މަރިޔަމް ލަމްޙާ ރަޝީދު   22 އޯގަސްޓު 2023 - 12:59
ކޮލެސްޓްރޯލް މަތިވުމަކީ ހިތުގެ ބަލިތަކާއި ސްޓްރޯ އަދި ބޮޑެތި ޞިއްޙީ މައްސަލަތައް މެދުވެރިކުރުވާ ކަމެކެވެ. ދިރިއުޅުމުގައި ގެންގުޅެވޭ ނުރަނގަޅު އާދަތަކާއި ކާތަކެތީގެ ސަބަބުން އަދި ހެލިފެލިވެ ނޫޅުމުގެ ސަބަބުން މިމައްސަލަ ދިމާވާގޮތް މެދުވެރިވެއެވެ. މިއީ އާއްމުން އެހައި ބޮޑަށް ސަމާލުކަން ނުދޭ ކަމަކަށް ވީނަމަވެސް މިއީ ވަރަށް ނުރައްކާތެރި ހާލަތްތަކަށް މީހާ ގެންދާ ގެއްލުންހުރި ކަމެކެވެ.

އެހެންކަމުން ކޮލެސްޓްރޯލް މައްސަލަތައް މެދުވެރިވެދާނެ ސަބަބުތައް ދެނެގަތުމަކީ ނުހަނު މުހިންމު ކަމެކެވެ. ތިރީގައި ހިމަނާލާފައި މިވަނީ ކޮލެސްޓްރޯލް މަތިވުމަށް މެދުވެރިކުރުވާ ބައެއް ހާލަތްތަކެވެ.

- އާއިލާގައި ކޮލެޓްރޯލް ބަލި ހުންނަ މީހުން ތިބުން:

މައިންބަފައިންނާއި އަދި އާއިލާގެ މީހުންގެ ތެރޭގައި ކޮލެސްޓްރޯލް ބަލި ހުންނަނަމަ ތިބާވެސް މިބަލި ތަހައްމަލު ކުރަން ޖެހުމުގެ ފުރުޞަތު ބޮޑެވެ. ޖެނެޓިކްސް ނުވަތަ އާއިލާއިން ވާރުތަކުރުމަކީ ތިބާއަށް ބަލިޖެހުމުގެ ޗާންސް އިތުރުވެ ކޮލެސްޓްރޯލް ލެވަލް މަތިވުމަށް މެދުވެރިވެދާނެ ކަމެކެވެ. އެހެންކަމުން އާއިލީ މީހުންގެ ޞިއްޙީ ހާލަތުތައް ދެނެގަނެ އަމިއްލަ ލައިފްސްޓައިލްއާއި ކެއުމުގެ އާދަތަކަށް ސަމާލުވުމަކީ މުހިންމުކަމެކެވެ.

- ނުރަނގަޅު ކެއުމުގެ އާދަތައް:

ކެއުމުގައި ހަށިގަނޑަށް ބޭނުންވާ ކާބޯހައިޑްރޭޓް، ޕޮރޮޓީން، ވިޓަމިން މިނަރަލް އަދި ފެނާއި ފެޓްސް ހިމެނުމަކީ ހުރިހައި ބައިތައް ހަމަ ކެއުމެކެވެ. އެހެންނަމަވެސް ފެޓްސްގެ ބައި ކެއުމުގައި ހިމަނަންވާނީ ވަރަށް މަދުންނެވެ. ފެޓްސް ބައި ގިނައިން އެކުލެވޭ ގޮތަށް ތައްޔާރުކުރެވޭ ބަންދުކޮށް ޕްރޮސެސް ކޮށްފައި ހުންނަ މަހުގެ ބާވަތްތަކާއި ތެލުލި ކާތަކެއްޗާއި މިނޫންވެސް ފެޓްސް ގިނައިން އެކުލެވޭ ކެއުން ކެއުމަކީ ހަށިގަނޑުގައި 'ބޭޑް ކޮލެސްޓްރޯލް' ނުވަތަ އެލްޑީއެލް ބާވަތުގެ ކޮލެސްޓްރޯލް އިތުރުވާނެ ކަމެކެވެ.

- ދުންފަތުގެ އިސްތިއުމާލުކުރުން:

ސިގިރޭޓު ބުއިމަކީ ހަށިގަނޑަށް ގެއްލުންދެނިވި ގޯސް އާދައެކެވެ. މީގެ ސަބަބުން ހަށިގަނޑުން 'ބޭޑް ކޮލެސްޓްރޯލް" އެލް.ޑީ.އެލް އިތުރުވެ އަދި އެޗް.ޑީ.އެލް – 'ރަނގަޅު' ކޮލެސްޓްރޯލް މަދުވެއެވެ. (ހައި ޑެންސިޓީ ލައިޕޯ ޕްރޮޓީން – އެޗް.ޑީ.އެލް – އަކީ ހަށިގަނޑުން ކޮލެސްޓްރޯލް ބޭރުކުރުމަށް އެހީތެރިވެދޭ ކޮލެސްޓްރޯލްގެ ބާވަތެކެވެ. އެލްޑީއެލްއަކީ ހިތުގެ ހޮޅިތަކުގައި ގިނަވެ ހިތުގެ މައްސަލަތައް ޖެހެން މެދުވެރިކުރުވާ ކޮލެސްޓްރޯލްގެ ބާވަތެވެ) އެހެންކަމުން ސިގިރޭޓު ބުއިމަކީ ހިތުގެ ބަލިތަކާއި އަދި ކޮލެސްޓްރޯލައި ގުޅިގެން ހަށިގަނޑަށް މެދުވެރިވާ އެހެނިހެން ބަލިތައް ޖެހުމަށް މަގުފަހި ކުރުވާނެ ކަމެކެވެ.

- ފަލަވުން:

މާބޮޑަށް ފަލަވުމުން 'އޮބީސިޓީ' ނުވަތަ ފަލަބައްޔޭ ކިޔާ ބައްޔަށް މީހާ ހުށަހެޅިދެއެވެ. ހަށިގަނޑު މާބޮޑަށް ފަލަވުމަކީ ހަށިގަނޑުގައި ބޭނުންވާ މިންވަރަށްވުރެ އިތުރަށް ފެޓްސް ބޭނުންކުރެވުމުން އެތަކެތި ސަރުބީގެ ގޮތުގައި ރައްކާކުރެވި ބަރުދަން އިތުރުވުމުން ދިމާވާ ކަމެކެވެ. މީގެ ސަބަބުން ހިތުގެ ބަލިތަކާއި ހަކުރު ބައްޔަށްވެސް މަގުފަހި ކުރުވައެވެ. އެހެންކަމުން ބަރުދަން ލުއިކުރުމަށް ޑައިޓް ޕްލޭންއާއި ކަސްރަތު ކުރަން ޖެހޭނެއެވެ. އޭރުން އެލްޑީއެލް ކޮލެސްޓްރޯލް ދަށްވެ ހަށިގަނޑުގެ ބަރުދަން ލުއިވުމަށް އެހީތެރިވެދޭނެއެވެ.

- ހެލިފެލިވެ ނޫޅުން:

ތިބާއީ ހެލިފެލިވެ އުޅުން މަދު، ކަންނެތް އަދި މާފަސޭހަ ލައިފްސްޓައިލްއެއް ގެންގުޅޭ މީހެއްނަމަ ކޮލެސްޓްރޯލް މަތިވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ހަށިގަނޑުން ފަލަ ނޫނަސް މިހެން މެދުވެރިވުމަކީ އެކަށީގެންވާ ކަމެކެވެ. ހެލިފެލިވެ ނޫޅޭނަމަ ހަށިގަނޑުގައި އެޗް.ޑީ.އެލް މަދުވެ އެލްޑީއެލް ކޮލެސްޓްރޯލް އިތުރުވެދާނެއެވެ.

މިއިން ކަމެއް ތިބާގެ ދިރިއުޅުމުގައި ހުރިނަމަ އެކަން ހައްލު ކުރުމަށް ޑޮކްޓަރަށް ދެއްކުމަކީ މުހިންމު ކަމެކެވެ. ކޮލެސްޓްރޯލްގެ ސަބަބުން ހިތުގެ ނާރުތަކުގައި ޕްލޭކް އިތުރުވެ ހިތް ހުއްޓުން ފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތްވުމަށް ތިމާގެ ލައިފްސްޓައިލް ބަދަލުކޮށްލައި ރަނގަޅު ކާނާ ކެއުމާއި ކަންނެތްކަން ކަނޑުވާލައި އެކްޓިވް ލައިފްސްޓައިލްއެއް ގެންގުޅުމަކީވެސް އެހައިމެ މުހިންމު ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން