މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ މެމްބަރުން ފޮޓޯއަކަށް ހުއްޓިގެން، ފޮޓޯ:މެޑިކަލް އެސޯސިއޭޝަން
މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ މެމްބަރުން ފޮޓޯއަކަށް ހުއްޓިގެން، ފޮޓޯ:މެޑިކަލް އެސޯސިއޭޝަން
ކޯވިޑް19 އިން ރައްކާތެރިވުމަށްޓަކައި ބަލި ކޮންޓްރޯލްކުރުމަށް އަޅުއްވައިފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަށް މެޑިކަލް އެސޯސިއޭޝަނުން ގޮވާލައިފިއެވެ.

ރާއްޖޭގައި ކޯވިޑްގެ ނުރައްކާތެރިކަން އިތުރުވެ ބަލިޖެހޭ މީހުންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން ބުނީ ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަވެ، ހަސްފަތާލުގައި އެނދުމަތި ކުރެވޭ ބަލި މީހުން ގިނަވުމަކީ ކަނބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ. މިގޮތަށް ބަލި ކޮންޓްރޯލް ނުވެ، ކޭސްތައް އިތުރުވާން ފަށައިފިނަމަ، ސިއްޙީ ޚިދުމަތް ދޭތަންތަން ފުރި، ސިއްޙީ ޚިދުމަތްތެރިން މަދުވުމަކީ ދުރުގައިވާ ކަމެއް ނޫންކަމަށް މެޑިކަލް އެސޯސިއޭޝަނުން ބުނެފައިވެއެވެ.



"ބަލި ކޮންޓްރޯލްކުރުމަށް އަޅުއްވައިފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަށް އިލްތިމާސްކުރަން. މިގޮތުން، އާންމު ތަންތަނުގައި މާސްކު އެޅުމާއި އިޖްތިމާއީ ގައި ދުރުކަން ބެހެއްޓުން ހަރުކަށިކޮށް، މިކަންކަންގާތުން ބައްލަވާ، މިކަންކަމަށް ބޯނުލަނބާ ފަރާތްތައް ފާހަގަކޮށް އެކަންކަން އިސްލާހުކުރުމަށް ގޮވާލަން. އަދި އެކި މުއައްސަސާ ތަކުންނާއި އާންމު ފަރުދުން ބާއްވަމުންދާ އެއްވުންތައް މަނާކުރުމަށްވެސް ގޮވާލަން." މެޑިކަލް އެސޯސިއޭޝަނުން ބުނެފައިވެއެވެ.

ކޯވިޑް19 އިން ރައްކާތެރިވުމަށްޓަކައި އާއްމު ތަންތަނުގައި މާސްކު ނާޅާނަމަ ހޮނިހިރު ދުވަހުން ފެށިގެން 1000 ރުފިޔާއިން ޖޫރިމަނާކުރުމަށް ވަނީ ނިންމާފައެވެ. މާސްކް އެޅުން މަޖުބޫރުކޮށްފައިވަނީ ކޯވިޑް-19ގެ ކޭސްތައް ފަހަކަށް އައިސް އިތުރުވަމުންދާތީ، މިއީ ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް މިވަގުތު ކުރުން މުހިއްމުކަމެއްގެ ގޮތުގައި ފެންނާތީކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ދިވެހިރާއްޖެއިން ކޯވިޑް-19ގެ ފުރަތަމަ ކޭސް ފެނިފައިވަނީ މިއަހަރުގެ މާރިޗުމަހުގެ 7 ވަނަ ދުވަހުއެވެ. އެއާއެކު ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމުގެގޮތުން މާޗްމަހުގެ 12 ވަނަ ދުވަހު ރާއްޖޭގައި ވަނީ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައެވެ. އަދި އޭޕްރީލްމަހުގެ 15 ވަނަ ދުވަހު ކޮމިއުނިޓީ ސްޕްރެޑެއްގޮތަށް އެކެއްގެ ގައިން އަނެއްކެއްގެ ގަޔަށް މި ބަލި ފެތުރެން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް މާލެވަނީ ފުރަބަންދުކޮށްފައެވެ. ފުރަބަންދުގެ ތެރޭގައި ބަލި ފެތުރޭ މިންވަރު ކޮންޓްރޯލްވާން ފެށުމުން ގާތްގަނޑަކަށް 3 މަސް ދުވަހުގެ މުއްދަތަކަށްފަހު ފުރަބަންދުގެ ފިޔަވަޅުތަކަށް ސަރުކާރުން ބޮޑެތި ލުއިތަކެއްދީފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން