އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓުވުމަށް 13 ގައުމެއްގެ ގާނޫނު ހަދާ މަޖިލީހުގެ 200 އަށްވުރެ ގިނަ މެންބަރުން ގޮވާލައިފިއެވެ.

13 ގައުމެއްގެ މަޖިލިސް މެމްބަރުން ސޮއިކޮށްފައިވާ ސިޓީއެއްގައި އިސްރާއީލުން ދެމުންދާ ހަމަލާ ތަކުން އެތަކެއް ކުށެއްނެތް އާންމުންނެއް ޝަހީދުވެ ޒަހަމްވަމުންދާތީ، އިސްރާއީލުގެ މިއަމަލުތަކަކީ "ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފުވުން" ކަމަށް ތުހުމަތުކޮށް ޓެލް އަވީވަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ގޮވާލާފައެވެ. އެގޮތުން އިސްރާއީލުގެ އަސްކަރިއްޔާއަށް މާލީ ގޮތުންނާއި ހަތިޔާރާއެކު އެހީތެރިވެދޭ ގައުމުތަކުން އިސްރާއީލުގެ އަސްކަރިއްޔާއަށް އެހީވުން ހުއްޓުވުމަށް ގޮވާލާފައިވެއެވެ.

މި ސިޓީގައި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންވަނީ އެ މީހުން ތަމްސީލު ކުރާ ސަރުކާރުތަކަށް، އެގައުމުތަކުން އިސްރާއީލުގެ އަސްކަރިއްޔާއަށް މާލީ ގޮތުން އެހީވުމާއި، ހަތިޔާރުފޯރުކޮށްދިނުން ހުއްޓުވުމަށް ފިއްތުންތައް ކުރިމަތި ކުރުވުމަށް ފަހަތައް ނުޖެހޭނެކަމަށް ބުނެފައެވެ.

އޮކްޓޯބަރު ހަތް ވަނަ ދުވަހު އިސްރާއީލަށް ހަމާސްއިން ދިން ހަމަލާތަކާއިއެކު، އިސްރާއީލުގެ ހަމަލާތައް ވަރުގަދަ ކުރުމަށް އެމެރިކާއިން ވަނީ ހަތިޔާރުގެ ގޮތުގައި ގައިޑްޑް މިސައިލް ކެރިއާތަކާއި އެފް-35 ފަޔަރ ޖެޓްތަކުގެ އިތުރުން އަސްކަރީ އެހެން ސާމާނު އިސްރާއީލަށްފޮނުވާފަ އެވެ.

އެމެރިކާއަކީ އިސްރާއީލުގެ އަސްކަރިއްޔާއަށް މިހާތަނަށް އެންމެ ބޮޑު އެހީ ދޭ އެއް ގައުމެވެ. އެގޮތުން އަހަރަކު ގާތްގަނޑަކަށް ތިން ބިލިއަން ޑޮލަރުގެ އެހީ އެމެރިކާއިން އިސްރާއީލުގެ އަސްކަރިއްޔާއަށް ފޯރުކޮށްދޭކަމަށް ވެއެވެ. ރިޕޯޓުތައް ބުނާ ގޮތުން 2013 އާއި 2022 އާ ދެމެދު އިސްރާއީލަށް އެތެރެކުރި ހަތިޔާރުގެ ގާތްގަނޑަކަށް 68 ޕަސެންޓަކީ އެމެރިކާއިން އެތެރެކުރި ހަތިޔާރެވެ. އަދި މިވަގުތުވެސް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ދަނީ ޣައްޒާގައި އިސްރާއީލު ސިފައިން ހިންގަމުންދާ އޮޕަރޭޝަންތަކަށް އެހީތެރިވުމަށް އިތުރު 14 ބިލިއަން ޑޮލަރުގެ އެހީ ދިނުމާ ބެހޭގޮތުން ބަހުސް ކުރަމުންނެވެ.

އެމެރިކާގެ އިތުރުން ޖަރުމަނަކީވެސް އިސްރާއިލަށް ހަތިޔާރު ފޯރުކޮށްދޭ ގައުމެކެވެ. ނަމަވެސް ޖަރުމަނުން މައިގަނޑު ގޮތެއްގައި އެހީވަނީ އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށާއި މުވާސަލާތީ ސާމާނުތައް ފޯރުކޮށްދިނުމަށެވެ.

މީގެއިތުރުން އިނގިރޭސިވިލާތާއި ކެނެޑާއާއި ފްރާންސް އަދި އޮސްޓްރޭލިއާ ފަދަ ގައުމުތަކުން ވެސް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދެ އެވެ.

އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގައި މިހާތަނަށް ފަލަސްތީނުގެ 30000 އަށްވުރެ ގިނަ މީހުންވަނީ ޝަހީދުކޮށްލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން