މަރިޔަމް ލަމްޙާ ރަޝީދު   27 އޯގަސްޓު 2023 - 14:31
ބައިވެރިޔާ އަށް ޝައްކު ކުރެވި ބައިވެރިޔާ ބޭވަފާތެރިވެދާނެ ކަމުގެ ބިރުހީވޭ ހެއްޔެވެ؟ ހީވިނަމަވެސް މިއީ ހަމައެކަނި ތިބާއަށް ކުރެވޭ އިހުސާސެއްނޫނެވެ. ބޭވަފާތެރިވުމުގެ މައްސަލަ އަކީ އަޅުގަނޑުމެންގެ ތެރޭ އާއްމު ކަމަކަށްވެފައިވާއިރު، ތިބާއަށް އަދި ބައިވެރިޔާގެ ފަރާތުން މިކަން ތަޖުރިބާ ނުކުރެވުނު ނަމަވެސް ބައިވެރިޔާ އާދެތެރޭ ކުށްހީކޮށް އިތުބާރު ގެއްލުވާލައި ބޭވަފާވެއްޖެ ކަމުގެ އިހްސާސް ކުރެވި އެެެގޮތަށް ވިސްނުން ގެންގުޅުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް ތިބާއަށް އުފާވެރި ޚަބަރެއް ދެންހެއްޔެވެ؟ ބައިވެރިޔޭ ބޭވަފާތެރި ނުވާނެކަން އަންގައިދޭނެ ސިފަތައް ދެނެގަނެވި ތިޔަ ބިރު ކަނޑުވާލައި އުފާވެރި ދިރިއުޅުމެއް ބިނާކުރެވިދާނެއެވެ.

ތިބާއާއި ބައިވެރިޔާއާއިދެމެދު އުފާވެރި އިތުބާރުކުރެވޭ ވަރުގަދަ ގުޅުމެއް އޮވެއްޖެނަމަ ތިރީގައި ހިމަނާލާފައިވާ ކަންކަން އޭނާގެ ކިބައިން ފެންނާނެއެވެ. އަދި އެފަދަ މީހުން ބައިވެރިޔާއަށް ބޭވަފާތެރިއެއް ނުވާނެއެވެ.

1 - ހުރިހާކަމެއްގައި ތެދުވެރިވެ ކަންކަން ހިއްސާކުރުން:

ބޭވަފާތެރިންނަށް އެންމެ އުނދަގޫވާނެކަމަކީ ކަންކަން ހިއްސާކުރުމާއި ކަންކަމުގައި ތެދުވެރިވުމެވެ. އެމީހުން އަބަދުވެސް ޚިޔާރުކުރާނީ އަމިއްލަ ދިރިއުޅުމުގެ ކަންކަން ހިއްސާނުކޮށް ފޮރުވާފައިބެހެއްޓުމަށެވެ. އެކަންކަން ހިއްސާކުރަންފަށައިފިނަމަ ތިބާއަށް އެނގިގެން ސުވާލު އުފައްދާނެފަދަ ކަމެއް ތިބާ ގާތުގައި ބުނެވިދާނެއެވެ. މިއާޚިލާފަށް ހުރިހާކަމެއްގައި ތިބާ މަޝްއޫލުކޮށް ހުރިހާ ކަމެއް ހިއްސާކުރާ ބައިވެރިޔާގެ ހުރިހާ ކަމެއް ތިބާއަށް ކިޔައިދޭނެއެވެ. އަދި ބޮލުގައި އެނބުރޭ ޚިޔާލުތަކާއި އޭނާ ކުރާ ކަންކަންވެސް ހިއްސާކުރާނެއެވެ. މިއީ ތިބާގެ ބައިވެރިޔާގެ ފަރާތުން ފެންނަ ކަމެއްނަމަ އުފާކުރާށެވެ. މިފަދަ މީހުންގެ ދިރިއުޅުމުގައި ކަމެއް ގޯސްކޮށް ދިމާވާނަމަ ނުވަތަ ތިބާއާއިމެދު ހިތްހަމަ ނުޖެހުންތައް ހުރިނަމަ ތިބާއަށް ބޭވަފާތެރިވުމުގެ ބަދަލުގައި ތިބާއާއި ހުރިހާ ކަމެއް ހިއްސާކޮށް އޭނާގެ ބޭނުންތަކާއި އޭނާގެ ކަންބޮޑުވުންތައް ތިބާއަށް ކިޔައިދޭނެއެވެ. މިފަދަ ތެދުވެރިކަމަކީ ރަނގަޅު ޒަވާޖީ ހަޔާތަކަށް ނުހަނު މުހިންމު ކަންކަމެވެ.

2 - ތިބާއަށް އިޙުތިރާމްކުރުން:

ރަނގަޅު ޒަވާޖީ ހަޔާތެއްގައި ދެމީހުންގެ ދެމެދުގައި އިޙުތިރާމް ޤާއިމުވެފައި އޮންނާނެއެވެ. އަދި ބާއްޖަވެރި އުފާވެރި ދިރިއުޅުމަކަށް ތިބާގެ ބައިވެރިޔާ ތިބާއަށާއި ދެމީހުންގެ ގުޅުމަށް ގަދަރުކުރާނެއެވެ. ތިބާގެ ހުރިހާ ޚިޔާލުތަކާއި އިހުސާސްތަކަށް އިޙުތިރާމްކުރާ ބައިވެރިއެއްނަމަ އަދި ތިބާގެ އިހުސާސްތަކަށް ފަރުވާތެރިވާ މީހެއްނަމަ، ބޭވަފާތެރިވުމަކީ ނާދިރުކަމެކެވެ. ސަބަބަކީ ތިބާގެ އިހުސާސްތަކަށް ޤަދަރުކުރާ މީހަކު ތިބާ ހިތުގައި ޖެހޭފަދަ އެއްވެސް ކަމެއް ނުކުރާނެއެވެ. މީގެ އިތުރުން ތިބާގެ ވަގުތާއި ދިރިއުޅުމަށް ތިބާ އޭނާއާއި އެކުގައި އޭނައަށް ތިޔަދޭ އެއްބާރުލުމާއި ތިބާގެ ހުރިހާ ކަމެއްގައި އޭނާއަށްޓަކައިވާ ޤުރުބާނީ ދެނެގަނެ އެކަންކަން ބަލައިގަންނަ މީހަކު ތިބާއަށް ދެރައެއް ދިނުމަށް ފަސްޖެހޭނެއެވެ. މިފަދަ މީހުން ހުރިހާ ކަމެއްގައި ތިބާގެ އިހުސާސްތަކަށް ފަރުވާތެރިވެ ތިބާގެ އުފާތަކާއި އުއްމީދުތައް ހާސިލްކޮށްދެވޭތޯ މަސައްކަތްކުރާނެއެވެ.

3 - އެކުގައި ވަގުތު ހޭދަކުރުމަށް މަސައްކަތްކުރުން؛

ކައިވެނީގެ ކުރީކޮޅުގައި ކޮންމެ ދެމަފިރިއަކުވެސް އެކަކު އަނެކަކަށް ވަގުތު ހުސްކުރެއެވެ. ނަމަވެސް ކައިވެންޏަށް ދުވަސްވީވީހެން ދެމީހުން އެކަކު އަނެކަކަށް ދޭންޖެހޭ ވަގުތު ނުދިނުމުގެ މައްސަލަ ބޮޑުވެ އެންމެފަހުން ބައިވެރިޔާ ބޭވަފާތެރިވުމަށް ފުރުސަތު އިތުރުވެއެވެ. ބޭވަފާތެރި ބައިވެރިންނަށް އެމީހުންގެ ހަޔާތުގެ ބައިވެރިޔާއަށް ދޭންޖެހޭ ވަގުތު ދިނުމަށް ކުޅަދާނަވެގެންނުވެއެވެ. އެމީހުންގެ ސިކުނޑިއާއި ވަގުތު އެހެން މީހަކަށް ހުސްކޮށްގެންހުރެ ޒަވާޖީހަޔާތަށް ދެވޭނީ ކޮން ވަގުތެއްހެއްޔެވެ؟ މިއާއި ޚިލާފަށް ތިބާއަށް އަޅާލާ އޯގާތެރި އަދި ތިބާއަށް ބޭވަފާތެރިނުވާނެ މީހެއްނަމަ އޭނާއަށް ލިބޭ ހުސްވަގުތުގައި ފޯނުންނަމަވެސް ގުޅާލައި ތިބާގެ ހާލު ބަލާނެއެވެ. އަދި މާ ބޮޑަށް ބިޒީކޮށް އުޅޭނަމަވެސް އެބިޒީ ޝެޑިއުލްއިން ވަގުތު ހުސްކޮށް ތިބާއަށް ވަގުތު ދޭނެއެވެ. އަދި ވަގުތު ދިނުމުގައި ބުނެވޭ ބަހާއި އަމަލާއި ދިމާވާވޭތޯ މަސައްކަތްކޮށް އެކަމަށް އެމީހުން އަބަދުވެސް ފަރުވާތެރިވާނެއެވެ.

4 - އުޅޭ އުޅުމުގައާއި ކުރާ ކަންކަމުގައި ބަހާއިއަމަލު ދިމާވުން؛

ތިބާގެ ބައިވެރިޔާ ތިބާއަށްދޭ ޔަޤީންކަމާއި ވާވައުދުތަކުގައި ސާބިތުވާނަމަ އަދި ބުނާ ބަހާއި އަމަލާއި ދިމާވާނަމަ އޭނާ ތިބާއަށް ބޭވަފާތެރިއެއް ނުވާނެއެވެ. ސަބަބަކީ ބޭވަފާތެރިންނަށް އެމީހުން ގެންގުޅޭ މީހުން ގިނަވުމުން އެކަކަށްވެސް ވާވައުދެއް ދެމެހެއްޓުމުގެ ކުޅަދާނަކަމެއް އެމީހުންނަށް ލިބިގެންނުވާތީއެވެ. ހުރިހާ އެންމެން އުފާކުރުމަށް ހުރިހާ އެންމެން ގާތު ދޮގު ހަދަމުން ދުވާއިރު އެއްވެސް މީހަކަށްޓަކައި ބުނާކަމެއް ކޮށްނުދެވޭނެއެވެ. މިއާޚިލާފަށް ބުނާ ބަހުގައި ސާބިތުވާ އަމަލާއި ބަހާ ދިމާވާ ބައިވެރިއެއްނަމަ ތިބާގެ ބައިވެރިޔާއަކީ ތިބާއަށް ބޭވަފާތެރިވާނެ ފަރާތެއް ނޫންކަމުގައި ހިތުގެ އަަޑިން ޤަބޫލުކުރާށެވެ. އެއީ ތިބާއާއި ތިޔަ ދެމީހުންގެ ގުޅުމަށް އޭނާ ޤަދަރުކުރާތީ ހުރިހާ ކަމެއްގައިވެސް ތިޔަ ގުޅުން ދެމެހެއްޓުން އޭނާއަށް މުހިންމުވާތީއެވެ.

5 - އިހުސާސްތަކަށް ސަމާލުކަންދިނުން؛

ތިބާގެ އިހުސާސްތައް އިސްކޮށް ކަންކަމުގައި ތިބާ ދެރަނުކުރުމަށާއި ތިބާގެ އުފާތަކަށް އޭނާ ސަމާލުކަންދޭނަމަ އެއީ އޭނާ ތިބާއަށް ބޭވަފާތެރިނުވާނެކަން ދޭހަވާ ހެޔޮ ފާލެކެވެ. ބޭވަފާތެރިންނަށް އެހެންމީހުންގެ އިހުސާސްތަކުގެ މައްޗަށް އިސްކުރެވޭނީ އަމިއްލަ މީހާގެ އިހުސާސްތަކެވެ. ތިބާއާއި ދޭތެރޭ ހަޤީޤަތުގައިވެސް ވިސްނާ ހުރިހާ ކަމެއްގެ މައްޗަށް ތިބާ އިސްކުރާ ބައިވެރިންނަކީ ތިބާއަށް ޖިސްމާނީ ގޮތުންވެސް އަދި ނަފްސާނީ ގޮތުން ގެއްލުމެއް ލިބިދޭން ނޭދޭނެ މީހެކެވެ. އެހެންކަމުން ބައިވެރިޔާ ދިރިއުޅުމުގައި ތިބާއަށް ގެއްލުންވާ އެއްވެސް ކަހަލަ ނިންމުމެއް ނުނިންމާނެއެވެ. އަދި އޭނާ ކުރާ ހުރިހާ ކަމެއްގައާއި ނިންމާ ނިންމުންތަކުގައި ތިބާގެ ފުރިހަމަ މަސްލަހަތު އޮތްކަން އޭނާ ކަށަވަރުކުރާނެއެވެ.

ބައިވެރިޔާ ބޭވަފާތެރިވާނެޔޭ ނުވަތަ ނުވާނެޔޭ ބުނުމަކީ ވަރަށް އުނދަގޫކަމެކެވެ. އެހެންނަމަވެސް ތިބާގެ ބައިވެރިޔާގެ ކިބައިން މަތީގައި ދެންނެވުނު ކަންކަން ފެންނަނަމަ، ބައިވެރިޔާއަކީ ތިބާއަށް ލިބުނު ނަސީބެކެވެ. ސަބަބަކީ އެފަދަ މީހުންނަށް ބޭވަފާތެރިވުމަކީ ކުރަން އުނދަގޫކަމަކަށް ވާނެތީއެވެ. މަތީގައި ދެންނެވުނު ކަންކަމަށް ވިސްނާލައި ހިތްހަމަޖެހުން ހޯދުމަކީ ތިބާއަށް ތިބާގެ ބައިވެރިޔާއާއި މެދު ހިތްސާފުކުރެވި އިތުބާރު ވަރުގަދަވެ ތިބާގެ ބައިވެރިޔާގެ ޤަދަރު އުފުލިގެންދާނެ ކަންކަމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން