ޤާނޫނީ ވަކީލް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ޙުސައިން
ޤާނޫނީ ވަކީލް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ޙުސައިން
ކޯޓު ހުކުމަކުން ނޫން ގޮތަކަށް ރައްޔިތުންނަށް ދީފައިވާ މުދަލެއް އަތު ނުލެވޭނެ ކަމަށް ޤާނޫނީ ވަކީލް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ޙުސައިން ވިދާޅުވެއްޖެއެވެ.

ޙިސާން މިމޭރުމުން ވިދާޅުވީ، ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަަކަށް ވީހާވެސް އަަވަހަކަށް ފްލެޓް ހަވާލުކުރަން ގޮވާލައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ މިއަދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައެވެ.

މައްސަލައިގެ ބަހުސްގައި ޙިސާން މިއަދު ވިދާޅުވީ، ސަރުކާރަކުން ރައްޔިތުންނަށް ދިން ފްލެޓްތަކެއް އަތު ނުލުވޭނެ ކަމަށާއި އެ ފްލެޓްތަކަކީ މިހާރު ރައްޔިތުންގެ މުދަލެއް ކަމަށެވެ. އަދި ފްލެޓްތައް އޭގެ ޙައްޤުވެރިންނަށް ދޭން ޖެހޭ ކަމަށްވެސް ޙިސާން ވިދާޅުވިއެވެ.

އެގޮތުން ސަރުކާރާއި ރައްޔިތުންނާ ދެމެދު ފްލެޓް އެއްބަސްވުންތަކުގައި މިހާރު ވަނީ ސޮއި ކުރެވިފައިކަން ޙިސާން ފާހަގަ ކުރެއްވިއެވެ. އަދި ޤާނޫނު އަސާސީގައި ރައްޔިތުންގެ މުދާ ސަރުކާރަށް ނެގޭނެ އިޖުރާއަތު ސާފުކޮށް ބަޔާންކޮށްފައިވާކަމަށްވެސް ހިސާން ވިދާޅުވިއެވެ.

"ގާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި މި އޮންނަނީ، ކޯޓަކުން ކުރާ ޙުކުމަކުން މެނުވީ މީހެއްގެ މުދަލެއް އެމީހެއްގެ ނުރުހުމުގައި އެމީހެއްގެ އަތުން ނުނެގޭނެއޭ." ޙިސާން ވިދާޅުވިއެވެ.

ޙިސާން ވަނީ ކުރީ ސަރުކާރުން ރައްޔިތުންނަށް ދީފައިވާ ފްލެޓްތައް ރައްޔިތުންނަށް ވީހާވެސް އަވަހަށް ޙަވާލު ކުރުމަށް މި ސަރުކާރަށް ގޮވާލާފައެވެ.

ޙިސާން މިމޭރުމުން ވިދާޅުވެފައިވާއިރު ނިމިދިޔަ ސަރުކާރުން އެކުލަވާލި ފްލެޓްތަކުގެ ދާއިމީ ލިސްޓް އިންސާފުވެރިނޫން ކަމަށް ބުނެ ގިނަ ރައްޔިތުން ވަނީ ޝަކުވާ ކޮށްފައެވެ. ހަމައެއާއެކު، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރި ފުރަތަމަ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 އިންސައްތަ މީހުން ފްލެޓް ލިބުމަށް ޝަރުތު ހަމަނުވާ ކަމަށް އޭސީސީން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ޢަހްމަދް

19-Feb-2024

ބަރާބަރު ވާހަކައެއް!



ޓްރެންޑިން