ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ޝެހްބާޒް ޝަރީފް އިންތިހާބުކޮށްފިއެވެ.

ދެވަނަ ދައުރަކަށް ހޮވި ވަޑައިގެން ޝެހެބާޒް ޝަރީފް ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވެވީ ހޯމަ ދުވަހުއެވެ.

ޝަރީފް ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގަތީ ޕާކިސްތާންގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ރިޔާސީ އޮފީހުގައި ބޭއްވި ހުވާކުރުމުގެ ރަސްމިއްޔާތުގަ އެވެ. އަދި މި އިންތިހާބުގައި ވާދަކުރި އިދިކޮޅު ކެންޑިޑޭޓް، އުމަރު އައްޔޫބު ހާންގެ މައްޗަށް ކުރިހޯއްދަވައި، ބޮޑުވަޒީރުކަމުގެ މަގާމަށް ޝަރީފް އިންތިހާބުވެފައިވަނީ ޕީއެމްއެލް-އެން އާއި ޕާކިސްތާން ޕީޕަލްސް ޕާޓީގެ ކޯލިޝަންގެ ތެރެއިންނެވެ.

އެހެންނަމަވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރަނީ ވޯޓުގައި އޮޅުވާލުންތަކެއް ހުރިކަމަށެވެ. އަދި މިކަމާއި ގުޅިގެން އިދިކޮޅު ޕާޓީތަކުން ހަފްތާތަކެއް ވަންދެން މުޒާހަރާތައް ވެސް ވަނީ ބާއްވާފައެވެ. ޝަރީފް ބޮޑުވަޒީރުކަމަށް އިންތިހާބު ކޮށްފައވަނީ 201 ވޯޓާއިއެކުއެވެ.

ހުކުރު ދުވަހު ދެއްވި ތަގުރީރުގައި ޝަރީފް ވަނީ 350 ބިލިއަން ޑޮލަރުގެ އިގްތިސާދުގެ ދަތިތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވައި، ގައުމު މާލީ ދަތިތަކުން ސަލާމަތްވުމަށް އިސްލާހުތަކެއް ގެންނަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މަގާމާއި ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކުރައްވާނީ އައިއެމްއެފްއާ އެކު އާ ބެއިލްއައުޓް ޑީލެއް ހަދަން މަޝްވަރާ ކުރުން ކަމަށް ޝަރީފު ވިދާޅުވިއެވެ.

މިހާރުގެ އައިއެމްއެފްގެ ޕްރޮގްރާމްގެ މުއްދަތު ހަމަވާނީ މި މަހުގެ ތެރޭގައެވެ.

މީގެކުރިންވެސް ޝެހެބާޒް ޝަރީފްވަނީ ތިން ފަހަރަށް ބޮޑުވަޒީރުކަން ކުރައްވާފައެވެ. އެނެލިސްޓުން ދެކޭގޮތުގައި ޝަރީފާއި ޕާކިސްތާންގެ ނުފޫޒުގަދަ އަސްކަރިއްޔާތަކާއިމެދު އޮންނަނީ ވަރަށް ވަރުގަދަ ގުޅުމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން