ޓީވީ ޝޯވއެއް ހޯސްޓުކުރުމުގެ ތެރޭގައި ބޭއަދަބީ އަމަލެއް ހިންގި ލޯބިވެރިޔާ ކައިރިން އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ ރުޅިވެއްޖެއެވެ.

10 އަހަރު ވަންދެން އެއްކޮށް އުޅުނު ލޯބިވެރިޔާއާއި ރުޅިވާން ނިންމެވިކަން މެލޯނީ ހާމަކުރެއްވީ މީސް މީޑިއާގައެވެ.

"އަހަރެމެން އެކުގައި ހޭދަކުރި އުފާވެރި އަހަރުތަކާއި، ކުރިމަތިވި ދަތިތަކުގައި އެއްކޮށް އުޅުނީތީ، އަދި އަހަރެންގެ ހަޔާތުގައި އެންމެ މުހިންމު އަހަރެމެންގެ އަންހެން ދަރިފުޅު ގިނެވްރާއަށްޓަކައި އަހަރެން އޭނާއަށް ޝުކުރު އަދާކުރަން. އަހަރެމެންގެ ރާސްތާ މުޅިން ދެ ރާސްތާއަކަށް ބަދަލުވެފައިވާއިރު، އެކަން ގަބޫލުކުރަންވީ ވަގުތު އައިސްފައި މިއޮތީ. އަހަރެމެންގެ އެކުވެރިކަން ދަމަހައްޓާނަން، އަދި ކޮންމެ އަގެއްގައި ވެސް ދިފާއު ކުރާނަން. މަންމަ ދެކެ ލޯބިވާ އަދި ބައްޕަ ދެކެ ލޯބިވާ ހަތް އަހަރުގެ އަންހެން ކުއްޖަކު ހުރީތީ." ޖަމްބްރޫނޯއާއި ގުޅޭގޮތުން މެލޯނީ ވިދާޅުވެފައި ވެއެވެ.

އޭނާގެ އަންހެންދަރިފުޅަށްޓަކައި ދެމީހުންގެ ރަހުމަތްތެރިކަން ދެމެހެއްޓުން މުހިންމު ކަމަށް މެލޯނީ ވިދާޅުވިއެވެ. މެލޯނީގެ އަމިއްލަ މައިންބަފައިން ދެކެ އޭނާއަށް ލޯބިނުވެވުނަސް ދަރިފުޅަށް ދެމީހުންގެ ލޯބި މުހިންމު ކަން މެލޯނީ ފާހަގަކުރެއްވިއެވެ. އަސަރާއިއެކު ލިޔުނު މި ޕޯސްޓުގައި މެލޯނީ އެކަން ފާހަގަކުރެއްވީ މެލޯނީގެ ބައްޕައަކީ ޑްރަގް އެޑިކްޓަކަށް ވުމުންނެވެ.

އިޓަލީގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ލޯބިވެރިޔާ އަންޑްރެއާ ޖަމްބްރޫނޯ ވަނީ އޭނާ ހޯސްޓުކުރާ ޝޯވއިންވެސް ސަސްޕެންޑް ކޮށްފައެވެ. ޖަމްބްރޫނޯ ބޭއަދަބީކޮށް އުޅުނީ ޝޯވގެ އިޝްތިހާރުގެ ވަގުތުކޮޅުގައެވެ. އެގޮތުން އޭނާ ވަނީ އޭނާގެ އަންހެން ކޯ-ހޯސްޓް ކައިރިން އޭނާގެ ލޯބިވެރިއަކު ހުރިތޯ އަހާ، ބޭއަދަބީކޮށް ވާހަކަދައްކާފައެވެ.

އެއީވެސް ލައިވް އޯޑިއެންސްއެއް ކުރިމަތީގައެވެ. ވީޑިއޯގައި ފެންނަ ގޮތުގައި ކޯ-ހޯސްޓު އެވަގުތު އިނީ ލަދުން އިސްދަށަށް ޖަހައިގެންނެވެ. އަދި މީގެ ކުރީގައިވެސް އޭނާއާއި އެ ސުވާލު ކުރުމުން ޖަވާބު ދެވިފައިވާ ކަމަށްވެސް އެ އަންހެންމީހާ ބުނެފައި ވެއެވެ. މި ޝޯވ ދައްކާ ޗެނަލުން ވަނީ މި މައްސަލަ ތަހުޤީޤު ކުރާނެ ކަމަށް ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން