image ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު   30 ޖުލައި 2020 - 17:3
ތިޔަ ބޭފުޅުންނަށް މާ ބޮޑަށް އެނގިވަޑައިގަންނަވާނޭ ފަދައިން ޚަބަރޭ މި ކިޔަނީ މިހާރު ހިނގާ ނުވަތަ ދާދި ދެންމެއަކު ހިނގި ކަންތައްތަކުގެ މަޢުލޫމާތަށެވެ. އާދަޔާ ޚިލާފު ކަންކަމުގެ މަޢުލޫމާތަށެވެ. އިނގިރޭސިބަހުން ކިޔާ ނިއުސް (news) އަށެވެ. މި ލަފުޒު އައިސްފައި މިވަނީ new (އައު) މި ލަފުޒުން ކަމަށް ބުނެވެއެވެ. އެހެން ކަމަށްވާއިރު ޚަބަރަކީ ނުވަތަ ނިއުސް (news)އަކީ އާ ކަންތައްތަކެވެ. އާ މަޢުލޫމާތެވެ. އަދި އަނެއް ބަޔަކު ޤަބޫލުކުރާ ގޮތުގައި news (ޚަބަރު) މި ލަފުޒު ނެގިފައިވަނީ ދުނިޔޭގެ ހަތަރު މިޞްރާބުގެ ފެށޭ އަކުރުންނެވެ. އެއީ north (އުތުރު) ގެ އެން އަކުރާއި east (އިރު) ގެ އީ އަކުރާއި west (ހުޅަނގު) ގެ ޑަބްލިޔޫ އަކުރާއި south (ދެކުނު) ގެ އެސް އަކުރުންނެވެ. މި ނަޒަރިއްޔާތަށް ބަލާއިރު ވެސް ޚަބަރަކީ ދުނިޔޭގެ ހަތަރު ބިތާ ގުޅިފައިވާ އެއްޗެއްކަން އެބަ ސާބިތުވެއެވެ. ދުނިޔޭގެ ހަތަރު ބިތުން ލިބޭ "މަޢުލޫމާތު"ތަކަކީ ޚަބަރެވެ. އެހެންކަމުން ކޮންމެ ޚަބަރަކީ ވެސް މަޢުލޫމާތެވެ. އެކަމަކު ކޮންމެ މަޢުލޫމާތަކީ ޚަބަރަކަށްނުވާތީ މަޢުލޫމާތާއި ޚަބަރަކީ އެކައްޗަކަށް ނުވާނެއެވެ.

ފަސޭހަ މިސާލެއް ދަންނަވައިލާނަމެވެ. ކޮންމެ ދިވެއްސަކީ ވެސް އިންސާނެކެވެ. އެކަމަކު ކޮންމެ އިންސާނަކީ ދިވެއްސެއް ނޫނެވެ. މި އުޞޫލުން ކޮންމެ ޚަބަރަކީ މަޢުލޫމާތަކަށް ވިޔަސް ކޮންމެ މަޢުލޫމާތަކީ ޚަބަރަކަށް ނުވަނީ އެވެ. މިހާ ހިސާބަށް މި ވާހަކަ ކުރުކޮށްލުމަށް ފަހު، ދެން އަޞްލު މައުޟޫޢަށް އެނބުރިލާނަމެވެ.

ކޮންމެއަކަސް ޚަބަރު ލިޔުމަކީ ވެސް ހޯދުންތަކެއް ހޯދައިގެން ކުރާން ޖެހޭ ކަމެކެވެ. އެ ކަމެއް ކުރީ ކާކުތޯ ކޮން ބަޔެއްތޯ އޮޅުން ފިލުވާންޖެހެއެވެ. އެ ކަމެއް ކުރީ ނުވަތަ ހިނގީ ކޮން ތާކުކަން ވެސް ބަޔާންކުރާންޖެހެއެވެ. އެ ހިނގި ކަމެއް ހިނގީ ކޮން އިރަކުކަން ވެސް އެނގޭން ޖެހެއެވެ. އަދި އެ ކަމެއް ހިނގީ ކީއްވެގެން ކޮން ސަބަބަކާ ހުރެކަން ވެސް ސާފުކުރާންޖެހެއެވެ. ހަމަ އެފަދައިން އެ ކަމެއް ހިނގި ގޮތް ވެސް ސާފުވެފައި އޮންނާންޖެހެއެވެ. ޚަބަރެއް ވިއްޔާ މި ކަންކަން އެ ޚަބަރަކުން އޮޅުންފިލާ ގޮތަށް ލިޔެވޭން ޖެހޭނެކަމަށް މި ކަންކަން ދަންނަ މީހުން ބުނެޔޭ ބުނާތީ އަޑުއަހަމެވެ.



މި ދެންނެވި މަޢުލޫމާތު، ނުވަތަ ތަފްޞީލުތައް ހިމަނައިގެން ޚަބަރެއް ލިޔުމަކީ ފަސޭހަ ކަމެކޭ އަޅުގަނޑުމެންނަށް ހީވިޔަސް އެއީ އުނދަގޫ ބުރަ މަސައްކަތެކެވެ. އަދި ބައެއް ފަހަރު އެއީ ނުރައްކާތެރި ކަމަކަށް ވެފައި ވެސް އެބަ ހުއްޓެވެ. ކަން ހިނގި ތަނަށް ގޮސް ހޯދައި ބަލާން ޖެހެއެވެ. ލިޔުންތައް ކިޔައި ދިރާސާކުރާންޖެހެއެވެ. މީހުންނާ ސުވާލުކޮށް ބަސްދީގަތުންތައް ބާއްވާންޖެހެއެވެ. ހިސާބުތައް ހަދާންޖެހެއެވެ. ތަޙުލީލުތައްކުރާންޖެހެއެވެ. ބައެއް ފަހަރު ތަޙުޤީޤު ވެސް ކުރާންޖެހެއެވެ.

ކަން އޮތީ މިހެން ކަމުގައި ވިޔަސް މި ކަންކަމުގެ އަގު ގިނަ ފަހަރަށް ވަޒަންކުރާކަށް އަޅުގަނޑުމެންނަކަށް ނޭނގެއެވެ. (ފުރިހަމަ) ޚަބަރެއް ލިޔެ ޝާއިޢުކޮށްލެވީ ކިހާ ބުރަ މަސައްކަތުން ކަމެއް އަޅުގަނޑުމެންނަށް އިޙުސާސްކުރާކަށް ވެސް ނޭނގެއެވެ. އެއީ ބުރަ މަސައްކަތެއް ކަމެއް ދެނެގަންނާކަށް ވެސް އަޅުގަނޑުމެންނަކަށް ނޭނގެއެވެ. ނަތީޖާއަކަށް ވަނީ މިކަން ކުރާ ބަޔަކަށް ވެސް މި ހުރިހާ ބުރަ މަސައްކަތްތަކެއް ކުރުމުގެ ބަދަލުގައި ފަސޭހަމަގު ޚިޔާރުކުރެވުމެވެ.

މިއަދު ނޫސްތަކުން ޚަބަރަކީ ހޯދާއެއްޗަކަށް ވުރެ ބޮޑަށް "ދޭ" އެއްޗެއް ކަމަށް ގިނަ ބަޔަކަށް ވިސްނޭން ފަށައިފިއެވެ. އޮފީހަކުން ލިޔެފައި ޚަބަރުތައް "ދޭން"ވީއެވެ. އެހެންކަމުން މިއަދު ގިނަ ޚަބަރުތަކުގައި ކުރީން އިސްވެ ދެންނެވުނު ޝަރުޠުތައް ފުރިހަމަވެފައި ހުއްޓަތީ ފެންނަނީ ވަރަށް މަދު ފަހަރަކުއެވެ. އެހެންކަމުން ޚަބަރު "ހޯދުމުގެ" މަގުތައް މިއަދު މި ވަނީ ތިން މަޞްދަރަކަށް އަމާޒުކުރެވިފައެވެ. "ދޭ" ޚަބަރުތަކެވެ. ބޭރު ބަހަކުން އޮންނަ ޚަބަރެއް ނުވަތަ ޚަބަރެއްގެ ބައެއް ތަރުޖަމާކޮށްލުމުގެ ފަސޭހަ މަގެވެ. އަދި އެންމެ އާންމު މަޞްދަރަކީ އެކި މީސްމީހުން ގޮވެލީގައި (ޓްވިޓާރ ގައި) ގޮވާ ގޮވެލިތައް (ޓްވީޓްތައް) ކަމަށް މިހާރު ވެއްޖެއެވެ.

އެއްޗެއް ޢާއްމުކޮށްލާން ވެއްޖިއްޔާ ކޮންމެވެސް ގޮލިފައްޗެއް ގޮވައިލާންވީއެވެ. ގިނަ ފަހަރަށް ރަނގަޅީ ވެސް ތާކުންތާކު ނުޖެހޭ ގޮވެލިފައްޗެއް ގޮވައިލިއްޔާއެވެ. އޭރުން އެ ގޮވެލި، އަވަހަށް ޚަބަރަކަށް ވާނެއެވެ. އެ ގޮވެއްޔެއްގެ ހަރުދަނާކަމާއި ތެދުދޮގު ބަލާކަށް ވެސް ނުޖެހެއެވެ. ސިޔާސީ މަޤާމެއްގައި މިހާރު ނުވަތަ ކުރީން ވިޔަސް ހުންނެވި ބޭފުޅަކު، ގޮވެއްޔެއް ގޮވައިލައްވައިފި ނަމަ، އެ އޮތީ މޮޅު ޚަބަރެއް ލިބިފައެވެ. މިއީ މިއަދު ނޫސްތަކާއި ބައެއް ޓީވީތަކުގެ ޚަބަރު ހޯދާ މައިގަނޑު މަޞްދަރަކީ އެއީ ކަމަށް އަޅުގަނޑުމެންނަށް ވިސްނޭހައި އާންމު ކަމަކަށް މި ކަން ވެއްޖެއެވެ.

އަޅުގަނޑު މި ވާހަކަ މި ދަންނަވައިލީ ސަބަބެއް އޮވެގެންނެވެ. ގޮވެއްޔަކީ މީސްމީޑިއާގެ އެންމެ އޮޅިއެކެވެ. ގޮވެލީގައި މީހުން ލިޔެލާ ކުރު ޕޯސްޓަކަށްވުރެ، މާދިގުކޮށް މާ ގިނަ މަޢުލޫމާތު ހިމަނައިގެން ފޭސްބުކްގައި ޕޯސްޓްކުރައްވާ ބޭފުޅުން ވެސް އުޅުއްވައެވެ. މާ ޙައްސާސީ މައުޟޫޢުތަކަށް އިންސާފުކުރައްވައިފައި ހުރެއެވެ. މާ ސަމާލުކަން ދޭންޖެހޭ ވާހަކަތައް ވެސް ލިޔުއްވައިފައި ހުރެއެވެ. އަދި އިންސްޓަގްރާމް ފަދަ ވަސީލަތްތައް މެދުވެރިކޮށް ވެސް މީހުންގެ ފަންނުތަކާއި ހުނަރުތަކާއި ޝުޢޫރުތައް ލިޔުމުންނާއި ކުރެހުން ހާމަކޮށްފައި ވެސް ހުރެއެވެ. ވަރަށް ޢިލްމީ، އަދި މަޢުލޫމާތުން ފުރިގެންވާ ޕޯސްޓްތައް ގޮވެލީގައި ނޫން ދިމަދިމާގައި ވެސް ހުރެއެވެ. އަދި ސިޔާސީ ގޮތުން މީހުންނަށް ރައްދު ދީފައި ވެސް ހުރެއެވެ. މާ މުއްސަނދި މަޢުލޫމާތު ދާދިވަރުކޮށް ލިބޭން ހުރެއެވެ. ނަމަވެސް ޚަބަރު ހޯއްދެވުމުގެ ދަތުރު މިއިން ދިމާއަކަށް އަމާޒުވެފައި ހުންނަ ތަނެއް ނުފެނެއެވެ. އަޅުގަނޑަށް ނޭނގެނީ މި ސަބަބެވެ. އެހެންވީމާ، ޚަބަރެއް ދެއްވާން ވެއްޖެ ނަމަ، ނުވަތަ ޚަބަރެއް ޢާއްމުކޮށްލައްވާން ބޭނުންފުޅުވެއްޖެ ނަމަ، ކުރުކުރު ގޮވެއްޔެއް، ގޮވެލީގައި ލިޔުއްވައިލައްވާށެވެ! އެއީ "ވަރުގަދަ" ޚަބަރަކަށް ވާނެއެވެ. އެހެނީ ޚަބަރު ހޯދުމުގެ އެންމެ މައިގަނޑު މަޞްދަރަކީ ގޮވެލިކަމަށް މިއަދު މި އޮތީ ވެފައެވެ. މި ކަމުގައި ވެސް ސިއްރުތަކަކާއި ސަބަބުތަކެއް ވެސް ހުންނާނެތާއެވެ!


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން