ޑިމޮކްރެޓްސްގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް
ޑިމޮކްރެޓްސްގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް
މަޖިލީހުގެ ތަޅުމުން ނިންމާފައިވާ ނިންމުމެއް ބަދަލުކުރުމުގެ ބާރު މަޖިލީހުގެ ރިޔާސަތަށް ނޯންނާނެ ކަމަށް ޑިމޮކްރެޓްސްގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ޙަސަން މިމޭރުމުން ވިދާޅުވީ، ސުޕްރީމް ކޯޓަށް އިހުތިރާމް ކުރުމުގެ ގޮތުން މިއަދު މަޖިލީހުގެ ކޯރަމް ގުނުމުގައި ބަލާނީ 87 މެންބަރުންނަށް ކަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވުމާ ގުޅިގެންނެވެ.

އަސްލަމް މިއަދު ވިދާޅުވީ، މަޖިލީހުގެ ނިންމުންތަކުގެ މައްޗަށް ބަސް ބުނެވޭނެ އެއްވެސް ބައެއް ނެތްކަމަށެވެ. އަދި މަޖިލީހުގެ ކަންތައްތައް ކުރިއަށް ގެންދާނެގޮތް ނިންމުމުގެ ގާނޫނީބާރު މަޖިލީހަށް ލިބިދޭ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. ނަމަވެސް ސުޕްރީމްކޯޓުގެ އަމުރަށް އިޙްތިރާމް ކުރުމުގެ ގޮތުން މިއަދުގެ ކޯރަމް ގުނުމުގައި ބަލާނީ 87 މެންބަރުންނަށް ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމްގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ޙަސަން ލަތީފް ވިދާޅުވީ، މަޖިލީހުގެ މެންބަރުންގެ ޖުމްލަ ކޯރަމް ގުނާގޮތާމެދު މެންބަރުން ގޮތެއް ކަނޑައަޅާފައި ވަނިކޮށް ރިޔާސަތުން ބޭނުންވާ ގޮތަކަށް އަމަލު ނުކުރެވޭނެކަމަށެވެ.

އެކަމާ ގުޅިގެން އަސްލަމް ވިދާޅުވީ މެމްބަރުންގެ އަދަދަކީ 87 ކަމަށް ބެއްލެވީ ސުޕްރީމް ކޯޓުގެ އަމުރަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށެވެ.

އާންމު މަސްލަހަތު ދެމެހެއްޓުމަށްކަމަށް ބުނެ މި މަހުގެ 08 ވަނަ ދުވަހު ސުޕްރީމް ކޯޓުން މަޖިލީހުގެ މައްޗަށް ނެރުނު އަމުރުގައި ވަނީ މަޖިލީހުގެ ޖަލްސާތަކުގެ ކޯރަމް މީގެ ކުރިން ވެސް ގުނަމުން އައި ގޮތަށް ހުސްވެފައިވާ ގޮނޑިތައް ހިމަނައިގެން ޖުމްލަ އަދަދު ބެލުމަށެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް 87 މެންބަރުން ހޮވި ނަމަވެސް މަޖިލީހުގެ ހަތް މެންބަރަކު އިސްތިއުފާ ދެއްވާފައިވާތީ، މަޖިލީހުން ކަމެއް ފާސްކުރުމުގައި ޖުމްލަ މެންބަރުންގެ ޢަދަދު ކަމަށް ބަލާނީ 80 ކަމަށް ކަނޑައެޅުމަށް އާންމު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

މިއިސްލާހު ފާސްވުމުން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރަން ބޭނުންވާނީ 54 މެންބަރުންގެ ވޯޓެވެ. އެމްޑީޕީ އާއި ޑިމޮކްރެޓްސްގައި 56 މެންބަރުން އެބަތިއްބެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން