ރައްޔިތުންގެ މަޖްލީހުގެ އިންތިހާބުގައި ގދ ތިނަދޫ ނެޝަނަލް ޔުނިވާރސިޓީ ހޯލް ގައި ބެހެއްޓި 05 ނަންބަރު ވޯޓް ފޮށި އަލުން ގުނަންޖެހޭ ސަބަބެއް ނެތް ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަން ކޮމިޝަނުން އެގޮތަށް ނިއްމީ އިންތިހާބުގައި ވާދަކުރި ޕީއެންސީ ކެންޑިޑޭޓް، ކެންޑިޑޭޓް ނަންބަރު 02 އަބްދުالله ޝަރީފް، އެ ކެންޑިޑޭޓުގެ މަންދޫބެއް ނެތީސް ވޯޓް ގުނުން ކުރިއަށް ގެންދިޔަ ކަމަށް ބުނެ އޭނާ ހުށައެޅި މައްސަލައެއް ބެލުމަށްފަހުއެވެ.

ޕީއެންސީ ކެންޑިޑޭޓް، އަބްދުالله ޝަރީފްގެ ކެމްޕޭންގައި އުޅުއްވާ ބޭފުޅަކު "ރަސްއޮންލައިން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވޯޓް ކަރުދާސް ތަރުތީބުކުރި އިރު ފެންނަން ހުރި ވޯޓް ކަރުދާސްތަކާއި ގުނި އިރު ލިބުނު އަދަދު ބޮޑުތަނުން ތަފާތު ކަން ފާހަގަކުރެވޭ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަން މެމްބަރު އަދި ތަރުޖަމާނު ހަސަން ޒަކަރިއްޔާ ވިދާޅުވީ އިންތިހާބާ ގުޅިގެން މިހާތަނަށް އަލުން ފޮއްޓެއް ގުނުމަށް އެދި ޝަކުވާ ހުށަހަޅާފައި ވަނީ ތިނަދޫ ދެކުނު ދާއިރާއިން އެކަނި ކަމަށެވެ. ނަމަވެސް އެ ފޮށި އަލުން ނުގުނަން ކޮމިޝަނުން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ހަސަން ޒަކަރިއްޔާ ވިދާޅުވީ ފޮށި އަލުން ނުގުނަން ނިންމީ ލިބިފައިވާ ޝަކުވާ ބެލުމަށްފަހު އެގޮތަށް ކޮމިޝަނަށް ފެންނާތީ ކަމަށެވެެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން ތިނަދޫ ދެކުނު ދާއިރާގެ ގޮޑި ކާމިޔާބުކޮށްފައިވަނީ އަމިއްލަ ގޮތުން ވާދަ ކުރެއްވި މުހައްމަދު އަލްސަން އަހުމަދުއެވެ. އަލްސަން 870 ވޯޓު ހޯއްދެވި އިރު ޕީއެންސީގެ ކެންޑިޑޭޓް އަބުދުﷲ ޝަރީފަށް ލިބިވަޑައިގަތީ 799 ވޯޓެވެ.

އިލެކްޝަން ކޮމިޝަނުން ވަނީ އިންތިހާބުގައި ވޯޓުލީ 602 ވޯޓު ފޮށި ގުނައި ވަގުތީ ނަތީޖާ އިއުލާންކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން