ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބަޮއިކޮޓް ކުރަން ނިންމި ސަބަބުތައް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން މިރޭ ހާމަކޮށްފިއެވެ.

ރައީސް ޑރ. މުޢިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބާއްވާ ގޮތަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9:00 ގައި މަޖިލީސް ކުރާ ގޭގައެވެ. އެމްޑީޕީއާއި ޑިމޮކްރެޓްސް އިން ވަނީ ރިޔާސީ ބަޔާންް އިއްވާ ޖަލްސާ ބޮއިކޮޓް ކޮށްފައެވެ.

މާދަމާ އޮންނަ ރައީސް ޑރ. މުޙައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓް ކުރަން ނިންމި މައްސަލައިގައި އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޖަލްސާއަށް އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުގެ މެންބަރުން ހާޒިރުނުވުމަށް، އެ ގްރޫޕްގެ 148 ވަނަ ބައްދަލުވުމުގައި ފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި އެމް.ޑީ.ޕީގެ ޕާލިމެންޓަރީ ގްރޫޕްގެ މެމްބަރުން ބައިވެރި ނުވުމަށް ނިންމި ސަބަބު ތަކުގެ ތެރޭގައި، މަޖިލިސް ހުޅުވާ ދުވަސް ރަސްމީ ބަންދު ދުވަހެއްގޮތުގައި ޒަމާނުއްސުރެ އޮތްއޮތުން ބަދަލުކޮށް، މަޖިލީހުގެ ގަދަރު ކުޑަކުރުމުގެ ގޮތުން އެ ދުވަހަކީ ބަންދުނޫން ދުވަހެއްކަމުގައި ރައީސް ހަމަޖެއްސެވުމާއި، މި ސަރުކާރުގެ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމަށް މަޖިލީހުގެ ޖަލްސާ ބޭއްވި ދުވަހު، މަޖިލީހުގެ މަސައްކަތައް ހުރަސްއަޅާ ވޯޓަށް ނުފޫޒް ފޯރުވުމުގެ ގޮތުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތައް ހިމެނޭ ގޮތަށް، މަޖިލިސްކުރާގޭ ކައިރިއަށް މީހުން އެއްކޮށް ހަމަ ނުޖެހުން އުފައްދާ، މަޖިލިސް ކުރާގޭގެ އެތެރެއަށް ގަލާއި ފުޅިފަދަ ތަކެތި އުކާ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދޭ ގޮތައް އަމަލު ކޮށްފައި ވުން ހިމެނޭ ކަމަށް އެބަޔާނުގައި ބުނެފައިވެއެެވެ.

މީގެ އިތުރުން އެމްޑީޕީން ބުނީ ޖަލްސާ ބޮއިކަޓް ކުރީ މަޖިލީސް މެންބަރުންނަށް އިންޒާރުދީ ހަމަލާ ދިނުން ފަދަ ކަންކަން ހިންގި އިރު ސަރުކާރުން އެކަންކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވުމާއި ސަރުކާރުންމަޖިލީހުގެ ބާރު ކަނޑުވާލާ، މަޖިލީހުގެ އިމްތިޔާޒްތަކަށް އަރައިގަތުމަށް މަސައްކަތް ކުރާކަމަށް ގަބޫލުކުރެވޭތީކަމަށެވެ. އަދި އެގޮތަށް ނިންމީ ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލާ، މަޖިލީހުގެ އިމްތިޔާޒްތަކަށް އަރައިގަތުމަށް މަސައްކަތް ކުރާކަމަށް ގަބޫލުކުރެވޭތީ، އެކަމާ ދެކޮޅު ހެދުމާއެކު ޑިމޮކްރަސީއާ ބީރަށްޓެހި ސަރުކާރުގެ އަމަލުތައް ކުށްވެރި ކުރުމުގެ ގޮތުން ސުލްހަވެރި އިހްތިޖާޖު ކުރުމުގެ ގޮތުން ކަމަށް އެމްޑީޕީން ނެރުނު ބަޔާނުގައިވެއެެވެ.

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓް ކޮށް ދަ ޑިމޮކްރެޓްސް އިން ބުނީ ރައީސް ރިޔާސީބަޔާން ރައްޔިތުންގެ މަޖިލީހަށް އިއްވެވުމަށް ބާއްވަވާ ޖަލްސާއަށް، ރައްޔިތުން މަޖިލީހުގެ ރުހުން ލިބިފައިނުވާ ތިން ބޭފުޅަކަށް ވަޒީރުންގެ ހައިސިއްޔަތުން ދައުވަތު ދެއްވާފައިވާ ކަމަށެވެ. އެފަދަ ތިން ބޭފުޅުންނަށް ވަޒީރުންގެ ހައިސިއްޔަތުން މަޖިލީހުގެ އެ ޖަލްސާއަށް ދައުވަތު ދެއްވުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހުގެ ބާރާއި ހުރުމަތަށް ގޮންޖެހުމުގެ އަމަލެއްކަމަށް އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން ދެކޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން