އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   11 ޖޫން 2023 - 14:16
اللّه تعالى ވަޙީކުރެއްވި އެވެ. وَعَسَى أَنْ تَكْرَهُوا شَيْئًا وَهُوَ خَيْرٌ لَكُمْ وَعَسَى أَنْ تُحِبُّوا شَيْئًا وَهُوَ شَرٌّ لَكُمْ وَاللَّهُ يَعْلَمُ وَأَنْتُمْ لَا تَعْلَمُونَ (البقرة/216) އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް  ވެދާނެތެވެ. އަދި ތިޔަބައިމީހުން ރުހޭ ކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުން ހުރި ކަމަކަށް ވެދާނެތެވެ. އަދި اللَّه ހުރިހާ ކަމެއްމެ ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެ އެވެ. އަދި ﷲ ތަޢާލާ ވަޙީކުރެއްވި އެވެ. فَعَسَى أَنْ تَكْرَهُوا شَيْئًا وَيَجْعَلَ اللَّهُ فِيهِ خَيْرًا كَثِيرًا (النساء/19) )ދަންނާށެވެ!) ބައެއްފަހަރަށް ތިޔަބައިމީހުން އެއްޗަކަށް ނުރުހުން ވެދާނެއެވެ. އަދި، އެއެއްޗެއްގައި  اللَّه ގިނަވެގެންވާ ހެޔޮކަން ލައްވައިފާނެތެވެ.

ލައްޒަތާއި ވޭނަކީ އިންސާނާގެ ކިބައިގައިވާ ވުޖްދާނީ އިނގިރޭސި ބަހުގައި އިމޯޝަނަލް ކަންކަމޭ ބުނާ ބާވަތުގެ އިޙްސާސެކެވެ. އެއީ އިންސާނާގެ އިޙްސާސްތަކާ ގުޅިފައިވާ ކަންކަމެވެ. ކޮންމެ އިންސާނަކު ވެސް ދިރިއުޅެނީ މި ފަދަ އެތައް އިޙްސާސްތަކަކާ އެކީގަ އެވެ. އިންސާނާގެ ޠަބީޢަތުގައި ލައްޒަތަށް ލޯބިކުރުން ހިމެނިފައި ވެއެވެ. އަދި ވޭނާއި ކެކުޅުމަށް އޭނާ ނަފްރަތުކުރެ އެވެ. އަދި އޭނާ އެ ކަންކަމާ ދުރުހެލިވެ އެވެ.

ލައްޒަތަކީ އޭގެ އަޞްލަށް ބަލާއިރު ނަފްސާނީ ގޮތުން ލޯތްބާއި އުފާ ފަދަ އިޙްސާސެކެވެ. މާއްދިއްޔަތަށް ބަލާއިރު ކެއުމާއި ބުއިމާއި އެ ފަދަ އެހެން ކަންކަމުގެ ލައްޒަތު ފަދަ އެއްޗެކެވެ. ވިސްނުމުގެ ދާއިރާއަށް ބަލާއިރު އެއި ޢިލްމަށް ލޯބިކުރުން ފަދަ އިޙްސާސެކެވެ. ހަމަ އެ ފަދައިން ވޭނާކީ ވެސް މި ފަދަ އިޙްސާސްތަކެކެވެ. މިސާލަކަށް ހިތާމަޔާއި މޮޅިވެރިކަން، މާއްދީ ގޮތުން ބަލިވުމާއި އެކި ބާވަތުގެ ޒަޚަމު ހިމެނެ އެވެ. މިއީ އިންސަނާގެ ސުލޫކު ވަކި ގޮތަކަށް ބައްޓަންވެގެން ދިއުމަށް ނުވަތަ އެނާ އެހެންމީހުންނާ ކުރާ މުޢަމަލާތު ވަކި ގޮތަކަށް ބައްޓަންވެގެން ދިއުމަށް ނުވަތަ އޭނާއާ އޭނާ ހެއްދެވި އިލާހާ ދެމެދު އޮންނަ ގުޅުންތައް ވަކި ގޮތަކަށް ބައްޓަންވެގެން ދިއުމަށް މަގުފަހިކޮށްދޭ އިޙްސާސެއް ވެސް މެއެވެ.

އުފާ، މީރުކަން، ލައްޒަތު ނުވަތަ ވޭނާއި ތަދާއި ކެކުޅުމަކީ މިއިން ކޮންމެ ކަމެއްގައި ވެސް ފައިދާ އާއި ގެއްލުން ހުރެ އެވެ. މިސާލަކަށް ވޭނާއި އޭގެ ބަދަލުގައި ލިބޭ އަޖުރަށް ބަލާލަމާ ހިންގަވާށެވެ. އިންސާނާގެ ކުށަކާ ނުލައި ﷲ ގެ ޤަޟާ ޤަދަރުން އިންސާނާއަށް ޖެހޭ ކޮންމެ މުޞީބާތަކީ އޭގައި އިލާހީ ޙިކްމަތަކާއި މަޞްލަޙަތެއް ފޮރުވިގެންވާ ކަމެކެވެ. އެ މަޞްލަޙަތު ހުރީ ޚުދު އިންސާނާ އަށެވެ. އެކަމަކު އެއި ފައިދާތަކަކާއި މަންފާތަކެކެވެ. އެ ފައިދާ އާއި މަންފާ އަހަރެމެންނަށް ފަހުން ނުވަނީ އެވެ.

ޙަޤީޤަތުގައި އިންސާނެއްގެ ޝަޚްޞިއްޔަތު ފުރިހަމަވެ ބިނާވުމުގައި މި ވޭނާއި ހިތާމަ އާއި މޮޅިވެރިކަން ފަދަ އިހްސާސްތައް ވަރުގަދަ ރޯލެއް ކުޅެއެވެ. މި ތަނުގައި މިދަނޑިވަޅު ކުރުކޮށް ބަލާލާނީ އިންސާނާ ތަޙައްމަލުކުރާ ވޭނާއި ކެކުޅުމުގައި ހުރި އިލާހީ ޙިކްމަތާއި އެ ކަލާނގެ ޢަދުލުވެރިކަމުގެ މައްޗަށެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ލައްޛަތުގެ މުޤާބިލުގައި ތަދުގެ ޤާނޫނު ހެއްދެވި ޙިކުމަތަކަށް ޓަކަ އެވެ. ފަހެ ﷲ ތަޢަލާ އެ ކަލާނގެ އަޅަކަށް މުޞީބާތެއް ޖެއްސެވުމުގެ މާނަ އަކީ ކޮންމެހެން އެ ކަލާނގެ އޭނާ ދެކެ ކޯފާވެ ވޮޑިގަތުމެއް ނޫނެވެ.  އެކަމަކު ވަރަށް ގިނަ ފަހަރު އޭގެ ބަދަލުގައި ﷲ ތަޢާލާ އެ ކަނލާނގެ ޙަޟްރަތުގައި އޭނާގެ ޢިއްޒަތް މަތިވެރި ކުރައްވައި ނިޢުމަތާއި ސަވާބު މިންވަރުކުރައްވަ އެވެ.

ވަރަށް ގިނަ ފަހަރަށް އަހަރެމެން އެ ކަމަކާ ރުހޭ ކަމަކީ އެއީ އަހަރެމެންނަށް ގެއްލުން ހުރި ކަމެއް ކަމުގައި ވެ އެވެ. އަދި އަހަރެމެން ނުރުހޭ ކަމަކީ އަހަރެމެންނަށް ފައިދާ ހުރި ކަމެއް ކަމުގައި ވެދެ އެވެ. މި ފަދަ ހުރިހާ ކަމެއް އަހަރެމެންނަކަށް ނޭނގެ އެވެ. އެކަމަކު ﷲ އެ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެން ވެ އެވެ. އަހަރެމެން ޤަބޫލުކުރަން ޖެހޭނީ ﷲއީ ޢަދުލުވެރި ކަލަކުކަމުގަ އެވެ. އެ ކަލާނގެ އެއްވެސް މަޚްލޫޤަކަށް އަނިޔާވެރިވެ ވޮޑިގެނެއް ނުވެ އެވެ. މީގެ އިތުރުން ތަދާއި ވޭނުގައި ގިނަ ގުނަ ފައިދާތަކެއް އެބަހުއްޓެވެ. އެކަމަކު އެ ކަން ވިސްނޭނީ އެ މޭރުމުން ވިސްނާ ބަޔަކަށެވެ. ފަހެ ހިތާމަ އާއި ތަދާއި ވޭން އަނިޔާވެރިންގެ ބޮޑާކަމާއި ނުކިޔަމަންތެރިކަން ކުޑަކޮށްދެއެވެ. އެއީ އަނިޔާ ލިބޭ މީހުންނަށް ހުރި ރަޙްމަތެކެވެ. އަދި އަނިޔާވެރިން ތައުބާވުމަށް އޮތް ފުރުޞަތެއް ވެސް މެ އެވެ. އޭގެ ފައިދާތަކުގެ ތެރޭގައި އަނިޔާ ވުމުން ތަދު ނުވާ ނަމަ އެއީ ވަރަށް ނުރައްކާތެރި ކަމެކެވެ. ގުނަވަނެއް ބުރިވެ ލޭފޭބިސް ތަދު ނުވައްޏާ އެ ކަމެއް އިޙްސާސެއް ނުވާނެ އެވެ.

އަހަރެމެންނަށް ޖެހޭ ކޮންމެ މުޞީބާތަކީ ހޭއަރުވާލުމެކެވެ. އިލާހީ އިންޛާރެކެވެ. އަހަރެމެން ޤަބޫލުކުރަންޖެހޭނީ ﷲ ތަޢާލާ އޭގެ ބަދަލު ދުނިޔެ އާއި އާޚިރަތުގައި އަހަރެމެންނަށް ދެއްވާނެ ކަމުގަ އެވެ. ވޭނާއި ކެކުޅުމަކީ ކުރެވޭ އިމްތިޙާނެއް ކަމުގަ އެވެ. ހެޔޮ ގޮތުގައި އެކަންކަމަށް ކެތްކޮށްފި ނަމަ ހުރީ ސަވާބެވެ. އަދި ކުށްތަކާއި ފާފައިން ދުރުވެގަތުމަށް ދެވޭ ފުރުޞަތެއް ވެސް މެ އެވެ.

 



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން