މަޖިލިސް ޖަލްސާތައް އޮންލައިންކުރުމަށް ތައްޔާރުވަމުންދާ ވިޑިއޯއަކުން ނަގާފައިވާ ސްކްރީން ޝޮޓެއް
މަޖިލިސް ޖަލްސާތައް އޮންލައިންކުރުމަށް ތައްޔާރުވަމުންދާ ވިޑިއޯއަކުން ނަގާފައިވާ ސްކްރީން ޝޮޓެއް
މިއަދު މުޅި ޤައުމު އޮތީ ލޮކްޑައުންގެ ހާލަތުގައެވެ. ގިނަ ރައްޔިތުން ތިބީ ގޭބަންދުގައެވެ. އެންމެންމެ ތިބީ މާދަމާ ވާނެ ގޮތެއް ނޭނގިފައެވެ. ޤައުމުގެ އިޤްތިޞާދީ ލޭނާރު ނޭވާ ހޮޅިއަށް އެޅިފައެވެ. ވިޔަފާރިތައް ބަނގުރޫޓު ވަނީއެވެ. ގިނައީ މާދަމާވެސް ކާނެ ގޮތެއް ނެތް މީހުންނެވެ. ގިނައީ މިހާރު ތިބި ތަންކޮޅުގައި މާދަމާވެސް ބޯހިޔާ ކޮށްލައިގެން، ތިބެވޭނެ ކަމުގެ ޝައްކުގައި ތިބި މީހުންނެވެ.

މިއަދު ރައްޔިތުން އަބަދުވެސް އިންތިޒާރު ކުރަނީ މަބްރޫކް ދެއިރު އެބާއްވަވާ ނޫސްކޮންފަރެންސްގައި ދެއްވާނެ ހެޔޮ ޚަބަރަކަށެވެ. ވިދާޅުވާނެ އެއްޗަކަށެވެ. ގިނަ މީހުން ތިބީ ކޮރޯނާ ވައިރަހުގެ ވަބާއާއި އާފާތުގެ ބިރުވެރިކަމުގައެވެ. މިސްކިތައް އަރާ ޖަމާއަތުގައި ނަމާދުކޮށްލެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. ސްޓޭ ހޯމް ޗެލެންޖުގައި ދައުލަތުގެ ބައެއް އިސްވެރިންގެ ބަޔަކު ބައިވެރިވެ ވައްތަރު ޖައްސާފައި ނެށްޓެވިއެއްކަމަކު ރައްޔިތުން ގޭގައި އެތިބީ އުފަލަކުން ނޫނެވެ. މަސައްކަތް ކުރާ ކުންފުނި ނުވަތަ ފިހާރަ އިންދަޖެހިއްޖެއްޔާ ވަޒީފާ ގެއްލިދާނެތީ ބިރުންނެވެ. ރިޒޯޓުގައި ހުރި ފިރިމީހާގެ މުސާރަ ކޮޅާއި ވަޒީފާއަށް ވާނެ ގޮތެއް ނޭނގި ކަންބޮޑުވެފައެވެ.

ގައުމުގައި އޮތީ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކޮށްފައެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކުރުމާއެކު ގައުމުގެ ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް ފަހަށްޖެހި ސިޔާސީ މަސައްކަތް ހުއްޓާލިކަން އިޢުލާންކުރިއެވެ. އެއީ އަބަދުވެސް ރައްޔިތުން ވާހާލެއްގައި ވާ މީހުންނެވެ. އެކަމަކު އެހެން ވާނީ ވަކި ވަގުތެއްގައިތާއެވެ.



ކުރު ގޮތަކަށް މިދެންނެވީ މިއަދު ގައުމާއި ގައުމުގެ ރައްޔިތުން ތިބި ހާލަތެވެ. މިހެން އޮތެއް ކަމަކު ކޮންމެހެންވެސް މަޖިލިސް ބާއްވަން އެބަޖެހޭ ކަމަށް މަޖިލީހުގެ ބިޔަ މެޖޯރިޓީ ޕާޓީއަށް ފެނިއްޖެއެވެ. އަންނަ ހޯމަ ދުވަހު މަޖިލިސް ފަށަނީ ދުނިޔޭގެ ރެކޯޑަކާވެސް އެކީގައެވެ. މަޖިލިސް ޖަލްސާތައް ބާއްވަނީ އޮންލައިންކޮށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. ވަރަށް ތަފާތު ނޫންތޯއެވެ؟

މިއީ ދުނިޔޭގައި ގާނޫނު ހަދާ މަޖިލީހެއް ވިޑިއޯ ކޮންފަރެންސްކޮށް ބާއްވާ ފުރަތަމަ ފަހަރެވެ. ޤައުމާއި ރައްޔިތުން ތިބި ހާލެއްގައި ތިއްބަސް މިފަހަރު މިއޮތީ ދުނިޔޭގެ ރެކޯޑެއް ހަދާފައެވެ. މިފަހަރު މަޖިލިސް މިފަށަނީ ކޮރޯނާ ވައިރަހާ ވަރަށް ގުޅޭ ގޮތަކަށެވެ. ސްޓޭ ހޯމް ޗެލެންޖާއި ދާދި އެއްގޮތަށެވެ. ހަމަގައިމުވެސް އިޖުތިމާޢީ ގައިދުރުކަމުންވެސް މިއޮތީ ހަމަ ނަމޫނާއެއް ދައްކާފައެވެ. މެންބަރުން ބަހުސް ކުރައްވާނީ ގޭގައި ތިއްބަވައިގެންނެވެ. ވޯޓު ލައްވާނީވެސް ގޭގައި ތިއްބަވައިގެންނެވެ. ވެބްކެމް ޖައްސައިގެންނެވެ. ވަރަށް ފައްކާވާނެތާއެވެ. މިއީ ހަމަ ރަނގަޅު ސްޓޭ ހޯމް ޗެލެންޖަކަށްވާނެއެވެ. ރައްޔިތުން ގޭގައި ބައްލަވަން ތިއްބަވާށެވެ. ފޯރި ގަދަކޮށްލައިފިއްޔާ މަބްރޫކަށް ޗުއްޓީ ލިބިވަޑައިގެންނެވީއެވެ.

މަޖިލިސް ވެބްކޮންފަރެންސް އަށް ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް މަޖިލީހުގެ މީޑޔާ ޓީމުން މިރޭ ވަނީ ޓްވީޓް ކުރައްވާފައެވެ. ހޯމަ ދުވަހު ޖަލްސާ ފެށޭއިރު އޮންލައިންކޮށް މަޖިލީހުގެ ހުރިހާ މަސައްކަތެއް ހިނގަމުންދާނެއެވެ. ކޮމިޓީ ޖަލްސާތައްވެސް ހަމަ ބަރާބަރަށް ކުރިއަށްދޭނެ ކަމަށް މަޖިލީހުން ބުނެއެވެ.

ދުނިޔޭގައި މިފަހުން މިފަދަ ބިޔަ ވިޑިއޯ ކޮންފަރެންސް ބައްދަލުވުމެއް ބާއްވާފައިވަނީ ހުސްވި ހަފުތާގައި ދުނިޔޭގެ އެންމެ މުއްސަނދި 20 ޤައުމު ހިމެނޭ ޖީ ޓުވެންޓީ އިންނެވެ. އެމެންބަރުން ބައްދަލު ކުރެއްވީ މިހާރު ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އާއި ގުޅިގެން މުހިންމު ނިންމުންތަކެއް ނިންމުމަށެވެ.

މިހާތަނުން އުފެދޭ ސުވާލަކީ ވެބްކޮންފަރެންސް މެދުވެރިކޮށް ރައްޔިތުންގެ މަޖިލިސް ޖަލްސާތައް ބޭއްވުމަކީ ޤާނޫނީ ގޮތުން ނުވަތަ މަޖިލީހުގެ ޤަވާއިދު ތަންދޭ ކަމެއްތޯއެއްނޫނެވެ. މިހާލަތުގައި ޤައުމު އޮއްވާ މަޖިލިސް ޖަލްސާތައް ބާއްވައިގެން ނެރެވޭނެ ނަތީޖާއަކާއި މެދުގައެވެ.

މިހާލަތުގައި މަޖިލީހުގެ ޖަލްސާ ވެބްކޮންފަރެންސް މެދުވެރިކޮށް ބޭއްވުމާއި މެދު ޚިޔާލު ތަފާތު ބޭފުޅުންގެ ވިސްނުންފުޅު ވަރަށް ވެސް ތަފާތެވެ. ޤައުމު މިހާރު މިއޮތް ހާލަތުން މަޖިލިސް ބާއްވައިގެން ސިޔާސީ ގޮތުން ބަޔަކު ފައިދާ ނެގުމަށް މަސައްކަތް ކުރަނީ ކަމަށްވެސް ބައެއް ފަރާތްތަކުން ސިފަކުރައްވައެވެ. އަދި މިހާލަތުގައި މަޖިލިސް ބާއްވައިގެން ނެރެވޭނެ ނަތީޖާއެއްވެސް އޮވެދާނެ ކަމަކަށް އެފަދަ ބޭފުޅުން ގަބޫލެއް ނުކުރައްވައެވެ.

މިކަމާ ގުޅޭ ގޮތުން "ރަސް އޮންލައިން" އަށް ދެއްވި ޚާއްޞަ ބަސްދީ ގަތުމެއްގައި ސަރުކާރު ހިންގާ ކޯލިޝަންގައި ވެސް ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބާރާހިމް ވިދާޅުވީ މިއީ މަޖިލިސް ޖަލްސާ ބާއްވަނީއޭ ކިޔައިގެން ބަޔަކު “އެޑްވާންޓޭޖް” ނަގަން ރަނގަޅު ވަގުތެއް ނޫން ކަމަށެވެ.



“މިގޮތަށް ކޮންފަރެންސް ކޯލް ހަދައިގެން މަޖިލިސް ބާއްވައިގެން ކޮންކަމެއްތޯ ނިންމޭނީ؟ މިވަގުތު އެގޮތަށް ކަންތައް ކޮށްގެން ފާސްކުރާ ގާނޫނެއްގެ ޞައްޙަ ކަމާމެދު އަޅުގަނޑުގެ ހިތުގަ ސުވާލު އުފެދޭ. މިއީ ޤައުމުގެ ރައްޔިތުން ބައިބައިކޮށް ވަކި ބަޔަކު އެޑްވާންޓޭޖް ނެގުމަށްޓަކާ މަސައްކަތްތަކެއް ކުރާންވީ ވަގުތެއްނޫން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެނޫން އެހެން ކަމެއް މިކަމަކުން ނުވާނެ.” ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ މިފަދަ ވަގުތެއްގައި ސިޔާސީ މަސައްކަތް ތަކެއް ކުރުމަކީ ރައްޔިތުން ބައިބަޔަށް ބެހި ނުރަނގަޅު އެތައް ނަތީޖާތަކެއް ނުކުމެދާނެ ކަމެއް ކަމަށެވެ.

“މިބަލީގެ (ކޯވިޑް-19 ގެ) ކަންތަކާ ވިސްނުމަށްވުރެ ބޮޑަށް ހުރިހާ އެންމެން އެކަމުގައި (ޖަލްސާ ބާއްވަން) މަސްއޫލުވެ އުޅެންޖެހޭ ވަގުތެއްނޫން މިއީކީ. ގާނޫނު އެބަހުރި ހެދިފަ. ގާނޫނު އަސާސީ އެބައޮތް ރަނގަޅަށް. ދެން އިތުރަކަށް މިދަނޑިވަޅުގައި ހުރިހާ ކަމެއް ހުއްޓާލާފަ އެކަން ކުރަން (މަޖިލިސް ޖަލްސާ ބާއްވަން) އުޅޭކަށެއް ނުޖެހޭ. “ ޤާސިމް ވިދާޅުވިއެވެ.

މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވީ މިވަގުތަކީ ދިވެހިރާއްޖެއާއި ރައްޔިތުން ކޮރޯނާ ވައިރަހުގެ ވަބާއިން ސަލާމަތް ކުރުމަށްޓަކާ ކުރެވެން އޮތީ ކޮންކަމެއްތޯ ބަލައި، ކުރެވެން ހުރި މަސައްކަތެއް ކުރަންވީ ވަގުތު ކަމަށެވެ.

“މިވަގުތަކީ ރައްޔިތުން ކަންކުރަންވީ ގޮތުގެ އިރުޝާދުދީ ނަސޭހަތްތެރިވެ އެންމެން އެކަތިގަނޑަކަށްވެ އެއްބައިވެގެން މަސައްކަތްތަކެއް ކުރެވޭތޯ ބަލަންވީ ވަގުތު. މިއީ މިއަދު ކުރަންޖެހޭ ކަމަކީ. ޤައުމުގެ ރައްޔިތުންނަށް ކާބޯތަކެތި ލިބޭތޯ، ޤައުމުގެ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަމެއް ބަރާބަރަށް ކޮށްދެވެމުންދޭތޯ، އަދި ކުރިއަށް އޮތް ތާނަގައި އެކަންކަން ކުރެވޭނެތޯ. އެކަމާ ވިސްނާ އެކަމާ ފިކުރުކުރަންވީ ދަނޑިވަޅެއްގަ މިގޮތަށް މަޖިލިސް ބާއްވައިގެން އެއްބަޔަކު އަނެއްބަޔަކު ތަޅާފޮޅާ، އެޑްވާންޓޭޖް ނަގާގޮތަށް ވަކިބަޔަކު ކަންތައްތައް ކުރުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއްނޫން.” ރާއްޖޭގެ ރައްޔިތުން މިހާރު ތިބި ހާލަތުގައި ރައްޔިތުންގެ މަޖިލިސް ޖަލްސާ ބޭއްވުމާއިމެދު ޤާސިމަށް ފެނިވަޑައިގަންނަވާ ގޮތް ހިއްސާ ކުރައްވަމުން ވިދާޅުވިއެވެ.

މަޖިލިސް ޖަލްސާތައް މިވަގުތު ބޭއްވުމާއިމެދު އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ޚިޔާލުވެސް ތަފާތެވެ. އެ ދެ ޕާޓީން ގަބޫލުކުރާ ގޮތުގައިވެސް މިހާރު މަޖިލިސް ބާއްވައިގެން ސިޔާސީ މަސައްކަތް ތަކެއް ކުރުމަކީ އެދެވޭ ކަމެއް ނޫނެވެ. އަދި މިވަގުތަކީ އެއްވެސް ބަޔަކު ސިޔާސީ މަސައްކަތް ކުރަންވީ ވަގުތެއް ނޫން ކަމުގައި އެދެ ޕާޓީން ދެކެއެވެ.

“އެފަދަ ހާލަތެއްގައެއް ނޫން މިވަގުތު ޤައުމު މިއޮތީ. މިވަގުތު އެންމެންވެސް މަސައްކަތް ކުރަންވީ ޤައުމާ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް އިސްކަންދީގެން މިކަމުން އަރައިގަނެވޭތޯ.” ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ފަރާތުން މި ނޫހާ ވާހަކަދެއްކެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މިވަގުތު މަޖިލިސް ބާއްވައިގެން ނަތީޖާއެއް ނެރެވިދާނެ ކަމަކަށް އެދެޕާޓީއަކުން ގަބޫލެއް ނުކުރެއެވެ.

މިހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކެއް ބޭއްވުމާއިމެދު ޚިޔާލު ފާޅުކުރައްވައި “ރަސް އޮންލައިން” އާއި ވާހަކަ ދައްކަވަމުން ދަނގެތީ ދާއިރާގެ މެންބަރު ރިޓަޔަރޑް ކާނަލް މުހަންމަދު ނާޒިމް ވިދާޅުވީ ގައުމުގެ ހާލަތު މިހާރު އެފަދަ ކަމަކަށް ތަނެއް ނުދޭ ކަމަށެވެ.



“މަޖިލިސް ބާއްވައިގެން ނަތީޖާއެއް ނުނެރެވޭނެ. ޚާއްޞަކޮށް ވެބްކޮންފަރެންސްކޮށްގެން.” ނާޒިމް ވިދާޅުވިއެވެ.

މަޖިލިސް ޖަލްސާތައް މިވަގުތު ބާއްވަން ނިންނީ މަޖިލީހުގެ ގަދަ މެޖޯރިޓީ ނުވަތަ ފުރިހަމަ މެޖޯރިޓީ އޮތް އެމްޑީޕީގެ ފުރިހަމަ ތާއީދާއެކުގައެވެ. މަޖިލީހުގެ ރިޔާސަތުގައި ތިއްބެވީ އެޕާޓީގެ އެންމެ ބަސްވިކޭ ދެމެންބަރުންނެވެ. އެހެންވީމާ ޚިޔާލު ތަފާތުވާ މެންބަރުންކޮޅެއް ތިއްބަސް އެބޭފުޅުންނަށް މަޖިލީހުގެ ޖަލްސާތައް ކޮންމެ ވަގުތެއްގައި، ކޮންމެ ތާކު ބޭއްވުމަކީވެސް ތާއީދުގެ ގޮތުން އެއްވެސް ހުރަހެއް އޮތް ކަމެއްނޫނެވެ.

މިމައްސަލައިގައި އެމްޑީޕީގެ ވިސްނުން ހުރީ ވަރަށް ފައްސި ކޮށެވެ. އެބޭފުޅުންނަށް ފެނިވަޑައިގަންނަވާ މަންޒަރުވެސް ވަރަށް ތަފާތުވެފައި ނަލައެވެ. އެމްޑީޕީގެ އމަޖިލިސް މެންބަރުންގެ ތެރެއިން “ރަސް އޮންލައިން” އާއި ވާހަކަ ދެއްކެވި މެންބަރުންގެ ވާހަކައިން ދޭހަވަނީ މަޖިލިސް ޖަލްސާތައް މިވަގުތަށް ބޭއްވުކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އެކަމުގެ ނަތީޖާވެސް އެބޭފުޅުންނަށް ފެންނަނީ ވަރަށް ފަހިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފަށަން އެމްޑީޕީން ނިންމި ނިންމުމާއި އަދި އެކަމުގައި ދެކެވަޑައިގަންނަވާ ގޮތް “ރަސް އޮންލައިން” އާއި ހިއްސާ ކުރައްވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލްއުސްތާޒު ހަސަން ލަތީފް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ބަންދު ކޮށްފައި އޮންނަންޖެހޭ އެއްވެސް ހާލަތެއް އެއްވެސް ގައުމަކަށް މެދުވެރިއެއް ނޫވާނެއެވެ.



“ފަހަރުގައި މަޖިލީހުގެ ޖަލްސާތައް ބާއްވާ ގޮތް ތަފާތުވެދާނެ. މެންބަރުން މަސައްކަތް ކުރައްވާ ގޮތާއި ކޮމިޓީތައް ހިނގާ ގޮތްތައް އާންމު އުސޫލާ ތަފާތުވެދާނެ. މަޖިލީހުން ކުރަނީކީ ހަމައެކަނި ތިޔަ ވިދާޅުވާ ކަހަލަ ސިޔާސީ މަސައްކަތެއް ނޫން.” އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމުވެސް ފުރުއްވާ ހަސަން ލަތީފު ވިދާޅުވިއެވެ.

ހަސަން ލަތީފު ވިދާޅުވީ މިވަގުތަކީ “ސަރުކާރަށް މަޖިލީހުގެ މަސައްކަތް ނުހަނު މުހިންމު” ވަގުތެކެވެ. ރާއްޖެއަށާއި މުޅި ދުނިޔެއަށް ކުރިމަތުވެފައިވާ މި ނުރައްކާތެރި ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަންޖެހޭ ކަންކަމުގައި މަޖިލީހުގެ އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާ ދަނޑިވަޅަކީ މިއީ ކަމުގައިވެސް ހަސަން ލަތީފު ވިދާޅުވިއެވެ.

ހަސަން ލަތީފު އިތުރަށް ވިދާޅުވީ ކޯވިޑް-19 އާއި ގުޅޭ ގޮތުން އެމްޑީޕީގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅު ތަކަށް މަޖިލީހުގެ އެމްޑީޕީގެ އަޣުލަބިއްޔަތުގެ މަސައްކަތް ނުހަނު ބޭނުންތެރިއެވެ.

“ޤާނޫނީ ދައުލަތެއް ހިންގުމުގައި މަޖިލީހުގެ ދައުރު މުހިންމު ކަމާދޭތެރޭ އަޅުގަނޑުކުޑަކޮށްވެން ޝައްކެއް ނުކުރާނަން. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިފަދައިން ރައްޔިތުންގެ މަޖިލީހަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގެންނެވި އެންމެ މުހިންމު ބައިވެރިޔާ.” ހަސަން ލަތީފު ވިދާޅުވިއެވެ.

އެމްޑީޕީގެ މެންބަރުންނަށް ގަބޫލުކުރެއްވެނީ މިއީ މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް ވަރަށް މުހިންމު ދުވަސްވަރެއްގެ ގޮތުގައެވެ. އަދި އެކަމުގެ ފައިދާވެސް ފެންނާނެ ކަމެއް ކަމުގައެވެ. މިކަމުގައި މިނޫހާއި ޚިޔާލު ހިއްސާ ކުރެއްވި އެމްޑީޕީގެ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހަންމަދު އަސްލަމް ވިދާޅުވީ މިއީ ގައުމީ އެއްބައިވަންތަ ކަމަށް އިސްކަންދޭންވީ ވަރަށް މުހިންމު ވަގުތެއް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައިވެސް ކުރާނީ ރައްޔިތުންގެ މަސައްކަތް ކަމުގައި އަސްލަމް ވިދާޅުވިއެވެ.

“މަޖިލީހުގައިވެސް ކުރާނީ ރައްޔިތުންގެ މަސައްކަތް. ޤައުމީ މަސައްކަތް. މީގެތެރެއަށް ސިޔާސީ އަރައިރުން ވަނުމަކީ މިވަގުތާ ހާލަތާ ގުޅޭ ކަމެއްނޫން.” އަސްލަމް ވިދާޅުވިއެވެ.

“ރަސް އޮންލައިން” އާ ވާހަކަ ދައްކަވަމުން އަސްލަމް އިތުރަށް ވިދާޅުވީ މަޖިލިސް އެއްވެ އެއްތަންވެގެން ޖަލްސާތައް ނުބޭއްވުނަސް، މަޖިލިސް ޖަލްސާ ބޭއްވުމަށް މިހާރު ރޭވިފައި އޮތް ގޮތަށް މަޖިލިސް ކުރިއަށް ގެންދިއުމަކީ ރަނގަޅު ކަމެއް ކަމަށެވެ.

އަސްލަމް އެ ވިދާޅުވި ގޮތަށް ގަބޫލުކުރެވޭނަމަ ނޫނީ ގޭގައި ތިއްބަވައިގެން އެމްޑީޕީން ޖަލްސާ ކުރިއަށް ގެންދަން ބޭނުންނަމަ އެކަން ކުރެވޭނެއެވެ. ޤާބިލުކަން ހުރި ނަމަ ވެބްކޮންފަރެންސް ނުވަތަ ވިޑިއޯ ކޮންފަރެންސް މެދުވެރިކޮށް މަޖިލިސް ޖަލްސާތައް ބާއްވައިލެވިދާނެއެވެ.

ސުވާލަކީ ޤައުމު މިހާލަތުގައި އޮއްވާ މިހާރު އެންމެ މުހިންމު ކަމަކީ ނޫނީ ނުކުރެވި އޮތް ކަމަކީ މަޖިލީހުގެ ޖަލްސާތައް ބޭއްވުންކަމާމެދު ބައެއް މީހުން އުފައްދާ ސުވާލެވެ. މިއީ ކޮންކަމެއް ހާސިލު ނުވެގެން ނޫނީ ކޮންކަމެއް ނުކުރެވިގެން ބާއްވާ ޖަލްސާ ތަކެއްކަމައި މެދު އުފެދޭ ސުވާލެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސިޔާސީ ވާހަކަ ނުދައްކައި ޖަދަލު ނުކޮށް ވާދަނުކިޔައި މަޖިލީހުގައި ޖަލްސާއެއް ބާއްވައިފިނަމަ ވެސް އެކަން ވާނީ ހަމަ ރަނގަޅު ރެކޯޑަކަށެވެ. ބަލަމާ ހިނގާށެވެ. މަޖިލިސް ޖަލްސާތައް ކުރިއަށްދާއިރު މި ސުވާލުތަކަށް ޖަވާބު ލިބޭނެތާއެވެ؟



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން