ލޮލުގެ ފެނުން ރަނގަޅު ކުރުމަށް ކާން އެންމެ ރަނގަޅު ބާވަތްތައް
ލޮލުގެ ފެނުން ރަނގަޅު ކުރުމަށް ކާން އެންމެ ރަނގަޅު ބާވަތްތައް
ލޮލުގެ ފެނުމަކީ އިންސާނާއަށް ލިބިފައިވާ މުހިންމު ހިއްސީ ގުނަވަނެކެވެ. އާއިލީ ގޮތުންނާއި އެކިއެކި ބަލިތަކުގެ ސަބަބުން އަދި އުމުރުން ދުވަސްވުމުން ލޮލުގެ ފެނުން ކޮށިވެ ލޯއަނދިރިވާގޮތް ދިމާވެއެވެ.

ހަށިގަނޑަށް ދިމާވާ ގިނަ ކަންކަމުގައި ކެއިންބުއިން އިސްލާހުކޮށްގެން ހައްލު ހޯދެއެވެ. ނުވަތަ ލުއިތައް ލިބެއެވެ. މިލިޔުމުގައި މިވަނީ ލޮލުގެ ފެނުމުގެ ތޫނުކަން އިތުރުކޮށްދިނުމަށާއި ލޮލުގެ އާއްމު ޞިއްޙަތު ރަނގަޅު ކުރުމަށް ކެއުމުގައި ހިމަނާލެވޭނެ ބައެއް ކާނާގެ ބާވަތްތަކެވެ.

1. ސްޕިނަޗް:

ކުޑައިރު ބަލާ ޕޮޕައި ދަ ސެއިލަމެން އިން ކުދިންނަށް ސްޕިނަޗްކާން ހިއްވަރުދޭން ސްޕިނަޗް ކާލުމުން ވަގުތުން ޕޮޕައި ސުޕަހީރޯއަކަށް ބަދަލުވާތަން ދައްކައެވެ. ހަޤީގަތުގައިވެސް ސްޕިނަޗްއަކީ ހަށިގަނޑަށް އެތައް ފައިދާތަކެއް ލިއްބައިދޭ ފަތެކެވެ. މިގޮތުން މިފަތުގައި ވިޓަމިންގ ސީއާއި ލޫޓެއިން ހިމެނުމުން މިއީ 'އިންފްލެމޭޝަން' ނުވަތަ ގެއްލުމެއް ލިބުމުން ލޯރަތްވެ ދުޅަވާން ދިމާވުމުން އެކަން ހައްލުކޮށްދެއެވެ. އަދި ފެހިކަންގަދަ މިފަދަ ފަތްތަކުގައި ހިމެނޭ ލޫޓެއިންއާއި ޒީޒަންތިން އަކީ ލޮލުގެ ރެޓިނާގައި ހިމެނޭ ރެޓިނާއަށް ބޭނުންވާ މާއްދާތަކެކެވެ. އަދި މީގެ ސަބަބުން ލޮލަށް ގެއްލުންދޭ ބްލޫ ލައިޓު ފިލްޓަރ ކުރުމަށް ނުވަތަ ފުރޭނުމަށް ފަށަލައެއް އުފެދިގެން ދެއެވެ.

2. ކެރެޓު:

ވިޓަމިން އޭ އުފައްދާ ބީޓަ ކެރޮޓިން ކިޔާ މާއްދާއެއް ކެރެޓުގައި އެކުލެވިގެންވެއެވެ. ވިޓަމިން އޭ އަކީ ލޮލުގެ ޞިއްޙަތަށް ނުހަނު ބޭނުންތެރި މާއްދާއެކެވެ. މިމާއްދާ ހަށިގަނޑަށް ލިބޭ މިންވަރު މަދުވެއްޖެނަމަ ލޯ ހިކިވެ، ލޮލުގެ ހުދުބައި ނުވަތަ ކޯނީޅްގައި ކޫރުއެޅި ރަތްވެ އަދި ރޭގަނޑު ނުފެނުމާއި ލޮލުގެ ފެނުން ދަށްވުން ކަހަލަ ކަންކަން ދިމާވެއެވެ.

3. ދަނޑި އަލުވި:

ދަނޑިއަލުވި އަކީވެސް ލޮލުގެ ޞިއްހަތު ރަނގަޅު ކުރުމަށް ކެވިދާނެ ބާވަތެކެވެ. ލޮލުގެ ފެނުން ރަނގަޅު ކުރުމަށާއި ލޮލުގެ އާއްމު ޞިއްޙަތު ރަނގަޅު ކުރުމަށް ބޭނުންވާ ބީޓާ ކެރޮޓިން ގިނަ އަދަދަކަށް ފަލަމަޑީގެ މިބާވަތުގައި އެކުލެވިގެންވެއެވެ.

4. ސޭމަން:



މަހުގެ ބާވަތް ތަކަކީ އާއްމުގޮތެއްގައި އޮމެގާ-3 ފެޓީ އެސިޑްސް އެކުލެވިގެންވާ އެއްޗެކެވެ. މަހުގެ ބާވަތްތަކުގެ ތެރެއިން ސޭމަންގައި މިދެންނެވި ފެޓީ އެސިޑްގެ މިންވަރު ގިނަ އަދަދަކަށް ހިމެނެއެވެ. މިއީ ލޮލުގެ ރެޓިނާގެ ދުޅަހެޔޮ ކަމަށާއި ލޮލުގެ ތެތްކަން އެއްވަރެއްގައި ބަހައްޓައި ދިނުމަށް އެހީތެރިވާ މާއްދާއެކެވެ. ސޭމަން އިތުރުން ފްލައުންޑަރއާއި ކަނޑުމަހުގައިވެސް މިމާއްދާ އެކުލެވިގެންވެއެވެ.

5. އަލްމަންޑް:

އަލްމަންޑަކީ އާއްމުގޮތެއްގައި ހަންގަނޑާއި އިސްތަށިގަނޑުގެ ރީތިކަން ދަމަހައްޓައި ދިނުމަށް މުހިންމު މާއްދާތައް އެކުލެވިގެންވާ އެއްޗެއް ކަމުގައި ގިނަ މީހުން ޤަބޫލުކުރެއެވެ. ނަމަވެސް، މިއީ ލޮލުގެ ޞިއްހަތަށްވެސް ބޭނުންވާ އެންޓިއޮކްސިޑެންޓްސްއާއި ވިޓަމިން އީ މާއްދާ އެކުލެވޭ ބާވަތެކެވެ.

6. ޗިއާ ސީޑްސް:

ޗިއާ ސީޑްސްގައިވެސް އޮމެގާ-3 ފެޓީ އެސިޑް އެކުލެވިގެންވެއެވެ. ކެއިންބުއިމުގައި ޗިއާ ސީޑްސް ހިމަނާލުމުން ލޮލުގެ އިންފްލެމޭޝަން ދަށްކޮށްދީ ލޮލުގެ ފެނުމަށް ބަދަލު ނައިސް ގިނަ އަހަރުތަކަކަށް ދެމިގެންދިއުމަށާއި ލޮލުގެ އާއްމު ޞިއްހަތު ރައްކާތެރިކޮށްދިނުމަށް އެހީތެރިވެއެވެ.

7. ކުކުޅު ބިސް:

ކުކުޅު ބިހަކީ މަސުލް ބިލްޑް ކުރުމަށާއި ބަރުދަން ލުއިކުރުމަށސް އަދި ހަކުރުބައްޔާއި ހިތުގެ ބަލި މީހުންނަށްވެސް މުހިންމު މާއްދާތަކެއް ލިއްބައިދޭ ބާވަތެކެވެ. އަދި ހަމައެހެންމެ ކުކުޅު ބިހަކީ ލޮލުގެ ޞިއްޙަތަށްވެސް ނުހަނު ފައިދާކުރަނިވި އެއްޗެކެވެ. މިގޮތުން ކުކުޅު ބިހުގައި އެކުލެވޭ ޒިންކްއަކީ ލޮލުގެ ފެނުން ތޫނުކޮށްދީ އަލިކޮށްދޭ ބާވަތެކެވެ.

ލޮލުގެ އާއްމު ޞިއްހަތު ރަނގަޅު ކުރުމަށްޓަކައި ކެއުމުގައި މިބާވަތްތައް ހިމެނުމުގެ އިތުރުން އަވި އައިނު އެޅުމާއި ގަވައިދުން ލޮލުގެ ޑޮކްޓަރަށް ދެއްކުމުގެ އިތުރުން ވަޑާން ކުރުމާއި ވެލްޑިންގ ފަދަ މަސައްކަތްތައް ކުރާނަމަ ލޮލަށް އެކަށީގެންވާ ރައްކާތެރިކަން ހޯދުމަކީ މުހިންމު ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން