އެހެން މީހުންނާއިއެކު އުޅޭއިރު އެމީހުންގެ ހިތް ރުއްސުމަށްޓަކައި މާފަށް އެދުމާއި އެމީހުންގެ ނިންމުންތަކުގެ ތަފްސީލު ކިޔައިދިނުމުގެ އާދަ ގިނަ ބައެއްގެ ކިބައިގައި ހަރުލާފައިހުރެއެވެ. ނަމަވެސް ތިބާގެ ހަޔާތުގެ ހުރިހާކަމެއްގެ ހުރިހާ މައުލޫމާތުތަކެއް އެންމެނަށް ހާމަކުރުމަކީ މީހާގެ އަމިއްލަ ޝަހުސިއްޔަތު ދެރަކޮށްލާ އަދި ކޮންމެ ބަޔަކުވެސް އެބަޔަކު ބޭނުންވާގޮތަކަށް ތިބާލަންބުއާލުމަށް ފަސޭހަވެ ތިބާގެ ފައިދާ ނެގުމަށް އެފަދަ މީހުންނަށް ލިބޭ ރަނުގެ ފުރުޞަތެކެވެ.

އެހެންކަމުން ރިވެތިގޮތުގައި އެހެން މީހުންނާއިއެކު ދިރިއުޅުމަށް ބޭނުންވިނަމަވެސް ބައެއް ކަންކަމުގައި ދިރިއުޅުމުގެ ކަންކަމުގައި ތަފްސީލުތައް ކިޔައި ނުދީ ތިބާ އެދޭގޮތެއްގައި ކުރިއަށްދާށެވެ. މިކަމަކީ ހިތްހެޔޮ "އޮޕެންމައިންޑް" މިހުންނަށް އެހާ ފަސޭހަ ނުވެދާނެކަމެއް ނަމަވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ތިބާއާއެކު އެންމެ ގާތްކޮށް އުޅޭ އެންމެން ތިބާފަދައިން ހިތްހެޔޮނުވެދާނެ ކަމެވެ. އެފަދަ މީހުން އުޅޭނީވެސް މާބޮޑަށް ހެޔޮއެދޭ ބަޔަކަށް ހެދިގެންނެވެ.

ތިރީގައި މިވަނީ މީހުންގެ ފަރާތުން ރުހުން ހޯދުމަށް ތިބާ ތަފްސީލުކޮށްދިނުން މުހިންމު ނޫން ކަންކަމެވެ.

1. ދިރިއުޅުމުގައި ނިންމާ ނިންމުތައް:

ދިރިއުޅުމުގައި ތިބާ ކުރިއަރައިދާން ބޭނުންވާ ދާއިރާއާއި ކައިވެނި ކުރަން ބޭނުންވާ މީހާއާއި، ދަރިން ހޯދަންވީ އަދަދާއި، މިފަދަ ކަންކަމަކީ ތިބާގެ ޒާތީ ކަންކަމެވެ. މިއީ އެހެން މީހުންގެ ރުހުން ބޭނުންވާނެ ކަންކަމެއް ނޫނެވެ. ވީމާ ތިބާގެ ހޮވުން ކަމުނުދިއުމަކީ އެއީ އެމީހުންގެ މައްސަލައެވެ. ތިބާގެ ދިރިއުޅުމަށް އެންމެ އެކަށޭނަ ނިންމުންތައް އެނގޭނީ ތިބާއަށެވެ. އެއީ އެނިންމުންތަކުން މޮޅާއި ގެއްލުންވެސް ލިބޭނީ ހަމަ ތިބާއަށް އެކަނި ކަމުގައިވާތީއެވެ. އަދި އެހެން މީހުން ސުވާލުކުރުމުން މިކަމުގައި މާބޮޑު ތަފްޞީލްތަކަށް ގޮސް ތިބާގެ ނިންމުންތަކުގެ ފަހަތުގައިވަނީ މިވެނި ކަމެކޭބުނެ ހުރިހައި މީހުންނަށް ބުނެދޭ ދިނުމުން ދޭހަކޮށްދެނީ ތިބާ އެދެނީ ތިބާގެ ނިންމުމުގައި އެހެން މީހުން ރުހިގެންވުމެވެ. އަދި މިނިންމުންތައް ނިންމީ ތިބާ އަމިއްލައަށް ކަމުގައިވާއިރު، އެނިންމުމަށް އެހެންމިހުންގެ ހޯދަންބޭނުންވެގެން އެހިސާކުރުމަކީ ތިބާގެ އަމިއްލަ ނަފްސަށް ކުރެވޭ ބޭއިޚްތިރާމެކެވެ. އެކަމުން އެނގިގެންދަނީ އަމިއްލަ ނަފްސަށް އިތުބާރު ނުކުރާކަމެވެ.

2. ދިރިއުޅުމުގައި އެހެން މީހުން ފަހަނައަޅައި ނުދިއުމަށް ތިބާ ކަނޑައަޅާފައިވާ އިންތައް:

'ޕާސަނަލް ބައުންޑަރީ' ނުވަތަ ދިރިއުޅުމުގައި ވަށައިގެންވާ މީހުން ނުކުރުމަށް ތިބާ ބުނެފައިވާ ނުވަތަ ތިބާގެ ވަކި ކަންކަމަކާއި ތަކެއްޗާއި ގާތްނުވުމަށް ބުނެފައިވާ ކަންކަމުގައި ތިބާ އެހެން މީހުންނަށް ތަފްސީލް ދިނުމެއް ނުވެއެވެ. ވަރަށް ގިނަ ފަހަރަށް އަޅުގަނޑުމެންގެ ތެރެއިން މީހުން އެކުވެރިއެއްގެ ގާތުގައިވެސް ވަކި ކަމެއްގައި ތިމަންއާއި ސުވާލު ނުކުރުމަށް އެދިފައި އެކަމުގެ ތަފްސީލުވެސް ކިޔައިދެވެއެވެ. ނަމަވެސް އިންތަކެއް ކަނޑައެޅުމަކީ ތިމާގެ އަމިއްލަ ނަފްސު ރައްކާތެރިކުރުމަށް ތިބާއަށް މުހިންމު ކަމަކަށްވުމުން އެހެންމީހުން ތިބާގެ އެ ނިންމުމަށް އިހުތިރާމް ކުރަންޖެހޭނެއެވެ. އަދި ތިބާ އޭގެ ތަފްސީލުތައް ދޭކަށްވެސް ނުޖެހޭނެއެވެ.

3. ކުރީގައި ގޯސްކޮށް ކުރެވިފައިވާ 'މިސްޓޭކްތައް':

ކޮންމެ މީހެއްގެވެސް މާޒީއެއް އޮންނާނެއެވެ. މިއީ ދިރިއުޅުމުގެ ތަޖުރިބާތަކެވެ. ބައެއް މީހުންނަށް ހީވާ ގޮތުގައި އެހެން މީހުންގެ މާޒިއަށް ނަޡަރު ހިންގައި އެކަންކަމާއިމެދު މައުލޫމާތު ހޯދުމުގެ ހައްޤު އެމީހުންނަށް ލިބިގެންވެއެވެ. އެހެންނަމަވެސް މިއީ ތިބާގެ ހަޔާތުގައި ދިމާވެފައިވާ ތިބާގެ ޒާތީ ކަންކަމެވެ. މިކަމުގެ ތެރޭގައި އުޅެ އެކަމުގެ ހިތި ތަޖުރިބާކޮށް ނިމުމުން އެކަން އަލުން ނަގައިގެން އެހެންމީހުންނަށް ތަފްސީލުދީ ހެދުމުގެ ބޭނުމެއް ނެތެވެ. އަދި މިއީ ތިބާ ސިއްރުކުރުމަށް ފުރިހަމަ ހައްޤުވެރި ކަމެކެވެ. އެހެންކަމުން ތިބާގެ ކުރީގެ 'މިސްޓޭކް'ތަކުގެ ވާހަކަތައް ދޭދޭ މީހުންގެ ހޮޅުއަށިތަކުގައި ދެކެވުނަ ނުދިނުމަށްޓަކައި އެކަންކަން ތިމާކައިރިކޮށް އުޅޭމީހަކަށްވެސް އެމިހަކީ އެކަންކަމާ އެއްވެސް ގުޅުމެއްނެތް މީހެއްނަމަ ކިޔައި ނުދޭށެވެ. މިފަދަ ކަންކަމުގެ ތަފްސީލުކޮށް ކިޔައިދިނުމުން ދުރުހެލިވާށެވެ.

4. ކައިވެނިކޮށްގެންތޯ ނުވަތަ ހުރީ ހުހަށްތޯ ކިޔައިދިނުން:

ކައިވެނިނުކޮށް ހުންނަ ހުރުމާއި ދުރުގައި ދިރިއުޅޭ ފިރިމީހާއާއި ކައިވެނިކޮށްގެން އުޅޭ އުޅުމާއި ރައްޓެހިވެގެން އަދި ކައިވެންޏާއި ހިސާބަށް ނުދެވިފައި ހުރި ހުރުންފަދަ ކަންކަމުގެ މައުލޫމާތަކީ އެހެން މީހުންނަށް ދިނުން މުހިންމު މައުލޫމާތެއް ނޫނެވެ. އެމީހުންނަށް އެމައުލޫމާތުތައް ކިޔައިދިނުމުން ތިބާގެ ދިރިއުޅުމުގެ އުފާވެރިކަން ފިލައިދިއުންވެސް އެކަށީގެންވެއެވެ. މީހުންގެ އުނިކަންތައް ފަސޭހައިން ހޯދައިގަތުމަކީ އިންސާނުންގެ ޠަބީޢަތެވެ. އަދި މިހެން ވުމުން ތިބާގެ ދިރިއުޅުމުގައި ވަކި ގޮތަކަށް ޒަވާޖީ ހަޔާތް ބިނާކުރުމަކީ މުހިންމުކަމެއް ކަމަށް ކިޔައިދީ ތިބާއާއި ބައިވެރިޔާގެ ނިންމުންތައް ބަދަލުކުރުވާ ފަދަ ކަންކަން އެމީހުންގެ ވާހަކަތަކުން ތިޔަ ދިރިއުޅުމަށް ނޭނގިވެސް އަސަރުކުރުވާނެއެވެ. ވިމާ، ތިބާގެ ޒަވާޖީ ހަޔާތާއި ބެހޭގޮތުން މީހަކު ސުވާލުކޮށްފިނަމަ މާބޮޑު ތަފްސީލުތަކަށް ނުދާށެވެ.

5. ތިބާ ހުންނަ ސިފަ:

ބައެއް މީހުންނަށް އެމީހުންގެ ސިފައާއި ބެހޭގޮތުން މީހަކު އެއްޗެކޭ ބުނެފިނަމަ އެކަމަށްވެސް ތަފްސީލު ނުދީ ދޫކޮށްލަން އުނދަގޫވެއެވެ. ތިބާ ފަލަވުމާއި ހިކިވުމާއި ހަންގަނޑުގެ ކުލައާއި ހެދުން އަޅާގޮތާއި އަރާ ފައިވާނާއި ބޫޓަކީ އަބަދުވެސް ކޮންމެވެސް މީހަކަށް ކަމުދާނެ ނުވަތަ ކަމުނުދާނެ ކަންކަމެވެ. ނަމަވެސް މިއީ ތިބާގެ އަމިއްލަ ކަމެކެވެ. ތިބާގެ އަމިއްލަ ސްޓައިލް ނުވަތަ ހަށިގަނޑުގެ ކުޑަބޮޑުމިން އެއީ ތިބާ އެހެން މީހުންނަށް ތަފްސީލުދޭންޖެހޭ ކަންކަމެއްނޫނެވެ. ތިބާގެ ސިފައާއި ލާހެދުމުގައި ހިތްހަމަޖެހިގެން ހުންނަންޖެހޭނީ އަމިއްލަ ނަފްސު އެކަންޏެވެ. އެހެންމީހުން ހިތްހަމަޖައްސައިދޭކަށް ނޫނެވެ.

6. ހުސްވަގުތުގައި ކުރާކަންކަން:

ތިބާގެ ހުސްވަގުތަކީ ތިބާ އަމިއްލަޔަށް ހޯދާ އަމިއްލަޔަށް ކަންކަން ރާވައި ކުރިއަށް ގެންދާ ވަގުތުތަކެކެވެ. ބައެއް މީހުން މިއީވެސް ފާޑުކިޔާ ކަމެއްކަން ޤަބޫލުކުރާށެވެ. ނަމަވެސް މީހަކު ތިބާ ކިޔާ ވާހަކަ ފޮތްތަކާއި ތިބާ ހުސްވަގުތުގައި ބަލާ ސީރީސްއާއި ކުޅޭގޭމާއި އަދި ގޭމު ކުޅުމުގައި ހޭދަކުރާ ވަގުތުތަކަށްވެސް މީހުން ފާޑުކިޔާނެއެވެ. އެވާހަކަތަކަށް ސަމާލުކަން ނުދޭށެވެ. އަދި މިކަންކަމަކީ ތިބާގެ ހުސްވަގުތުގައި ތިބާ އެންމެ އެދޭ ކަންކަމެވެ. ވީމާ، މިކަމުގައި އެހެން މީހަކަށް ބަސްބުނުމުގެ ޖާގައެއް ނޯންނާއެވެ.

7. އަމިއްލަ ޤަބޫލުކުރުންތައް:

ތިބާގެ އަމިއްލަ ވިސްނުމާއި ޚިޔާލުގައި ހުންނަ ކަންކަމާއި ފިކުރުތަކާއި ޤަބޫލުކުރުންތަކަކީ ތިބާގެ އަމިއްލަ ކަންކަމެވެ. ކަމެއްގެ މައުލޫމާތު ދިނުމަށް ދެފަރާތުން މައުލޫމާތު ބަދަލުކުރުމަކީ މިކަންކަމުގައި މައްސަލައެއް ނޫނެވެ. އެހެންނަމަވެސް އެބަކު ޤަބޫލުކުރާ ކުރުންތައް އަނެކާވެސް ޤަބޫލުކުރަންޖެހޭނެކަމަށް މަޖުބޫރު ކުރުވުމަކީ ވަރަށް ނޭދެވޭ ސިފައެކެވެ. އެހެންކަމުން މިފަދަ ހާލަތުގައި ތިބާގެ ޤަބޫލުކުރުންތަކާއި ސިޔާސީ ފިކުރުފަދަ ކަންކަމުގެ ތަފްސީލު ދީގެން މޫޑު ޚަރާބުކޮށްލުމުގެ ބޭނުމެއް ނޯންނާނެއެވެ. އެބަޔަކަށް އެބައެއްގެ ފިކުރެވެ. ދިރިއުޅުމުގައި ގެންގުޅެންވާނީ މިސިޔާސަތެވެ.

8. ތިބާ ދިރިއުޅެން ނިންމާ ތަން:

ތިބާގެ ދިރިއުޅެން ބޭނުންވަނީ މާލޭގައިތޯ ނުވަތަ ރަށުގައިތޯ ނުވަތަ ރާއްޖެއިން ބޭރުގައިތޯ މިސުވާލުތަކުގެ ޖަވާބަކީ ތިބާގެ އަމިއްލަ ނިންމުންތަކެވެ. މިއިން ކޮންމެ ނިންމުމެއްވެސް ތިބާ ނިންމާނީ ވަރަށް ގިނަ ކަންކަމަށް ވިސްނާފައެވެ. ވީމާ ކަމެއް ނިންމުމަށްފަހު އެކަމަށް ބަޔަކު މީހުންގެ އަމިއްލަ ޚިޔާލުތައް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުމުން ތިބާ ނިންމި ނިންމުމަށް ބަދަލުތަކެއް އައުން އެކަށީގެންވެއެވެ. އަދި އެނެމެފަހުން މީހުން ރުއްސުމަށް ތިބާ ބޭނުން ނުވާ ނިންމުމެއް ނިންމުމަކީ އެކަށީގެންވާ ކަމެކެވެ. ވީމާ މިފުރުޞަތު ނުދިނުމަށްޓަކައި އެހެން މީހުންނަށް ތިބާގެ މިފަދަ ނިންމުންތަކުގެ ތަފްސީލު ދިނުން ހުއްޓާލާށެވެ.

މަތީގައި ބަޔާންކުރެވުނު އެންމެހައި ކަންތަކަކީ އެކަންކަމުގެ ތަފްސީލު އެހެންމީހުންނަށް ކިޔައިދިނުމުން ތިބާގެ ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރު އިންތިހާ ކުރާނެކަމެކެވެ. އުފާވެރި ހަމަޖެހޭ ދިރިއުޅުމަކަށް އެދޭނަމަ ދިރިއުޅުމުގެ އެންމެހާއި ކަންކަން ކޮންމެ ކޮންމެ މީހަކާ ހިއްސާނުކުރާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން