ރާއްޖޭގެ ރިސޯޓެއް: ކަރަންޓީނާއި އައިސޮލޭޝަން ފެސިލިޓީގެ ގޮތުގައި ރިސޯޓްތަށް އަނެއްކާވެސް ވަނީ ބޭނުން ކުރަން ފަށާފަ
ރާއްޖޭގެ ރިސޯޓެއް: ކަރަންޓީނާއި އައިސޮލޭޝަން ފެސިލިޓީގެ ގޮތުގައި ރިސޯޓްތަށް އަނެއްކާވެސް ވަނީ ބޭނުން ކުރަން ފަށާފަ
ކޯވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ މީހުން އައިސޮލޭޓްކުރުމާއި ކަރަންޓީންކުރުމަށް އަނެއްކާވެސް ބައެއް ރިސޯޓުތައް ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކުރަން ފަށައިފިއެވެ.

ޕީއެސްއެމްގައި ވާހަކަދައްކަވަމުން، ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ، ކޭސްތައް އިތުރުވުމާގުޅިގެން މީހުން ކަރަންޓީނުކޮށް އައިސޮލޭޓްކުރުމަށް އަނެއްކާވެސް އިތުރު ފެސިލިޓީތަށް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން މީހުން ކަރަންޓީންކޮށް އައިސޮލޭޓްކުރުމަށް މިހާރުވެސް ބައެއް ރިސޯޓްތައް އަލުން ހަމަޖައްސާފައިވާކަމަށް މިނިސްޓަރ އަމީން ފާހަގަކުރެއްވިއެވެ.

"އިތުރު ފެސިލިޓީތައްވެސް ރިސޯޓްތަކުގައި ހަމަޖައްސާފައިވަނީ، އިއްޔެ ވެސް ރިސޯޓްތަކުގެ ފެސިލިޓީއަށް މީހުން ގެންދަން ފަށައިފިން.ތިނެއް ނުވަތަ ހަތަރު ރިސޯޓަކާއެކު އެގްރިމެންޓް ހަދައި ބޭނުންކުރަން ތައްޔާރަށް އޮތީ." މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މިނިސްޓަރ އަމީން ވިދާޅުވީ އިތުރު ފެސިލިޓީތަށްވެސް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. ކޭސްތައް އިތުރުވާ މިންވަރަށްބަލައި އިތުރު ފެސިލިޓީތައްވެސް ހަމަޖައްސާނެކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މީގެ ކުރިން ބަލީގެ ކޭސްތައް ވަރަށްބޮޑަށް މަދުވުމާ ގުޅިގެން، ކުރިން ކަރަންޓީނާއި އައިސޮލޭޝަން ފެސިލިޓީގެ ގޮތުގައި ބޭނުންކުރަމުން އައި ރިސޯޓްތައް ސަރުކާރުން ވަނީ ދޫކޮށްލާފައެވެ. އޭގެފަހުން ބަލިޖެހޭ މީހުންނާއި، އަދި ކޮންޓެކްޓުން ކަރަންޓީނުކުރަން ފެށީ ހުޅުމާލޭގައި ހުންނަ ގެސްޓަހައުސްތަކުގައެވެ. އަދި ގޭގޭގައި ވަކިން ތިބެވޭނެ އިންތިޒާމް ހަމަޖެހިފައި ހުރި މީހުން އެކަމަށް އެދޭނަމަ، ގޭގައި ކަރަންޓީންވުމުގެ ފުރުސަތު ވެސް ދޭގޮތަށް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން