ނަސްލީ ތަފާތުކުރުންތަކުގެ ތުހުމަތުގައި ޖަޕާން ސަރުކާރާ ދެކޮޅަށް ދައުވާކުރި ތިން މީހުން.
ނަސްލީ ތަފާތުކުރުންތަކުގެ ތުހުމަތުގައި ޖަޕާން ސަރުކާރާ ދެކޮޅަށް ދައުވާކުރި ތިން މީހުން.
ނަސްލީ ތަފާތުކުރުންތަކުގެ ތުހުމަތުގައި ޖަޕާނުގައި ދިރިއުޅޭ އެހެންގައުމުތަކަށް އުފަން މީހުން ޖަޕާން ސަރުކާރާ ދެކޮޅަށް ދައުވާކުރަން ނިންމައިފިއެވެ.

މިމައްސަލައިގައި ދައުވާ ކޮށްފައިވާ ފަރާތްތަކުން އެމީހުން ހުންނަ ފުލުހުން އެމީހުން އެކިފަހަރު މަތިން ހުއްޓުވައި ތަަކުރާރުކޮށް އެމީހުންގެ ސިފައާއި ބެހޭގޮތުން ސުވާލު ކުރާކަމަށާއި މިއީ ކަންބޮޑުވާކަމެއް ކަމަށެވެ.

އެގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަމުން މިމައްސަލައިގައި ދައުވާ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެކަކު ކަމަށްވާ ޕާކިސްތާނަށް އުފަން ސައީދު ޒައިން ބުނީ، ފުލުހުންގެ އަމަލުތައް ހުންނަގޮތުން 'ބިދޭސީ މީހާ' އާއި 'ކުށްވެރި' އަކާއި އެއްގޮތް ކުރާހެންވެސް ހީވާފަހަރު މަދެއް ނުންކަމަށެވެ.

ޕާކިސްތާނަށް އުފަން ނަމަވެސް ޖަޕާނުގެ ރައްޔިތެއް ކަމަށްވާ ޒައިން އަކީ ޖަޕާނުގައި ދިރިއުޅޭތާ 20 އަހަރު ވެފައިވާ މީހެކެވެ. އޭނާ ކިޔެވީވެސް ޖަޕާނު ސްކޫލުންނެވެ. އަދި އޭނާ އަކީ ޖަޕާނު ބަހަށްވެސް އެހާމެ ފަރިތަ މީހެކެވެ. ނަމަވެސް މިމައްސަލައާއި ބެހޭގޮތުން ވާހަކަދައްކަމުން 26 އަހަރުގެ ޒުވާނާ ބުނީ ފުލުހުން އެތައް ފަހަރެއްގެ މަތިން އެއްވެސް ކަމަކާ ނުލައި އޭނާ ހުއްޓުވައި، ސުވާލުކޮށް، ބަލައިފާސްކޮށްފައިވާކަމަށެވެ.

ހަމަ މިމައްސަލައިގައި ދައުވާ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޖަޕާނުގައި ދާއިމީކޮށް ދިރިއުޅެމުންދާ އިންޑިއާ ނަސްލުގެ، މެތިއު ބުނީ 2002 ވަނަ އަހަރު ޖަޕާނަށް އައި ފަހުން މަދުވެގެން 70 ފަހަރު ފުލުހުން އޭނާ އާއިވެސް ސުވާލުކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން ޖަޕާނުގައި ދާއިމީކޮށް ދިރިއުޅޭ އެފްރިކަން-އެމެރިކަން ނަސްލުގެ މީހެއް ކަމަށްވާ މޮރިސް ބުނީ އޭނާއާއި ސުވާލު ކުރަނީ ހަމައެކަނި ފުލުހުން ނުން ކަމަށާއި، އާންމު ރައްޔިތުންވެސް ސުވާލުކޮށް ހަދާކަމަށެވެ. އަދި އޭގެން ގިނަ މީހުން ހީކުރަނީ އޭނާ ވިސާގެ މުއްދަތަށް ވުރެއް ގިނަ ދުވަހު ޖަޕާނުގައި މަޑު ކުރާކަމަށާއި، އެގޮތުން ގިނަ ފަހަރަށް ޕާމަނަންޓް ރެޒިޑެންސީގެ މައުލޫމާތު ހިއްސާކުރަން ޖެހޭކަމަށް މޮރިސް ފާހަގަކުރިއެވެ.

މި ތިން މީހުން ވަނީ ނޭޝަނަލް ޕޮލިސް އެޖެންސީ ގެ އިތުރުން ޓޯކިޔޯ މެޓްރޯޕޮލިޓަން ސަރުކާރާއި، އަދި އައިޗީ ޕްރިފެކްޗަރަލް ސަރުކާރާއި ދެކޮޅަށް ޓޯކިޔޯ ޑިސްޓްރިކްޓް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

ހޯމަ ދުވަހު ހުށަހެޅި ދައުވާގެ މަގުސަދަކީ ނަސްލީ ތަފާތުކުރުން ނުވަތަ ރޭޝިއަލް ޕްރޮފައިލިން އަކީ ގާނޫނާ ހިލާފު ކަމެއްކަން ކަށަވަރުކޮށްދިނުމާއި، ދައުވާކޮށްފައިވާ ތިން މީހުންނަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 3 މިލިއަން ޔެން (20،250 ޑޮލަރު) ހޯދުމެވެ.

މިއީ މިފަދަ މައްސަލައެއް ޖަޕާނުގެ ކޯޓަކަށް ހުށައެޅި ފުރަތަމަ ފަހަރުކަމަށް ރިޕޯޓުތައް ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން