ސަފާރީ އެއްގައި ބިދޭސީ އަންހެނަކު ރޭޕް ކޮށްލި މައްސަލައަކީ މި ދިވެހިރާއްޖޭގެ ތަހުގީގާއި ޝަރުޢީ ނިޒާމު އޮތް ހާލަތު ކަމަށް މިއަދު ސިފަ ކުރެވުމަކީ ހިތާމަ ހުރި ކަމެކެވެ. މިއީ ދުވަހަކުވެސް ދެން މިގައުމުގައި އިންސާފު އެއީ އޮތް އެއްޗެއް ނޫނޭ ބުނާ އަޑު އިވުމަކީ އަންނަން އޮތް ޖީލުތަކަށް ވެސް މިކަމުގެ ނުބައި އަސަރު ކުރާނެ ކަމެއް ކަމުގައި ގަބޫލުކުރެވެއެވެ. މިދަންނަވަނީ އެއްގޮތަކަށް ވެސް އެކަން އެގޮތަށް ވެއްޖެއެކޭ ނޫނެވެ. އެކަން އެގޮތަށް ބުނާނަމަ ކަންކަން ވާނެ ގޮތުގެ ވާހަކައެވެ.

ހާދިސާގެ ނޫނީ އެފިލުމުގެ ކުރު ޚުލާސާއަކަށް ޖެހިލާނަމެވެ. އެކަމެއް ހިނގާދިޔައީ ހުކުރު ވިލޭރެއެއަކުއެވެ. ރާއްޖޭގައި މަސައްކަތް ކުރަން އައިސް އުޅޭ ކެންޔާގެ ޒުވާނަކަށް ރަހުމަތްތެރިއެއްގެ ފަރާތުން ލިބުނު ދައުވަތަކަށް އޭނާ ދަނީ ސަފާރީއަކަށެވެ. އެހެން ބަޔަކާއެކު ޕާޓީ ކުރާށެވެ. ސަފާރީއަށް ދިޔައިރު ތިބީ މުޅިން ވެސް ދިވެހީންނެވެ. ދެން ފަތިސްވާންދެން ބަނގުރާ ބޮއިގެން ސަފާރީގައި ޕާޓީ ކުރީއެވެ. ޕާޓީކޮށް ނިމިގެން ފަތިހު ފަހެއްޖަހާކަންހާއިރު ހުޅުމާލެއަށް ފައިބާން ސަފާރީގެ ޑެކްމައްޗަށް ނުކުތީއެވެ. ދެން އެއްބަޔަކު ޑިންގީގައި ހުޅުމާލެއަށް ފެއިބީއެވެ. ކެންޔާގެ ޒުވާނާއާއި އޭނާ ރޭޕް ކުރި ކަމަށް ކުރިން ބުނި އަދި ފަހުން ޖިންސީ ގޯނާ ކުރި ކަމަށް ފުލުހުން ބުނި ދެ ފިރިހެނުން ދެވަނަ ބުރުގައި ފައިބާން މަޑުކުރީއެވެ. ކުރިން ބުނި ގޮތުގައި އޭނާ ފުރަތަމަ ފޭބިޔަ ނުދިނީވެސް އެއްކަލަ ދެމީހުންގެ ރޭވުމުންނެވެ.

ދެން ޑެކް މަތީގައި އެ ހިނގި ކަމެއް ހިނގީއެވެ. ފުރަތަމަ އެމައްސަލަ ވަރަށް ތަފުސީލުކޮށް ލިޔެފައިއޮތް އޮންލައިން ނޫހެއްގައި ބުނާ ގޮތުން ޑެކްމަތީގައި ދެ ފިރިހެނުން ކުރެ އެކަކު އޭނާ ރޭޕް ކުރިއެވެ. އޭރު އަނެކަކު ހުރީހިފަހައްޓައިގެންނެވެ. ދެން ދެވަނަ މީހާ އެކަމެއް ކުރާން އުޅެނިކޮށް ދުވެފައި ގޮސް މޫދަށް ފުންމާލީއެވެ.

ދެން މިދަންނަވަނީ އެ ހާދިސާގެ 48 ގަޑިއިރެއްހާއިރު ފަހުން ރާއްޖޭގެ މަޝްހޫރު އޮންލައިން ނޫހެއްގައި ކެންޔާގެ އަންހެން މީހާއާއި އިންޓަރވިއު ކޮށްފައި ލިޔެފައިވާ ލިޔުމެއް ކަމަށް ބުނާ ލިޔުމުގައި މި ހިސާބަށް މިވާހަކަ އޮތް ގޮތެވެ. އޭރު ވަނީ މި ސަފާރީ ރޭޕް މައްސަލަ ވަރަށް ހޫނުވެ ރޯވާން ކައިރިވެފައެވެ. މި އިންޓަރވިއުއަކީ އެބުނާ އެކަން ކުރި "ބާރުގަދަ" ދެމީހުން ހައްޔަރުން ދޫކޮށްލާފައި އެމީހުން "ހެއްކަށް ފޯރުވާނެ ގޮތަކަށް ނުފޫޒު ފޯރުވާން" ވަގުތު ލިބިގެން "ހަދާނެ އެއްޗެއް ހެދިފަހުން" ނަގާފައިވާ ވަރަށް އާދަޔާ ޚިލާފު އިންޓަރވިއު އެކެވެ.

ފަހުން މިދެންނެވި، ކެންޔާގެ އަންހެން މީހާ ވަރަށް ހަމަޖެހިލައިގެން ދިން ކަމަށް ބެލެވޭ އިންޓަރވިއުއާއި ކުރިން މިދެންނެވި ނޫހުގައި ޖެހި ދިގު ރިޕޯޓާއި އަޅާ ކިޔާލުމުން ހާދިސާ ހިނގާ ދިޔަގޮތް ތަފާތުވާން ފަށަނީ ޕާޓީ ކޮށްފައި ޑެކް މައްޗަށް ނުކުމެ ދެން ހިނގާދިޔަ ކަންކަމުގައެވެ. ފަހުން ދިން ކަމަށް ބުނާ ޚާއްޞަ އިންޓަރުވިއު ނުވަތަ ފުރަތަމަ ފަހަރަށް ނޫހަކަށް ދީފައިވާ މިއިންޓަރވިއުގައި ޑެގް މަތީގައި އެއްކަލަ ދިވެހި ދެފިރިހެނުން ކުރާ ކަމަކީ ކެންޔާގެ ޒުވާން އަންހެނާގެ އުރަމައްޗާއި ފޫކޮޅުގައި އަތް ލުމެވެ. ދެން އަތްލާން ފެށުމުން ދުވެފައި ގޮސް މޫދަށް ފުންމައިލީއެވެ. ދެން ޑިންގީއަށް ނަގައިގެން ހުޅުމާލެ ލަކުޑި ޖެޓީއަށް ގެންދިޔައީއެވެ.

ކުރިން މައުލޫމާތު ދިން ނޫހުން ބުނަނީ ކެންޔާ މީހާ އެކަކު ރޭޕް ކުރީމާ ދެން ހުރި މީހާއަށް ފުރުސަތު ނުދީ ސަލާމަތްވާން ވެގެން މޫދަށް ފުންމާލީކަމަށެވެ. ދެން ވެސް ކަންކަން ހިނގާފައިވާ ގޮތް ދެ ނޫހުގައިވެސް ހަމަ ދާދި އެއްގޮތެވެ. އެކަމަކު ތަފާތަކީ ފަހުން ކެންޔާގެ އަންހެންމީހާގެ އިންޓަރިވިއު މާ ބޮޑަށް ލޮނު މަޑުވީމައެވެ. މާ ބޮޑަށް ވެސް މައިތިރި ވީއެވެ. ކުރިން ބުނީ ލަކުޑި ޖެޓީ މައްޗަށް ފޭބުމުން އައި ފުލުހުންނަށް އޭނާ ހުށައެޅި ރޭޕް ކުރި މައްސަލަ ކަމަށެވެ. ފަހުން ބުނީ ފުލުހުންނަށް އޭނާ މައްސަލަ ވެސް ހުށަ ނާޅާ ކަމަށެވެ. އޭނާ މައްސަލަ ހުށައަޅަން ބޭނުން ނޫން ކަމަށެވެ. ކުރިން ބުނީ ފުލުހުން މައްސަލަ ނުބަލާ ހައްޔަރުކުރި ދެ ދިވެހީން ދޫކޮށްލައި މުޅި މަންޒަރު ބަދަލުވީ އެމީހުންނަށް އައި ފޯނު ކޯލެއްގެ ސަބަބުންކަމަށެވެ.

ގިނަ ނޫސްތަކުގައި މިދެންނެވި މައްސަލަ އެ ދުވަހު ދުވާލު ރިޕޯޓް ކުރީ ރޭޕް ކޭސް އެއްގެ ގޮތަށެވެ. މައުލޫމާތު ލިބިފައި އޮތީވެސް އެގޮތަށެވެ. މައްސަލަ ހޫނުވެ މުޅި މީސް މީޑިއާ މި ވާހަކައިން ފުރާލައިފިއެވެ. އިސާހިތަކު ރޭޕްކުރި ދެމީހުންނަކީ ކޮންބައެއްކަން ވެސް މީސްމީޑިއާއަށް ތިލަ ވެއްޖެއެވެ. މިހާހިސާބުން ފުލުހުން ނެރުނީ ބަޔާނެކެވެ. ބަޔާން ނެރުނުއިރު އޮތީ ރޭޕް ކޭސްއެއްގެ ގޮތަކު ނޫނެވެ. މުޅި މަންޒަރު ބަދަލުވެފައެވެ. ކެންޔާގެ އަންހެން މީހާ ފުލުހުންނަށް ދިން ބަޔާނުގައި ބުނި ކަމަށްވީ އެއްކަލަ ދެމީހުން އޭނާގެ ދެ ގުނަވަނެއްގައި ބީހިލީ ކަމަށެވެ. ފަތިހު މީނު އަނދިރީގައި މޫދަށް ފުންމާލީވެސް އެކަމާ ބިރުންނެވެ. ދެ މީހުން ދޫކޮށްލީ އެމީހުން ބަންދުގާ ބައިތިއްބައިގެން މައްސަލަ ބަލާނެ ވަރުގެ ކަމެއް ފެންމަތި ނުވާތީއެވެ. ދެން އަނެއް ދުވަހު މެންދުރުފަހު އެއްކަލަ ނޫހުން ކެންޔާގެ އަންހެން މީހާއާއި އިންޓަރވިއު ކޮށްފައި ޝާއިޢުކުރި ރިޕޯޓްވެސް ހަމަ ހުދު ކާފޫރަށްވެފައެވެ. ފުލުހުން ނެރުނު ބަޔާއި ނޫހަށް އޭނާ ދިން އިންޓަރވިއުއު ވަރަށް ސަޅިކޮށް ދިމާވެއެވެ. އަދި ތަކުރާރުކޮށް ފަހުގެ އިންޓަރވިއުގައި އޮތް އެއް ޖުމްލައަކީ އެނޫން އެހެން ނޫހަކަށް ވެސް އެހެން ޖާނަލިސްޓަކަށް ވެސް އޭނާ އިންޓަވިއު ނުދޭ ވާހަކައެވެ. އެވާހަކަ ކިޔައި ނުދޭ ވާހަކައެވެ. ހަމަ އެވާހަކަ އަހާއިރަށް ބުނަނީ އެހެން ނޫހަކަށް އިންޓަރވިއު އެއްނުދޭ ކަމަށެވެ. ހަމަ އަހާއިރަށް ބުނަނީ ނުދެމޭ، ނުދެމޭ އެވެ. އޭނާއާއި ގުޅޭނެ ގޮތެއްވެސް ނޯންނާނެ ކަމަށެވެ. އޭނާ އަތުގައި ފޯނެއްވެސް ނެތޯލައެވެ. ފޯނެއް ނެތިސް ފަހުން އިންޓިރވިއު ހޯދި ގޮތެއް ނޭނގެއެވެ. މައްސަލަ ނިމުނީއެވެ. ކެންޔާ އަންހެންމީހާ މިހާރު އެވާހަކަ ދައްކާން ވެސް ބޭނުން ނުވަނީއެވެ. އޭނާ މިހާރު ބޭނުން ވަނީ އަވަހަށް ރަށަށް ދާށެވެ.

ދެން ހަމަ އެހެން ކަންކަމުގައި ވެސް ކަން ކުރާ އުސޫލުން މައްސަލަ މަޖިލީހުގެ ކޮމިޓީތަކުން ބަލަން ފަށައިފިއެވެ. ފުލުހުން ކޮމިޓީއަށް ހާޒިރުކޮށްފިއެވެ. ކޮމިޓީގައި ފުލުހުން އެދެއްވި ޖަވާބު ތަކުން މުޅި މަންޒަރު މިއޮތީ ބަދަލުވެފައިކަން ކަށަވަރުވާ ހިސާބަށް ހިނގައްޖެއެވެ.

މިހާތަނުން އެނގުނީ އެބުނާ ކެންޔާ އަންހެން މީހާ ހުށައެޅީ ރޭޕް ކޭސް ކީއްކުރަން ޖިންސީ ގޯނާގެ މައްސަލައެއް ވެސް ނޫން ކަމެވެ. އޭނާ ސީނަށް އައި ފުލުހުންގެ ގާތުގައި ބުނި ކަމަށްވަނީ އޭނާގެ ފޯނު އެމީހުން ނުދީގެން އުޅޭ ވާހަކައެވެ. ދެން ޖިންސީ ގޯނާގެ މައްސަލައަކީ އޭނާ ދެއްކި ވާހަކައެއްގެ ތެރޭގައި ފާޑަކަށް ހީއެއް ވެގެން ފުލުހުން އަމިއްލައަށް ބަލަން ފެށި މައްސަލައެކެވެ. ޕާޓީކޮށްފައި އައި ބަޔަކު، އަދި އެބުނާ ޖިންސީ ގޯނާއެއްގެ ވާހަކަ އަޑު އިވުނުއިރު ހައްޔަރު ކުރި ކަމަށް ބުނާ ދެ މީހުން ތިބީ ހަމައިގައިތޯ ބަލައިލާން ނޫނީ އެމީހުން އެރޭ ބުއީ ކޮފީތޯ ނުވަތަ ޖޫސްތޯ ބަލައިލާންވެސް "ހީސް ކޮޅެއް" ނަގައިގެން ޓެސްޓް ކޮށްލާން ވެސް ބޭނުމެއް ނުވިއެވެ. ކޮމިޓީގައި އެ ދައްކާލި ޗަރުކޭހެއް ދައްކާލާފައި އެކަން އެ ނިމުނީއެވެ.

މިހާރު ރޭޕެކޭ އަމުދުން ނުވެސް ކިޔައެވެ. ޖިންސީ އަނިޔާ އެއީ އެތާނގައި ހިނގި ކަމެއް ވެސް ނޫނެވެ. މި ޗަރުކޭސް ބަލާފައި އެއްބަޔަކު ބުނީ ކެންޔާ މީހާ ފަތިހު މޫދަށް ފުންމާލީ ކަހަނބެއް ފެނިގެން ކަމަށެވެ. އަނެއް ބަޔަކު ބުނީ އެމީހުން ސަފާރީގައި ފަތިސްވާންދެން ތިބީ "އަޅުކަން" ކުރުމުގައި ޔޯލައެވެ. އަނެއް ބަޔަކު މިހާރު ބުނަނީ ކުރިކަމެއް ކުރީވެސް ބުއި އެއްޗެއް ބުއީވެސް ސަފާރީ ކަމަށެވެ.

ކޮންމެއަކަސް މިދަންނަވާލީ މި މައްސަލައާއި ގުޅިގެން މީހުން މަޖާޒީ ގޮތުން ކިޔާ ހަޖޫ ތަކުގެ ތެރެއިން ދެތިން ހަޖުލެކެވެ. ނަމަވެސް މުޅި މައްސަލައިގެ ވަށައިގެން ބަލާއިރު މިކަން ހިނގާ ދިޔަ ގޮތާއި މައްސަލަ ރިޕޯޓް ކުރުމާއި މައްސަލައިގެ ހެކި ހޯދަން ކުރި މަސައްކަތްތަކާއި މީޑިއާ ރިޕޯޓްތަކާއި ބަޔާންތަކާއި ކޮމިޓީގައި ދެކެވުނު ވާހަކަ ތަކަށް ބަލައި ހުރިހާ ކަމެއް އެއްކޮށްލުމުން މިހާރު ލިބޭ ނަތީޖާއަކީ މިއީ ހަމަ ނުހިނގާ ކަމަކާ އެއްފަދަ ކަމެއް ކަމަށެވެ. ކުރީގެ އެސިސްޓެންޓް ޕީޖީ އަދި މިހާރުގެ މަޖިލިސް މެންބަރު އުޝާމް ވިދާޅުވެފައިވަނީ ސަފާރީ ރޭޕް މައްސަލައިގައި ހެކި ހޯދަން ލިބުނު ރަނުގެ ވަގުތު ގެ ބޭނުން ފުލުހުން ކޮންމެވެސް ސަބަބަކާހުރެ ނުހިފީ ކަމަށެވެ. އޭނާ އެވިދާޅުވަނީ ފުލުހުން މިމައްސަލައިގެ ހެކި ހޯދަން ސަފާރީއަށް ދިޔައީ ކަމުގެ މުއާލާތްކެނޑި އެ ކުރި ކަމަކާއި ބުއި އެއްޗެއްގެ ވަސްވެސް ކެނޑޭހާއިރު ކޮށްފައި ކަމުގެ ވާހަކައެވެ. އެބުނާ ސީނުން ނެގި ދެމީހުން ކޮންމެވެސް ސަބަބަކާ ހުރެ ދޫކޮށްލި ކަމަށް ފުލުހުން ބުނާ ވާހަކައެވެ.

އެއް ނިންމުމަކީ ފުލުހުން ސީނުން ދެމީހަކު ހައްޔަރުކޮށްފައި އެމީހުންނާމެދު އެއްވެސް ޝައްކުގެ ނަޒަރަކުން ނުވަތަ ތުހުމަތުގެ ނަޒަރަކުން ބެލުމެއް ނެތި ދޫކޮށްލުމެވެ. އަނެއްކޮޅުން ދޫކޮށްލުމުން އެދެމީހުންނަށް އެއޮތީ ހެއްކަށް ބާރު ފޯރުވުމަށް ރަނުގެ ފުރުސަތެއް ފަހިވެފައެވެ. ފަހުން ދިން ކަމަށް އެބުނާ އިންޓަރވިއުގެ މިސްރާބާ މެދު ވިސްނާލުމުން އެނގިގެން ދަނީ މިހާރު މުޅި މައްސަލައިގެ މިސްރާބު އެއޮތީ ލޮލުކޮޅަށްވެސް ނުފެންނަ ވަރަށް ގޮސް އޮބާލާފާ ކަމެވެ.

މިހާރު އެބުނާ ވިކްޓިމް ނުވަތަ ރޭޕް ކުރި ކަމަށް ބުނާ އަންހެން މީހާ އެ މައްސަލަ ބަލާކަށްވެސް ބޭނުމެއް ނުވެއެވެ. އެވާހަކަ ދައްކާކަށް ވެސް ބޭނުމެއް ނުވެއެވެ. އެދެ މީހުންގެ މައްސަލައެއް ހުށައަޅަން ކީއްކުރަން އެވާހަކަ ދައްކާންވެސް އޭނާ ބޭނުން ނުވަނީއެވެ. މިހާރު އެސަފާރީވެސް ދިވެހި ދެމީހުންވެސް އަދި އޭނާ ސަފާރީއަކަށް ދިޔަ ކަމެއްވެސް ގެންދިޔަ ކަމެއްވެސް ގާނޫނެއް އިންސާފެއް ނުދެނެހުއްޓެވެ. މިއޮތީ ހަމަ ފައްކާ ހިންދީ ފިލްމު ތަކުގައި އެފެންނަ ނުބައިބައި މީހާގެ ނުވަތަ ދާދާގެ ނޫނީ ސީއެމްގެ ދަރިފުޅާއި އޭނާގެ ރަހުމަތްތެރިޔާ ޕާޓީ ކުރަން އުޅެފައި މަސްތުގެ ހާލުގައި ތިބެގެން ޒިވާން އަންހެން ކުއްޖަކު ރޭޕްކޮށް ނުވިތާކަށް އެކަން ފޮރުވާން އެ އަންހެން ކުއްޖާ މަރާލީމާ ފުލުހުން ސީނަށް ގޮސް އެދެމީހުން ހައްޔަރުކޮށްގެން ގެންދިޔައީމާ ދެން ކަން ހިނގާދާ ކަހަލަ ގޮތަކަށް ކަންވެ ނިމިފައެވެ.

މިހާރު ދެން އެސަފާރީ ކޭސް ނިމުނީއެވެ. އެއީ މިހާރު ނުހިނގާ ކަމެކެވެ. އެކަމަކު މިއީ މުޅި އުމުރަށް ސުވާލު އުފައްދާނެ ކަމެކެވެ. އެބުނާ އިންސާފު ހޯދަން ކުރި ދަތުރުގެ މިސްރާބު މިއޮތީ މުޅިން ބަދަލު ވެފައެވެ. މިއީ އެދަތުރަށް އެރިއްޔާ އެރި ބައެއްގެ ފަސްބައިގައި ޖެހޭނެ ލައްގަނޑެކެވެ. މިފަދަ ކޮންމެ ކަމެއްގައި މިސާލު ނެގޭނެ ހާދިސާއެކެވެ. ފަހުން ބައްދަލު ކުރާނެ މަންޒަރެކެވެ.


ކިޔުންތެރިންގެ ހިޔާލު


0

އިސްކުރުބެ

07-Jul-2020

މިޙާލްތައް މި ޤައުމު ގެންދިއުމުގެ ބޮޑު ދައުރެއް މި ޤައުމުގެ ޢިލްމުވެރިން ނޭކިޔާ މީހުންގެ ތެރެއިން ބަޔަކު އާދާ ކޮށްފައިވެއެވެ. މިއަދު މިވަރުގެ ބޮޑެތި ޖަރީމާތައް ހިނގަމުން ދާއިރުވެސް އެއިން މީހެއްގެ އަނގައިން ސުއްޕް ވެސްބުނެ ނުލާ އެތިބެނީ ހަމަ ޢިލްމުވެރި ކަމުގެ ބޮޑުކަމުން ތޯ އަޅުގަނޑު ސުވާލުކޮށްލަން ބޭނުންވެއެވެ. އެފަދަ ޖައްބާ ރުމީހުންނަށް ހެޔޮވިސްނުން ދެއްވުމަށް އަހަރެން ދުއާއެއް ނުކުރާނަމެވެ. އަހަރެންގެ ދުޢާއަކީ އެފަދަ ޖާހިލުން ގަދަފަދަ ހިއްޕެވުމަކުން ހިތްޕަވާ ނެތި ކުރައްވާން ދޭވެއެވެ. މި ޤައު މަށް ސަމާހަތުގެ ނޭވައެއް ލެވޭނީ އެފަދަ ޢިލްމުވެރިން ނެތި ސިއުމަށް ފަހުގައެވެ.


7

ހައްވަ

06-Jul-2020

ތިޔަކަން ހިނގިކަމަށްވާނީ ކިހިނެތްހޭ؟ މިހާރު ތިޔަ 3 މީހުން ވުޖޫދުވި ކަމަށްވެސް ނުވޭ. ތިހިރީ ސިޔާސީ ނުފޫޒުގައި ފުލުހުން މުޅި ޢުމްރަށް އެމީހުންގެ ރީތި ނަމަށް ބަލައިގަތް ހުތުރު ލައްގަނޑެއް! އެފްރިކާގެ ނުވަތަ ލެޓިން އެމެރިކާގެ އެންމެ ނާތަހްޒީބު ގައުމު ތަކުގައި ހިނގާފަދަ ހުތުރު ހަގީގަތް ފޮރުވުމެއް!


23

ތިމަންނަ

06-Jul-2020

ކުދިންނޭ , މިއީ ދުނިޔެއެވެ މާތްﷲގެ ކަލާން ފުޅަށް ހިތުހުރިގޮތެއް ހަދާބަޔަކު އުފަންވީމާ މިއަށްވުރެ ބޮޑެތި ކަންތައްތައްވެސް ފެންނަމުން ދާނެއެވެ. އެބައި މީހުނަށް ތެދުމަގު ދައްކަވާދޭވެ...


8

އިންސާފު

06-Jul-2020

؟؟؟



ޓްރެންޑިން