ފޮޓޯ: ރައީސް އޮފީސް
ފޮޓޯ: ރައީސް އޮފީސް
ފަސްޓް ލޭޑީ ފަޒްނާ އަޙްމަދު ހިޔާ ފްލެޓް ސަރަހައްދުގައި ކުރެއްވި ކެމްޕެއިން ހަރަކާތުގެ ތެރެއިން އެކަމަނާއަށް ފުރައްސާރަކޮށް ހުރަސްއެޅުން ރާއްޖޭގެ އިންސާނީ ހައްޤުތަކާއި ބެހޭ މުއައްސަސާ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްޢާރްސީއެމް) އިން ކުށްވެރިކޮށްފިއެވެ.

އެޗްއާރްސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކެމްޕެއިން ކުރުމަކީ ކޮންމެ މީޙަކަށްވެސް ލިބިގެންވާ ޙައްޤެއް ކަމަށެވެ. ފަޒުނާގެ ކެމްޕެއިނަށް ހުރަސް އެޅުން އެ ކޮމިޝަނުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

"ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފަޒްނާ އަހުމަދު އިއްޔެގެ ވަގުތެއްގައި ކެމްޕެއިން ހަރަކާތެއްގައި ހުޅުމާލެ ފޭސް ދޭއް ސަރަޙައްދުގެ ދޮރުން ދޮރަށް ކުރެއްވި ޒިޔާރަތުގައި އާންމު ފަރާތްތަކުން ކެމްޕެއިނަށް ހުރަސް އެޅި އެޅުން މި ކޮމިޝަނުގެ ފަރާތުން ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އިންތިހާބުގައި ތާއީދުު ހޯދުމަށް މަސައްކަތްކުރުމަކީ ކޮންމެ ކެންޑިޑޭޓަކަށް ވެސް ލިބިގެންވާ ގާނޫނީ ހައްގެއް." އެޗްއާރްސީއެމުން ނެރުނު ނޫސްބަޔާނުގައި ބުނެފަވެއެވެ.

އިއްޔެ ފަޒުނާ ހިޔާ ސަރަހައްދަށް ދޮރުން ދޮރަށް ޒިޔާރަތްކުރައްވައިގެން ކެމްޕެއިން ކުރައްވަން ވަޑައިގަތުމުން ދެ ފިރިހެނަކު ވަނީ އެކަމަނާއާއި ހުތުރުކޮށް މުހާތަބުކޮށްފައެވެ. އެ އަމަލަށް އިޝާރާތްކޮށް އެޗްއާރްސީއެމުން ބުނީ ކެންޑިޑޭޓުން އަރިހުގައި ޚިޔާލު ފާޅުކުރުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤެއް ކަމަށެވެ. އެހެން ނަމަވެސް، އެ ޙައްޤު ބޭނުންކުރުމުގައި އަނެކާގެ އަބުރަށް ރައްކާތެރިވުމުގެ އިތުރަށް ޕާޓީތަކުން އެފަދަ އަމަލުތަކަށް ހިތްވަރުނުދިނުމަށް އެ ކޮމިޝަނުން އިލްތިމާސްކޮށްފައެވެ.

އެހެންކަމުން، ކެންޑިޑޭޓުން ތާއީދު ހޯއްދަވަން ކުރައްވާ ކެމްޕެއިން ހަރަކާތްތަކަށް އިހުތިރާމްކުރުމަށާއި ޤާނޫނާއި ގަވާއިދުތަކުގެ ތެރެއިން މަސައްކަތްކުރުމަށް އެޗްއާރްސީއެމުން ގޮވާލާފައި ވެއެވެ.

"ކެންޑިޑޭޓުންގެ އިންތިހާބީ ހައްގުތަކަށާއި ކެމްޕެއިން ހަރަކާތްތަކަށް އިހުތިރާމްކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއަކަށްވީ ހިނދު، ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި އެކަކު އަނެކާގެ ހައްގުތަކަށް އިހުތިރާމްކޮށް ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން މަސައްކަތް ކުރުމަށް ގޮވާލަން." އެޗްއާރްސީއެމްގެ ބަޔާނުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން