20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނާ، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލު ކުރައްވައިފިއެވެ.

މިއަދު ބޭއްވި މި ބައްދަލުވުމުގައި ރައީސް ޞާލިޙްއާއިއެކު އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެމްޑީޕީގެ ފަރާތުން ވާދަކުރާ ގިނަ ކެންޑިޑޭޓުންތަކެއް މި ބައްދަލުވުމުގައި ބައިވެރިވެފައިވާއިރު، ރައީސް ޞާލިޙް ވަނީ މި އިންތިހާބުގައި އެމްޑީޕީން ގިނަ ގޮނޑިތަކެއް ނަގާ މެޖޯރިޓީ ހޯދުމަށް ގުޅިގެން މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ.

މަޖިލިސް އިންތިހާބުގައި އެމްޑީޕީން ކެންޑިޑޭޓަކު ނެރެފައި ނުވަނީ ދެ ދާއިރާއަކަށެވެ. ޕްރައިމަރީއަކާ ނުލައި އެމްޑީޕީގެ ޓިކެޓު ވަނީ 46 ބޭފުޅަކު ކަށަވަރު ކުރައްވައިފަ އެވެ. މިފަހަރުގެ އިންތިހާބުގައި އިލެކްޝަންސް އިން ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ 93 ދާއިރާއަކަށެވެ.

އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީން ބޮޑު ކާމިޔާބީއެއް ހޯދާފައިވާއިރު 2019 ވަނަ އަހަރު ބޭއްވި އެ އިންތިހާބުގައި އެ ޕާޓީން ވަނީ 87 ދާއިރާގެ ތެރެއިން 65 ދާއިރާ ކާމިޔާބުކޮށްފައެވެ. އެއީ އެއް ޕާޓީއަކަށް އެހާ ބޮޑު މެޖޯރިޓީއެއް ލިބުނު ފުރަތަމަ ފަހަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން