އަތޮޅުތަކުގެ ރަށެއްގައި އީދު ކުޅިވަރު ކުޅެނީ (ފައިލް ފޮޓޯ: ސޯޝަލް މީޑިއާ)
އަތޮޅުތަކުގެ ރަށެއްގައި އީދު ކުޅިވަރު ކުޅެނީ (ފައިލް ފޮޓޯ: ސޯޝަލް މީޑިއާ)
ރާއްޖެއަށް ކުރިމަތިވެފައިވާ ކޮވިޑްގެ ބަލިމަޑުކަމާއެކު ވެސް ބޮޑު އީދުގެ ކުޅިވަރުތަކުގެ ފޯރިއަށް ބަދަލެއް ނައިސް ގިނަ ރަށްރަށުގައި އީދު ކުޅިވަރުތަށް ވަރަށް ފޯރިއާއެކު މިއަދު ކުރިއަށް ގެންގޮސްފިއެވެ.

އަޟްހާ އީދު ފާހަގަކުރުމަށް ރާއްޖޭގެ ގިނަ ރަށްރަށުގައި މިއަދު ހަވީރު ސަގާފީ ކުޅިވަރުތަށް ވަނީ ބާއްވާފައެވެ. ދަނޑި ޖެހުމާއި ދަފި ނެގުމާއި ކޯނޑި ކެނޑުމާއި، ބޮޑުބެރު ޝޯތަކާއި މާލި ނެރުން ފަދަ ކުޅިވަރު ހަރަކާތްތަށް ގިނަ ރަށް ރަށުގައި މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ކުޅިވަރުތައް ބަލާލުމަށް އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ހާޒިރުވެ އީދުގެ އުފަލުގައި ބައިވެރިވެފައިވެއެވެ. މީގެ އިތުރުން މިރޭ ބައެއް ރަށްރަށުގައި ސްޓޭޖް ޝޯތަކާއި މިއުޒިކްގެ ހަރަކާތްތަށް ބާއްވަން ވަނީ ނިއްމާފައެވެ.

މިއަހަރުގެ އީދު ކުޅިވަރުތައް ކުރިއަށް އޮތް ތިން ދުވަހަށް ވެސް ދިގު ދެމިގެންދާނެއެވެ. ކޮވިޑް ހަލުވިކަމާއެކު ފެތުރެމުންދާތީ އެހެން ފަހަރު ތަކާއި ޚިލާފަށް މިފަހަރު މާލެއިން ގިނަ މީހުން ރާއްޖޭގެ ރަށްރަށަށް އީދު ކުޅިވަރުތައް ބަލަން ގޮސްފައެއް ނުވެއެވެ. އަތޮތަކުގެ ރަށްތަކުގައި ކުލަގަދަ ކޮށް ބޮޑު އީދު ފާހަގަކުރަމުންދާއިރު ހއ. ކެލާ ސަވާރީ ބޯޓުގައި މަސައްކަތް ކުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން، ހދ. ނޮޅިވަރަންފަރާއި، ހއ. ވަށަފަރު އަދި ދިއްދޫ މިއަދު ވަނީ ލޮކްޑައުން ކޮށްފައެވެ. މި ވަގުތު މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްތަކުގެ ތެރޭގައި ހއ. ކެލާ، ރ. އިނގުރައިދޫ، ބ. އޭދަފުށި، ޅ. ކުރެންދޫ، ކ. މާފުށި އަދި ބ. ކަމަދޫ ހިމެނެއެވެ. އަދި ބ. ސީސައިޑް ފިނޮޅު ވެސް ވަނީ މޮނިޓަރިން ގެ ހާލަތަށް ގެނެސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން