ވެރިކަމުގެ ފުރަތަމަ 5 އަހަރު ނިމެންދާއިރު، އެމަނިކުފާނުގެ މައްޗަށް ތުހުމަތުކުރެވޭނެ ކުށެއް ނުދެއްކޭނެކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ މާފަންނުގައި މިރޭ އެމްޑީޕީން ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ސާލިހު ވިދާޅުވީ އިދިކޮޅު ފަރާތްތަކާއި އެމްޑީޕީގެ ތަފާތަކީ، އެމްޑީޕީއަކީ ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ނިޔަތުގައި ވެރިކަމަށް އަންނަ ޕާޓީއެއްކަަމެވެ. ރައީސް ވިދާޅުވީ ރައްޔިތުންނަށް ހިދުމަތްކުރުން ނޫން މަޤްޞަދެއް ނެތްކަމަށާއި، ރައްޔިތުންގެ މުދަލާއި ފައިސާއަށް އެމަނިކުފާނު ދުވަހަކުވެސް ހިޔާނާތްތެރިވެވަޑައި ނުގަންނަވާނެކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ދައުލަތުގެ އެއްވެސް އެއްޗެއް ނުނަންގަވާނެކަމަށާއި، މިހާރުވެސް އެކަންކަން ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކަށް އެކަންކަން ބެލޭނެކަމަށެވެ. އަދި އެމަނިކުފާނާމެދު ތުހުމަތުކުރާނެ އެއްވެސް ކަމެއް ނުދެއްކޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ޔަގީންކަމާއެކު މި ދަންނަވަނީ އަޅުގަނޑާ ދޭތެރޭ ތުހުމަތު ކުރާނެ ކަމެއްވެސް ނޯންނާނެ." ރައީސް ވިދާޅުވިއެވެ.



ރައީސްގެ ވާހަކަފުޅުގައި އިދިކޮޅު ފަރާތްތަކަށް ވެރިކަން ލިބިއްޖެނަމަ ޤައުމު ބަނގުރޫޓްވުމުގެ ބިރު އެބައޮތްކަމަށް ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުން އެކަންކަމާއި ވިސްނައިގެން ކުރިއަށްދިއުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ކުރިއަށްގެންދަން ބޭނުންވާ މަޝްރޫޢުތަކަށް ޤައުމުތަކުން އެހީތެރިކަން ލިބެނީ ހާރިޖީ ގުޅުމުގެ ހަރުދަނާކަމުގެ ސަބަބުންކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ސަރުކާރު ހިންގިއިރު އަވަށްޓެރި ގައުމުތަކާއެކުވެސް ގުޅުމެއް ނެތްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ސާލިހަށް ތާއީދު ހޯއްދެވުމަށް މާފަންނުގައި މިރޭ ބޭއްވި ޖަލްސާގައިވެސް ގިނަ އަދަދެއްގެ ބަަޔަކު ބައިވެރިވިކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން