ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަޙްމަދު މުއިއްޒު
ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަޙްމަދު މުއިއްޒު
ކޮވިޑު19 ގެ ތެރޭގައި ހެލްތު މިނިސްޓްރީން ގެންނަން މަސައްކަތްކުރި ވެންޓިލޭޓަރުތައް ގަންނަން ހަވާލުކުރި ދުބާއީގެ ކުންފުނީގައި ދިވެހި ސަރުކާރަށް ފައިސާ ދެއްކޭވަރުގެ މާލީ ގާބިލްކަން ހުރިކަމާމެދު ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަޙްމަދު މުއިއްޒު ސުވާލު އުފައްދަވައިފިއެވެ.

ކޮވިޑް-19ގެ ތެރޭގައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ރާއްޖެ ގެންނަން ނިންމި ވެންޓިލޭޓަރުތައް ރާއްޖެއަށް ފޯރުކޮށްނުދިން މައްސަލާގައި އެ ކުންފުނިން 32 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށް އާބިޓްރޭޝަނުން އަންގާފައި ވަނީ އިއްޔެއެވެ.

އެކަމާގުޅިގެން ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް އަޙްމަދު މުޢިއްޒު ވިދާޅުވީ އާބިޓްރޭޝަންގެ ނިންމުންތައް އޮންނަނީ ކަރުދާހުގައި ކަމަށާއި ވެންޓިލޭޓަރު މައްސަލާގައި އިއްޔެ ނިންމި ނިންމުމާ ގުޅިގެން އެންމެ ޑޮލަރެއްވެސް ހޯދިދާނެކަމަށް ނުފެންނަ ކަމަށެވެ.

“ނިންމުން ތަންފީޒުކޮށް އެންމެ ޑޮލަރެއްވެސް ހޯދިދާނެކަމަކަށް ނުފެނޭ.” މުޢިއްޒު ވިދާޅުވެފައިވެއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އާބިޓްރޭޝަންގެ ފަހު ބަސް މިދިޔަ ހަފުތާގެ ބުދަ ދުވަހު ނެރެފައިވާ ކަމަށާއި ވެންޓިލޭޓަރުތަކުގެ އަގަށް ޖެހޭ 1،888،750 އެމެރިކާ ޑޮލަރު ދިވެހި ސަރުކާރަށް ދެއްކުމަށް އާބިޓްރޭޝަނުން އަންގާފައިވާ ކަމަށެވެ. އަދި މޭ، 2 2021 އިން ފެށިގެން އެ ފައިސާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގެ ފަރާތުން ދިވެހި ސަރުކާރަށް ދެއްކުމާ ހަމައަށް އިންޓަރެސްޓްގެ ގޮތުގައި އަހަރަކު ދެ ޕަސެންޓަށްވާ ފައިސާ ވެސް އެ ކުންފުނިން ދިވެހި ސަރުކާރަށް ދައްކަން ޖެހޭނެ ކަމަށް އާބިޓްރޭޝަނުން ނިންމި ކަމަށް އެބަޔާނުގައި ބުނެފައިވެެއެވެ.

އެޓާނީ ޖެނެރަލް އޮފީހުގެ ބަޔާނުގައި ބުނެފައިވަނީ އާބިޓްރޭޝަންގައި މައްސަލަ ކުރިއަށް ގެންދިޔައިރު، މައްސަލަ ރައްދުވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަޑުއެހުންތަކަށް ޙާޟިރުވެފައި ނުވާކަމަށެވެ.

އާބިޓްރޭޝަނަށް އެ ކުންފުނިން ދައްކަން ޖެހޭ ފައިސާ ނުދައްކައި ކުރިއަށް ދިއުމުން އެފައިސާވެސް ރާއްޖެއިން ވަނީ ދައްކާފައެވެ. ރާއްޖެއިން އެ ގެއްލުމުގެ ބަދަލު ނަގައިދޭން އާބިޓްރޭޝަންގައި ވަނީ އެދިފައެވެ.

އެކަމާ ގުޅިގެން އާބިޓްރޭޝަނުން ނިންމި ނިންމުމުގައި އެ ހަރަދުގެ ގޮތުގައި 132،865 ޑޮލަރާއި ދެ ޕަސެންޓުގެ އިންޓްރެސްޓުވެސް ރާއްޖެއަށް ދައްކަން އަންގާފައި ވެއެވެ. އަދި ރާއްޖެއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުން ޖުމުލަ 2245365 ޑޮލަރު ނުވަތަ 34.62 މިލިއަން ރުފިޔާ ދިވެހި ސަރުކާރަށް ދައްކަން އާބިޓްރޭޝަނުން ވަނީ އަންގާފައެވެ.

މިމައްސަލަ ދިވެހި ސަރުކާރުގެ ފަރާތުން އާބިޓްރޭޝަނަށް ހުށައަޅާފައިވަނީ 2023 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 16 ވަނަ ދުވަހު އެވެ.

ކޮވިޑް-19ގެ ދުވަސްވަރު ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ޙަވާލުކޮށްގެން ގެންނަން މަސައްކަތްކުރި 75 ވެންޓިލޭޓަރުގެ ތެރެއިން މިހާތަނަށް ލިބުނީ 15 ވެންޓިލޭޓަރެވެ. ނަމަވެސް ވެންޓިލޭޓަރުތައް ގަންނަން ހަރަދު ކުރަން ސަރުކާރުން ނިންމާފައިވާ 34 މިލިއަން ރުފިޔާގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ބޭންކު ގެރެންޓީއާ ނުލާ 30 މިލިއަން ރުފިޔާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަށް ކުރީގެ ސަރުކާރުން ވަނީ ދޫކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން