އެޓެންޝަން ޑެފިސިޓް ޑިސްއޯޑާ(އޭޑީއެޗްޑީ) އަކީ ސިކުނޑީގެ އުފެދުމުގެ އުނިކަމެއްގެ ސަބަބުން ކުޑަކުދިންނާއި އަދި މިގޮތަށް ސިކުނޑި އުފެދިފައި ހުންނަ ބޮޑެތި މީހުންނަށްވެސް ދިމާވާ ކަމެކެވެ.

އޭޑީއެޗްޑީއާއި ބެހޭގޮތުން ގިނަ މައުލޫމާތުތަކެއް ފޯރުވައިދީ އާއްމުން ހޭލުންތެރިކުރުމުގެ އެތައް ހަރަކާތެއް ހިންގަމުންދާއިރުވެސް އަދިވެސް މިކަމާއި ގުޅޭ ނުރަނގަޅު މައުލޫމާތުތައް ޤަބޫލުކުރެވެމުންދެއެވެ.

އޭޑީއެޗްޑީއަކީ ބައްޔެއް ނޫނެވެ. ސަބަބަކީ ބައްޔަކީ ފަރުވާދީގެން ރަނގަޅުކުރެވޭ ކަމަކަށް ވާތީއެވެ. އަދި އޭޑީއެޗްޑީ އަކީ މެދުވެރިވާ ހާލަތަކީ އެކަމާއިއެކު ދިރިއުޅޭ މީހުންނާއި ވަށައިގެންވާ މީހުން އެކަންކަމަށް ލޯހުޅުވުމުން މިހާލަތު ހުންނަ މީހުންނަށް އާއްމު މީހެކޭ އެއްފަދައިން ދިރިއުޅެވޭނެ ކަމެކެވެ.

އޭޑީއެޗްޑީ ހާލަތު ހުންނަ މީހެއްނަމަ އެންމެ ބޮޑަށް ފާހަގަ ކުރެވޭ ކަމަކަށްވާނީ ކަންކަމަށްދޭ ސަމާލުކަން އަވަސްއަވަހަށް ގެއްލުމެވެ. ކަމެއް ކުރުމަށް ބެހެއްޓުމުން ވަރަށް އަވަހަށް އެކަމަކުން ސަމާލުކަން އެހެން ކަމަކަށް ދިއުމެވެ.

އިންޑިއާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުން ބުނާގޮތުގައި އޭޑީއެޗްޑީގެ އަލާމާތްތައް ދަރިފުޅުގެ އުމުރުން 3 އަހަރުން ފެށިގެން ބޮޑުވުމާއިހަމައަށްވެސް ދެމިގެން ހިނގައިދާނެއެވެ. ބައެއް މައިންބަފައިން ދަރިފުޅުގެ ކިބައިގައި އޭޑީއެޗްޑީ ހުންނަކަން ޤަބޫލުކުރަން ބޭނުންނުވެއެވެ. އަދި ވަރަށް ގިނަ ފަހަރަށް އޭޑީއެޗްޑީ ހުންނަ ކުދިންނަކީ ބަސްނާހާ ކުދިންކަމުގައި ލޭބަލް ކުރެވި ކުދިންނަށް އަދަބުދިނުމަކީވެސް މައިންބަފައިންގެ ފަރާތުން، އެފަދަ ކުދިންނަށް ލިބިދެވެންޖެހޭ އޯގާތެރިކަމުގެ ބަދަލުގައި ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. އަދި މިފަދަ މައިންބައިން ދަރީންނަށް އެހާލަތުގައި އަދަބުދެނީ ދަރީން ތަޙައްމަލް ކުރާ އުދަގޫތަކާއި ވޭން މައިންބަފައިންބަށް ހަޤީޤަތުގައި ނޭނގޭތީއެވެ. ގިނަފަހަރަށް މައިންބަފައިންނަށް ދަރިފުޅުގެ ޙާލަތު އެނގޭއިރު، އޮންނަނީ މާބޮޑަށްވެސް ލަސްވެފައެވެ. އެހެންކަމުން މިބަލީގެ ޚާއްސަ ތެރަޕިސްޓުންގެ އެހީތެރިކަން ހޯދުން ގިނަފަހަރު ވަރަށް ބޮޑަށް ލަސްވެގެންދެއެވެ.

ތިރީގައި މިވަނީ އޭޑީއެޗްޑީ އާއިބެހޭގޮތުން ބައެއް މީހުން މީހަރުވެސް ޤަބޫލުކުރަމުންދާ ނުރަނގަޅު ޤަބޫލުކުރުންތަކެވެ.

1. އެއީ ހަމައެކަނި ކުޑައިރުގައި ދިމާވާ މައްސަލައެއް؛

އޭޑީއެޗްޑީއާއި ބެހޭގޮތުން އެންމެ އާއްމުކޮށް މީހުންގެ ތެރޭގައި ޤަބޫލުކުރެވިފައި އޮންނަނީ މިއީ ހަމައެކަނި ކުޑަކުދިންނަށް ދިމާވާ ކަމެއްގެ ގޮތުގައެވެ. އަދި ބޮޑު މީހެއްގެ ފަރާތުން ތަރުތީބު ނުވުމާއި، އެއްކަމެއް ނުނިމެނީސް އަނެއްކަމަކަށް ފޯކަސް ކުރެވުންފަދަ ކަންކަން ފެންނަނަމަ އެމީހަކީ އުޅުމެއް ނެތް ވިޔާނުދާމީހަކަށް ހަދައެވެ. އެހެންނަމަވެސް ސިކުނޑި އުފެދިފައިވާގޮތުން މިފަދަ މީހުން ބޮޑުވުމުން، ވަގުތު މެނޭޖު ކުރުމާއި، ތަރުތީބުކޮށް ކަންކަން ބެހެއްޓުމާއި ދޭދޭ ގުޅުންތައް ހަރުދަނާކޮށް ބެހެއްޓުމުގައި އުނދަގޫތަކެއް ކުރިމަތިވެއެވެ.

2. މައިންބަފައިން ދަރިފުޅު ތަރުބިއްޔަތު ކުރާގޮތުން ވާގޮތެއް؛

މިއީވެސް ބައެއް މީހުން ޤަބޫލުކުރާ ގޮތެކެވެ. އެހެންނަމަވެސް އޭޑީއެޗްޑީއަކީ 'ބިހޭވިއަރަލް' ނުވަތަ އުޅޭގޮތުގެ މައްސަލައެއް ނޫނެވެ. މިއީ ސިކުނޑި އުފެދިފައި ހުންނަ ގޮތުން މެދުވެރިވާ ކަމެކެވެ. މިމައްސަލަތައް މެނޭޖުކުރުމަށް ބޭސް ބޭނުންކުރުމާއި ތެރަޕީގެ އެހީތެރިކަން ހޯދަންޖެހެއެވެ.

3. ހުރިހާ ކަމަކަށްވެސް މިހާރު ބުނާނީ އޭޑީއެޗްޑީއޭ؛

ގިނަ ބަޔަކު ޤަބޫލުކުރާގޮތުގައި އޭޑީއެޗްޑީއަކީ ކޮންމެ ކަމެއް ދަރިފުޅުގެ ފަރާތުން ފެނުނަސް ޑޮކްޓަރުން ބުނެލާ ބަހެކެވެ. ކިތަންމެ ޓެސްޓުތަކެއް ހެދުމަށްފަހު އެގޮތަށް ޑޮކްޓަރުން ނިންމިޔަސް މިއީ މިހާރު ކުދިން ބަސްނާހާ އުޅުނަސް ފަސޭހައަކަށް ބުނެލާ ބަހެއްގެ ގޮތުގައި ބައެއް މީހުންދެކެއެވެ. ނަމަވެސް ހަޤީޤަތަކީ އޭޑީއެޗްޑީގެ ގިނަ ކޭސްތައް ހުންނަނީ ޑައިގްނޯސްނުކުރެވިއެވެ. އެހެންކަމުން މިއިން ކަމެއް ދިމާވާނަމަ ސްޕެޝަލިސްޓެއްގެ ގާތަށްގޮސް އިވެލުއޭޓްކޮށް ޓެސްޓް ހެދުމަކީ މުހިންމު ކަމެކެވެ.

4. ބޭސްކެއުމަކީ ހަމައެކަނި ފަރުވާ؛

ބޭސްކެއުމަކީ ބައެއް އޭޑީއެޗްޑީ ކުދިންނަށް އެންމެ ރަނގަޅު ގޮތް ކަމުގައިވީނަމަވެސް އަނެއް ބައި ކުދިންނަށް ބިހޭވިއަރަލް ތެރަޕީއާއި ލައިފްސްޓައިލް އެޖަސްޓްމަންޓް އަދި ޓީޗަރުންނާއި ބެލެނިވެރިންގެ ފަރާތުން އެހީތެރިކަން ހޯދުމަކީ އެންމެ ބޭނުންތެރި ގޮތްކަމުގައި ވެދާނެއެވެ. އެކުއްޖަކަށް އެންމެ އެކަށީގެންވާ ޓްރީޓްމަންޓް ޕްލޭންއެއް ކަނޑައަޅާނީ އެކުއްޖެއްގެ ސައިކޮލޮޖިކަލް އެސިސްމަންޓް ހަދާ ތެރަޕިސްޓެކެވެ.

5. މިއީ ހަމައެކަނި ހަލަނިވެގެން އުޅޭކުދިންނަށް ދިމާވާގޮތެއް؛

އޭޑީއެޗްޑީ ހުންނަ ކުދިންގެ ކިބައިން ބައެއްފަހަރު ފެންނަ ކަމަކީ ވަރަށް ހަލަނިވެގެން އުޅުމެވެ. އަބަދު ގޭތެރޭގައި ދުވުމާއި ފުންމަމުން އުޅުމެވެ. އޭޑީ އެޗްޑީގެ 3 ވައްތަރެއް ހުރެއެވެ. އެއީ ބޮޑަށް ސަމާލުކަން ނުދިނުން، ބޮޑަށް ހައިޕަރއެކްޓިވް ވުން އަދި މިދެ ކަންތައް އެކުގައި ހިމެނޭ އޭޑީއެޗްޑީގެ ވައްތަރެވެ. އެހެންކަމުން މަޑުން ހުންނަނަމަވެސް ކަންކަމަށް ދޭންވާ ސަމާލުކަން ނުދެވޭ ކުދިންގެ ކިބައިގައިވެސް އޭޑީއެޗްޑީ ހުރެދާނެއެވެ.

6. އޭޑީއެޗްޑީ ހުންނަނީ ހަމައެކަނި ފިރިހެން ކުދިންގެ ކިބައިގައި؛

ކުރިން ޤަބޫލުކުރެވިފައި އޮންނަ ގޮތުންނަމަ އޭޑީއެޗްޑީ އާއްމުކޮށް ފެންނަނީ ފިރިހެންކުދިންގެ ކިބައިންނެވެ. އެހެންނަމަވެސް މިހާރުގެ ދިރާސާތަކުން ދައްކާގޮތުގައި ދެޖިންސުގެ ކުދިންނަށްވެސް މިހެން މެދުވެރިދެއެވެ. އަދި އަންހެން ކުދިންނަށް ބޮޑަށް މިކަންކަން ޑައިގްނޯސް ނުކުރެވެނީ އަންހެންކުދިންގެ ކިބައިން ހައިޕަރއެކްޓިވްކަން ނުފެންނާތީއެވެ.

ތިމާގެ ދަރިފުޅުގެ ކިބައިގައި އޭޑީއެޗްޑީ ހުންނަނަމަ، ތަފާތު ތެރަޕީތަކުގެ ތެރެއިން އާއްމު މީހުންގެ ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުގެ ތެރަޕީދީ ދަރިފުޅުގެ ވާހަކަ ދެއްކުމުގެ ހުނަރާއި އަދި ކަންކަމަށް ސަމާލުކަން ދޭމިންވަރު އިތުރުކުރުމުން އާއްމު ދިރިއުޅުމަށް ދަރިފުޅުގެ ސިކުނޑި ހާނުވަން ފަސޭހަވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން