަވެސް، އިށީނދެ އިންނަ އިރު އެއްވެސް މޯޝަންއެއް ނުވަތަ ހަރަކާތެއް ހަށިގަނޑުން ނުކުރާތީ ހަށިގަނޑު އެއްވެސް ތަނަކަށް ނުދާކަމަށް ކަންފަތުގައި ހުންނަ މޯޝަން ސެންސަރ ތަކުން ބުނެދެއެވެ.



އެހެންކަމުން ދެ ހިއްސުން، ސިކުނޑިއަށް ވާސިލްކޮށްދޭ މައުލޫމާތުގައި ފުށުއެރުންތަކެއް ހުރުމުން މީހާގެ ސިކުނޑިއަށް ވާނުވާ ނޭގޭކަހަލަ ގޮތްތަކެއް ވެގެން ދެއެވެ.

މީގެއިތުރުން، ކާރު ދުއްވަމުންދާ މަގުގައި ހުންނަ އަޑިގުޑަންތަކުގެ ސަބަބުން މީހާގެ ހަށިގަނޑު ކޮންމެވެސް ވަރަކަށް ހެލެއެވެ. އެހެންނަމެވެސް ލޮލުން ފެންނަ މަންޒަރަކީ އެއްވަރެއްގައި ކާރު ދުއްވާފައިދާ މަންޒަރު ކަމަށްވުމުން ހިއްސުތަކުން ދޭމައުލޫމާތުތައް ތަފާތުވެ، ހޮޑުލަވާގޮތް ދިމާވެއެވެ. އަދި ހާސްވުމާއި ސްޓްރެސްގެ ސަބަބުންވެސް މިހެން ދިމާވާ މީހުންނަށް މާބޮޑުވަރުވާކަން ފާހަގަކޮށްލެވެއެވެ.

މިކަމަށް ލުއިލިބޭނެ ގޮތްތައް:

ކާރުގައި އިންނަ އިރު ދުރަށް ބެލުން

ކާރު ދުއްވަމުންދާއިރު ތިމާ ކުޑަދޮރުން ބޭރު ބަލާއިރު އެއްވަރެއްގައި ހުންނާނެހެން ބޭރު ބަލާށެވެ. އޭރުން ކަންފަތާއި އެއްހަމައެއްގައި ބޭރުން ބަލާ ދިމާލަކަށް ފޯކަސް ކުރެވޭނެއެވެ. އަދި އޭގެ ސަބަބުން ސިކުނޑިއަށް ދެ ހިއްސުން ލިބޭ މައުލޫމާތު އެއްގޮތްވުމުގެ ފުރުސަތު ބޮޑުވާނެއެވެ.

ބްރޭކް ނަގައި ސާފުވައި ހޯދުން: ދުރު ރާސްތާ ދަތުރުތަކުގައި ދޭތެރެއަކުން ބްރޭކެއްނަގައި ސާފުވައި ލިބިގަތުމުންވެސް ހޮޑުލަވާކަމުގެ އިހުސާސް ނުކުރެވޭނެއެވެ. މިދެންނެވިހެން ދިގު ދަތުރުތަކުގައި ހޮޑުލަވާކަމުގެ އިހުސާސް ކުރެވިއްޖެނަމަ، ކާރު މަޑު ޖައްސާލައި ކުޑަދޮރު ތިރިކޮށްލައި ސާފުވައި ލިބިގަންނާށެވެ.

ފޯކަސް ކޮށްގެން ކުރަންޖެހޭ ކަންކަން މަދުކޮށްލުން: ކާރު ދުއްވާފައިދާއިރު، ވީޑިއޯ ގޭމް ކުޅުމާއި ފޮތް ކިޔުން ފަދަ، ބޮޑަށް ސަމާލުކަން ދީގެން ކުރަންޖެހޭ ކަންކަން ދޫކޮށްލުމަކީވެސް ކުރެވިދާނެ ކަމެކެވެ. ސަބަބަކީ މިކަންކަން ކުރުމުން ކާރު ދުއްވާ އިރު ލޮލާއި ކަންފަތުގެ ހިއްސުން ސިކުނޑިއަށް ދޭ މައުލޫމާތު ތަފާތުވެ ހޮޑުލަވާގޮތް ދިމާވުމެވެ.

ކާރުގެ ކުރީކޮޅުގައި އިށީނުން: ކާރުގެ ކުރީ ސީޓުގައި އަދި ކުޑަދޮރާއި ވީހާވެސް ކައިރީގައި އިށީނުމުން މިގޮތަށް ދިމާވުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. ސަބަބަކީ ބޭރުން ހިންގާ ކަންކަން ސާފުކޮށް ފެނި ލޮލާއި ކަންފަތުގެ ހިއްސުގެ 'އެލައިންމަންޓް' ނުވަތަ ދެވޭ މައުލޫމާތު ދިމާވެ އެއްގޮތްވާނެތީއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން