މެޑިކާ ހޮސްޕިޓަލުގައި ލޮލުގެ ބަލިތަކާއި ގުޅުންހުރި ޙިދުމަތްތައް ފެށުމަށް ހާއްސަ ކްލިނިކެއް ހުޅުވަން ތައްޔާރުވަމުންދާކަމަށް އެހޮސްޕިޓަލުން ހާމަކޮށްފިއެވެ.

މުޖުތަމަޢުގެ ތަފާތު ޞިއްޙީ ބޭނުންތައް މިހާރަށްވުރެ ފުރިހަމައަށް ފުއްދައިދިނުމަށް މެޑިކާ ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތް ފުޅާކޮށް، ލޮލުގެ ބަލިތަކަށް ހާއްސަކޮށް ޚިދުމަތްދޭން ގާއިމުކުރާ މިކްލިނިކުން 23 ޑިސެމްބަރު 2023 އިން ފެށިގެން ޚިދުމަތް ލިބިގެންދާނެކަމަށް އެހޮސްޕިޓަލުން ބުނެއެވެ.

މެޑިކާ ހޮސްޕިޓަލުން ބުނީ ފެންވަރު ރަނގަޅު އަދި ފުޅާ ދާއިރާއެއްގައި ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް އެހޮސްޕިޓަލުން ކުރަމުންދާ މަސައްކަތުގެ ދަށުން، ލޮލުގެ ބަލިތަކަށް ފަރުވާ ދިނުމުގެ ޚިދުމަތަކީ، ބަލިމީހުންގެ ދުޅަހެޔޮކަން އިތުރުކުރުމަށް ކުރާ މަސައްކަތާ ގުޅިފައިވާ ކަމެއް ކަމަށެވެ. އެގޮތުން އަލަށް ތައާރަފްކުރާ މިކްލިނިކުން ދޭ ހިދުމަތްތަކުގެ ތެރޭގައި ލޮލުގެ ޚާއްސަ ޑޮކުޓަރަށް ދެއްކުން، ލޮލުގެ ފެނުމާއި ސިއްޙަތު ޗެކްކުރުން، ގުލައުކޯމާ، ލޯފުސްވުން، އަދި ރެޓިނާގެ މައްސަލަތައް ހުރިތޯ ބެލުން ހިމެނެއެވެ.

މެޑިކާ ހޮސްޕިޓަލުގެ އަމާޒަކީ ލޮލުގެ ފަރުވާއަށް ކުރާ ދަތުރުގައި ބަލިމީހުންނަށް ހިތްފަސޭހަ، އޯގާތެރި މާހައުލެއް ޤާއިމުކޮށްދިނުމެވެ. އަދި ލޮލުގެ ފަރުވާ ދިނުމުގެ ޕްރޮސެސް ކުރިއަށްދާއިރު، ބަލިމީހުންނަށް އަޅާލާ، އަރާމު މާހައުލެއް ގާއިމްކުރުމެވެ. އެގޮތުން ޚިދުމަތް ހޯދަން އަންނަ ބަލިމީހުންނަށް އެންމެ ބޭނުންވާ ޚިދުމަތް، އެންމެ ފުރިހަމަކަމާއި، އޯގާތެރި ކަމާއެކު ފޯރުކޮށްދިނުމަށް، ލޮލުގެ ހާއްސަ ޑޮކްޓަރުންނާއި ޓެކްނީޝަނުން ހިމެނޭހެން ތަމްރީނު ލިބިފައިވާ ސިއްޙީ ޚިދުމަތްތެރީންގެ ޓީމެއް މަސައްކަތްކުރާނެކަމުގެ ޔަގީންކަން މެޑިކާ ހޮސްޕިޓަލުން ދެއެވެ.

މެޑިކާ ހޮސްޕިޓަލުގެ ލޮލުގެ ބަލިތަކާއި ގުޅުންހުރި ހާއްސަ ކްލިނިކުން ޚިދުމަތަށް އެދި އެޕޮއިންޓްމަންޓް ހޯދުމަށް މިއަދުން ފެށިގެން، ހޮސްޕިޓަލުގެ ކޯލް ސެންޓަރ މެދުވެރިކޮށް އެޕޮއިންޓްމަންޓް ޝެޑިއުލްކޮށްލެވޭނެއެވެ. އެގޮތުން މެޑިކާ ހޮސްޕިޓަލުގެ ފޯނު ނަންބަރު 3002255، ވަޓްސްއެޕް ނަންބަރު 9748013، ނުވަތަ ވައިބާ ނަންބަރު 7280622 އަދި 7280626 މެދުވެރިކޮށް އެޕޮއިންޓްމަންޓް ހޯދުމަށް ގުޅާލެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން