ވެރިކަމުގެ ނިޒާމާއި ބެހޭ ވޯޓެއް ނަގަން އިންތިޚާބެއް ބާއްވަންޏާ އެކަމަށްޓަކައި ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ ހަރަދުވެގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.

ހަބީބް މިއަދު ވިދާޅުވީ އިންތިޚާބު ބާއްވަންޏާ އެކަމަށްޓަކައި ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށާއި އިންތިޚާބު ބޭއްވުމުގެ ކުރިން ބަރުލަމާނީއާއި ރިޔާސީ ނިޒާމަކީ ކޮބައިކަން ރައްޔިތުންނަށް އޮޅުންފިލުވާދިނުން މާ މުހިންމު ކަމަށެވެ. އަދި އެކަމަށްޓަކައި 30 ނުވަތަ 40 ދުވަސް ހޭދަވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

"ނިޒާމީ ވޯޓެއް ނަގަން ޖެހިއްޖެނަމަ، އެފަދަ ވޯޓެއް ނެގުމަށްޓަކައި، އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގައިވާ ހަމަތަކަށް ރިޢާޔަތްކުރާއިރު، މަދުވެގެން 30 ދުވަހާއި 45 ދުވަހާ ދެމެދުގެ މުއްދަތެއް އެ އިންތިޚާބު ބޭއްވުމަށްޓަކައި ބޭނުންވާނެ. އަދި ގާތްގަނޑަކަށް 40 މިލިޔަން ރުފިޔާ އެ އިންތިޚާބަށް ޚަރަދުވާނެ. އެންމެ މުހިންމު ކަމަކީ، މިފަދަ ވޯޓެއް ނެގުމުގެ މަގްސަދާމެދު ވޯޓުލާ މީހުން ހޭލުންތެރިކުރުވުން." ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ ބަރުލަމާނީ އާއި ރިޔާސީ ނިޒާމުން ލިބިދޭ ފައިދާތަކާއި ގެއްލުންތަަކަށް ރައްޔިތުން ހޭލުންތެރިކުރުވުން މުހިންމު ކަމަށެވެ.

ރައްޔިތުން މަޖްލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފެއްދެވި ދަ ޑިމޮކްރެޓްސް ޕާޓީއިން ދަނީ މިމަހުގެ 25 ގައި ނިޒާމު ބަދަލު ކުރުމުގެ ވޯޓެއް ނެގުމަށް ގޮވާލަމުންނެވެ. އަދި މަޖްލީހަށް އެކަމާ ގުޅޭ ގަރާރެއް ހުށައަޅައިގެން ބަހުސް މަރުހަލާވެސަ ވަނީ ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން