މާލެ ފުރަބަންދުގައި އޮތް އިރު ފުލުހުން މަގުމަތި ބެލެހެއްޓުމުގައި ހަރަކާތްތެރި ވަނީ
މާލެ ފުރަބަންދުގައި އޮތް އިރު ފުލުހުން މަގުމަތި ބެލެހެއްޓުމުގައި ހަރަކާތްތެރި ވަނީ
މިއަދުން ފެށިގެން އާއްމު ތަންތަނުގައި މާސްކު ނާޅާ މީހުންނާމެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ އިދާރާ އިން ބުނީ މާސްއެޅުމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑަށް ޢަމަލުކުރޭތޯ، ކުރީ ސަފުގައި ހަރަކާތްތެރިވާ ފުލުހުން ބަލަމުން ގެންދާނެކަމަށެވެ. މިކަން ހާމަކޮށް ފުލުހުން ކުރި ޓްވީޓްގައި ވަނީ މާސްކު އެޅުމަށް އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުސޫލުވެސް ހިމަނާފައެވެ.



އާންމު ތަންތަނުގައި މާސްކު ނާޅާއުޅޭނަމަ މިއަދުން ފެށިގެން 1000 ރުފިޔާއިން ޖޫރިމަނާކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އާންމު ތަންތަނުގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރުކޮށްފައިވަނީ މާލެ ސަރަހައްދަށް އެކަނި ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. މާސްކު އަޅާފައި ހުންނައިރު އަނގައާއި، ނޭފަތާއި ދަތްދޮޅި ފޮރުވިފައި ހުންނަންވާނެކަމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުގައި ބުނެފައިވެއެވެ.

އެހެން ނަމަވެސް މި އުސޫލުން އިސްތިސްނާވާ ބައެއްވެސް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ، ޢުމުރުން 2 އަހަރުން ދަށުގެ ކުޑަކުދިންނާއި، ކަސްރަތު ކުރަންއުޅޭ މީހުން ކަސްރަތު ކުރާ ވަގުތުގައާއި، އެހެން މީހެއްގެ އެހީއާނުލައި މާސްކު އަޅައި، މާސްކު ނުނެގޭ މީހުންނެވެ. އެޗްޕީއޭއިން ބުނީ މާސްކް އެޅުން މަޖުބޫރުކޮށްފައިވަނީ ފަހަކަށް އައިސް ކޯވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ، ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް މިވަގުތު ކުރުން މުހިއްމުކަމެއްގެ ގޮތުގައި ފެންނާތީކަމަށެވެ.

ފަހަކަށް އައިސް ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު، ޚާއްސަކޮށް ދިވެހިންގެ ޢަދަދު ރާއްޖޭގައި އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާތީ، ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ދީފައިވާ ލުއިތަކުގެ ތެރެއިން ބައެއްކަންކަން މިހާރަށްވުރެ ހަރުދަނާކޮށް ބަލަމުންދާނެކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ. އެގޮތުން ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 5:00އާ ދެމެދު ޒަރޫރީ ބޭނުމެއްނެތި މަގުމަތީގައި އުޅުމަކީ މަނާކަމަކަށްވާއިރު، އެކަން ތަންފީޒުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރާނެކަމަށާއި، ޒަރޫރީ ބޭނުމެއްނެތި މަގުމަތީގައި އުޅޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން